Roadha Mihaaru
އެމެރިކާއިން ހަތިޔާރު ނުދިނަސް އިޒްރޭލަށް ވަރިހަމަ

އެމެރިކާގެ އިންޒާރަށް އިޒްރޭލު ނުގުޑި، "އެކަނިވިޔަސް" ހަނގުރާމަ ހުއްޓައިނުލާނެ

10 މެއި 2024

އިޒްރޭލަށް ހަތިޔާރު ސަޕްލައި ކުރުން އެމެރިކާ އިން ހުއްޓާލައި "އެކަނިވިޔަސް" ހަމާސްއާ ދެކޮޅަށް ކުރާ ހަނގުރާމަ ހުއްޓާ ނުލާނެ ކަމަށް އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ބުނެފި އެވެ.

އިޒްރޭލަށް ހަތިޔާރު ސަޕްލައި ކުރުން އެމެރިކާ އިން ހުއްޓާލައި "އެކަނިވިޔަސް" ހަމާސްއާ ދެކޮޅަށް ކުރާ ހަނގުރާމަ ހުއްޓާ ނުލާނެ ކަމަށް އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ބުނެފި އެވެ.

ނަތަންޔާހޫ މިހެން ބުނީ ފަލަސްތީނުގެ ޣައްޒާގެ އުތުރުގައި އޮންނަ ރަފަހް އަށް އަރައިގެންފި ނަމަ އިޒްރޭލަށް ހަތިޔާރު ސަޕްލައި ކުރުން ހުއްޓާލާނެ ކަމުގެ އިންޒާރު އެމެރިކާގެ ރައީސް ޖޯ ބައިޑަން ދެއްވާފައި ވަނިކޮށެވެ.

"އެ ހިސާބަށް ގޮސްފިނަމަ އަޅުގަނޑުމެން އެކަނިވިޔަސް ތެދުވެ ތިބޭނަން. އަޅުގަނޑު ކުރިން ވެސް ބުނި ފަދައިން، ހަމައެކަނި އިނގިލި ކުރިން ވިޔަސް މި ހަނގުރާމަ ކުރާނަން،" ނަތަންޔާހޫ ބުންޏެވެ.

އިޒްރޭލަށް އެންމެ ބޮޑަށް ވާގިވެރިވާ އެމެރިކާގެ އިންޒާރަށް ފަސްނުޖެހޭނެ ކަމަށް ނަތަންޔާހޫ ބުނެފައިވާއިރު، ދޮޅު މިލިއަން މީހުން ހިމާޔަތް ހޯދަމުން އަންނަ ރަފަހް އަށް އިޒްރޭލުން ކެނޑެޅޭނި ދެމުންދާ މިސައިލް ހަމަލާތަކުގެ ސަބަބުން 80،000 އަށް ވުރެ ގިނަ މީހުން އެ ސަރަހައްދު ދޫކޮށް ވަނީ ގޮސްފަ އެވެ.

ރަފަހްގައި ހިމާޔަތް ހޯދައިގެން ތިބި މިލިއަނެއްހާ މީހުންނަށް ބޭނުންވާ ތެލާއި ކާބޯތަކެތި ނުވެއްދޭ ކަމަށް އދ. އިން ވަނީ ބުނެފަ އެވެ.

އެމެރިކާގެ ސީއެންއެން އަށް ދެއްވި އިންޓަވިއުއެއްގައި ބައިޑަން ވިދާޅުވީ، އެމެރިކާ އިން ސަޕްލައި ކޮށްފައިވާ މިސައިލުން ދިން ހަމަލާތަކުން ފަލަސްތީނުގެ މައުސޫމް އެތައް ބަޔަކު ޝަހީދު ވެފައިވާ ކަމަށެވެ.

މި އިންޒާރު ބައިޑަން ދެއްވީ، ދޮޅު މިލިއަން މީހުން ހިމާޔަތް ހޯދަމުން އަންނަ ރަފަހް އަށް އިޒްރޭލުން ހަމަލާ ދޭން ފެށުމުން، އިޒްރޭލަށް ފޮނުވަން އޮތް މިސައިލް ޝިޕްމަންޓެއް އެމެރިކާއިން ހުއްޓުވާފައިވަނިކޮށެވެ.

އިޒްރޭލަށް އެންމެ ބޮޑަށް ވާގިވެރިވާ އެމެރިކާ އިން އަހަރަކު ގާތްގަނޑަކަށް ތިން ބިލިއަން ޑޮލަރުގެ ހަތިޔާރު އިޒްރޭލަށް ފޯރުކޮށްދެ އެވެ. މިދިޔަ އަހަރުގެ އޮކްޓޯބަރު 7 ގައި ހަމާސް އިން ފަލަސްތީނަށް ހަމަލާދިނުމާ އެކު، އެ އަދަދު އިތުރުކުރަން ބައިޑަން ވަނީ އެމެރިކާގެ ކޮންގްރެސް އަށް ބާރު އަޅުއްވައިފަ އެވެ.

ރަފަހް އަށް މިސައިލް ހަމަލާތައް ދޭން ފަށައި، އިޒްރޭލުން ވަނީ އެ ސިޓީ އަށް ވަންނަން އޮންނަ ހުރިހާ ބޯޑަރުތަކެއް ބަންދުކޮށްފަ އެވެ. ނަމަވެސް، އދ. އާއި ބައިނަލްއަގުވާމީ ޕްރެޝަރު ބޮޑުވެ، ރަފަހް އަށް އެހީ ވެއްދޭނެ މަގު އިޒްރޭލުން ފަހުން ވަނީ ހުޅުވައި ދީފަ އެވެ. އެކަމަކު ރަފަހްއަށް ބޭނުންވާ މިންވަރާ ގާތަށް ވެސް އެހީ ވައްދަން އިޒްރޭލުން ހުރަސްއަޅަމުން އަންނަ ކަމަށް އދ. އިން ދަނީ ބުނަމުންނެވެ.

މިދިޔަ އަހަރުގެ އޮކްޓޯބަރު 7 ގައި ހަމާސް އިން އިޒްރޭލަށް ހަމަލާދީ ހާހަކަށް ވުރެ ގިނަ މީހުން މަރާލައި 250 މީހަކު ރަހީނު ކުރުމުން، ހަމާސް ނައްތާލަން ކަމަށް ބުނެ އިޒްރޭލުން ދޭން ފެށި ހަމަލާތަކުގައި ފަލަސްތީނުގެ 34،700 މީހަކު ވަނީ މިހާތަނަށް ޝަހީދު ކޮށްލައިފަ އެވެ.

އާންމުންގެ އެހާ ގިނަ ބަޔަކު މަރުވެ، ޣައްޒާ ބަނޑަށްޖެހޭ ހާލަތަށް ދިޔުމުން އިޒްރޭލަށް ވާގިދޭ ޔޫރަޕްގެ ގިނަ ގައުމުތައް ވެސް ދަނީ ހަމަލާތައް ހުއްޓައިލަން އިޒްރޭލަށް ޕްރެޝަރު ކުރަމުންނެވެ. --ބީބީސީ