Roadha Mihaaru
ދަރިން ދެކެ ލޯބިވުމާއި ހިތާމަތަކަށް ކެތްކުރުން

ހަދީސެއްގެ އަލީގައި: ދަރިން ދެކެ ލޯބިވުމާއި ހިތާމަތަކަށް ކެތްކުރުން

03 އެޕްރީލް 2024

ޤުއްރަތު ބުނު އިޔާސުލް މުޒްނީ އެކަލޭގެފާނުގެ ބައްޕާފުޅުގެ އަރިހުން ރިވާކުރެއްވި ހަދީސެއްގައި ވެ އެވެ. "މީހަކު އޭނާގެ ދަރިފުޅު ގޮވައިގެން ކީރިތި ރަސޫލާ ﷺ ގެ އަރިހަށް އަންނަ ކަމުގައި ވި އެވެ. ކީރިތި ރަސޫލާ ﷺ އޭނާއާ ސުވާލު ކުރެއްވެވި އެވެ. ތިބާގެ ދަރިފުޅު ދެކެ ލޯބިވޭތޯ އެވެ؟ އޭނާ ދެންނެވިއެވެ. ތިމަންނާގެ ދަރިފުޅު ދެކެ ތިމަންނާ ލޯބިވާ ފަދައިން މާތް ﷲ ކަލޭގެފާނު ދެކެ ލޯބިވެ ވޮޑިގަންވާފާނދޭވެ!

ޑރ. ސަޢުދުﷲ ޢަލީ ޑރ. ސަޢުދުﷲ ޢަލީ

ޤުއްރަތު ބުނު އިޔާސުލް މުޒްނީ އެކަލޭގެފާނުގެ ބައްޕާފުޅުގެ އަރިހުން ރިވާކުރެއްވި ހަދީސެއްގައި ވެ އެވެ. "މީހަކު އޭނާގެ ދަރިފުޅު ގޮވައިގެން ކީރިތި ރަސޫލާ ﷺ ގެ އަރިހަށް އަންނަ ކަމުގައި ވި އެވެ. ކީރިތި ރަސޫލާ ﷺ އޭނާއާ ސުވާލު ކުރެއްވެވި އެވެ. ތިބާގެ ދަރިފުޅު ދެކެ ލޯބިވޭތޯ އެވެ؟ އޭނާ ދެންނެވިއެވެ. ތިމަންނާގެ ދަރިފުޅު ދެކެ ތިމަންނާ ލޯބިވާ ފަދައިން މާތް ﷲ ކަލޭގެފާނު ދެކެ ލޯބިވެ ވޮޑިގަންވާފާނދޭވެ!

ފަހެ، އޭނާ (ރަސޫލާގެ މަޖްލިސް އިން) ފެނިވަޑައިނުގަންނަވަން ފެށުމުން އެކަމާ ކީރިތި ރަސޫލާ ﷺ ސުވާލު ކުރެއްވެވި އެވެ. ދެންނެވުނެވެ. އެ ދަރިފުޅު މަރުވީ އެވެ. ދެން ފަހެ، ކީރިތި ރަސޫލާ (އޭނާއާ ބައްދަލުކުރައްވައި) ހަދީސް ކުރެއްވި އެވެ. ތިބާ ސުވަރުގެ އަށް ކޮންމެ ދޮރަކުން ވަންނަން ދިޔަސް އެދޮރު ކައިރީގައި ތިބާއަށް ދޮރުހުޅުވައިދޭން އެ ދަރިފުޅު އިންތިޒާރުގައި ހުންނަން ނުރުހެމު ހެއްޔެވެ؟ އަޞްޙާބުން ދެންނެވި އެވެ. މިއީ ޚާއްސަކޮށް އޭނާ އަށް އޮތް ކަމެއް ހެއްޔެވެ؟ ނުވަތަ އަހަރެމެން އެންމެންނަށް ވެސް ހެއްޔެވެ؟ ރަސޫލާ ﷺ ހަދީސް ކުރެއްވި އެވެ. އެއީ ތިޔަބައިމީހުންނަށް އެންމެންނަށް އޮތް ކަމެކެވެ. (އައްނަސާއީ)

މި ހަދީސްގައި ބަޔާންކުރެވިފައި އެ ވަނީ ކީރިތި ރަސޫލާ ﷺ އަޞްޙާބުންނާ އެކުގައި މިސްކިތުގައި އިށިނދެވަޑައިގަންނަވާ އިރު އެ މަޖްލިސް އަށް ހާޒިރުވަމުން ދިޔަ ބޭކަލެއްގެ ވާހަކަ އެވެ. އޭނާ ހާޒިރުވަނީ އޭނާގެ ފިރިހެން ދަރިފުޅު ވެސް ގޮވައިގެންނެވެ. އެ މަޖްލިސް އަށް ދަރިފުޅު ގޮވައިގެން ވަޑައިގަންނަވާތީ އެއީ އެ ދަރިފުޅު ދެކެ ވަރަށް ލޯބިވާތީ ކަން ރަސޫލާ އަށް އެނގިވަޑައިގެން އެކަން ކަށަވަރު ކުރެއްވުމަށް ސުވާލު ކުރެއްވި އެވެ. އެކަން ޔަގީންކޮށްދިނުމަށް ފަހު، ކީރިތި ރަސޫލާ އަށް އޭނާ ހެޔޮ ދުއާއެއް ކޮށްދިނެވެ. އެއީ ﷲ ގެ ލޯބި އެކަލޭގެފާނަށް އިތުރުވެގެން ދިއުމެވެ.

ކޮންމެއަކަސް ފަހުން މި ބޭކަލަކު އެ މަޖްލިސް އަށް ހާޒިރުވުން ހުއްޓުމުން ރަސޫލާ ﷺ އޭނާ އާއި އޭނާގެ ދަރިފުޅާ ބެހޭ ގޮތުން ސުވާލު ކުރެއްވެވީ އެވެ. އޭނާ އިލްމީ މަޖްލިސް އަށް ހާޒިރުވުން ހުއްޓުނީ އޭނާގެ ދަރިފުޅު މަރުވެގެންކަން ރަސޫލާ އަށް އެނގިވަޑައިގަތުމުން އޭނާއާ ބައްދަލު ކުރައްވައި ތައުޒިޔާ ވިދާޅުވެ، ހަދީސްފުޅު ކުރެއްވި އެވެ. ތިބާ އަށް ރަނގަޅީ ތިބާގެ އުމުރުގައި އެ ދަރިފުޅު ދުނިޔޭގައި ހުރެގެން އެކަމުގެ އުފާ ލިބިގަތުންތޯ އޭ ނުވަތަ ތިބާ ސުވަރުގެ އަށް ކޮންމެ ދޮރަކުން ވަންނަން ދިޔަސް އެދޮރު ކައިރީގައި ތިބާ އަށް ދޮރުހުޅުވައިދޭން އެ ދަރިފުޅު އިންތިޒާރުގައި ހުރުން ހެއްޔެވެ؟ އޭނާ ދެންނެވީ ތިމަންނާ އެންމެ އެދެނީ ދަރިފުޅު ތިމަންނާ އަށް ވުރެ ކުރިން ގޮސް ސުވަރުގޭގެ ދޮރުކޮޅު ތިމަންނާއަށްޓަކައި ހުޅުވައިދޭން ހުރުމެވެ.

މި އުފާވެރި ޚަބަރު ލިބުމުން އަޞްޙާބުން ބޭނުންފުޅުވީ މިއީ ޚާއްސަކޮށް އޭނާއަ ށް އޮތް ކަމެއްތޯ ނުވަތަ އާންމުކޮށް އެންމެންނަށް ވެސް އޮތް ކަމެއްތޯ ބެލުމަށެވެ. ރަސޫލާގެ ޖަވާބަކީ މިއީ އެންމެންނަށް ވެސް އޮތް ކަމެއް ކަމެވެ.

ދަރިން ދެކެ ލޯބިވުމާއި ނެތިދިއުމުން ކެތްކުރުން

ދަރިން ދެކެ ލޯބިވުމަކީ ތަބީއީ ގޮތުން އިންސާނުންގެ ކިބައިގައި ﷲ ލައްވާފައިވާ ޣަރީޒާ އެކެވެ. ނަމަވެސް އިންސާނުން އެ މީހުންގެ އަމިއްލަ ނަފްސުގެ އެދުންތަކަށް ބޮޑަށް އިސްކަންދެވޭ ހާލަތްތަކުގައި ނުވަތަ މުހިންމު ކަންކަމަށް ސަމާލުކަން ދޭންވާ ވަރަށް ސަމާލު ނުވެ، އިހުމާލު ވެއްޖިއްޔާ ދަރިން ދެކެ ލޯބިވާން ޖެހޭ މިންވަރަށް ލޯބިނުވެވި ގޮސްދާނެ އެވެ. އެހެންކަމުން އިންސާނީ ފިތުރަތު ހެޔޮގޮތުގައި ދެމެހެއްޓުމަށްޓަކައި ދަރިން ދެކެ ލޯބިވާން ޖެހެ އެވެ. މި ލޯބި ފެނިގެންދާނީ ދަރިންނާ މުއާމަލާތު ކުރެވޭ ގޮތަކުންނެވެ.

އެ ދަރިންނަށްޓަކައި ކޮށްދެވޭ ކަންތައްތަކުންނެވެ. މި ހަދީސުން އެނގެނީ މަޖްލިސްތަކަށް ދާއިރު ވެސް ދަރިން ދޫކޮށްނުލާ ކަމެވެ. ދަރިފުޅަށް ކަންކަން ދަސްކޮށްދޭން ބާރު އަޅާ ވަރެވެ. ހަމަ އެއާ އެކު، ދަރިފުޅު ނެތިދިއުމުން އެކަމާ ދެރަވި ވަރެވެ. އެކަމަކު، ކިތަންމެ ދެރަވިޔަސް ކެތްކުރުމާއި ﷲގެ ޙަޟްރަތުން ހެޔޮގޮތް މިންވަރު ކުރެއްވުމަށް ދުއާކުރުން ހުއްޓާލައިގެން ނުވާނެކަން ވެސް މި ހަދީސުން ދޭހަވެ އެވެ. އެހެނީ މިގޮތަށް ކެތްތެރިވުމުން ލިބޭ ނިއުމަތް ނުހަނު ބޮޑެވެ. ތިމާ ސުވަރުގެ އަށް ވަންނަން މަގުފަހިވެގެންދެ އެވެ. މިކަމަށް އެހެން ހަދީސްތަކުން ވެސް ދަލީލު ލިބެ އެވެ. ޤުދުސިއްޔަ ހަދީސެއްގައި ވެ އެވެ. "ތިމަން ﷲގެ މުއުމިނު އަޅާ ދުނިޔަވީ ހަޔާތުގައި އެންމެ ލޯބިވާ ފަރާތުގެ ފުރާނަ ތިމަން ﷲ ހިއްޕެވުމުން އެކަމަށް ކެތްތެރިވެއްޖެ ނަމަ އެ އަޅަކަށް ސުވަރުގެ ލިބުން ނޫން ކަމެއް ނުވެ އެވެ."

ހަދީސުން ލިބޭ ތަރުބަވީ ފިލާވަޅުތައް

މި ހަދީސުން ލިބޭ ފިލާވަޅުތަކުގެ ތެރެއިން މުރައްބީންނަށް ލިބިގެންދާ ޚާއްސަ ފިލާވަޅުތަކެއް އެބަހުއްޓެވެ. އޭގެ ތެރެއިން އެއް ފިލާވަޅަކީ، ދަރިން ދެކެ ލޯބިވުމުގެ މުހިންމު ކަމެވެ. އެހެނީ ދަރިން ދެކެ ލޯބި ނުވެ، އެ ދަރިން ހެޔޮގޮތުގައި ތަރުބިޔަތު ކުރުމަށް ކުރަންޖެހޭ މަސައްކަތް ފަސޭހަކަމާ އެކު ނުކުރެވޭނެތީ އެވެ.

ދެ ވަނަ ފިލާވަޅަކީ، ދަރިން ތަރުބިޔަތު ކުރުމުގައި ތަރުބިޔަތުގެ ހުރިހާ އަރިމަތިތަކުން ތަރައްގީކުރަން މަސައްކަތް ކުރަންޖެހޭނެ ކަމެވެ. އިލްމީ، ފިކުރީ، ރޫހީ އަދި އިޖުތިމާއީ ގޮތުން ތަރުބިޔަތު ކުރަން އެހީތެރިވުމަށްޓަކައި އަޅުކަންތަކާއި އިލްމި މަޖްލިސްތަކަށް ތިމާ ހާޒިރުވާއިރު، ދަރިން ގޮވައިގެން ދިއުން ފަދަ ކަންކަން ކުރުމެވެ. އޭރުން މި ކަންކަމުގައި ތިމާ ބައިވެރިވާ އިރު އޭގެ ނަމޫނާ ފެނި ދަރިން ވެސް އެކަންކަން ކޮޕީކުރަން މަގުފަހިވާނެ އެވެ.

ތިން ވަނަ ފިލާވަޅަކީ، ދަރިން ދެކެ ކިތަންމެ ލޯބިވިޔަސް އެ ދަރިން ދުނިޔެ ދޫކޮށް ދިއުމުން ނުވަތަ އެ ދަރިންނަށް ދެރަ ގޮތެއް މެދުވެރިވުމުން ﷲގެ މިންވަރަށް ރުހި އީޖާބީ ގޮތެއްގައި ވިސްނަން ޖެހޭނެ ކަމެވެ. މި ގޮތަށް ވިސްނާ ނަމަ ކެތްތެރިވާން ފަސޭހަވާނެ އެވެ. ސަބަބުތަކުގައި ހިފައިގެން ދެން އޮތް ތަނުގައި ހިކުމަތްތެރިކަމާ އެކު، ކަންކުރަންޖެހޭނެ ގޮތް ދަސްކުރެވޭނެ އެވެ.

މި ހުރިހާ ކަމެއްގެ ފޮނި މޭވާ ދުނިޔޭގައިވެސް އަދި އާޚިރަތުގައި ވެސް ލިބޭނެ އެވެ. ޚާއްސަކޮށް ސުވަރުގެ އިން އުފާވެރި މަންޒަރެއް ފެންނާނެ އެވެ.

ހަތަރު ވަނަ ފިލާވަޅަކީ، ދަރިންނަށް ނުވަތަ ދަރިވަރުންނަށް ނުވަތަ އާންމު މީހުންނަށް ވިޔަސް އިލްމާއި ހުނަރާއި ސިފަތައް ދަސްކޮށްދިނުމުގައި މުރައްބީން ފަރުވާކުޑަކޮށްގެން ނުވާނެ ކަމެވެ. ރަސްމީކޮށް ކަނޑައެޅިފައި އޮންނަ ވަގުތުތަކުގެ އިތުރުން ވެސް އެހެން ވަގުތުތަކުގެ ބޭނުން ހިފުމަކީ މުހިންމު ކަމެކެވެ.

ފަސް ވަނަ ފިލާވަޅަކީ، ދަރިންނާއި ދަރިވަރުންގެ ހާލު އަހުވާލު އަބަދުވެސް ބަލަން ޖެހޭނެ ކަމެވެ. އެއްވެސް ފަރާތަކަށް ދެރައެއް ހިތާމައެއް މެދުވެރި ވެއްޖެ ނަމަ ތައުޒިޔާ ކިޔައި އެ ފަރާތްތަކުގެ ހިތްތަކަށް އުފާވެރިކަން ލިބޭ ފަދަ ވާހަކަތައް ދަންކަން ޖެހޭނެ ކަމެވެ.

މި ނޫނަސް މިފަދަ ފިލާވަޅުތައް މި ހަދީސުން ލިބިގަނެ ކޮންމެ މުރައްބީއަކު ވެސް އެ މީހެއްގެ ދަރިވަރުން ދެކެ ލޯބިވާން މަސައްކަތް ކުރަންޖެހޭނެ އެވެ. ދަރިއަކު ދުނިޔެ ދޫކުރިޔަސް އެކަމުގެ ހިތާމައިގައި އަބަދު އުޅެގެން ނުވާނެ އެވެ. އޭގެ ބަދަލުގައި އީޖާބީކޮށް، ވިސްނައި ހިކުމަތްތެރި ފިޔަވަޅުތައް އަޅަން ޖެހޭނެ އެވެ.