Roadha Mihaaru
ނޯވޭވެސް ފަލަސްތީނު ބަލައިގަންނާތީ އިޒްރޭލުގެ ނުރުހުން

ނޯވޭ އާއި ސްޕެއިން ވެސް ފަލަސްތީނުގެ ދައުލަތް ބަލައިގަންނަން ނިންމުމުން އިޒްރޭލުގެ ރުޅިގަނޑު ފަޅައިގެން

23 މެއި 2024

ޔޫރަޕްގެ އިތުރު ތިން ގައުމަކުން ފަލަސްތީނަކީ މިނިވަން ދައުލަތެއްގެ ގޮތުގައި ބަލައިގަންނަން ނިންމުމުން އިޒްރޭލުގެ ނުރުހުން އަމާޒުވެއްޖެ އެވެ.

ޔޫރަޕްގެ އިތުރު ތިން ގައުމަކުން ފަލަސްތީނަކީ މިނިވަން ދައުލަތެއްގެ ގޮތުގައި ބަލައިގަންނަން ނިންމުމުން އިޒްރޭލުގެ ނުރުހުން އަމާޒުވެއްޖެ އެވެ.

ނޯވޭ، ސްޕެއިން އަދި އަޔަލަންޑުން މި މަހުގެ 28 ގައި ފަލަސްތީނުގެ ދައުލަތް ބަލައިގަންނާނެ ކަމަށް ވަނީ އިއުލާނުކޮށްފަ އެވެ.

އެ ނިންމުމާ ގުޅިގެން، އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވަނީ އެއީ ޓެރަރިސްޓު ހަރަކާތްތަކަށް ދޭ "ހަދިޔާއެއް"ގެ ގޮތުގައި ސިފަކޮށްފަ އެވެ.

އިޒްރޭލުން ވަނީ ނޯވޭ، ސްޕެއިން އަދި އަޔަލަންޑަށް ކަނޑައަޅާފައިވާ ސަފީރުން "ކުއްލި މަޝްވަރާ"އަށް އަނބުރާ ގެންނަން ނިންމައިފަ އެވެ. އަދި އެ ނިންމުމާ މެދު ހިތްހަމަނުޖެހުން ފާޅުކުރަން އިޒްރޭލުގައި ތިއްބެވި އެ ތިން ގައުމުގެ ސަފީރުން ވެސް ވަނީ ހާޒިރުކޮށްފަ އެވެ.

ޔޫރަޕިއަން ޔޫނިއަން (އީޔޫ)ގެ ހާރިޖީ ސިޔާސަތުގެ ވެރިޔާ ޖޯސެފް ބޮރެލް ވިދާޅުވީ ފަލަސްތީނުގެ މިނިވަން ދައުލަތެއް ގާއިމުކުރާ ގޮތަށް އެ އިއްތިހާދުގެ ހިމެނޭ 27 ގައުމު އެއްބަސްވެވޭ ހައްލަކަށް މަސައްކަތް ކުރައްވާނެ ކަމަށެވެ.

މިދިޔަ އޮކްޓޯބަރު މަހުގެ ހަތް ވަނަ ދުވަހުން ފެށިގެން އިޒްރޭލުން ފަލަސްތީނުގެ ޣައްޒާއަށް ހުއްޓުމެއް ނެތި ދެމުންދާ ހަމަލާތަކުގައި ފަލަސްތީނުގެ އެތައް ހާސް ރައްޔިތުން ޝަހީދުކޮށްލާފައިވާ އިރު، ފަލަސްތީނަށް ވަކި ދައުލަތެއް ދިނުމަށް ޔޫރަޕްގެ ގިނަ ގައުމުތަކުގެ ވިސްނުން ވަނީ ބަދަލުވާން ފަށައިފަ އެވެ.

މި ފަހުން ފަލަސްތީނުގެ ދައުލަތް ބަލައިގަންނަން ޔޫރަޕުގެ ގައުމުތަކުގެ ތެރޭގައި ސްލޮވީނިއާ ވެސް ހިމެނެ އެވެ.

އެކަމަކު ޔޫރަޕުގެ އެންމެ ބާރުގަދަ ގައުމުތަކުގެ ތެރޭގައި ހިމެނޭ ޖަރުމަނާއި ފްރާންސް ދަނީ ފަލަސްތީނު ވަކި ދައުލަތެއްގެ ގޮތުގައި ބަލައިގަންނަން ދެކޮޅު ހަދަމުންނެވެ. އެ ދެ ގައުމުން ގަބޫލުކުރާ ގޮތުގައި، ފަލަސްތީނަށް ވަކި ދައުލަތެއްގެ ދަރަޖަ ދެވޭނީ، އިޒްރޭލާ އެކު ގާއިމުކުރެވޭ ދާއިމީ ސުލްހައިގެ އެއްބަސްވުމެއްގެ ބައެއްގެ ގޮތުގަ އެވެ.

އދ. ގައި ހިމެނޭ 193 ގައުމުތަކުގެ ތެރެއިން މިހާތަނަށް 137 ގައުމަކުން ފަލަސްތީނުގެ ދައުލަތް ބަލައިގަންނަ ކަމަށް ޕަލަސްތީނިއަން އޮތޯރިޓީން ވަނީ ބުނެފަ އެވެ.

އިޒްރޭލުން މިހާރު ދަނީ ދޮޅު މިލިއަނެއްހާ ފަލަސްތީނުގެ ރައްޔިތުން ހިމާޔަތް ހޯދަމުން އަންނަ ޣައްޒާގެ ރަފާހް ސިޓީއަށް އަރައިގަތުމުގެ އޮޕަރޭޝަން ފުޅާކުރަމުންނެވެ.

ހަމާސް ނައްތާލުމުގެ ނަމުގައި އިޒްރޭލުން ހުއްޓުމެއްނެތި ދެމުންދާ ލާއިންސާނީ ހަމަލާތަކުގައި މިހާތަނަށް 35،700 އަށް ވުރެ ފަލަސްތީނުގެ ރައްޔިތުން ވަނީ ޝަހީދުވެފަ އެވެ.