Roadha Mihaaru
ނަތަންޔާހޫ ހައްޔަރުކުރުމުގެ އަމުރަކަށް އެދިއްޖެ

ނަތަންޔާހޫ ހައްޔަރުކުރުމުގެ އަމުރަކަށް ބައިނަލްއަގުވާމީ ކޯޓުގައި އެދިއްޖެ

20 މެއި 2024

ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގާފައިވާ ޖަރީމާތަކާ ގުޅިގެން އިޒްރޭލުގެ ރައީސް ބެންޖަމިން ނަތަންޔާހޫ ހައްޔަރުކުރުމުގެ އަމުރަކަށް އިންޓަނޭޝަނަލް ކްރިމިނަލް ކޯޓު (އައިސީސީ)ގައި އެދިއްޖެ އެވެ.

ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގާފައިވާ ޖަރީމާތަކާ ގުޅިގެން އިޒްރޭލުގެ ރައީސް ބެންޖަމިން ނަތަންޔާހޫ ހައްޔަރުކުރުމުގެ އަމުރަކަށް އިންޓަނޭޝަނަލް ކްރިމިނަލް ކޯޓު (އައިސީސީ)ގައި އެދިއްޖެ އެވެ.

އައިސީސީގެ ޕްރޮސެކިޔުޓާ ކަރީމް ޚާން ވިދާޅުވީ ނަތަންޔާހޫގެ އިތުރުން އިޒްރޭލުގެ ޑިފެންސް މިނިސްޓަރު ޔޯއާވް ގަލަންޓް ހައްޔަރުކުރުމުގެ އަމުރަކަށް އެދުނީ ފަލަސްތީނުގައި ހިންގަމުންދާ ބަނޑައްޖެއްސުމާއި، މީހުން މެރުމާއި ނަސްލު ނައްތާލުމުގެ ޖަރީމާތަކާ ގުޅިގެން ކަމަށެވެ.

އެ ތާރީހީ ހުށަހެޅުން އިޒްރޭލުގެ ފޮރިން މިނިސްޓަރު އިސްރާއީލް ކަޓްޒް ވަނީ ވަރަށް ބޮޑަށް ކުށްވެރިކޮށްފަ އެވެ.

ނަތަންޔާހޫ އާއި ގަލަންޓްގެ އިތުރުން ހަމާސްގެ އިސް ދެ ލީޑަރެއް ހައްޔަރުކުރަން ވެސް ކަރީމް ޚާން ވަނީ އައިސީސީގެ އަމުރަކަށް ހުށަހަޅުއްވައިފަ އެވެ.

ހަމާސްގެ އެ ދެ ލީޑަރުންނަށް ކުރަނީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ ހަތް ވަނަ ދުވަހު އިޒްރޭލުގެ އާންމުން މެރުމާއި ރަހީނުކުރުމުގެ ތުހުމަތެވެ.

އެ ހުށަހެޅުމާ މެދު އައިސީސީގެ ފަނޑިޔާރުން ގޮތެއް ނިންމަވަން އެތައް ހަފްތާއެއް ނެގުމުގެ ފުރުސަތު ބޮޑެވެ.

އެފަދަ އަމުރެއް ނެރެފިނަމަ، އެ އަމުރު ރައްދުވާ މީހަކު އައިސީސީގެ 124 މެމްބަރު ގައުމަކަށް ދިޔުމާ އެކު ހައްޔަރުކުރަން ލާޒިމުވާނެ އެވެ. އެކަމަކު އެފަދަ އަމުރުތައް ތަންފީޒު ކުރުމުގެ ބާރު އައިސީސީއަށް ނެތް އިރު، އެ ކޯޓުން ބަރޯސާވަނީ މެމްބަރު ގައުމުތަކުގެ އެއްބާރުލުމަށެވެ.

އައިސީސީގެ އެއްވެސް ނިންމުމަކަށް އިޒްރޭލުން ތަބާނުވާނެ ކަމަށް ނަތަންޔާހޫ މީގެކުރިން ވެސް ވަނީ ވިދާޅުވެފަ އެވެ.