Roadha Mihaaru
މައިންބަފައިން ދަރިންނަށް ކުރާ ދުއާގެ ބާރު ގަދަ!

ހަދީސެއްގެ އަލީގައި: ދަރިންނަށް ހެޔޮދުއާ ކޮށްދިނުމަކީ ތަރުބަވީ ވަސީލަތެއް

04 އެޕްރީލް 2024

އަބޫހުރައިރާ (ރަޟިޔަﷲ ޢަންހު) ގެ ކިބައިން ރިވާކުރެވިގެންވެ އެވެ. ކީރިތި ރަސޫލާ ﷺ ހަދީސް ކުރެއްވި އެވެ. "ތިން ދުއާއެއް އިޖާބަ ކުރެވޭނެ ކަމާ މެދު ޝައްކެއް ނެތެވެ. (އެއީ) އަނިޔާ ލިބުނު މީހާގެ ދުއާ އާއި ދަތުރުވެރިޔާގެ ދުއާ އާއި މައިންބަފައިން ދަރިންނަށް ކުރާ ދުއާ އެވެ." (ތިރުމިޛީ، އިބްނުމާޖާ، އަބޫދާއޫދު، އަޙްމަދު)

ޑރ. ސަޢުދުﷲ ޢަލީ ޑރ. ސަޢުދުﷲ ޢަލީ

އަބޫހުރައިރާ (ރަޟިޔަﷲ ޢަންހު) ގެ ކިބައިން ރިވާކުރެވިގެންވެ އެވެ. ކީރިތި ރަސޫލާ ﷺ ހަދީސް ކުރެއްވި އެވެ. "ތިން ދުއާއެއް އިޖާބަ ކުރެވޭނެ ކަމާ މެދު ޝައްކެއް ނެތެވެ. (އެއީ) އަނިޔާ ލިބުނު މީހާގެ ދުއާ އާއި ދަތުރުވެރިޔާގެ ދުއާ އާއި މައިންބަފައިން ދަރިންނަށް ކުރާ ދުއާ އެވެ." (ތިރުމިޛީ، އިބްނުމާޖާ، އަބޫދާއޫދު، އަޙްމަދު)

މި ހަދީސްގައި ބަޔާން ކުރެވިގެން އެ ވަނީ އިންސާނުން ކުރާ ދުއާތަކުގެ ތެރެއިން ދުއާ އިޖާބަވުމުގައި ޔަގީންކަން ކަށަވަރު ވެގެންވާ ތިން ބާވަތެއްގެ ދުއާއެއްގެ ވާހަކަ އެވެ. އެހެން ރިވާޔަތަކުން އެނގޭ ގޮތުގައި ރޯދަވެރިޔާގެ ދުއާ ވެސް މި ބައިގައި ހިމެނެ އެވެ. ނަމަވެސް މި ލިޔުން މި ޚާއްސަ ކޮށްލަނީ ތަރުބަވީ ދާއިރާ އަށް ކަމަށް ވާތީ މި ހަދީސްގެ އަލީގައި މި ލިޔުމުގައި ބަލައިލާނީ ހަމައެކަނި މައިންބަފައިން ދަރިންނަށް ކުރާ ދުއާގެ މައްޗަށެވެ.

ދަރިންނަށް ހެޔޮދުއާ ކުރުމުގެ މުހިންމުކަން

އެއްވެސް ޝައްކެއް ނެތް ގޮތުގައި ދުއާއަކީ މުސްލިމެއްގެ އަތުގައި އޮންނަ ހަތިޔާރެއް ފަދަ އެއްޗެކެވެ. ހަމައެއާ އެކު، ނުރައްކާތަކުން ސަލާމަތް ވާން އޮންނަ ކިއްލާއެއް ފަދަ އެއްޗެކެވެ. ދުއާ ކުރުމަކީ ﷲ ލޯބިވެވޮޑިގެންވާ ކަމެކެވެ. އެކަލާނގެ ހަޒްރަތުން ކަންކަމަށް ނޭދޭ ނަމަ އެކަލާނގެ ކޯފާވެ ވޮޑިގަންނަވާނެ އެވެ.

އެހެންކަމުން އަޅުގަނޑުމެން ދިރިއުޅުމުގެ ހަޔާތުގައި އެންމެ ބުރަކޮށް ކުރާ އެއް މަސައްކަތް ކަމުގައިވާ ދަރިން ތަރުބިޔަތު ކުރުމުގެ މަސައްކަތުގައި ހިކުމަތްތެރިކަމާ އެކު، ސަބަބުތަކުގައި ހިފައިގެން މަސައްކަތް ކުރުމަށް ފަހު އެކަން ކާމިޔާބުވުމަށްޓަކައި ﷲ ގެ ހަޒްރަތުން އެދި ދުއާކުރުމަކީ ވަރަށް މުހިންމު ކަމެކެވެ. އެއީ ތަރުބަވީ ވަސީލަތެކެވެ. ވަކިން ޚާއްސަކޮށް އިޖާބަ ކުރައްވާނެކަން ޔަގީންވާ އެންމެ ތިން ހަތަރު ބާވަތުގެ ދުއާގެ ތެރޭގައި މި ބާވަތުގެ ދުއާ ހިމެނިފައިވުމުން މިކަމުގެ މުހިންމުކަން ވަކިން ބޮޑުވެ އެވެ.

ދަރިންނަށް ހެޔޮދުއާކޮށްދިނުމަކީ ނަބީންގެ އާދައެއް

ނަބީބޭކަލުންނަކީ ﷲ ގެ ހަޒްރަތުގައި އެންމެ މަތިވެރި ދަރަޖަ ލިބިގެންވާ ބޭކަލުން ކަމުގައި ވިޔަސް ކީރިތި ޤުރްއާނަށް ނަޒަރު ހިންގާލުމުން ފެންނަނީ އެބޭކަލުން ދަރިންނަށް ހެޔޮގޮތް ވުމަށް އެދި ދުއާ ކުރައްވާފައިވާ ކަމެވެ. ސަލާމްލެއްވި އިބްރާހީމްގެފާނު މުސްކުޅި އުމުރުފުޅަށް އެރުމުން ވެސް ދަރިކަލަކު ބޭނުންފުޅުވެގެން ދުއާކުރެއްވި އެވެ. (އައްޞާއްފާތު 100) ނަމަވެސް އެކަލޭގެފާނު ދުއާފުޅު ކުރެއްވީ ކޮންމެ ކޮންމެ ދަރިކަލަކު ލިބިލެއްވުމަކަށް ނޫނެވެ. "ޞާލިހުންގެ ތެރެއިންވާ ދަރިޔަކު" ދެއްވުމަށެވެ. މި ދުއާފުޅުގެ ނަތީޖާ އަކީ ކޮބައިތޯ އެވެ؟ އެންމެ ފުރަތަމަ ހިލްމުވެރި ދަރިކަލަކު (އިސްމާޢީލުގެފާނު) ލިބިވަޑައިގަންނަވާނެ ކަމުގެ އުފާވެރި ޚަބަރެވެ. އެ އަށް ފަހު އިލްމުވެރި ދަރިކަލަކު (އިސްޙާޤުގެފާނު) ލިބިވަޑައިގަންނަވާނެ ކަމުގެ އުފާވެރި ޚަބަރެވެ. އިސްޙާޤުގެފާނުގެ ފުށުން ޔަޢުޤޫބުގެފާނު ލިބިވަޑައިގަންނަވާނެ ކަމުގެ އުފާވެރި ޚަބަރެވެ.

އިބްރާހީމްގެފާނު މިހާ ހިސާބުން ވެސް ހެޔޮދުއާކުރެއްވުން ހުއްޓަވާ ނުލައްވަ އެވެ. އެކަލޭގެފާނާއި އެކަލޭގެފާނުގެ ދަރިން ބުދަށް އަޅުކަން ކުރުމުން ދުރުކޮށް ދެއްވުމަށް ދުއާކުރެއްވެވި އެވެ. (އިބްރާހީމް 35). އެކަލޭގެފާނާއި އެކަލޭގެފާނުގެ ދަރިންނަކީ ނަމާދު ގާއިމުކޮށް އުޅޭ މީހުން ކަމުގައި ލެއްވުމަށް ދުއާކުރެއްވެވި އެވެ. (رَبِّ اجْعَلْنِي مُقِيمَ الصَّلَاةِ وَمِنْ ذُرِّيَّتِي رَبَّنَا وَتَقَبَّلْ دُعَاءِ) (އިބްރާހީމް 40) އިސްމާޢީލުގެފާނާއި ދެބަފައިކަލުންނަކީ ﷲ އަށް ފުރިހަމައަށް ކިޔަމަންވާ ދެ ބޭކަލުން ކަމުގައި ލެއްވުމަށާއި އެކަލޭގެފާނުގެ ދަރިފަސްކޮޅުން ﷲ އަށް ފުރިހަމައަށް ކިޔަމަންވާ އުންމަތެއް ލެއްވުމަށާއި އެ އެންމެންނަށް އަޅުކަން ކުރާނެ ގޮތް އެކަލާނގެ ދެއްކެވުމަށާއި އެންމެންނަށް ތައުބާ ލެއްވުމަށް ދުއާކުރެއްވެވި އެވެ. (އަލްބަޤަރާ 128).

ސަލާމްލެއްވި ޒަކަރިއްޔާގެފާނު ވެސް "ހެޔޮލަފާ ރަނގަޅު ދަރިފަސްކޮޅެއް" ދެއްވުމަށް އެދި ދުއާކުރެއްވެވި އެވެ. (رَبِّ هَبْ لِي مِن لَّدُنكَ ذُرِّيَّةً طَيِّبَةً ۖ إِنَّكَ سَمِيعُ الدُّعَاءِ) (އާލްޢީމްރާން 38) އަދި އެކަލޭގެފާނާއި ޔަޢުޤޫބުގެފާނުގެ އާލުންގެ ކިބައިން ވާރުތަވާނޭ ވާރިސެއް ދެއްވުމަށާއި އެ ދަރިކަލަކީ ﷲ ރުހިވޮޑިގެންވާ އަޅެއް ކަމުގައި ލެއްވުމަށް ދުއާކުރެއްވެވި އެވެ. (މަރިޔަމް 6).

ދުއާ ކުރުމަކީ ރައްކާތަކުން ސަލާމަތް ވާން އޮންނަ ކިއްލާއެއް ފަދަ އެއްޗެކެވެ. ދުއާ ކުރުމަކީ ﷲ ލޯބިވެވޮޑިގެންވާ ކަމެކެވެ. އެކަލާނގެ ހަޒްރަތުން ކަންކަމަށް ނޭދޭ ނަމަ އެކަލާނގެ ކޯފާވެ ވޮޑިގަންނަވާނެ އެވެ.

މި ތަނުގައި ވާރުތަވުމުގެ ވާހަކަ އެ ބަޔާންކުރަނީ ނަބީކަމާއި ހިދާޔަތާއި ހައްގަށް މީސްތަކުންނަށް މަގު ދައްކާނެ ބޭކަލެއްގެ ވާހަކަ އެވެ. އެހެނީ ނަބީންނަކީ މުދާ ވާރުތަ ކުރާ ބައެއް ނޫނެވެ. މި ދުއާފުޅުތަކުގެ ނަތީޖާއަކީ ކޮބައިތޯއެވެ؟ މީގެ ކުރިން އެ ނަމަކުން ނަން ކިޔޭ އެހެން މީހަކު ލެއްވިފައި ނުވާ "ޔަޙުޔާ"ގެފާނު ލިބިވަޑައިގަންނަވާނެ ކަމުގެ އުފާވެރި ޚަބަރު ލިބުމެވެ. (މަރިޔަމް 7). އެތައް ގިނަގުނަ ބަރަކާތް އެ ދަރިކަލުންނަށް ލިބިގެން ދިއުމެވެ. އޭގެ ތެރޭގައި ތުއްޕުޅުއިރު ހިކުމަތް ދެއްވުމެވެ. އަދި ﷲ ގެ ހަޒްރަތުން އޯގާވެރިކަމާއި ތޯހިރުކަން ދެއްވުމާއި ތަގުވާވެރިއެއް ކަމުގައި ލެއްވުމެވެ. އެކަލޭގެފާނަކީ މައިންބަފައިންނަށް ހެޔޮކޮށް ހިއްތަވާ ބޭކަލަކު ކަމުގައި ލެއްވުމާއި ނުކިޔަމަންތެރި ޖައްބާރަކު ކަމުގައި ނުލެއްވުމެވެ. އަދި އެކަލޭގެފާނުގެ މައްޗަށް ސަލާމް ލެއްވުމެވެ. (މަރްޔަމް 15-12)

ދަރިންނަށް ހެޔޮދުއާކުރުމުގައި މަންމައިންނަށް ރީތި މިސާލެއް

ޢިމްރާނުގެފާނުގެ އަނބިކަނބަލުން (މަރިޔަމްގެފާނުގެ މަންމާފުޅު) ގެ ދުއާއަކީ މައިންނަށް ރީތި މިސާލެކެވެ. އެކަމަނާ ބަނޑުގައިވި ދަރިފުޅު ބައިތުލްމަޤްދިސްގެ ޚިދުމަތަށްޓަކައި އެހެން ހުރިހާ ކަމަކުން މިނިވަންކޮށް ﷲ އަށް ޚާލިޞްކުރަން ނަދުރު ވިދާޅުވެ، އެކަން ގަބޫލު ކޮށްދެއްވުމަށް އެދި ދުއާފުޅު ކުރެއްވެވި އެވެ. (އާލްޢިމްރާނު 35).

އެކަމަނާގެ އުންމީދަކަށްވީ، ފިރިހެން ދަރިކަލަކު ލިބިވަޑައިގަތުމެވެ. އެ އުންމީދު ފުރިހަމަ ނުވި ނަމަވެސް ނަދުރުފުޅު ފުއްދެވި އެވެ. ރަހުމަތުން ބޭރުކުރެވިފައިވާ ޝައިތާނާގެ ކިބައިން މަރިޔަމްގެފާނާއި އެކަމަނާގެ ދަރިފަސްކޮޅު ރައްކާތެރި ކޮށްދެއްވުމަށް އެދި ދުއާ ދެންނެވި އެވެ. (އާލްޢިމްރާނު 36).

މި ދުއާފުޅުތަކުގެ ނަތީޖާއަކީ ކޮބައިތޯ އެވެ؟ ރިވެތި ވެގެންވާ ގަބޫލަކުން ﷲ މަރްޔަމްގެފާނު ގަބޫލު ކުރެއްވުމެވެ. ރިވެތި ވެގެންވާ ބޮޑު ކުރެއްވުމަކުން އެކަމަނާ ބޮޑު ކުރެއްވުމެވެ. އެކަލާނގެ ހަޒްރަތުން ރިޒުގު ލިބެމުން ދިއުމެވެ. (އާލްޢީމްރާނު 36).

ﷲ އެކަމަނާ ޚިޔާރު ކުރައްވައި ތޯހިރު ކުރައްވައި އާލަމުތަކުގެ އަންހެނުންގެ މައްޗަށް އެކަމަނާ މާތްކުރައްވައި މަތިވެރި ކުރެއްވުމެވެ. (އާލްޢިމްރާނު 42). އަދި ދުނިޔެއާއި އާޚިރަތުގައި ގަދަރު އުފުލިގެންވާ، އަދި ﷲ ގެ ހަޒަރަތަށް ކުއްތަން ކުރައްވާފައިވާ ބޭކަލުންގެ ތެރެއިން ހިމެނޭ ދަރިކަލަކު (ޢީސަ ބުނު މަރްޔަމް) ﷲގެ ހަޒްރަތުންވާ ކަލިމަފުޅަކުން އެކަމަނާ އަށް ދެއްވާނެ ކަމުގެ އުފާވެރި ޚަބަރު ލިބިލެއްވުމެވެ. (އާލްޢީމްރާނު 45). އަދި އެކަމަނާ އާއި ދަރިކަލުން ޝައިތާނާގެ ކިބައިން ރައްކާތެރި ކުރެވިގެން ވުމެވެ.

ކީރިތި ނަބިއްޔާއާއި ހެޔޮލަފާ މުސްލިމުން ވެސް ދަރިންނަށްޓަކައި ހެޔޮދުއާ ކުރެއްވެވި

ކީރިތި ނަބިއްޔާ ﷺ އެކަލޭގެފާނުގެ ދަރިކަނބަލުން ފާޠިމަތުގެފާނަށާއި އެކަމަނާގެ ފިރިކަލުން ޢަލީގެފާނަށް އަދި ކާފަދަރިދަރިކަލުންނަށް ހެޔޮދުއާ ކުރެއްވެވި އެވެ. އެކަލޭގެފާނުގެ އަސްހާބުންގެ ދަރިންނަށް ބަރަކާތްލެއްވުމަށް އެދި ދުއާ ކުރައްވަވަ އެވެ. ދަރިންނަށް ކުރަންޖެހޭ ދުއާއަކީ ހަގީގަތުގައި ދަރިން އުފަންވުމުގެ ކުރިން ވެސް ކުރަންޖެހޭ ކަމެއްކަން އެކަލޭގެފާނު ބަޔާން ކުރެއްވި އެވެ. އެއްދާން ކުރާއިރު ބިސްމިކިޔައި ޝައިތާނާގެ ކިބައިން ތިމާ އާއި ތިމާ އަށް ލިބޭ ދަރިން ރައްކާތެރި ކުރެއްވުމަށް އެދި ދުއާކުރަން އެކަލޭގެފާނު އެންގެވި އެވެ.

މި ކަންކަމުން ނަމޫނާ ލިބިގެން ހެޔޮލަފާ މުސްލިމުން ވެސް ދުއާ ކުރެއްވެވި އެވެ. މިފަދަ އެއް ދުއާ އަކީ رَبَّنَا هَبْ لَنَا مِنْ أَزْوَاجِنَا وَذُرِّيَّاتِنَا قُرَّةَ أَعْيُنٍ وَاجْعَلْنَا لِلْمُتَّقِينَ إِمَامًا އެވެ. "އަޅަމެންގެ ވެރި ރަސްކަލާކޮ! އަޅަމެންގެ އަނބިންގެ ކިބައިންނާއި އަޅަމެންގެ ދަރިންގެ ކިބައިން ލޮލަށް ފިނިކަން ލިބުމެއް އަޅަމެންނަށް ދެއްވާނދޭވެ! އަދި ތަޤުވާވެރިންނަށް އިމާމުން ކަމުގައި އަޅަމެން ލައްވާނދޭވެ!"

ހަދީސުން ލިބޭ ތަރުބަވީ ފިލާވަޅުތައް

މިހަދީސުން ލިބޭ ތަރުބަވީ ފިލާވަޅުތަކަށް ބަލައިލާ އިރު އެއް ފިލާވަޅަކީ، ދަރިންނަށް ހެޔޮގޮތް މެދުވެރިވުމަށް އެދި ދުއާކުރުން ވަރަށް މުހިންމު ކަމެވެ. އިޖާބަވެވޭނެ ކަމުގެ ޔަގީންކަން އޮތުމުން ތަރުބަވީ މަސައްކަތުގައި މި ވަސީލަތް ބޭނުންނުކޮށް ދޫކޮށްލައިގެން ނުވާނެ ކަމެވެ.

ދެ ވަނަ ފިލާވަޅަކީ، ނަބީންނާއި ރަސޫލުންނާއި ހެޔޮލަފާ މީހުން މި ކަމުގެ ނަމޫނާ ދައްކައި އަދި އެ ފަރާތްތަކަށް މިކަމުގެ ނަތީޖާ ފެނިފައިވާ އިރު އެ ނަތީޖާ ލިބުމުގެ އަސްލަކީ ﷲ އަށް އެބޭކަލުން އިޚްލާސްތެރިވުން ކަން ދެނެގަނެ އަހަރެމެން ވެސް ދަރިންނަށް ދުއާ ކުރާއިރު، އިޚްލާސްތެރިކަމާ އެކު އެކަން ކުރަން ޖެހޭނެ ކަމެވެ.

ތިން ވަނަ ފިލާވަޅަކީ، ދަރިންނަށް ކުރާ ހެޔޮދުއާ އެ ދަރިންނަށް އަޑު އިވޭ ގޮތަށް ކުރުމެވެ. އޭރުން އެ ދަރިން ތިމާ ދެކެ ލޯބިވުމާ އެކު، ދަރިންނަށް ވެސް މި ފިލާވަޅުތައް ދަސްވާނެ އެވެ.

ހަތަރު ވަނަ ފިލާވަޅަކީ، ނަމަނަމަ ދަރިޔަކަށް ބަދު ދުއާ ނުކުރުމެވެ. ޚާއްސަކޮށް މަންމަ އެވެ. އެއީ އިޖާބަ ކުރެވޭކަން ޔަގީން ވާތީ އެވެ. ދަރިން ދެކެ ކިތަންމެ ރުޅި އަޔަސް ބަދު ދުއާއެއް ނުކޮށް އެފަދަ ދަނޑިވަޅުތަކުގައި ވެސް ހެޔޮ ދުއާއެއް ކުރުން ވަރަށް މުހިންމެވެ. މިސާލަކަށް "ﷲ ދަރިފުޅަށް ހިދާޔަތު ދެއްވާށި!" ނުވަތަ "ﷲ ދަރިފުޅު އިސްލާހު ކުރައްވާށި!" ނުވަތަ "ﷲ ދަރިފުޅަށް ތައުބާ ލައްވައި ފާފަ ފުއްސަވާށި!" ފަދަ ދުއާ އެކެވެ.

މިފަދަ ފިލާވަޅުތައް ލިބިގަނެ ތަރުބަވީ މަސައްކަތުގައި ދުއާ ކުރުމުގެ ވަސީލަތުގެ ބޭނުން ހެޔޮގޮތުގައި ހިފުމަށް ހުރިހާ މުރައްބީން ވެސް އާދަކުރަން ޖެހެ އެވެ.