Roadha Mihaaru
އިޒްރޭލަށް ޕްރެޝަރު ބޮޑުކުރަން އެމެރިކާއަށް ގޮވާލައިފި

ހަމަލާތައް ހުއްޓާލަން އިޒްރޭލަށް ޕްރެޝަރު ބޮޑުކުރަން އެމެރިކާއަށް ގޮވާލައިފި

06 ސެޕްޓެމްބަރ 2024

ފަލަސްތީނުގެ ޣައްޒާގައި ހަމަލާތައް ހުއްޓާލައި، ސުލްހައިގެ އެއްބަސްވުމަކަށް ދާން އިޒްރޭލަށް ޕްރެޝަރު ބޮޑުކުރަން ހަމާސް އިން އެމެރިކާއަށް ގޮވާލައިފި އެވެ.

ފަލަސްތީނުގެ ޣައްޒާގައި ހަމަލާތައް ހުއްޓާލައި، ސުލްހައިގެ އެއްބަސްވުމަކަށް ދާން އިޒްރޭލަށް ޕްރެޝަރު ބޮޑުކުރަން ހަމާސް އިން އެމެރިކާއަށް ގޮވާލައިފި އެވެ.

ހަމާސްއިން އިޒްރޭލަށް ހަމަލާދީ ރަހީނުކުރި މީހުންގެ ތެރެއިން ހަ މީހެއްގެ ހަށިތައް ޣައްޒާގެ ޓަނެލްއެއްގެ ތެރެއިން ފެނުމާ އެކު، ސުލްހައިގެ އެއްބަސްވުން އަވަސްކުރަން އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އަށް ވަނީ ޕްރެޝަރު ބޮޑުވެފަ އެވެ.

ހަމާސް އިން ބުނީ، އިޒްރޭލުގެ ކޮޅަށް ބުރަވެފައި އޮތް އޮތުން އެއް ފަރާތްކޮށް، ސުލްހައިގެ އެއްބަސްވުމަކަށް ދާން އެމެރިކާ އިން ވަރުގަދައަށް ޕްރެޝަރު ކުރަންޖެހޭ ކަމަށެވެ.

އެކަމަަކު، ސުލްހައިގެ އެއްބަސްވުމަކާ ހަމައަށް ދާން އަދި ގާތް ވެސް ނުވާ ކަމަށް ނަތަންޔާހޫ ދާދި ފަހުން ވަނީ ބުނެފަ އެވެ.

ނަތަންޔާހޫ އިސްވެ މިހާރު ޑިމާންޑު ކުރަމުންދަނީ މިސްރާއި ޣައްޒާ ގުޅޭ ބޯޑަރު މެދުވެރިކޮށް ހަތިޔާރު ވައްދާކަމަށް ތުހުމަތުކޮށް، އެ ސަރަހައްދުގެ ކޮންޓްރޯލް އިޒްރޭލުގެ ސިފައިންގެ އަތުގައި ބޭއްވުމަށެވެ.

ނަމަވެސް، ހަމާސް އިން ބުނަމުންދަނީ، އެމެރިކާގެ ރައީސް ޖޯ ބައިޑެން އިސްވެ ހުށަހަޅުއްވާފައިވާ ސުލްހައިގެ ޕްލޭނަށް އެތައް މަހެއް ކުރިން އެއްބަސްވެފައިވާ ކަމަށާއި، އާ އެއްބަސްވުމެއް ހަދަން ނުޖެހޭ ކަމަށެވެ.

ހަމާސްއާ އެކު ސުލްހައިގެ އެއްބަސްވުން ދިގުދަންމައި، ރަހީނުންތަކެއް މަރުވެފައިވަނީ ނަތަންޔާހޫ އިސްވެ އެކަށީގެންވާ ވަރަށް މަސައްކަތް ނުކުރެވޭތީ ކަމަށް ބައިޑެން ވެސް ވަނީ ވިދާޅުވެފަ އެވެ.

އަދި އިޒްރޭލުން އިތުރަށް އިންސާނީ ހައްގުތަކަށް އަރައިގެންފާނެ ކަމުގެ ބިރު ބޮޑު ކަމަށް ބުނެ، އިނގިރޭސިވިލާތުން ވަނީ އިޒްރޭލަށް ބައެއް ހަތިޔާރު ވިއްކުން ހުއްޓާލައިފަ އެވެ.