Roadha Mihaaru
ޣައްޒާއިން ނެރެންޖެހޭ 9،000 ބަލި މީހުން އެބަތިބި

ޣައްޒާއިން ނެރެންޖެހޭ 9،000 ބަލި މީހުން އެބަތިބި: ޑަބްލިޔުއެޗްއޯ

01 އެޕްރީލް 2024

ފަލަސްތީނުގެ ޣައްޒާގައި މިހާރު ހުރީ ކިރިޔާ ހިންގޭ ހާލަތުގައި ހުރި ދިހަ ވަރަކަށް ހޮސްޕިޓަލް ކަމަށާއި އެ ތަންތަނުގައި ތިބި ބަލި މީހުންގެ ތެރެއިން 9،000 މީހަކަށް އިމަޖެންސީ ފަރުވާ ދިނުމަށް ޣައްޒާއިން ބޭރަށް ގެންދަންޖެހޭ ކަމަށް ޑަބްލިޔުއެޗްއޯ އިން ބުނެފި އެވެ.

ފަލަސްތީނުގެ ޣައްޒާގައި މިހާރު ހުރީ ކިރިޔާ ހިންގޭ ހާލަތުގައި ހުރި ދިހަ ވަރަކަށް ހޮސްޕިޓަލް ކަމަށާއި އެ ތަންތަނުގައި ތިބި ބަލި މީހުންގެ ތެރެއިން 9،000 މީހަކަށް އިމަޖެންސީ ފަރުވާ ދިނުމަށް ޣައްޒާއިން ބޭރަށް ގެންދަންޖެހޭ ކަމަށް ޑަބްލިޔުއެޗްއޯ އިން ބުނެފި އެވެ.

"މުޅި ޣައްޒާގައި އެންމެ 10 ހޮސްޕިޓަލް، ކިރިޔާ ހިންގޭ ހާލަތުގައި ހުރި އިރު، ބަލި މީހުންނަށް ބޭނުންވާ ސިއްހީ ފަރުވާ އެކަށީގެންވާ ގޮތުގައި ލިބޭނެ ގޮތެއް ނެތް،" ޑަބްލިޔުއެޗްއޯގެ ޑިރެކްޓަ ޖެނެރަލް ޓެޑްރޮސް އަދަނޮމް ގެބްރޭޔެސުސް އެކްސްގައި ލިޔުއްވާފައިވެ އެވެ.

ޑަބްލިޔުއެޗްއޯ އިން ބުނި ގޮތުގައި އިޒްރޭލުން މިފަހަރު ޣައްޒާއަށް ހަމަލާ ދޭން ފެށުމުގެ ކުރިން ޣައްޒާގައި 36 ހޮސްޕިޓަލެއް ހިންގި އެވެ.

"ގާތްގަނޑަކަށް 9،000 މީހުން ގައުމުން ބޭރަށް ގެންގޮސް އިމަޖެންސީ ހާލަތުގައި ފަރުވާ ދޭން ޖެހިފައި އެބަތިބި. އޭގެ ތެރޭގައި ބޮމުގެ ހަމަލާތަކުގެ ސަބަބުން ބޮޑެތި އަނިޔާވެފައިވާ މީހުންނާއި ކެންސަރު ބަލީގެ މީހުންނާއި ކިޑްނީ ބަލި ފަދަ ދާއިމީ އެކި ބަލިތަކުގެ މީހުން އެބަތިބި،" ޓެޑްރޮސް ވިދާޅުވި އެވެ.

އިމަޖެންސީ ފަރުވާ ބޭނުންވާ މީހުންގެ އަދަދު ކަމަށް މި މަސް ފެށުނު އިރު ޑަބްލިޔުއެޗްއޯ އިން ބުނި އަދަދަށް ވުރެ މިހާރު ބުނާ އަދަދު 8،000 އިތުރެވެ.

މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު ހަތް ވަނަ ދުވަހު އިޒްރޭލަށް ހަމާސް އިން ދިން ކުއްލި ހަމަލާތަކުގައި ހާހަކަށް ވުރެ ގިނަ މީހުން މަރާލައި 250 މީހަކު ރަހީނުކުރުމުން ހަމާސް ނައްތާލަން ކަމަށް ބުނެ އިޒްރޭލުން ދޭން ފެށި ހަމަލާތަކުގައި ގާތްގަނޑަކަށް 33،000 މީހަކު ވަނީ ފަލަސްތީނުން ޝަހީދުވެފަ އެވެ. ހަމާސްއާ ދެކޮޅަށް ކަމަށް ބުނެ ޣައްޒާގެ އެތެރޭގައި މިހާރު ހަމަލާ ދެމުން ދަނީ ވެސް މައި ދެ ހޮސްޕިޓަލް ހިސާރުކޮށް އެތަނުގެ ވަށައިގެންނެވެ.

ހަމަލާތައް ހުއްޓާލަން ގޮވާލައި އދ.ގެ ސަލާމަތީ މަޖިލީހުން ބުރާސްފަތި ދުވަހު ގަރާރެއް ފާސްކޮށްފައި ވިޔަސް އެ ގަރާރަށް އަމަލެއް ވެސް ނުކުރެ އެވެ. އަދި ޣައްޒާއިން ކާބޯތަކެތި ހުސްވެ ހާލުގައި ޖެހިފައިވާތީ އެހީ ވެއްދޭނެ އިންތިޒާމް ހަމަޖައްސަން އިޒްރޭލަށް ބައިނަލްއަގުވާމީ ކޯޓުން އަމުރުކުރުމުން ވެސް އެ އަމުރަށް ވެސް ތަބައެއް ނުވެ އެވެ. -- އޭއެފްޕީ