Roadha Mihaaru
އިންޑިއާއިން ދިން ލޯނުތަކުން 16 ބިލިއަން އަދި ނުލިބޭ

އިންޑިއާއިން ދިން ލޯނުތަކުން 16 ބިލިއަން ރުފިޔާ އަދި ނުލިބޭ

20 މެއި 2024

ސަރުކާރުން ނަގާފައިވާ ލޯނުތަކުގެ ތެރެއިން މިހާތަނަށް ނުލިބިހުރި 24 ބިލިއަން ރުފިޔާގެ 65 ޕަސެންޓު ލިބެން ޖެހެނީ އިންޑިއާގެ އެކްސްޕޯޓް އިމްޕޯޓް ބޭންކް އޮފް އިންޑިއާ (އެގްޒިމް ބޭންކް) އިން ކަމަށް ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ސަރުކާރުން ނަގާފައިވާ ލޯނުތަކުގެ ތެރެއިން މިހާތަނަށް ނުލިބިހުރި 24 ބިލިއަން ރުފިޔާގެ 65 ޕަސެންޓު ލިބެން ޖެހެނީ އިންޑިއާގެ އެކްސްޕޯޓް އިމްޕޯޓް ބޭންކް އޮފް އިންޑިއާ (އެގްޒިމް ބޭންކް) އިން ކަމަށް ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.

ފިނޭންސް މިނިސްޓްރީން އާންމުކޮށްފައިވާ މި އަހަރުގެ ފުރަތަމަ ތިން މަހުގެ ދަރަނީގެ ހިސާބުތަކުން ދައްކާ ގޮތުން، އިންޑިއާގެ އެގްޒިމް ބޭންކުން ނަގާފައިވާ ލޯނުތަކުން 16 ބިލިއަން ރުފިޔާ ނުލިބި އެބަ ހުއްޓެވެ. ޕްރޮޖެކްޓްތަކަށް ނަގާ ލޯނުތަކުގެ އަދަދުތައް ދޫކުރާނީ، ޕްރޮޖެކްޓް ކުރިއަށް ގެންދާ ވަރަކުން އެކި ބައި ބަޔަށެވެ. މީގެ ތެރޭގައި ގިނައީ މިހާރު ވެސް ކުރިއަށް ގެންދާ ޕްރޮޖެކްޓްތަކަކަށް ކަމަށް ވާތީ، ކުރިމަގުގައި ވެސް އިންޑިއާގެ އެގްޒިމް ބޭންކަށް އަނބުރާ ދައްކަން ޖެހޭ އަދަދު ދާނީ އިތުރުވަމުންނެވެ.

އިންޑިއާގެ އެގްޒިމް ބޭންކުން ނެގި ލޯނުތަކަށް މިދިޔަ އަހަރުގެ ނިޔަލަށް ދައުލަތުން ދައްކަން ޖެހޭ އަދަދު 6.2 ބިލިއަން ރުފިޔާ އަށް އަރަ އެވެ.

މިިދިޔަ ފަސް އަހަރު އިންޑިއާގެ އެގްޒިމް ބޭންކުން ނެގި ލޯނުގެ އަދަދު 1.4 ބިލިއަން ޑޮލަރު (22 ބިލިއަން ރުފިޔާ) އަށް އަރަ އެވެ. އެއީ ހަ ލޯނަކަށް ދައްކަން ޖެހޭ އަދަދެވެ. އެންމެ ބޮޑު އަދަދެއް ނަގާފައިވަނީ ވިލިމާލެ އާއި ގުޅިފަޅާ ދެމެދު ބްރިޖަކުން ގުޅައިލުމުގެ މަޝްރޫއު ކުރިއަށް ގެންދިއުމަށެވެ. އެ މަޝްރޫއަށް 400 މިލިއަން ޑޮލަރު (6.1 ބިލިއަން ރުފިޔާ) ގެ ލޯނެއް ނެގި އެވެ.

އިންޑިއާގެ އެގްޒިމް ބޭންކްގެ އިތުރުން ސައުދީ ފަންޑު ފޯ ޑިވެލޮޕްމެންޓް (އެސްޑީއެފް) އިން ނެގި ލޯނުތަކަށް 1.6 ދޫނުކޮށް އެބަ ހުއްޓެވެ. އަދި އިންޓަނޭޝަނަލް ޑިވަލޮޕްމެންޓް އެސޯސިއޭޝަން އިން 1.2 ބިލިއަން ރުފިޔާ ލިބެން ޖެހެ އެވެ.

ފުރަތަމަ ތިން މަހުގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުން ދައުލަތުގެ ޖުމްލަ ދަރަނި ވަނީ 126 ބިލިއަން ރުފިޔާއަށް އަރައިފަ އެވެ. މި އަހަރު ނިމޭ އިރު ދައުލަތުގެ ޖުމްލަ ދަރަނި 131 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ބަޖެޓު ފޮތުގައި ލަފާކޮށްފައިވެ އެވެ.