Roadha Mihaaru
ޣައްޒާއަށް ޕޯލިއޯ ވެކްސިންގެ 1 މިލިއަން ޑޯޒް ފޮނުވަނީ

ޣައްޒާއަށް ޕޯލިއޯ ވެކްސިންގެ 1 މިލިއަން ޑޯޒް ފޮނުވަނީ

08 އޯގަސްޓް 2024

ފަލަސްތީނުގެ ޣައްޒާގެ ނަޖިސް ފެނުގެ ތެރެއިން ޕޯލިއޯގެ ވައިރަސް ފެނިފައި ވާތީ ވެކްސިން ދޭން ފެށުމުގެ ގޮތުން އެއް ޕޯލިއޯ ވެކްސިންގެ އެއް މިލިއަން ޑޯޒް ފޮނުވަން ޑަބްލިޔުއެޗްއޯ އިން ބުނެފި އެވެ.

ފަލަސްތީނުގެ ޣައްޒާގެ ނަޖިސް ފެނުގެ ތެރެއިން ޕޯލިއޯގެ ވައިރަސް ފެނިފައި ވާތީ ވެކްސިން ދޭން ފެށުމުގެ ގޮތުން އެއް ޕޯލިއޯ ވެކްސިންގެ އެއް މިލިއަން ޑޯޒް ފޮނުވަން ޑަބްލިޔުއެޗްއޯ އިން ބުނެފި އެވެ.

ޑަބްލިއުއެޗްއޯގެ ވެރިޔާ ޓެޑްރޯސް އަދަނޮމް ގެބްރިޔޭސުސް ވިދާޅުވީ ވެކްސިން ދިނުމަށް ސިއްހީ ހިދުމަތްތެރިންނަށް ޣައްޒާގެ ތެރޭގައި މިނިވަންކަމާ އެކު އުޅެވެން ޖެހޭ ކަމަށާއި، ހަމަލާތައް ހުއްޓާލުމަކީ ނުވަތަ އެންމެ ކުޑަމިނުން ދުވަސްކޮޅަކަށް ހުއްޓާލުމަކީ އާންމު ވެކްސިން ދީގެން ކުދިން ރައްކާތެރިކުރުމަށް ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށެވެ.

"ޑަބްލިއުއެޗްއޯ އިން އެއް މިލިއަނަށް ވުރެ ގިނަ ޕޯލިއޯ ވެކްސިން ފޮނުވާ އިރު، ކުރިއަށް އޮތް ހަފުތާތަކުގެ ތެރޭގައި އެ ވެކްސިން ޖަހާނެ،" ނޫސްވެރިންގެ ބައްދަލުވުމެއްގައި އޭނާ ވިދާޅުވި އެވެ.

"ޣައްޒާގެ ނަޖިސް ފެނުގެ ތެރެއިން ޕޯލިއޯ ފެނުމަކީ މުޖުތަމައުގެ ތެރޭގައި ވައިރަސް ފެތުރި، ވެކްސިން ނުޖަހާ ކުދިން ނުރައްކަލަށް ހުށަހެޅިފައިވާ ކަމުގެ އަލާމާތެއް."

މިގޮތަށް ވައިރަސް ފެނުނަސް އަދި މި ވައިރަސް ޖެހިފައިވާ ކުއްޖަކު ޣައްޒާއިން ފެނުނު ކަމުގެ ރިޕޯޓެއް ނެތެވެ.

ޑަބްލިއުއެޗްއޯގެ ގްލޯބަލް ހެލްތު ކްލަސްޓާ ޓީމުގައި ހިމެނިވަޑައިގަންނަވާ އެންޑްރިއާ ކިންގް ވިދާޅުވީ ވެކްސިން ކެމްޕެއިން ވެގެންދާނީ ވަރަށް ބޮޑު ލޮޖިސްޓިކް ޗެލެންޖަކަށް ކަމަށެވެ.

"ވެކްސިނާއި އެއާ ގުޅުންހުރި ކޯލްޑް ޗެއިން ސަޕްލައިތައް ޣައްޒާއަށް ވެއްދުން ... އަދި ޣައްޒާގެ ތެރޭގައި ހަމަޖައްސަންޖެހޭ ކަންކަން ވެސް އޭގެ ތެރޭގައި ހިމެނޭ،" ނޫސްވެރިންގެ ބައްދަލުވުމުގައި އޭނާ ވިދާޅުވި އެވެ.

"އުއްމީދަކީ ހުރިހާ ކަމެއް ހަމަޖެހިއްޖެ ނަމަ، މި މަހުގެ ފަހުކޮޅު ވެކްސިން ޖަހަން ރާވާފައިވާ، އޮގަސްޓް 17 ގެ ތާރީހުގައި ފުރަތަމަ ބުރު ފެށޭނެ ކަމަށް."

އދ.ގެ އިދާރާތަކުން ބުނެފައިވާ ގޮތުގައި ގްލޯބަލް ޕޯލިއޯ ލެބޮރަޓަރީ ނެޓްވޯކް އިން ކުރި ތަހުލީލުތަކެއްގައި ޣައްޒާގެ "އެންވަޔަރަމަންޓަލް ސާމްޕަލް" ގެ ހަ ސާމްޕަލަކުން ވަނީ ޓައިމް-2 ޕޯލިއޯ ވައިރަސް ފެނިފަ އެވެ. އިޒްރޭލުގެ ހެލްތު މިނިސްޓްރީން ވެސް ވަނީ ހަމަ މި ގޮތަށް ވައިރަސް ފެނިފައިވާ ކަމަށް ބުނެފަ އެވެ.

ވަރަށް ފަސޭހައިން ގައިންގަޔަށް އަރާ މި ވައިރަހަކީ ތަޣައްޔަރުވެފައިވާ ފެން ބުއިމުން ނުވަތަ ކުޅުގެ ޒަރިއްޔާއިން ފެތުރޭ ވައިރަހެކެވެ. މި ވައިރަސްގެ ސަބަބުން މީހާ ވާގިނެތި ނުކުޅެދޭ ހާލަތަށްދެ އެވެ. އަދި ބައެއް ހާލަތުގައި މަރުވެ އެވެ.

އިޒްރޭލުގެ ހަމަލަތަކުގެ ސަބަބުން ޣައްޒާ ބިމާ ހަމަވެފައި ވާއިރު ނުތާހިރުކަން ވެސް ވަނީ އާންމުވެފަ އެވެ. ގެދޮރު ގެއްލިފައިވާ މީހުން ފޭލިގެތަކުގައި އުޅެމުން ދާއިރު އެތަންތަނުގެ ތެރޭގައި ވެސް ފެން ހެދި ތަޣައްޔަރުވެ އެވެ. ފެން ލިބުން ދަތިވެ، ނުސާފު ފެން ބުއިމަށް ވެސް ވަނީ މަޖުބޫރުވެފަ އެވެ. -- އޭއެފްޕީ