Roadha Mihaaru
ހަދީސެއްގެ އަލީގައި: ތަރުބަވީ މަސްއޫލިއްޔަތު އުފުލުން

ހަދީސެއްގެ އަލީގައި: ތަރުބަވީ މަސްއޫލިއްޔަތު އުފުލުން

13 މާޗް 2024

އިބްނު ޢުމަރުގެ ކިބައިން ދެ ޝައިޚުން ރިވާކުރެއްވި ހަދީސެއްގައި ވެ އެވެ. "ރަސޫލުﷲ ﷺ ވިދާޅުވީތީ ތިމަން އަޑުއެއްސެވީމެވެ. ތިޔަބައި މީހުން ކުރެ ކޮންމެ މީހަކީ ވެސް ބެލެހެއްޓުންތެރި (ރާޢީ) އެކެވެ. އަދި އެ މީހަކު ބަލަހައްޓަންޖެހޭ ބައެއްގެ ނުވަތަ ކަމެއްގެ މަސްއޫލިއްޔަތު އެ މީހަކު އުފުލަން ޖެހޭނެ އެވެ. ވެރިމީހާ އަކީ ރާޢީ އެކެވެ. އޭނާ ބަލަހައްޓަން ޖެހޭ މީހުންނާ (ރައްޔިތުންނާ) މެދު އޭނާ މަސްއޫލުވާން ޖެހޭނެ އެވެ. ފިރިހެނާއަކީ އޭނާގެ އާއިލާގެ ރާޢީ އެކެވެ. އޭނާ ބަލަހައްޓަން ޖެހޭ މީހުންނާ (އާއިލާއާ) މެދު އޭނާ މަސްއޫލުވާން ޖެހޭނެ އެވެ. އަންހެނާއަކީ އޭނާގެ ފިރިމީހާގެ ގޭގެ ރާޢިޔާ އެކެވެ. އޭނާ ބަލަހައްޓަން ޖެހޭ ކަންކަމާ (އާއިލާގެ ކަންކަމާ) މެދު އޭނާ މަސްއޫލުވާން ޖެހޭނެ އެވެ. ޚާދިމަކީ އޭނާގެ ސާހިބުގެ މުދަލުގެ ރާޢީ އެކެވެ. އޭނާ ބަލަހައްޓަން ޖެހޭ ކަންކަމާ (ސާހިބުގެ މުދަލާ) މެދު އޭނާ މަސްއޫލުވާން ޖެހޭނެ އެވެ. އަދި ތިޔަބައިމީހުން ކުރެ ކޮންމެ މީހަކީ ވެސް ބެލެހެއްޓުންތެރި (ރާޢީ) އެކެވެ. އަދި އެ މީހަކު ބަލަހައްޓަންޖެހޭ ބައެއްގެ މަސްއޫލިއްޔަތު އުފުލަން ޖެހޭނެ މީހެކެވެ."

ޑރ. ސަޢުދުﷲ ޢަލީ ޑރ. ސަޢުދުﷲ ޢަލީ

އިބްނު ޢުމަރުގެ ކިބައިން ދެ ޝައިޚުން ރިވާކުރެއްވި ހަދީސެއްގައި ވެ އެވެ. "ރަސޫލުﷲ ﷺ ވިދާޅުވީތީ ތިމަން އަޑުއެއްސެވީމެވެ. ތިޔަބައި މީހުން ކުރެ ކޮންމެ މީހަކީ ވެސް ބެލެހެއްޓުންތެރި (ރާޢީ) އެކެވެ. އަދި އެ މީހަކު ބަލަހައްޓަންޖެހޭ ބައެއްގެ ނުވަތަ ކަމެއްގެ މަސްއޫލިއްޔަތު އެ މީހަކު އުފުލަން ޖެހޭނެ އެވެ. ވެރިމީހާ އަކީ ރާޢީ އެކެވެ. އޭނާ ބަލަހައްޓަން ޖެހޭ މީހުންނާ (ރައްޔިތުންނާ) މެދު އޭނާ މަސްއޫލުވާން ޖެހޭނެ އެވެ. ފިރިހެނާއަކީ އޭނާގެ އާއިލާގެ ރާޢީ އެކެވެ. އޭނާ ބަލަހައްޓަން ޖެހޭ މީހުންނާ (އާއިލާއާ) މެދު އޭނާ މަސްއޫލުވާން ޖެހޭނެ އެވެ. އަންހެނާއަކީ އޭނާގެ ފިރިމީހާގެ ގޭގެ ރާޢިޔާ އެކެވެ. އޭނާ ބަލަހައްޓަން ޖެހޭ ކަންކަމާ (އާއިލާގެ ކަންކަމާ) މެދު އޭނާ މަސްއޫލުވާން ޖެހޭނެ އެވެ. ޚާދިމަކީ އޭނާގެ ސާހިބުގެ މުދަލުގެ ރާޢީ އެކެވެ. އޭނާ ބަލަހައްޓަން ޖެހޭ ކަންކަމާ (ސާހިބުގެ މުދަލާ) މެދު އޭނާ މަސްއޫލުވާން ޖެހޭނެ އެވެ. އަދި ތިޔަބައިމީހުން ކުރެ ކޮންމެ މީހަކީ ވެސް ބެލެހެއްޓުންތެރި (ރާޢީ) އެކެވެ. އަދި އެ މީހަކު ބަލަހައްޓަންޖެހޭ ބައެއްގެ މަސްއޫލިއްޔަތު އުފުލަން ޖެހޭނެ މީހެކެވެ."

މި ހަދީސްފުޅުގައި ކީރިތި ނަބިއްޔާ ﷺ މުޅި އުންމަތަށް އަންގަވައިދެއްވަނީ މަސްއޫލިއްޔަތު އުފުލުމުގެ މުހިންމު ކަމެވެ. އަދި ކޮންމެ މީހަކު ވެސް އެ މީހެއްގެ ހައިސިއްޔަތުގެ ގޮތުން އުފުލަން ލާޒިމުވާ މަސްއޫލިއްޔަތުތަކެއް ހުންނާނެ ކަމެވެ. އަދި މަސްއޫލިއްޔަތާ ހަވާލުވާއިރު އެ މީހަކު އެކަމަށް ތައްޔާރުވުން މުހިންމު ވާނެ ކަމެވެ. އެހެނީ ކަމުގެ ގާބިލިއްޔަތު ނެތި މަސްއޫލިއްޔަތު ނުއުފުލޭނެތީ އެވެ. މި ހަދީސްފުޅުގައި މިސާލެއްގެ ގޮތުން ހަމައެކަނި ބައެއް ފަރާތްތައް ގެނެސްފައި ވިއަސް މިފަރާތްތަކަށް ގިޔާސްކޮށްގެން މުޅި މުޖުތަމައުގެ އެންމެން ޝާމިލު ކުރެވޭނެ އެވެ.

މި ހަދީސްގައި ވަރަށް ފުޅާކޮށް، މަސްއޫލިއްޔަތުތަކުގެ ވާހަކަ ބަޔާން ކޮށްފައި ވިއަސް މި ލިޔުމުގައި މި ބަލައިލަނީ ހަމައެކަނި ތަރުބަވީ ނަޒަރަކުންނެވެ. މި ގޮތުން ތަރުބަވީ މަސްއޫލިއްޔަތު އުފުލަންޖެހޭ ފަރާތް ކަމުގައިވާ މުރައްބީންނަށް މި ހަދީސުން އަންގައިދޭ ކަންކަމަށެވެ. މުރައްބީންނަކީ އިންސާނުން ތަރުބިޔަތު ކުރުމުގެ އެކިއެކި ޒިންމާތައް އުފުލަން ޖެހޭ މީހުންނެވެ. މިގޮތުން މައިންބަފައިންނާއި މުދައްރިސުންނަކީ ތަރުބަވީ މަސްއޫލިއްޔަތުގެ އެންމެ ކުރީ ސަފުގައި ތިބެން ޖެހޭ މީހުންނެވެ. ނަމަވެސް މި ފަރާތުގެ އިތުރުން މުޅި މުޖުތަމައު ވެސް ތަރުބަވީ ޒިންމާގައި ބައިވެރިވާން ޖެހެ އެވެ.

ފިރިހެނުންގެ ތަރުބަވީ މަސްއޫލިއްޔަތު

ފިރިހެނާއަކީ އާއިލާގެ އެންމެ އިސްމީހާ އެވެ. އެހެންކަމުން އޭނާގެ މަސްއޫލިއްޔަތު ތަކުގެ ތެރޭގައި ތަރުބަވީ މަސްއޫލިއްޔަތު ވެސް ހިމެނޭނެ އެވެ. މި ގޮތުން މި ހަދީސްގައި ބަޔާން ކޮށްފައި އެވާ ބެލެހެއްޓުމުގެ މަސްއޫލިއްޔަތު ދަށުން އޭނާގެ އަމިއްލަ ނަފްސާއި އަނބިމީހާ އާއި ދަރިން ނަރަކައިން ސަލާމަތްކޮށްދޭން މަސައްކަތް ކުރަން ޖެހޭނެ އެވެ. (އައްތަޙްރީމް 6). އެބަހީ ސީދާމަގުގައި ތިމާ ހުރެ އެ މީހުންނަށް އެ މަގު ދައްކައިދީ ﷲ އަށް އަޅުވެތިވެ ބިމުގެ ޚަލީފާގެ ދައުރު އަދާކުރެވޭ މިންވަރަށް ތަރުބިޔަތު ކޮށްދޭން މަސައްކަތް ކުރަން ޖެހޭނެ އެވެ. އެ މީހުންގެ ނަފްސުތައް ތަހުޒީބު ކޮށްދޭން މަސައްކަތް ކުރަންޖެހޭނެ އެވެ. ކުށްފާފަތަކަށް އަރައިގަތުމާއި ނުބައި މަގުން ދިއުމަށް މަގުފަހިވިޔަދީގެން ނުވާނެ އެވެ. ހެޔޮކަންތަކަށް އަމުރުކުރުމާއި ނުބައިކަންކަން ނަހީކުރަން ޖެހޭނެ އެވެ. މި ތަރުބަވީ މަސްއޫލިއްޔަތުގެ ތެރޭގައި އެ މީހުންގެ ޖިސްމާނީ ތަރުބިޔަތު ވެސް ހިމެނޭނެތީވެ އާއިލާ އަށް ކުރަންޖެހޭ ޚަރަދުތައް ކުރުން ވެސް ފިރިހެނާގެ މަސްއޫލިއްޔަތުގެ ތެރޭގައި ހިމެނޭނެ އެވެ. ފިރިހެނާ މި ތަރުބަވީ މަސްއޫލިއްޔަތު އުފުލަން ޖެހޭނީ ކީރިތި ޤުރްއާނާއި މާތް ނަބިއްޔާ ﷺ ގެ އިރުޝާދުތަކާއި އެކަލޭގެފާނުގެ ނަމޫނާ އިން ދަރުސް ލިބިގެން އެއާ އެއްގޮތަށެވެ. މިސާލަކަށް ކީރިތި ރަސޫލާ ﷺ ޣުލާމަކަށް ކެއުމުގެ އަދަބުތައް ދަސްކޮށްދެއްވި ފަދަ މަޑުމައިތިރިކަމާއި އޯގާތެރިކަމާ އެކު އެވެ.

އަންހެނުންގެ ތަރުބަވީ މަސްއޫލިއްޔަތު

އަންހެނާގެ ތަރުބަވީ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ދަރިން ހެޔޮގޮތުގައި ތަރުބިޔަތު ކުރުމަށްޓަކައި ޢަމަލީ ގޮތުން ކުރަންޖެހޭ ކަންކަން ހިމެނެ އެވެ. މިގޮތުން ދަރިންނަށް އިލްމު އުނގަންނައިދީ، ހުނަރުތައް ދަސްކޮށްދީ ނަފްސު ތަހުޒީބު ކުރުމުގައި މަދަރުސާތަކަށް ހަވާލުކުރާ ޒިންމާގެ ބޭރުން ހިމެނޭ ހުރިހާ ކަމެއް ކުރުމުގައި ފިރިމީހާއާ އަށް ވާގިދޭން ޖެހޭނެ އެވެ. މަދަރުސާ އިން ކުރާ ކަންކަމަށް އާއިލާގެ ފަރާތުން ބޭނުންވާ އެހީތެރިކަން ދޭން ޖެހޭނެ އެވެ.

މިގޮތުން ދަރިންގެ ޖިސްމާނީ، ރޫހާނީ، އަޚްލާޤީ، އިޖުތިމާޢީ، ނަފްސާނީ، އަދި ކިއެއްތަ ފިކުރީ އަދި ޢިލްމީ ތަރުބިޔަތުގައި ވެސް އަންހެނާ މުހިންމު މަސްއޫލިއްޔަތުތަކެއް އުފުލަން ޖެހެ އެވެ. މި ކަންކަން އަންހެނުން ވިއަސް ކުރަން ޖެހޭނީ ލޯތްބާއި އޯގާތެރިކަމާ އެކު ވަރަށް ކެތްތެރިވެގެންނެވެ.

މިކަމުގައި އަންހެނުންނަށް ވަރަށް ގިނަ ނަމޫނާތައް ޞަޙާބިއްޔަ ބޭކަނބަލުންގެ ކިބައިން ފެނިގެންދާނެ އެވެ. މިސާލަކަށް އުންމު ސަލީމް އެކަމަނާގެ ދަރިކަލުންނާއި ފިރިކަލުންގެ ކަންކަމުގައި ފުރިހަމަ ރާޢިޔާއެއް ކަމުގައިވި އެވެ. އަވަށްޓެރިންނާއި އާންމުކޮށް އެހެން މީހުންނާ އެކުގައި ރިވެތިކޮށް މުއާމަލާތު ކުރެއްވެވި އެވެ. އެހެން ނަމޫނާތަކަށް ބަލާއިރު އަސްމާ ބިންތި އަބޫބަކުރާއި ކީރިތި ރަސޫލާގެ ދަރިކަނބަލުން ފާޠިމަތުގެފާނު ތަރުބަވީ މަސްއޫލިއްޔަތު އުފުއްލެވީ އާއިލާގެ އެހެން ހުރިހާ މަސްއޫލިއްޔަތުތައް ވެސް އުފުއްލަވަމުން އެހާ ބުރަކޮށް ވެސް އެއްވެސް ޝަކުވާ އުފުއްލެވުމަކާ ނުލަ އެވެ.

މުޅި މުޖުތަމައުގެ ތަރުބަވީ މަސްއޫލިއްޔަތު

މި ހަދީސްފުޅުގައި ރާޢީންގެ ގޮތުގައި ދެން މިސާލު ގެނެސްފައިވަނީ ވެރިމީހާ އާއި ޚާދިމު އެވެ. ނަމަވެސް ތަރުބަވީ މަސްއޫލިއްޔަތުގައި މުޖުތަމައުން އަދާކުރަންޖެހޭ ދައުރުގައި ބައިވެރިވާން ޖެހޭ ހުރިހާ ފަރާތްތަކެއް އެބަ ތަމްސީލު ކުރެ އެވެ. އެހެނީ ވެރިމީހާގެ މަސްއޫލިއްޔަތުގެ ދަށުން ގައުމުގެ ވެރިމީހާ އާއި ތަރުބަވީ މުއައްސަސާތަކުގެ ވެރިންނާއި ވިޔަފާރިވެރިންނާއި މިސްކިތްތަކުގެ އިމާމުންނާއި މީޑިއާގެ ވެރިން ފަދަ ތަރުބަވީ ޒިންމާއެއް އުފުލަން ޖެހޭ އެންމެން ޝާމިލު ކުރެވެ އެވެ. ޚާދިމުގެ މަސްއޫލިއްޔަތުގެ ދަށުން ކުރިން މި އިޝާރާތްކުރި ފަރާތްތަކާ އެކު މަސައްކަތްކުރާ ނުވަތަ ޚިދުމަތްދޭ ހުރިހާ ފަރާތްތައް ޝާމިލު ކުރެވެ އެވެ.

ވެރިމީހާއަކީ މުޅި ރައްޔިތުންގެ ރާޢީއެއް ކަމަށް ވުމުން އޭނާގެ މަސްއޫލިއްޔަތު ވަރަށް ބޮޑުވާނެ އެވެ. މި މަސްއޫލިއްޔަތުތަކުގެ ތެރެއިން އޭނާއަކީ ވެސް ތަރުބަވީ މަސްއޫލިއްޔަތުގައި ބައިވެރިވާން ޖެހޭ ފަރާތެކެވެ. މުޖުތަމައުގައި ހެޔޮކަންތަކަށް އަމުރުކުރުމާއި ނުބައިކަންކަން ނަހީކުރުމުގެ އިންތިޒާމުތައް ރާވައި އެކަން ބެލެހެއްޓުން ހިމެނެ އެވެ. ކުޑަކުދިންނާއި ޒުވާނުންގެ ތަޢުލީމީ އަދި ތަރުބަވީ ކަންކަން މުޖުތަމައަށް އެންމެ މަސްލަހަތު ހުރި ގޮތުގައި ރާވައި އެކަން ބަލަހައްޓަން ޖެހެ އެވެ. ވެރިމީހާގެ މި މަސްއޫލިއްޔަތުތަކުގައި ވެސް އަދި އޭނާ އުފުލަންޖެހޭ އާންމު އެހެން ހުރިހާ މަސްއޫލިއްޔަތުތަކުގައި ވެސް އަދުލުވެރިކަން ދެމެހެއްޓުމާއި އަމާނާތްތެރިވުން ލާޒިމުވާނެ އެވެ. މި ކަމުގައި ކީރިތި ރަސޫލާ ﷺ އާއި ހަތަރު ޚަލީފާއިންނާއި ހެޔޮލަފާ މުސްލިމް ވެރިންގެ ކިބައިން ނަމޫނާ ލިބިގަނެވޭނެ އެވެ.

ޚާދިމުގެ މައިގަނޑު މަސްއޫލިއްޔަތަކީ ސާހިބުމީހާގެ މުދަލަށް ރައްކާތެރިވުމާއި ސާހިބުމީހާއަށް ޚިދުމަތް ދިނުން ކަމަށް ވިއަސް ތަރުބަވީ މަސްއޫލިއްޔަތުގައި ކޮންމެވެސް ހައިސިއްޔަތަކުން ބައިވެރިވުން އޮންނާނެ އެވެ. އެހެނީ ހެޔޮކަންތަކަށް އަމުރުކުރުމާއި ނުބައިކަންކަން ނަހީ ކުރުމުގައި ޚާދިމަކު ކަމަށް ވިއަސް ބައިވެރިވާން ޖެހޭނެތީ އެވެ. އިސްލާމީ މުޖުތަމައު ހެޔޮލަފާ މުޖުތަމައަކަށް ވެވެނީ މުޖުތަމައުގައި ހެޔޮކަންތަކަށް އަމުރުކުރުމާއި ނުބައިކަންކަން ނަހީކުރުން އޮވެގެންނެވެ.   މި ފާހަގަކޮށްލެވުނު ކަންކަމުން އެނގިގެން ދަނީ މުރައްބީންނަކީ ވެސް ރާޢީންތަކެއް ކަމެވެ. އެ މީހުން ބަލަހައްޓަންޖެހޭ މީހުންގެ ނުވަތަ ކަންކަމުގެ މަސްއޫލިއްޔަތު އެ މީހުން އުފުލަން ޖެހޭނެ ކަމެވެ. ވީމާ މިއިން އިބުރަތް ލިބިގަނެ ކޮންމެ މުރައްބީއަކު ވެސް އެ މީހެއްގެ ތަރުބަވީ މަސްއޫލިއްޔަތު އުފުލަން ޖެހެ އެވެ.