Roadha Mihaaru
ތަރުބަވީ ޒިންމާ އަދާކުރުމަށްޓަކައި ހޭދަކުރުން

ހަދީސެއްގެ އަލީގައި: ތަރުބަވީ ޒިންމާ އަދާކުރުމަށްޓަކައި ހޭދަކުރުން

17 މާޗް 2024

އަލްމިޤްދާމް ބުނު މަޢުދީކަރިބަގެ ކިބައިން ރިވާކުރެވިގެންވާ ހަދީސެއްގެ މާނައިގައި ވެ އެވެ. "ތިބާގެ އަނބިމީހާ އަށް ދިން ކާބޯތަކެތި އެއީ ތިބާ އަށް ކުރެވުނު ސަދަގާތެކެވެ.  ތިބާގެ ދަރިއަށް ދިން ކާބޯތަކެތި އެއީ ތިބާ އަށް ކުރެވުނު ސަދަގާތެކެވެ. ތިބާގެ ޚާދިމަށް ދިން ކާބޯތަކެތި އެއީ ތިބާއަށް ކުރެވުނު ސަދަގާތެކެވެ. ތިބާގެ އަމިއްލަ ނަފްސަށް ދިން ކާބޯތަކެތި އެއީ ތިބާއަށް ކުރެވުނު ސަދަގާތެކެވެ." (އައްނަސާއީ)

ޑރ. ސަޢުދުﷲ ޢަލީ ޑރ. ސަޢުދުﷲ ޢަލީ

އަލްމިޤްދާމް ބުނު މަޢުދީކަރިބަގެ ކިބައިން ރިވާކުރެވިގެންވާ ހަދީސެއްގެ މާނައިގައި ވެ އެވެ. "ތިބާގެ އަނބިމީހާ އަށް ދިން ކާބޯތަކެތި އެއީ ތިބާ އަށް ކުރެވުނު ސަދަގާތެކެވެ.  ތިބާގެ ދަރިއަށް ދިން ކާބޯތަކެތި އެއީ ތިބާ އަށް ކުރެވުނު ސަދަގާތެކެވެ. ތިބާގެ ޚާދިމަށް ދިން ކާބޯތަކެތި އެއީ ތިބާއަށް ކުރެވުނު ސަދަގާތެކެވެ. ތިބާގެ އަމިއްލަ ނަފްސަށް ދިން ކާބޯތަކެތި އެއީ ތިބާއަށް ކުރެވުނު ސަދަގާތެކެވެ." (އައްނަސާއީ)

މި ހަދީސްގައި ބަޔާންކޮށްފައިވާ ގޮތުން މީހެއްގެ އަމިއްލަ ނަފްސަށާއި އަނބިދަރިންނަށާއި ޚާދިމުންނަށް ކާންބޯން ދިނުމަކީ ޞަދަގާތެކެވެ. ހަދީސްގައި ކާންބޯން ދިނުމުގެ ވާހަކަ އެކަނި އައިސްފައި ވުމުން ފަހަރެއްގައި ވަރަށް ހަނިކޮށް މި ހަދީސް މާނަކުރެވިދާނެ އެވެ. ނަމަވެސް މިއާ ގުޅުން ހުރި އެހެން ހަދީސްތަކާއި ޤުރްއާނުގެ އާޔަތްތައް ހުރުމާ އެކު، އިލްމުވެރިން މި ހަދީސް ޝަރަހަ ކުރައްވާ އިރު، މި ހަދީސްގައި އެވާ ލަފުޒުން ދަލާލަތު ކުރަނީ ހަމައެކަނި ކާންބޯން ދިނުމަށް ނޫން ކަމަށް ބަޔާންކުރައްވާފައި ވެ އެވެ. އާއިލާގެ އެންމެހާ ޚަރަދުބަރަދުތައް (ނަފަޤާތު) ބެލެހެއްޓުމަށްޓަކައި ކުރާ ކޮންމެ ހޭދައެއް ވެސް އެއީ ކާންބޯން ދިނުމުގެ މާނައިގެ ތެރޭގައި ހިމެނިގެން ދާނެ ކަމެއް ކަމަށް ބަޔާންކުރައްވަ އެވެ.

އަނބިދަރިންގެ ޚަރަދުބަރަދު ބެލެހެއްޓުމަކީ ވާޖިބެއްގެ އިތުރުން ސަދަގާތެއް

ފިރިހެނަކު އޭނާގެ އާއިލާ ރަނގަޅު ގޮތުގައި ބެލެހެއްޓުމަށްޓަކައި އަދާކުރަންޖެހޭ މަސްއޫލިއްޔަތުތަކުގެ ތެރެއިން އެއްކަމަކީ އާއިލާގެ ނަފަޤާތު ބެލެހެއްޓުމެވެ. އެބަހީ އާއިލާ އަށް ކުރަންޖެހޭ ޚަރަދުތައް ކުރުމެވެ. މިކަމަށް ކީރިތި ޤުރްއާނުގެ އިތުރުން ނަބިއްޔާ ﷺ ގެ ހަދީސްތަކުގައި ވަރަށް ބޮޑަށް ބާރުއަޅާފައި ވެ އެވެ. އެހެންކަމުން މިކަން ވެގެން ދަނީ އަދާކުރަންޖެހޭ ވާޖިބެއް ކަމުގަ އެވެ. މި ވާޖިބުކަމުގެ އިތުރަށް މި ހަދީސުން އެނގިގެން މި ދަނީ އާއިލާ އަށް ހޭދަކުރުމަކީ ސަދަގާތެއް ވެސް ކަމެވެ. އެހެންކަމުން މިއީ ﷲ ގެ މަގުގައި ކުރެވޭ ހޭދައެއް ކަމުގައި ވެގެންދެ އެވެ. ކީރިތި ޤުރްއާނާއި ސުންނަތުން އެނގޭ ގޮތުގައި ސަދަގާތް ކުރުމާއި ޒަކާތްދިނުމަކީ ﷲ ގެ މަގުގައި ކުރާ ހޭދަ އެވެ. ވީއިރު އާއިލާ އަށް މި ކުރާ ޚަރަދު ވެސް ސަދަގާތެއް ކަމަށް މި ހަދީސްގައި ބަޔާންކުރުމުން އެނގިގެންދަނީ މިއީ ވެސް ﷲ ގެ މަގުގައި ކުރެވޭ ހޭދައެއް ކަމެވެ.

މި ހޭދަ އެންމެ ފުރިހަމަ ގޮތުގައި އަދާކުރުމަށްޓަކައި ހަދީސްގައި ބަޔާންކުރެވިފައިވާ ހުރިހާ ފަރާތްތަކެއްގެ ދިރިއުޅުމުގެ ޟަރޫރަތްތަކަށް (ކެއުންބުއިމާއި ގެދޮރާއި އަންނައުނާއި ބޭސްފަރުވާ އަށް) ފުދޭ މިންވަރަށް ޚަރަދުކުރުން ހަމަ ކޮންމެހެން ލާޒިމު ވާނެ އެވެ. އެއީ ޟަރޫރީ ކަމެކެވެ. އެހެނީ ކީރިތި ރަސޫލާ ﷺ ގެ ހަދީސްފުޅެއްގައި ވަނީ "މީހަކު ފާފަވެރިވުމަށްޓަކައި، އެ މީހެއްގެ މައްޗަށް އެ ބައެއްގެ ކޮއްތު ދިނުން ލާޒިމުވާ ބަޔަކު ހަލާކުވާން ދޫކޮށްލުން އެކަނި ވެސް ފުދޭ" ކަމަށެވެ. (މުސްލިމް). ހަގީގަތުގައި އާއިލާ ބެލެހެއްޓުމަށްޓަކައި ޚަރަދު ކުރަން ޖެހޭނީ ހަމައެކަނި މި މިންވަރަކަށް ނޫނެވެ. މީގެ އިތުރުން މި ޟަރޫރަތްތަކާ ގުޅިފައިވާ ދިރިއުޅުމުގެ ހާޖަތުތަކަށް (ޟަރޫރަތްތައް ފުއްދުމުގައި އެ މުޖުތަމައެއްގެ އާންމު ފެންވަރާ އެއްވަރަށް ކަންކަން ފުރިހަމަ ކުރުމާއި ތައުލީމު ހާސިލު ކުރުމާއި އެ ނޫން ވެސް ބޭނުންތެރި ކަންކަމަށް) ޚަރަދު ކުރަން ޖެހޭނެ އެވެ. އެއީ ބޭނުންތެރި ކަމެކެވެ. އެހެން ނޫނީ ދިރިއުޅުމުގެ މައީޝަތު ހަމަޖެހިގެން ނުދާނެއެވެ.

ގިނަ ފަހަރު ދަރަނިވެރިވާން މަޖުބޫރުވެދާނެ އެވެ. ދިރިއުޅުމުގެ މައީޝަތު ހަމަޖެއްސުމުގައި އެންމެ އެދެވިގެން ވަނީ އަދި މި މިންވަރަކަށް ވެސް ނޫނެވެ. އެހެނީ ހިތްހަމަޖެހިގެން ތަނަވަސްކަމާ އެކު (އިސްރާފުކުރުމާއި ކަން ދެއްކުން ނެތި) ދިރިއުޅުމަށްޓަކައި އޮންނަ ތަހުސީނާތުތަކަށް (ފުރިހަމަކުރުންތަކަށް) ޚަރަދުކުރެވުމުން މެނުވީ ހިތްހަމަޖެހުމާ އެކު ދިރިނޫޅެވޭނެ އެވެ. ވީމާ އިސްރާފު ކުރުމާއި ކަން ދެއްކުން ނެތި ތަހުސީނާތުތަކަށް ބޭނުންވާ ޚަރަދުތައް ވެސް ކުރުމަކީ އެދެވިގެންވާ ކަމެކެވެ.

ޚަރަދުކުރުމަށްޓަކައި އާމްދަނީ ހޯދަން މަސައްކަތް ކުރުން ލާޒިމު

މި ހޭދަ ކުރުމުގައި މީގެ އެންމެ ދަށްމިންވަރު ކަމަށްވާ ޟަރޫރަތްތައް އެކަނި ފުއްދަން ބެލިއަސް އެ މިންވަރަށް ވެސް ތިމާއަށް ހޭދަ ކުރެވޭނީ ދިރިއުޅުމަށް ތިމާ ކޮންމެވެސް މަސައްކަތެއް ކޮށްގެން އާމްދަނީ ހޯދައިގެންނެވެ. ދިރިއުޅުމަށްޓަކައި މަސައްކަތް ކުރުމުގެ މުހިންމުކަން ބަޔާންކުރާ އާޔަތްތަކާއި ހަދީސްތައް އެބަހުއްޓެވެ. ވީމާ ދިރިއުޅުމަށްޓަކައި މަސައްކަތް ކުރުމަކީ ދީނީގޮތުން ބަލާއިރު ހަމަ ކޮންމެހެން ކުރަންޖެހޭނެ ކަމެކެވެ. މިކަމަށްޓަކައި ތިމާ ދަރަނިވެރިވުމަކީ ނުރައްކާތެރި ކަމެކެވެ. ވީމާ މަސައްކަތް ކޮށްގެން އަނބިދަރިންނަށް ޚަރަދު ކުރަންޖެހެ އެވެ. މިކަމަކީ އާއިލީ ޒިންމާގެ މުހިންމު އެއް މަސައްކަތެވެ.

ޚަރަދުކުރުމަކީ ތަރުބަވީ ޒިންމާގެ މުހިންމު ބައެއް

މި ލިޔުމުގައި ހަދީސަކުން އަލިކަން ހޯދޭތޯ ބަލަމުން މި ގެންދާ ހަދީސްގެ މައުޟޫއަކީ އަނބިދަރިންނަށް ޚަރަދު ދިނުމުގެ މަތިވެރިކަން ބަޔާންކުރުމެވެ. ނަމަވެސް އިސްވެ ބަޔާންކުރެވުނު ކަންކަމަށް ބަލާއިރު ހާމަވެގެން މިދަނީ އާއިލާއެއް ބެލެހެއްޓުމުގައި ފިރިހެނާގެ ކޮނޑުގައި އެޅިފައިވާ މަސްއޫލިއްޔަތުތަކުގެ ތެރެއިން ދަރިން ތަރުބިޔަތު ކުރުމުގެ ޒިންމާއާ މިކަމާ ވަރަށްބޮޑަށް ގުޅުން އެބަހުރި ކަމެވެ. އެހެނީ ދަރިން ތަފާތު އަރިމަތިތަކުން ތަރުބިޔަތު ކުރަންޖެހޭއިރު އޭގެ އެންމެ ފުރަތަމަ އަރިމައްޗަކީ އެ ދަރިންގެ ޖިސްމާނީ ތަރުބިޔަތެވެ. މި ތަރުބިޔަތު ފުރިހަމަ ކުރުމަށްޓަކައި ހޭދަ ކުރަންޖެހެ އެވެ. އޭގެ ތެރޭގައި ދަރިންނަށް ފައިދާ ހުރި ކާނާ ދިނުމަށާއި ދަރިން ފުރިހަމަ ސިއްހަތެއްގައި ބޭތިއްބުމަށްޓަކައި ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށާއި ބަލިވެއްޖެ ނަމަ ބޭސްފަރުވާ ކުރުމަށް ހޭދަކުރަން ހަމަ ކޮންމެހެން ލާޒިމުވެ އެވެ. ހަމަ މިއާ އެކު، ފިކުރީ އިލްމީ ދީނީ އަރިމަތިތަކުން ދަރިން ތަރުބިޔަތު ކުރުމަށް ވެސް ޚަރަދުތަކެއް ކުރަންޖެހެ އެވެ. މި ޚަރަދުތައް ކުރުމަށްޓަކައި މަސައްކަތްކޮށް އާމްދަނީ ހޯދަން ޖެހެ އެވެ. އެހެންކަމުން ދިރިއުޅުމަށްޓަކައި ތިމާ ކުރާ މަސައްކަތް ވެގެން މިދަނީ ދަރިން ތަރުބިޔަތު ކުރުމަށްޓަކައި ކުރެވޭ ކަމެއްގެ ގޮތުގަ އެވެ. ދަރިން ތަރުބިޔަތު ކުރުމަށްޓަކައި ޚުދު އެ ދަރިންނަށް ކުރަންޖެހޭ ހޭދައިގެ އިތުރުން ތިމާގެ އަމިއްލަ ނަފްސާއި އަނބިންނާއި ޚާދިމުންގެ ޚަރަދުތައް ބެލެހެއްޓުމަކީ ވެސް ހަމަ މި ތަރުބަވީ ޒިންމާއާ ގުޅިފައިވާ ކަމެކެވެ.

އެހެންކަމުން ދަރިން ތަރުބިޔަތު ކުރުމަށް އެހީތެރިވެދޭ ހުރިހާ ކަމަކަށް ހޭދަކުރުމަށްޓަކައި އަދި އާއިލާގެ ދިރިއުޅުމުގެ މައީޝަތު ހަމަޖެއްސުމަށްޓަކައި ކޮންމެ ފިރިހެނަކު ވެސް ދިރިއުޅުމަށް މަސައްކަތެއް ކުރަން ޖެހެ އެވެ. އާމްދަނީ ހޯދަން ޖެހެ އެވެ. އަދި އިސްރާފު ކުރުމާއި ކަން ދެއްކުން ނުލައި އެ އިން ދަރިން ތަރުބިޔަތު ކުރުމަށް ހޭދަކުރަން ޖެހެ އެވެ. ކޮންމެ މީހަކު ވެސް އެ މީހަކަށް ﷲ ތަނަވަސްކަން ދެއްވާ މިންވަރަކުންނެވެ. ނަމަވެސް މިއީ އުފަލުން ތިމާ ކުރާ ކަމަކަށް ހަދަން ޖެހެ އެވެ. ތަރުބަވީ ޒިންމާ ފުރިހަމަ ކުރެވޭނީ މިގޮތަށް މިކަންކަން ކޮށްގެންނެވެ.