Roadha Mihaaru
ބަންގި: ދަރިން ވިހެއުމާ އެކު ފުރަތަމަ އިއްވަންޖެހޭ އަޑެއް

ހަދީސެއްގެ އަލީގައި: ދަރިން ވިހެއުމުން ބަންގި ގޮވުމަކީ ތަރުބިއްޔަތުގެ ބައެއް

07 އެޕްރީލް 2024

ޢުބައިދުﷲ ބުނު އަބީ ރާފިޢު އެކަލޭގެފާނުގެ ބައްޕާފުޅުގެ ކިބައިން ރިވާކުރެއްވި ހަދީސެއްގައި ވެ އެވެ. "ޢަލީގެފާނުގެ ދަރިކަލުން ޙަސަނުގެފާނާއިގެން ފާޠިމަތުގެފާނު ރައްކައުވެވަޑައިގަތް ހިނދު ކީރިތި ރަސޫލާ ﷺ ނަމާދަށް ބަންގި ގޮވާ ފަދައިން ޙަސަނުގެފާނުގެ ކަންފަތްޕުޅު ކައިރީ ބަންގި ގޮވަނިކޮށް ތިމަންކަލޭގެފާނު ދެކެވަޑައިގަތީމެވެ." (އައްތިރުމިޛީ)

ޑރ. ސަޢުދުﷲ ޢަލީ ޑރ. ސަޢުދުﷲ ޢަލީ

ޢުބައިދުﷲ ބުނު އަބީ ރާފިޢު އެކަލޭގެފާނުގެ ބައްޕާފުޅުގެ ކިބައިން ރިވާކުރެއްވި ހަދީސެއްގައި ވެ އެވެ. "ޢަލީގެފާނުގެ ދަރިކަލުން ޙަސަނުގެފާނާއިގެން ފާޠިމަތުގެފާނު ރައްކައުވެވަޑައިގަތް ހިނދު ކީރިތި ރަސޫލާ ﷺ ނަމާދަށް ބަންގި ގޮވާ ފަދައިން ޙަސަނުގެފާނުގެ ކަންފަތްޕުޅު ކައިރީ ބަންގި ގޮވަނިކޮށް ތިމަންކަލޭގެފާނު ދެކެވަޑައިގަތީމެވެ." (އައްތިރުމިޛީ)

މި ހަދީސްގައި ބަޔާން ކުރެވިފައި އެ ވަނީ ކީރިތި ރަސޫލާ ﷺ ގެ ކާފަދަރިކަލުން ޙަސަނުގެފާނު އުފަންވެ ވަޑައިގަތް ވަގުތު އެކަލޭގެފާނު ވަޑައިގެން ޙަސަނުގެފާނުގެ ކަންފަތްޕުޅު ކައިރީ ބަންގި ވިދާޅުވި ވާހަކަ އެވެ. އެއީ ހަމަ ނަމާދަށް ވެސް ބަންގި ގޮވާ ފަދައިން ބަންގީގެ ހުރިހާ ކަލިމަތަކެއް ހިމަނައިގެންނެވެ. އިބްނު ޢައްބާސްގެ ކިބައިން މި ހަދީސް ރިވާވެގެންވާ ގޮތުގައި ކީރިތި ރަސޫލާ ﷺ ޙަސަނުގެފާނުގެ ކަނާތު ކަންފަތްޕުޅުގައި ބަންގި ވިދާޅުވެ ވައަތު ކަންފަތްޕުޅުގައި ޤަމަތް ވިދާޅުވި ކަމަށް އޮވެ އެވެ. (އަލްބައިހަޤީ)

ހަމަ އަލްބައިހަޤީ، ޙަސަން ބުނު ޢަލީގެ ކިބައިން ރިވާކުރައްވާފައިވާ ގޮތުގައި "މީހަކަށް ދަރިޔަކު ލިބުމުން އެ ދަރިފުޅުގެ ކަނާތު ކަންފަތުގައި ބަންގި ގޮވައި ވާތު ކަންފަތުގައި ގަމަތް ދީފި ނަމަ ކުދިންނާ އަވަލައިގެން އުޅޭ ޖިންނިންގެ ކިބައިން ރައްކާތެރިވެވޭނެ" ކަމަށް ކީރިތި ރަސޫލާ ﷺ ހަދީސް ކުރެއްވި ކަމަށް އޮވެ އެވެ. މި ރިވާޔަތްތައް މައިގަނޑު ހަދީސެއްގެ ގޮތުގައި ގެނެސްފައި ނުވަނީ މި ރިވާޔަތްތަކުގެ ސަނަދުގައި ނިކަމެތި ކަމެއް އުޅޭތީ އެވެ. އޭގެ ތަފްސީލަކަށް މި ތަނުގައި ނުދާނަމެވެ. ނަމަވެސް މިފަދަ ނިކަމެތި ކަމެއް ރިވާޔަތްތަކުގައި ހުއްޓަސް އެއް ރިވާޔަތުން އަނެއް ރިވާޔަތަށް ބާރު ލިބޭތީވެ، އިލްމުވެރިން ވިދާޅުވެފައިވަނީ މި ބާވަތުގެ ހެޔޮކަންކަން ކުރުމުގައި މިފަދަ ހަދީސްތަކުގެ ބޭނުން ހިފޭނެ ކަމަށެވެ. ނަމަވެސް ޢަޤީދާއެއްގެ ގޮތުގައި މިފަދަ ނިކަމެތި ހަދީސްތައް ބަލައި ނުގަނެވޭނެ އެވެ.

ދަރިން ވިހެއުމުން ކަންފަތް ކައިރީ ބަންގި ގޮވުމުގެ މުހިންމުކަން

ޢައްލާމާ އިބްނުލްޤައްޔިމް ވިދާޅުވާ ގޮތުގައި ދަރިޔަކު ދުނިޔެއަށް އުފަންވާ އިރު، ބަންގި ގޮވަން ކީރިތި ރަސޫލާ ﷺ އިރުޝާދު ދެއްވާފައިވާ އިރު މިކަން ކުރުމުގެ ހިކުމަތެއް އޮންނާނެ އެވެ. އެ ހިކުމަތް އެންމެ މޮޅަށް ދެނެވޮޑީގެންވާނީ ﷲ އެވެ. އެކަމަކު، ފާޅުވެ ފެންނަ ހަގީގަތަކީ ދަރިއަކު ދުނިޔެ އަށް ނޭވާލުމަށް ފަހު، އެންމެ ފުރަތަމަ އިވޭ އަޑެއްގެ ގޮތުގައި ބަންގި ގޮވައިފި ނަމަ ހަމަ ޔަގީނުން ވެސް ތައުޙީދުގެ ކަލިމައިގެ އަޑު އެ ދަރިފުޅަށް އިވިގެންދާ ކަމެވެ. އެއްވެސް ޝައްކެއް ނެތް ގޮތުގައި ބަންގީގެ ކަލިމަތަކުން ﷲ ގެ ކިބުރިޔާއުވަންތަކަމާއި މަތިވެރިކަން ހާމަ ކުރެވެ އެވެ. އިންސާނަކު މުސްލިމަކަށް ވުމަށްޓަކައި ކިޔަންޖެހޭ ޝަހާދަތުގެ ދެ ކަލިމަ އަޑުއިއްވާލެވިގެން އެބަދެ އެވެ. އެހެންކަމުން ﷲ ގެ އެއްކައުވަންތަކަމަށް އީމާންވުމާއި މުސްލިމަކަށް ވުން އެ ދަރިފުޅަށް އެބަ ލައި ދެވެ އެވެ. ނުވަތަ ތަލްޤީނު ކޮށްދެވެ އެވެ.

ބަންގި އާއި ގަމަތް މުހިންމުވާ ތިން ވަނަ ސަބަބަކީ ތައުހީދުގެ ކަލިމަ އާއި ޝަހާދަތުގެ ދެކަލިމައަކީ ޝައިތާނާ އަށް އަޑުއަހަން ފަސޭހަވާނެ އެއްޗަކަށް ނުވާނެތީ އެ ސޮރުގެ އުނދަގުލުން ސަލާމަތްވާން މަގެއް ކޮށުނީ އެވެ.

އަޅުގަނޑުމެން އެންމެންނަށް ވެސް އެނގޭނެ ފަދައިން މި މަރުހަލާގައި މި ކުޑަކުޑަ ދަރިފުޅަށް މި ކަލިމަތައް ދޭހަވެ އަގީދާއެއްގެ ގޮތުގައި ގަބޫލެއް ނުކުރެވޭނެ އެވެ. އަދި އެ ކަލިމަތަކުން އުފައްދައިދޭން ޖެހޭ ޖަޒުބާތެއް ވެސް އިހުސާސެއް ނުކުރެވޭނެ އެވެ. ނަމަވެސް މި ދެކަންތައް ވަރަށް ބޮޑަށް އެބަ ރަމްޒު ކުރެވެ އެވެ. އަހަރެމެންނަށް ނޭނގުނު ކަމުގައި ވިއަސް އެކަމުގެ މުހިންމު ތާސީރެއް އެ ދަރިފުޅަށް ކުރާނެ އެވެ.

ދަރިން ވިހާއިރު ބަންގި ނުވަތަ ބަންގި އާއި ގަމަތް ދިނުން މުހިންމު ވާ ދެ ވަނަ ސަބަބަކީ ކޮންމެ އިންސާނަކާ އެކު ޤަރީނެއްގެ ގޮތުގައި (ވަސްވާސް ދޭން ކައިރީގައި) ޝައިތާނެއް ހުންނަ އިރު ކުއްޖާ ދުނިޔެ އަށް އުފަންވާ ތަނުން ވެސް އެ ސޮރުގެ ވަސްވާހުގެ ދައުވަތު ދޭން ބޭނުންވާނެ އެވެ. އެކަމަކު ބަންގި ގޮވުމުން އެ ސޮރަށް ވުރެ ކުރިން އީމާންކަމާއި އިސްލާމްކަމުގެ ދައުވަތު ދަރިފުޅަށް ފޯރާ ގޮތް އެބަ މެދުވެރިވެ އެވެ. މި ހިސާބުން އެ ސޮރުގެ މަސައްކަތަށް ހުރަހެއް އެޅުނީ އެވެ.

ބަންގި އާއި ގަމަތް މުހިންމުވާ ތިން ވަނަ ސަބަބަކީ ތައުހީދުގެ ކަލިމަ އާއި ޝަހާދަތުގެ ދެކަލިމައަކީ ޝައިތާނާ އަށް އަޑުއަހަން ފަސޭހަވާނެ އެއްޗަކަށް ނުވާނެތީ އެ ސޮރުގެ އުނދަގުލުން ސަލާމަތްވާން މަގެއް ކޮށުނީ އެވެ. އެ ސޮރަށް ކުއްޖާއާ ގާތް ވާން އުނދަގޫވާނެ އެވެ. ކުރިން ފާހަގަކުރި ފަދައިން މި ހަދީސްގެ އެހެން ރިވާޔަތެއްގައި ސީދާކޮށް އެ ވާހަކަ ވެސް ބަޔާން ކުރެވިފައި އެބަވެ އެވެ. އާދެ، "އުންމުއްޞިބްޔާން" ގެ ކިބައިން ދުރުހެލި ކުރެވިގެން ވާނެކަން އެ ރިވާޔަތުގައި ވެ އެވެ. އުންމުއްޞިބްޔާން އަކީ ކުދިންނާ އަވަލާ ޝައިތާނެވެ.

ހަދީސުން ލިބޭ ތަރުބަވީ ފައިދާތައް

މި ހަދީސުން ލިބޭ ފައިދާތަކުގެ ތެރެއިން މުރައްބީންނަށް ޚާއްޞަ ފައިދާތަކެއް ވެ އެވެ. އެއް ފައިދާއަކީ، ދަރިން ތަރުބިޔަތު ކުރުމުގައި އެންމެ އިސްކަންދޭން ޖެހޭ ތަރުބަވީ އަރިމައްޗަކީ އެ ދަރިން ރޫހާނީ ގޮތުން ތަރުބިޔަތުކުރުން ކަމުގައި ހެދުމެވެ. މި ތަރުބިޔަތުގެ ދަށުން ދަރިފުޅު ވިހާތަނުން ބަންގި ނުވަތަ ބަންގި އާއި ގަމަތް ދިނުން ހަނދާން ނައްތާލައިގެން ނުވާނެ އެވެ.

ދެ ވަނަ ފިލާވަޅަކީ، ކޮންމެ އިންސާނަކަށް ވެސް ވަސްވާސް ދޭން ޝައިތާނަކު ހުންނައިރު އެ ސޮރުގެ ކިބައިން ދަރިން ސަލާމަތް ކުރަން އަބަދުވެސް މަސައްކަތް ކުރަން ޖެހޭނެ ކަމެވެ. މި ހަދީސްގެ އަލީގައި ބަލާއިރު ދަރިފުޅު ހަމަ ވިހާތަނުން މި މަސައްކަތް މި ޖެހެނީ ކުރާށެވެ. އެހެންކަމުން މިކަން މި ހިސާބުން ފެށިގެން އަބަދުވެސް ދަމަހައްޓަން ޖެހޭނެ އެވެ. ޝައިޠާނާގެ ކިބައިން ރައްކާތެރިކަން ހޯދަން ދުއާ ކުރަން ޖެހޭނެ އެވެ.

މި ދުއާ އަކީ އެއްދާން ކުރާއިރު ވެސް ވަރަށް މުހިންމު ދުއާ އެކެވެ. ހަމަ އެއާ އެކު، ދަރިން ކުރާ އެއްވެސް ކަމެއް އެއީ ޝައިތާނާ އަށް އެކަމެއްގެ ތެރެއިން ވަދެގަންނަން ފަސޭހަވާ ގޮތަށް ކުރެވޭ ކަމެއް ކަމުގައި ހަދައިގެން ނުވާނެ އެވެ. އޭގެ ބަދަލުގައި ޝައިތާނާ ރުޅި އަންނަ ނުވަތަ ފޫހިވާ ޒާތުގެ ކަންކަމަށް (އެބަހީ އަޅުކަންތައްތަކާއި ދުއާކު ރުމާއި އެހެނިހެން ހެޔޮޢަމަލުތަކަށް) ކުދިން ހާނުވަން ޖެހޭނެ އެވެ.

ތިން ވަނަ ފިލާވަޅަކީ، ދަރިން ތަރުބިޔަތު ކުރުމުގެ ނާރެހަކީ ތައުހީދުގެ ޢަޤީދާ ކަމުގައި ބަލަން ޖެހޭނެ ކަމެވެ. އެބަހީ އިންސާނާ ހުރިހާ އަރިމަތިތަކުން ތަރުބިޔަތު ކުރާއިރު ވެސް އޭގައި އީމާންކަމާއި އިސްލާމްކަމާއި އިހުސާންކަން ހިމެނެން ވާނެ ކަމެވެ. މިސާލަކަށް ދިރިއުޅުމުގެ ހުނަރެއް ދަސްކޮށްދިން ކަމުގައި ވިޔަސް އެކަމުގައި އިސްލާމްދީނާ ފުށުއަރާ އެއްވެސް ކަމެއް ހިމަނައިގެން ނުވާނެ އެވެ.