Roadha Mihaaru
ޣައްޒާ އަށް ހަމަލާދިނުން ހުއްޓުމެއް ނެތި ކުރިއަށް!

ޣައްޒާ އަށް ހަމަލާދިނުން ހުއްޓުމެއް ނެތި ކުރިއަށް، ކޭމްޕެއްގައި ރޯވެ، އެތައް ބަޔަކު ޝަހީދުވެއްޖެ

29 މެއި 2024

ފަލަސްތީނުގެ ޣައްޒާގެ ދެކުނުގައި އޮންނަ ރަފަހް ސިޓީގައި ހުރި ރެފިއުޖީ ކޭމްޕަކަށް ދިން ހަމަލާ ގިނަ ގައުމުތަކުން ކުށްވެރިކުރަމުންދާ އިރު، އިޒްރޭލުން ޣައްޒާ އަށް ދެމުންދާ ހަމަލާތައް އިތުރަށް ވަރުގަދަކޮށްފި އެވެ.

ފަލަސްތީނުގެ ޣައްޒާގެ ދެކުނުގައި އޮންނަ ރަފަހް ސިޓީގައި ހުރި ރެފިއުޖީ ކޭމްޕަކަށް ދިން ހަމަލާ ގިނަ ގައުމުތަކުން ކުށްވެރިކުރަމުންދާ އިރު، އިޒްރޭލުން ޣައްޒާ އަށް ދެމުންދާ ހަމަލާތައް އިތުރަށް ވަރުގަދަކޮށްފި އެވެ.

އިޒްރޭލުން އިއްޔެ ދިން ވައިގެ ހަމަލާއެއްގައި، އެތައް ސަތޭކަ މީހުން ވަގުތީ ހިޔާވަހިކަން ހޯދައިގެން ތިބި ޓެންޓު ކޭމްޕެއްގެ ރޯވެ، މިހާތަނަށް 45 އަށް ވުރެ ގިނަ މީހުން ވަނީ ޝަހީދު ވެފަ އެވެ.

އެ ހާދިސާއާ ގުޅިގެން ގިނަ ގައުމުތަކުން ކަންބޮޑުވުންފާޅުކޮށްފައިވާ އިރު، އިޒްރޭލަށް ވާގިވެރިވާ ގިނަ ގައުމުތަކުގެ ފިއްތުންތައް ވެސް އިޒްރޭލަށް ވަނީ ބޮޑުވެފަ އެވެ.

އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވަނީ އެއީ ހިތާމަވެރި ހާދިސާއެއްގެ ގޮތުގައި ސިފަކޮށް، އެ ހަމަލާގެ ތަހުގީގެއް ކުރާނެ ކަމަށް ބުނެފަ އެވެ. އޭގެ ފަހުން އިޒްރޭލުގެ އަސްކަރިއްޔާ އިން ބުނީ، އެ ކޭމްޕުގައި ރޯވީ އިޒްރޭލުން ދިން ހަމަލާގެ ސަބަބުން ކަމަށް ނުބެލެވޭ ކަމަށެވެ.

އެކަމަކު ބައިނަލްއަގުވާމީ ކަންބޮޑުވުންތައް ބޮލާލާ ޖަހައި، މިއަދު ހެނދުނު ވެސް އިޒްރޭލުން ދަނީ ހުއްޓުމެއް ނެތި ޣައްޒާ އަށް ހަމަލާތައް ދެމުންނެވެ. އިޒްރޭލުގެ ޓޭންކުތައް ވެސް ވަނީ ރަފަހްގެ ސިޓީ އަށް ވަދެގެނެފަ އެވެ.

ފަލަސްތީނުގެ ދޮޅު މިލިއަނެއްހާ މީހުން ހިމާޔަތް ހޯދަމުން އަންނަ ރަފަހް އަށް އަރައިނުގަންނަން އިޒްރޭލަށް އެންމެ ބޮޑަށް ވާގިވެރިވާ އެމެރިކާ އިން ވެސް ވަނީ އެދިފަ އެވެ. އެކަމަކު ރަފަހްގެ ކޭމްޕަށް ދިން ހަމަލާއަށް ފަހު ވެސް، އިޒްރޭލާ މެދު އެމެރިކާ އިން ގެންގުޅޭ ސިޔާސަތާއި ދެމުންދާ އެހީ އަށް ބަދަލު ގެންނަންޖެހޭ ހާލަތަކަށް އަދި ނުދާ ކަމަށް އެމެރިކާގެ ރައީސް ޖޯ ބައިޑެން ވަނީ ވިދާޅުވެފަ އެވެ.

އިޒްރޭލުން ރަފަހްއަށް ދެމުންދާ ހަމަލާތަކުން ސަލާމަތް ވާން، މިލިއަނެއްހާ ފަލަސްތީނުގެ ރައްޔިތުންނަށް ވަނީ ގެދޮރު ދޫކުރަން މަޖުބޫރުވެފައި. --ފޮޓޯ: އޭއެފްޕީ

އިޒްރޭލުން ރަފަހްއަށް ދެމުންދާ ހަމަލާތަކުން ސަލާމަތް ވާން، މިލިއަނެއްހާ ފަލަސްތީނުގެ ރައްޔިތުންނަށް ވަނީ ގެދޮރު ދޫކުރަން މަޖުބޫރުވެފައި. --ފޮޓޯ: އޭއެފްޕީ

ރަފަހްގައި އިޒްރޭލުން ހިންގަމުންދާ އަސްކަރީ އޮޕަރޭޝަން ހުއްޓުވަން، އަލްޖީރިއާ އިން ވަނީ އދ. ގެ ސަލާމަތީ މަޖިލީހަށް މައްސަލައެއް ވައްދައިފަ އެވެ. އެ މައްސަލައާ މެދު އެ މަޖިލީހުގައި މިއަދު ވެސް މަޝްވަރާތައް ކުރާނެ އެވެ.

ރަފަހްގެ ކޭމްޕަށް ދިން ހަމަލާގައި 200 އަށް ވުރެ ގިނަ މީހުން ޒަހަމްވެފައިވާ އިރު، ޣައްޒާގައި ފަލަސްތީނު ރައްޔިތުން ހިމާޔަތް ހޯދާނެ އެއްވެސް ތަނެއް ނެތް ކަމަށް އދ. ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓްރެސް ވަނީ ވިދާޅުވެފަ އެވެ.

މިދިޔަ އޮކްޓޯބަރު މަހުގެ ހަތް ވަނަ ދުވަހުން ފެށިގެން ހަމާސް ނައްތާލުމުގެ ނަމުގައި އިޒްރޭލުން ދެމުންދާ ހަމަލާތަކުގައި މިހާތަނަށް 35،700 އަށް ވުރެ ގިނަ ފަލަސްތީނުގެ ރައްޔިތުން ވަނީ ޝަހީދުވެފަ އެވެ.