Roadha Mihaaru
ޣައްޒާގެ ކާން ނުލިބި 8،000 ކުދިން ބަލިވެފައި

ޣައްޒާގައި 8،000 އަށް ވުރެ ގިނަ ތުއްތު ކުދިން ކާން ނުލިބި ހާލުބޮޑުވެފައި

13 ޖޫން 2024

ފަލަސްތީނުގެ ޣައްޒާގައި އުމުރުން ފަސް އަހަރުން ދަށުގެ 8،000 އަށް ވުރެ ގިނަ ތުއްތު ކުދިންނަށް ރަނގަޅަށް ކާން ނުލިބި، ހާލު ބޮޑުވެގެން ފަރުވާދޭންޖެހިފައިވާ ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ޑަބްލިޔުއެޗްއޯ އިން ބުނެފި އެވެ.

ފަލަސްތީނުގެ ޣައްޒާގައި އުމުރުން ފަސް އަހަރުން ދަށުގެ 8،000 އަށް ވުރެ ގިނަ ތުއްތު ކުދިންނަށް ރަނގަޅަށް ކާން ނުލިބި، ހާލު ބޮޑުވެގެން ފަރުވާދޭންޖެހިފައިވާ ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ޑަބްލިޔުއެޗްއޯ އިން ބުނެފި އެވެ.

އެ ޖަމިއްޔާގެ ޑިރެކްޓާ ޖެނެރަލް ޓެޑްރޯސް އަދަނޯމް ގެބްރިޔޭސަސް ވިދާޅުވީ އޭގެ ތެރެއިން މިހާތަނަށް 28 ކުދިން މަރުވެފައިވާ ކަމަށާއި، ޣައްޒާގެ އާބާދީ ބަނޑަށްޖެހުމުގެ ނިކަމެތި ހާލަތަށް ވެއްޓިފައިވާ ކަމަށެވެ.

"ކާބޯތަކެތި ފޯރުކޮށްދެވޭ މިންވަރު އިތުރުވެފައިވާ ކަމަށް ރިޕޯޓްތައް ބުންޏަސް، އެންމެ ބޭނުންވާ މީހުންނަށް އެކަށީގެންވާ މިންވަރަށް، ރަނގަޅު ކާބޯތަކެތި ލިބެމުންދާ ކަމުގެ އެއްވެސް ހެއްކެއް މިވަގުތު ނެތް،" ނޫސްވެރިންގެ ބައްދަލުވުމެއްގައި ޓެޑްރޯސް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި، ފަލަސްތީނުގައި އެންމެ ބޮޑަށް ހާލުގައި ޖެހިފައިވާ ސަރަހައްދުތަކަށް ކާބޯތަކެތި ފޯރުކޮށްދިނުން އިތުރުކުރުމަށް ޑަބްލިޔުއެޗްއޯ އިން ބައިނަލްއަގުވާމީ އެހެން އިދާރާތަކާ ގުޅިގެން ދަނީ މަސައްކަތް ކުރަމުންނެވެ.

ޣައްޒާގައި ރަނގަޅަށް ކާނާ ނުލިބިގެން ހާލު ދެރަވެފައިވާ ކުއްޖެއްގެ ކައިރީގައި އޭނާގެ މަންމަ އިށީނދެލައިގެން. --ފޮޓޯ: އޭއެފްޕީ

ޣައްޒާގައި ރަނގަޅަށް ކާނާ ނުލިބިގެން ހާލު ދެރަވެފައިވާ ކުއްޖެއްގެ ކައިރީގައި އޭނާގެ މަންމަ އިށީނދެލައިގެން. --ފޮޓޯ: އޭއެފްޕީ

އެ 8،000 ތުއްތު ކުދިންގެ ތެރޭގައި ވަރަށް ބޮޑަށް ހާލު ދެރަވެ، ފުރާނައަށް ނުރައްކާވެފައިވާ 1،600 ކުދިން ތިބި ކަމަށް ޓެޑްރޯސް ހާމަކުރެއްވި އެވެ.

އަދި އެ ކުދިންނަށް ބޭނުންވާ ސިއްހީ ފަރުވާ ފޯރުކޮށްދެވޭނެ ވަސީލަތްތައް ވެސް އެ ސަރަހައްދުތަކުގައި ނެތް ކަމަށް އޭނާ ވިދާޅުވި އެވެ.

މިދިޔަ އޮކްޓޯބަރު މަހުގެ ހަތް ވަނަ ދުވަހު ފެށި ހަނގުރާމައިގެ ތެރެއިން، ފަލަސްތީނުގެ އެކި ސަރަހައްދުތަކުގައި ހުރި ސިއްހީ ފަރުވާދޭ މަރުކަޒުތަކަށް 480 އަށް ވުރެ ގިނަ ހަމަލާ އަމާޒުވެފައިވާ ކަމަށް ޓެޑްރޯސް ވިދާޅުވި އެވެ. އެ ހަމަލާތަކުގައި ސިއްހީ އޮފިޝަލުންގެ ތެރެއިން 16 މީހަކު މަރުވެ، 95 މީހަކު ވަނީ ޒަހަމްވެފަ އެވެ.

ޓެޑްރޯސް އިއްޔެ ވެސް ވިދާޅުވީ ފަލަސްތީނަށް ކުރިމަތިވެފައިވާ ނިކަމެތި ހާލަތުގެ ހައްލަކީ ހަނގުރާމަ ހުއްޓައިލުން ކަމަށެވެ.

"މިކަމަށް އޮތް އެންމެ ރަނގަޅު ބޭހަކީ ސުލްހަ ގާއިމުވުން،" އޭނާ ވިދާޅުވި އެވެ.