Roadha Mihaaru

ކުޑަކުޑަ ސޫޖަލް ރާއްޖޭގައި އިސްލާމް ދީނުގެ ހިދާޔަތަށް

14 ޖޫން 2016

އިންޓަވިއުކުރަން އިށީނުމާ އެކު އޭނާ އެންމެ ފުރަތަމަ ސަލާމް ގޮވާލީ އެވެ. އަމިއްލައަށް ތައާރަފްވީ އޭގެ ފަހުންނެވެ. ދެން ކިޔައިދިނީ ގުރުއާން ކިޔެވުމާއި ރޯދަ ހިފުމުގައި އޭނާގެ ތަޖުރިބާ އެވެ.

އާމިނަތު ޝިފްލީން އާމިނަތު ޝިފްލީން

އިންޓަވިއުކުރަން އިށީނުމާ އެކު އޭނާ އެންމެ ފުރަތަމަ ސަލާމް ގޮވާލީ އެވެ. އަމިއްލައަށް ތައާރަފްވީ އޭގެ ފަހުންނެވެ. ދެން ކިޔައިދިނީ ގުރުއާން ކިޔެވުމާއި ރޯދަ ހިފުމުގައި އޭނާގެ ތަޖުރިބާ އެވެ.

މިއީ މުސްލިމެއްގެ ވާހަކައެއް ނޫނެވެ. އެކަމަކު ރާއްޖޭގައި ދިރިއުޅެމުން އަންނަ، ނޭޕާލުގެ ކުޑަ ފިރިހެންކުއްޖަކު ތަޖުރިބާކުރަމުން އަންނަ އިސްލާމީ ދިރިއުޅުމުގެ ވާހަކަ އެވެ.

އުމުރުން 13 އަހަރު ސޫޖަލް ލާމާ ރޯދަ ހިފަ އެވެ. މިސްކިތުގަ އާއި ގޭގައި ނަމާދު ކުރެ އެވެ. ގުރުއާން ކްލާހަކަށް ގޮސް، ގުރުއާން ދަސްކުރެ އެވެ. އިސްލާމީ އެކި ރުކުންތައް އަދާކުރަމުން އޭނާ އަންނަނީ މަޑުމަޑުން ދީނުގެ ހިދާޔަތުގެ ތެރެއަށް ވަންނަމުންނެވެ.

ސޫޖަލް: އިސްލާމް ދީނަށް ބޮޑު ޝައުގުވެރިކަމެއް ހުރޭ-- ފޮޓޯ: ހުސެން ޝަޔާހު/ މިހާރު

ސޫޖަލް: އިސްލާމް ދީނަށް ބޮޑު ޝައުގުވެރިކަމެއް ހުރޭ-- ފޮޓޯ: ހުސެން ޝަޔާހު/ މިހާރު

މަޝްހޫރު ޕްރެޒެންޓަރު މަރިޔަމް ވަހީދާ (މަރީ) އާއި ފިރިމީހާ ހަސަން ހަލީމް، ސޫޖަލް ރާއްޖެ ގެނައީ މީގެ ތިން އަހަރު ކުރިންނެވެ. އޭރު މަރީގެ އާއިލާ އަށް ސޫޖަލްގެ މަންމަ މަސައްކަތް ކޮށްދެމުން އަންނަތާ އަހަރެއް ވެއްޖެ އެވެ. މިހާރު ސޫޖަލްް އަކީ މަރީގެ އާއިލާގެ މެމްބަރެއް ކަހަލަ ކުއްޖެކެވެ.

ބުދުދީނުގެ އާއިލާއަކަށް ނިސްބަތްވި ނަމަވެސް ސޫޖަލްގެ ޝައުގުވެރިކަން މިހާރު ހުރީ އިސްލާމް ދީނަށެވެ. ދީނީ މައުލޫމާތު ހޯދައި، ނަމާދުކޮށް ހަދަނީ އަމިއްލަ އަށެވެ. ގުރުއާން ކްލާހަކަށް ވެއްދުމަށް ވެސް މަރީ ގާތު އެދުނީ ސޫޖަލް އަމިއްލަ އަށެވެ.

މިހާރު އޭނާއަށް އަލްހަމްދު އާއި ކުރު ބައެއް ސޫރަތްތައް ހިތުން ކިޔަން އެނގެ އެވެ. ގުރުއާން ކްލާހުގައި އޭނާ އަދި ކިޔަވަނީ އަލިފުބާގެ އަކުރުތައް ނަމަވެސް ދެތިން އަކުުރު އެއްކޮށްލައިގެން ކޮންމެވެސް ވަރަކަށް ބަލައިގެން ކިޔަން އެނގޭ ކަމަށް ސޫޖަލް ބުންޏެވެ.

ޝައުގުވެރިކަން އުފެދުނީ ކިހިނެއް؟

ސޫޖަލް ނަމާދުކޮށް އަދި ގުރުއާން ކިޔަވާކަށް މަރީމެން ބާރެއް ނާޅަ އެވެ. އެކަންކަމަށް އޭނާ ޝައުގުވެރިވީ ސޫޖަލް ބުނާ ގޮތުގައި، ގޭތެރޭގައި އެހެން މީހުން އެކަން ކުރާތަން ފެންނާތީ އެވެ.

"ހަސަން ބައްޕަ އާއި މަރިޔަމް މަންމަ ރޯދަ ހިފައި ނަމާދު ކުރާތަން ފެނޭ. އެހެންވެ، އެކަން ކުރަން ސޫޖަލް ވެސް ޝައުގުވެރިވީ،" ޣިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލުގެ ގްރޭޑް ހައެއްގައި ކިޔަވަމުން އަންނަ ދަރިވަރު ބުންޏެވެ.

ގޭގައި އޭނާ ޕީސް ޓީވީ ފަދަ ދީނީ ޗެނަލްތައް ބަލައި އެކި ކަންކަމާ ގުޅޭ ގޮތުން ސުވާލު ވެސް ކުރެ އެވެ.

ސޫޖަލް އޭނާގެ ވާހަކަ "މިހާރު" އަށް ކިޔައިދެނީ: އޭނާ ގަވާއިދުން ނަމާދުކޮށް ގުރުއާން ކިޔަވައި -- ފޮޓޯ: ހުސެން ޝަޔާހު/ މިހާރު

ސޫޖަލް އޭނާގެ ވާހަކަ "މިހާރު" އަށް ކިޔައިދެނީ: އޭނާ ގަވާއިދުން ނަމާދުކޮށް ގުރުއާން ކިޔަވައި -- ފޮޓޯ: ހުސެން ޝަޔާހު/ މިހާރު

ނަމާދުކޮށް ގުރުއާން ކިޔަވާތީ މަންމަ ހިތްހަމަ ނުޖެހޭތޯ ސުވާލުކުރުމުން ސޫޖަލް ބުނީ އޭނާ ކުރާ ކަންކަމަށް މަންމަ ހުރަސް ނާޅާ ކަމަށެވެ. އަދި މަންމަ ވެސް އޭނާ މިސްކިތަށް ފޮނުވާ ކަމަށް ބުންޏެވެ.

މަރީ ބުނީ ދީނީ ކަންކަން ކުރަން ސޫޖަލްއަށް އެއްވެސް ވަރަކަށް މަޖުބޫރު ނުކުރާ ކަމަށެވެ. އަދި އެ ހުރިހާ ކަމެއް ވެސް އޭނާ ކުރަނީ އަމިއްލަ ޝައުގުވެރިކަމެއްގެ ގޮތުން ކަމަށް މަރީ ބުންޏެވެ.

"މަރީމެން އެންމެން ރާއްޖޭން ބޭރު ގައުމަކަށް ދިޔަޔަސް އޭނާ އެންމެ ފުރަތަމަ ބަލާނީ މިސްކިތެއް ހުންނަނީ ކިހާ ހިސާބެއްގައިތޯ؟ ދީނީ ކަންތައްތައް ވަރަށް ބޮޑަށް އޭނާ އޮބްޒާވް ކުރޭ،" މަރީ ބުންޏެވެ.

ސްކޫލުގައި ވެސް ސޫޖަލް ޖަމާއަތަށް ނަމާދަށް އަރަ އެވެ. މުސްލިމް ނޫން ކުއްޖެއް އެގޮތަށް ޖަމާއަތުގައި ނަމާދު ކުރާތީ ޓީޗަރުން ވަނީ ދީނީ ބައެއް އިލްމުވެރިންނާ ވެސް ސުވާލުކޮށްފައި ކަމަށްވެ އެވެ. އިލްމުވެރިންގެ ޖަވާބަކަށް ވީ އަމިއްލަ ޝައުގުވެރިކަމުގެ ތެރޭން ދަސްކުރަން އެކަން ކުރާ ނަމަ އެއީ މައްސަލައެއް ނޫން ކަމެވެ.

ރޯދަ އަކީ އިސްލާމީ އަޅުކަމުގެ ތެރޭން ސޫޖަލް އެންމެ ގަޔާވާ އެއް ކަމެވެ.

އޭނާ އެންމެ ފުރަތަމަ ރޯދައެއް ހިފީ މިދިޔަ އަހަރުގެ ރޯދަ މަހު އެވެ. އެކަމަކު މި ރޯދަ މަހު ކޮންމެ ދެ ދުވަހުން އެއް ދުވަހު ސޫޖަލް އަންނަނީ ރޯދަ ހިފަމުންނެވެ.

"ފުރަތަމަ ދުވަހު ވަރަށް އުނދަގޫވި. ވަރަށް ބަނޑުހައިވި. ބަންގި ގޮވަންދެން ވަރަށް ދިގު އިންތިޒާރެއް ކުރަން ޖެހުނު،" އިނގިރޭސި ބަހުން ވާހަކަ ދައްކަމުން ސޫޖަލް ބުންޏެވެ.

"އެކަމަކު ހަސަން ބައްޕަ އާއި މަރިޔަމް މަންމަ ރޯދަ ހިފާތަން ފެނުނީމަ، ގިވްއަޕް ކުރަން ބޭނުން ނުވީ. އެއް ރޯދަ ހިފީމަ ދެން ހިފާހިތްވެއްޖެ. މިހާރު އެއީ އެއްވެސް ކަމެއް ނޫން."

އޭނާ ރޯދައަށް ހުންނާތީ ކްލާސް ކުދިން ވެސް ވަރަށް ގަޔާވެ، އޭނާގެ ތަޖުރިބާއާ ގުޅޭ ގޮތުން ސުވާލުކުރާ ކަމަށް ސޫޖަލް ބުންޏެވެ.

މި ކުއްޖާ ބުނާ ގޮތުގައި އޭނާ އިސްލާމް ދީނުގެ އަޅުކަންތައް އަދާކުރަނީ މުސްލިމް ގައުމެއްގައި އުޅޭތީއެއް ނޫނެވެ.

ސޫޖަލް ބުނީ އިސްލާމް ދީނުގެ ކަންކަމަށް އޭނާގެ ޝައުގުވެރިކަން ބޮޑު ކަމަށާއި ގުރުއާންގެ މާނަ ވެސް ދަސްކުރަން ބޭނުން ކަމަށެވެ. އަދި އެނބުރި ގައުމަށް ގޮސް ވެސް، އިސްލާމް ދީން އިތުރަށް އޮޅުން ފިލުވައި، އަޅުކަން ކޮށް ހަދާނެ ކަމަށް ވެސް ބުންޏެވެ.