Roadha Mihaaru

އިޒްރޭލުން ޣައްޒާއަށް ދިން ވައިގެ ހަމަލާއެއްގައި އަލްޖަޒީރާގެ ނޫސްވެރިއަކު ޝަހީދުކޮށްލައިފި

އިޒްރޭލުން ދިން ވައިގެ ހަމަލާއެއްގައި، ފަލަސްތީނުގެ ޣައްޒާގައި ހަރަކާތްތެރިވާ އަލްޖަޒީރާގެ ނޫސްވެރިއަކު ޝަހީދުކޮށްލާފައިވާ ކަމަށް އެ ނޫހުން ބުނެފި އެވެ.

ޣައްޒާގައި އަލްޖަޒީރާގެ ނޫސްވެރިއަކު ޝަހީދުކޮށްލައިފި

އިޒްރޭލުން ދިން ވައިގެ ހަމަލާއެއްގައި، ފަލަސްތީނުގެ ޣައްޒާގައި ހަރަކާތްތެރިވާ އަލްޖަޒީރާގެ ނޫސްވެރިއަކު ޝަހީދުކޮށްލާފައިވާ ކަމަށް އެ ނޫހުން ބުނެފި އެވެ.

އަލްޖަޒީރާއިން ބުނީ، ހުއްސާމް ޝަބާތު ޝަހީދުކޮށްލާފައިވަނީ، އޭނާ ދަތުރުކުރަމުންދިޔަ ކާރަށް އަމާޒުކޮށް އިޒްރޭލުން ދިން ވައިގެ ހަމަލާއެއްގައި ކަމަށެވެ.

ހުއްސާމްގެ އިތުރުން، ޕަލަސްތީން ޓުޑޭ ޓީވީގައި މަސައްކަތް ކުރާ މުހައްމަދު މަންސޫރު ނަމަކަށް ކިޔާ ނޫސްވެރިއަކު ވެސް އިޒްރޭލުން ޝަހީދުކޮށްލާފައިވާ ކަމަށް އެ ޓީވީން ބުންޏެވެ.

ޣައްޒާގައި ދެކުނުގައި ހުންނަ ޕެޓްރޯލް ޝެޑެއްގެ ކައިރިން ހުއްސާމްގެ ކާރަށް އަމާޒުކޮށްފައިވަނީ އިޒްރޭލުގެ ޑްރޯން ހަމަލާއެއް ކަމަށް ބުނެފައިވެ އެވެ.

މަންސޫރު ޝަހީދުކޮށްލާފައިވަނީ ޚާން ޔޫނިސްގައި ހުންނަ އޭނާގެ ގެއަށް ދިން ވައިގެ ހަމަލާއެއްގަ އެވެ.

ޣައްޒާގެ ދިފާއީ ވުޒާރާއިން ބުނީ، ޣައްޒާއިން ދަތުރުކުރަމުންދިޔަ ތަފާތު 10 ކާރަކަށް އަމާޒުކޮށް އިޒްރޭލުން ވައިގެ ހަމަލާތައް ދީފައިވާ ކަމަށެވެ.

ޕަލަސްތީނިއަން ޖާނަލިސްޓް ސިންޑިކޭޓުން ވަނީ އިޒްރޭލުގެ މި ހަމަލާއަކީ ހަގީގަތް ފޮރުވަން ރާވައިގެން ހިންގި ޓެރަރިސްޓު ހަމަލާތަކެއްގެ ގޮތުގައި ސިފަކޮށްފަ އެވެ.

ހަމާސް ޖަމާއަތް ނައްތާލުމުގެ ނަމުގައި އިޒްރޭލުން ޣައްޒާއަށް ދޭން ފެށި ލާއިންސާނީ އުދުވާނުތަކުގައި ތެރެއިން މިހާތަނަށް 200 އަށް ވުރެ ގިނަ ނޫސްވެރިން މަރާލާފައިވާކަން އެ ޖަމްއިއްޔާއިން ފާހަގަކުރި އެވެ.

އިޒްރޭލުން ޣައްޒާއަށް އޮކްޓޫބަރު 2023 އިން ފެށިގެން ދެމުން ގެންދާ ހަމަލާތަކުގައި ޝަހީދުވި މީހުންގެ އަދަދު މިހާރު 50،021 އަށް އަރާފައިވާ ކަމަށް ޣައްޒާގައި ހުންނަ ހެލްތު މިނިސްޓްރީން ވަނީ ބުނެފަ އެވެ.