Roadha Mihaaru
"ރަފަހްއަށް އަރައިގަތަސް ހަމާސް ނައްތައެއް ނުލެވޭނެ"

ރަފަހް އަށް އަރައިގަތަސް ހަމާސް ނައްތައެއް ނުލެވޭނެ: ބްލިންކެން

13 މެއި 2024

ފަލަސްތީނުގެ ޣައްޒާގެ ރަފަހް އަށް އިޒްރޭލުގެ ސިފައިން އަރައިގަތަސް، ހަމާސް ބަލިނުކުރެވޭނެ ކަމަށް ދެކެވަޑައިނުގަންނަވާ ކަމަށާއި އެފަދަ އޮޕަރޭޝަނަކުން ލޭއޮހޮރުވުމާއި ހަމަނުޖެހުން ނޫން ކަމެއް ނުހިނގާނެ ކަމަށް އެމެރިކާގެ ސެކެޓްރީ އޮފް ސްޓޭޓް އެންތަނީ ބްލިންކެން ވިދާޅުވެއްޖެ އެވެ.

ފަލަސްތީނުގެ ޣައްޒާގެ ރަފަހް އަށް އިޒްރޭލުގެ ސިފައިން އަރައިގަތަސް، ހަމާސް ބަލިނުކުރެވޭނެ ކަމަށް ދެކެވަޑައިނުގަންނަވާ ކަމަށާއި އެފަދަ އޮޕަރޭޝަނަކުން ލޭއޮހޮރުވުމާއި ހަމަނުޖެހުން ނޫން ކަމެއް ނުހިނގާނެ ކަމަށް އެމެރިކާގެ ސެކެޓްރީ އޮފް ސްޓޭޓް އެންތަނީ ބްލިންކެން ވިދާޅުވެއްޖެ އެވެ.

ގާތްގަނޑަކަށް ދެ މިލިއަނެއްހާ ފަލަސްތީނުގެ ރައްޔިތުން ހިމާޔަތް ހޯދަމުން އަންނަ ރަފަހް އަށް އިޒްރޭލުން ދަނީ ކެނޑެނޭޅި ވައިގެ ހަމަލާތައް ދެމުންނެވެ. އެ ހަމަލާތަކުގެ ސަބަބުން މިހަތާނަށް 300،000 މީހުން އެ ސަރަހައްދު ދޫކޮށް ގޮސްފައިވާ ކަމަށް އދ. އިން ވަނީ ބުނެފަ އެވެ.

ރަފަހް އަށް އެއްގަމުން އަރައިގަންނަން އިޒްރޭލުން ތައްޔާރުވަމުން ދާއިރު، އެފަދަ އޮޕަރޭޝަނަކުން އެ ތަނުގައި ދިރިއުޅޭ ރެފިއުޖީން ބޮޑު ނުރައްކަލެއްގެ ތެރެއަށް ވެއްޓޭނެ ކަމަށް އދ. ގެ އިތުރުން އެމެރިކާ އިން ވެސް ވަނީ ބުނެފަ އެވެ.

ބްލިންކެން ސީބީއެސް އަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ ރަފަހް އަށް އިޒްރޭލުން އަރައިގަތަސް ހަމާސް ނައްތާލެވޭނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ.

އޭނާ ވިދާޅުވި ގޮތުގައި އެމެރިކާ އިން އިޒްރޭލުގެ ލީޑަރުންނަށް ބާރު އަޅަމުންދަނީ، ހަނގުރާމަ ނިމުމުން ކުރިއަށް ދާނެ ގޮތުގެ ހަރުދަނާ ޕްލޭނެއް އެކުލަވައިލުމަށެވެ.

"އަޅުގަނޑުމެން އިޒްރޭލާ ވާހަކަ ދައްކަމުން މި ދަނީ މިކަމުން ދެމެހެއްޓެނިވި ގޮތެއްގައި ރަނގަޅު ނަތީޖާއެއް ނެރެވޭނެ ގޮތަކަށް،" ބްލިންކެން ވިދާޅުވި އެވެ.

ރަފަހް އަށް އަރައިގަތުން ހުއްޓުވުމަށް، އިޒްރޭލަށް ހަތިޔާރު ދިނުން ލިމިޓް ކޮށްފައިވާ ކަމަށް ވެސް އޭނާ ހާމަކުރެއްވި އެވެ.

އެކަމަކު، "އެކަނިވިޔަސް" ހަމަލާތައް ހުއްޓާނުލާނެ ކަމަށް އިޒްރޭލުން ވަނީ ބުނެފަ އެވެ.

އިއްޔެ ވެސް ހުއްޓުމެއް ނެތި ޣައްޒާ އަށް ދިން ހަމަލާތަކުގައި ޝަހީދުވި މީހުންނާ އެކު، ޖުމްލަ އަދަދު މިހާރު 35،000 ހުރަސްކޮށްފައިވާ ކަމަށް ފަލަސްތީނުގެ ހެލްތު މިނިސްޓްރީން ވަނީ ބުނެފަ އެވެ.

ހަމަލާތައް ވަގުތުން ހުއްޓާލައި، އިންސާނީ އެހީ ފޯރުކޮށްދިނުން އަވަސް ނުކޮށްފި ނަމަ ޣައްޒާގައި އިންސާނީ ބޮޑު ކާރިސާއެއް ކުރިމަތިވާނެ ކަމުގެ އިންޒާރު އދ. އިން އަންނަނީ ތަކުރާރުކޮށް ދެމުންނެވެ.