Roadha Mihaaru
ޣައްޒާގެ އާ ޕްލޭނާ އިޒްރޭލުގެ އިސް ދެ ވަޒީރަކު ދެކޮޅު

ޣައްޒާގެ ސުލްހައިގެ އާ ޕްލޭނަށް އެއްބަސްވެއްޖެ ނަމަ އިޒްރޭލުގެ ސަރުކާރު ރޫޅާލާނެ ކަމުގެ އިންޒާރު

02 ޖޫން 2024

ފަލަސްތީނުގެ ޣައްޒާގައި ދާއިމީ ސުލްހަ ގާއިމުކުރުމަށް އެމެރިކާ އިން ފަހަތުގައި އޮވެގެން ހުށަހަޅާފައިވާ އާ ޕްލޭން ގަބޫލު ކޮށްފި ނަމަ އިޒްރޭލުގެ ސަރުކާރު ވައްޓާލާނެ ކަމުގެ އިންޒާރު އިޒްރޭލުގެ އިސް ދެ ވަޒީރަކު ދީފި އެވެ.

ފަލަސްތީނުގެ ޣައްޒާގައި ދާއިމީ ސުލްހަ ގާއިމުކުރުމަށް އެމެރިކާ އިން ފަހަތުގައި އޮވެގެން ހުށަހަޅާފައިވާ އާ ޕްލޭން ގަބޫލު ކޮށްފި ނަމަ އިޒްރޭލުގެ ސަރުކާރު ވައްޓާލާނެ ކަމުގެ އިންޒާރު އިޒްރޭލުގެ އިސް ދެ ވަޒީރަކު ދީފި އެވެ.

އިޒްރޭލުގެ ފަރާތުން ހުށަހެޅި އާ ޕްލޭންގެ ތަފުސީލް ދެއްވަމުން އެމެރިކާގެ ރައީސް ޖޯ ބައިޑަން މިދިޔަ ހުކުރު ދުވަހު ވިދާޅުވި ގޮތުގައި އަލަށް ހުށަހަޅާފައިވާ ޕްލޭން ވަނީ ތިން ފިޔަވަސަކަށް ބަހާލައިފަ އެވެ. ޕްލޭންގެ ފުރަތަމަ ފިޔަވަހީގެ ދަށުން، ހަ ހަފުތާ އަށް ހަމަލާތައް ބަދަލުކުރުން ހުއްޓާލުމާ އެކު، ޣައްޒާގައި މީހުން ދިރިއުޅޭ ސަރަހައްދުތަކުން އިޒްރޭލުގެ ސިފައިން ފައިބާނެ އެވެ. ރަހީނުން މިނިވަން ކުރުމާއި ގައިދީން ބަދަލުކުރުން ވެސް އެ ފިޔަވަހީގައި ވަނީ ހިމަނައިފަ އެވެ.

އެކަމަކު އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ ސަރުކާރު ހިންގާ ކޯލިޝަންގައި ހިމެނޭ ނެޝަނަލް ސެކިޔުރިޓީ މިނިސްޓަރު އިތަމާ ބެން ގަވިއާ އާއި ފިނޭންސް މިނިސްޓަރު ބެޒަލިލް ސްމޮޓްރިކް ވަނީ އެ ޕްލޭނާ ދެކޮޅަށް ތެދުވެ، އިސްތިއުފާ ދޭނެ ކަމުގެ އިންޒާރު ދީފަ އެވެ.

ބެން ގަވިއާ ބުނީ އޭނާގެ ޕާޓީން ކޯލިޝަނުން ވަކިވެ "ސަރުކާރު ރޫޅާލާނެ" ކަމަށާއި މި ޕްލޭނަކީ ޓެރަރިޒަމަށް ދެވޭ ކާމިޔާބީއެއް ކަމަށެވެ.

"މި ޕްލޭނަށް އެއްބަސްވުމަކީ ފުރިހަމަ ކާމިޔާބީއެއް ނޫން. ފުރިހަމައަށް ބަލި ގަބޫލުކުރުން،" އޭނާ ބުންޏެވެ.

ސްމޮޓްރިކް ވެސް ބުނީ ހަމާސް އެކީގައި ނައްތާލުމުގެ ކުރިން، ހަނގުރާމަ ހުއްޓާލުމުގެ އެއްވެސް ޕްލޭނަކަށް އެއްބަސް ނުވާނެ ކަމަށެވެ.

އެކަމުގެ ދިފާއުގައި ނަތަންޔާހޫ ބުނީ މި އާ ޕްލޭންގެ ދަށުން ވެސް ހަމާސްގެ އަސްކަރީ ބާރު އެކީގައި ކަނޑުވައިލެވޭނެ ކަމަށެވެ.

ބެން ގަވިއާ އާއި ސްމޮޓްރިކްގެ ޕާޓީ ސަރުކާރުން ވަކިވެއްޖެ ނަމަ ނަތަންޔާހޫ އަށް މެޖޯރިޓީ ގެއްލޭނެ އެވެ.

މި އާ ޕްލޭންގެ ދެ ވަނަ ފިޔަވަހީގައި ހިމެނެނީ ހުރިހާ ރަހީނުންނާއި ދެ ފަރާތުން ވެސް ހައްޔަރުކޮށްފައިވާ އަސްކަރީ މީހުން މިނިވަން ކުރުމެވެ. އެ މުއްދަތުގައި ސުލްހަ ގާއިމުކޮށްފައި ބާއްވައިފި ނަމަ ދާއިމީކޮށް ހަމަލާތައް ހުއްޓައިލުން ދެ ވަނަ ފިޔަވަހީގައި ހިމެނެ އެވެ.

ތިން ވަނަ ފިޔަވަހީގައި ބައިނަލްއަގުވާމީ ބައިވެރިވުމާ އެކު، ޣައްޒާގައި ގެދޮރާއި ސްކޫލްތަކާއި ހޮސްޕިޓަލުތައް އަލުން ބިނާކުރުން ވަނީ ހިމަނައިފަ އެވެ.

މި ޕްލޭން ގަބޫލުކޮށް، އަވަހަށް ތަންފީޒު ކުރަން ފަށަން، އިޒްރޭލުގެ އެތަކެއް ހާސް މީހުން ވެސް ދަނީ މަގުތަކަށް ނުކުމެ ސަރުކާރަށް ގޮވައިލަމުންނެވެ.

އަލަށް ހުށަހަޅާފައިވާ ޕްލޭނު "ޕޮޒިޓިވް" ކަމަށް ހަމާސް އިން ވެސް ވަނީ ބުނެފަ އެވެ. އެކަމަކު އެ ޕްލޭން ގަބޫލުކުރުމާ މެދު ނިންމުމެއް ހަމާސް އިން އަދި ހާމަކޮށްފައެއް ނުވެ އެވެ.

އެކަމަކު، އިޒްރޭލުގެ ފަރާތުން ބައިޑަން ހުށަހަޅައިދެއްވި މި ޕްލޭނުގައި ޣައްޒާގެ ދެކުނުން އޮންނަ ރަފަހް ސިޓީގައި އިޒްރޭލުން މިހާރު ކުރިއަށް ގެންދާ އަސްކަރީ އޮޕަރޭޝަންގެ ސީދާ ވާހަކައެއް ނެތެވެ.

ކުއްލި ގޮތަކަށް އާ ޕްލޭނެއް ހާމަކޮށްފައި މި ވަނީ، ހަނގުރާ ނިންމުމުގެ އެއްވެސް ވިސްނުމެއް ނެތް ކަމަށް އިޒްރޭލުގެ ބޮޑުވަޒީރު ނަތަންޔާހު ބުނަމުންދަނިކޮށެވެ. އެހެންކަމުން، މިއީ އެމެރިކާގެ ޕްރެޝަރު ބޮޑުވެގެން، އިޒްރޭލުން އެއްބަސްވާން މަޖުބޫރުވި ހާލަތެއް ކަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ދަނީ ލަފާކުރަމުންނެވެ.

ދޮޅު މިލިނަހެއްހާ ފަލަސްތީނު ރައްޔިތުން ހިމާޔަތް ހޯދަމުން އަންނަ ރަފަހް އަށް އިޒްރޭލު ސިފައިން އަރައިގަތުމުން، އިޒްރޭލަށް ދޭ ހަތިޔާރާއި އަސްކަރީ އެހީ ދިނުން ހުއްޓައިލަންޖެހިދާނެ ކަމުގެ އިންޒާރު އެމެރިކާއިން ދެމުން އަންނަތާ އެތައް ދުވަހެއް ވެއްޖެ އެވެ.

ރަފަހް އަށް ވެސް ހުއްޓުމެއް ނެތި ވައިގެ ހަމަލާތައް ދެމުންދާއިރު، މިދިޔަ ހަފުތާގައި ދިން ވައިގެ ހަމަލާއެއްގައި، އެތައް ސަތޭކަ މީހުން ވަގުތީ ހިޔާވަހިކަން ހޯދައިގެން ތިބި ޓެންޓު ކޭމްޕެއްގެ ރޯވެ، 45 އަށް ވުރެ ގިނަ މީހުން ޝަހީދުވެ، 200 އަށް ވުރެ ގިނަ މީހުން ވަނީ ޒަހަމްވެފަ އެވެ.

އެ ހާދިސާއާ ގުޅިގެން ގިނަ ގައުމުތަކުން ކަންބޮޑުވުންފާޅުކޮށްފައިވާ އިރު، އިޒްރޭލަށް ވާގިވެރިވާ ގިނަ ގައުމުތަކުގެ ފިއްތުންތައް ވެސް އިޒްރޭލަށް ވަނީ ބޮޑުވެފަ އެވެ.

މިދިޔަ އޮކްޓޯބަރު މަހުގެ ހަތް ވަނަ ދުވަހުން ފެށިގެން ހަމާސް ނައްތާލުމުގެ ނަމުގައި އިޒްރޭލުން ދެމުންދާ ހަމަލާތަކުގައި މިހާތަނަށް 35،700 އަށް ވުރެ ގިނަ ފަލަސްތީނުގެ ރައްޔިތުން ވަނީ ޝަހީދުވެފަ އެވެ.