Roadha Mihaaru
މަރުވުމަށް ފަހު ވެސް މަންފާކޮށްދޭނެ ދަރިއެއް މުހިންމު

ހަދީސެއްގެ އަލީގައި: މަރުވުމަށް ފަހު ވެސް މަންފާކޮށްދޭނެ ފަދަ ދަރިއަކު ތަރުބިޔަތުކުރުން

01 އެޕްރީލް 2024

މާތްﷲ ރުއްސުންލެއްވި އަބޫހުރައިރާގެ ކިބައިން ރިވާކުރެވިގެންވާ ހަދީސެއްގެ މާނައިގައި ވެ އެވެ. "އިންސާނާ މަރުވެއްޖެ ނަމަ ތިން ކަމަކުން ފިޔަވައި އޭނާގެ އަމަލުތައް ކެނޑިގެން ދެ އެވެ. އެއީ ދެމިގެންދާ ޞަދަގާތަކާއި މަންފާކުރަނިވި ޢިލްމަކާއި އޭނާ އަށް ހެޔޮދުއާ ކޮށްދޭނެ ދަރިއެކެވެ." (މުސްލިމް).

ޑރ. ސަޢުދުﷲ ޢަލީ ޑރ. ސަޢުދުﷲ ޢަލީ

މާތްﷲ ރުއްސުންލެއްވި އަބޫހުރައިރާގެ ކިބައިން ރިވާކުރެވިގެންވާ ހަދީސެއްގެ މާނައިގައި ވެ އެވެ. "އިންސާނާ މަރުވެއްޖެ ނަމަ ތިން ކަމަކުން ފިޔަވައި އޭނާގެ އަމަލުތައް ކެނޑިގެން ދެ އެވެ. އެއީ ދެމިގެންދާ ޞަދަގާތަކާއި މަންފާކުރަނިވި ޢިލްމަކާއި އޭނާ އަށް ހެޔޮދުއާ ކޮށްދޭނެ ދަރިއެކެވެ." (މުސްލިމް).

މި ހަދީސްގައި މި ބަޔާންކުރަނީ އިންސާނާ މަރުވުމަށް ފަހު އޭނާ އަށް ހެޔޮކަމެއް ކުރުމުގެ ފުރުސަތު (އާންމު އުސޫލުން ބަލާއިރު) ދެން ނޯންނާނެ ކަމުގައި ވިއަސް އޭނާ ދުނިޔެމަތީގައި ކަންކޮށްފައިވާ ގޮތަކުން އެ ފުރުސަތު ހޯދިދާނެ ގޮތްތަކެއްގެ ވާހަކަ އެވެ. މިގޮތުން ތިން ގޮތެއްގެ ވާހަކަ މި ހަދީސްގައި ބަޔާން ކުރެ އެވެ.

އެއްގޮތަކީ ދެމިގެންދާ ގޮތަށް އޭގެ ބޭނުން މީސްތަކުންނަށް ހިފޭނެ ގޮތަށް ކުރެވޭ ޞަދަގާތެކެވެ. މިސާލަކަށް ބިމެއް ނުވަތަ އިމާރާތެއް ނުވަތަ މިސްކިތެއް ނުވަތަ ގަހެއް ނަމަވެސް ވަޤުފު ކުރުމެވެ. ދެ ވަނަ ގޮތަކީ ޢިލްމެއް ދޫކުރުމެވެ. އެބަހީ ޢިލްމެއް ބަޔަކަށް އުންގަންނައިދީގެން ނުވަތަ ޢިލްމީ ލިޔުންތައް އެކި ވަސީލަތްތަކުގައި ޝާއިޢުކޮށްގެން އެ ޢިލްމު މީސްތަކުންނަށް ލިބެމުންދާ ގޮތް ވުމެވެ. ތިން ވަނަ ގޮތަކީ އޭނާ އަށް ހެޔޮދުއާކޮށް، އޭނާ އަށް ސަވާބު ލިބިދާނެ ފަދަ އަމަލުތައް ކުރާނެ ދަރިއަކު ތަރުބިޔަތު ކުރުމެވެ.

މި ތިން ކަންތައް ނުވަތަ މި އިން ކަމެއް މީހެއްގެ ހަޔާތުގައި ރަނގަޅު ގޮތުގައި ކުރެވިއްޖެ ނަމަ އެ އޮތީ އޭނާ މަރުވެގެން ދިޔަޔަސް ދަރުމަ ހޯދޭނެ މަގެއް ކަށަވަރު ކުރެވިފަ އެވެ.

ދަރިންގެ ފަރާތުން މަންފާ ލިބޭނީ ހެޔޮގޮތުގައި ދަރިން ތަރުބިޔަތު ކޮށްގެން

މި ހަދީސްގައި ބަޔާންކުރެވިފައިވާ ކަންކަމުގެ ތެރޭގައި ހެޔޮދުއާ ކުރާނެ ދަރިއަކު ހިމެނެ އެވެ. މި ތަނުގައި "ހެޔޮދުއާކުރާނެ" ދަރިއެކޭ އޮތުމުން މިއީ ކޮންމެ ކޮންމެ ގޮތަކަށް ތަރުބިޔަތު ކުރެވިފައިވާ ދަރިއަކަށް ވެގެން ނުވާނެކަން ދޭހަވެ އެވެ. އެހެނީ ދަރިއެއްގެ ޢަޤީދާ ގޯސްވެ، އިސްލާމްކަން ދޫކޮށްލައިފި ނަމަ ނުވަތަ އިސްލާމް ކަމުގައި ހުރެ އުރެދުމާއި ފާސިގު ތަރުބިޔަތު ވެއްޖެ ނަމަ ނުވަތަ އެ ދަރިއަކީ މައިންބަފައިންނަށް ހެޔޮކޮށް ނުހިތާ ދަރިއަކަށް ވެއްޖެ ނަމަ އެފަދަ ދަރިއަކު ހެޔޮ ދުއާކޮށްފާނެ ކަމަށް ނުވަތަ މައްޔިތާ އަށް ދަރުމައެއް ލިބޭ ފަދަ އަމަލެއް ކޮށްފާނެ ކަމަށް ޝައްކެވެ. އިންސާނަކު ބަދަލުވުމަކީ ނުވާނެ ކަމެއް ނޫނެވެ.

ނަމަވެސް ހަދީސްގައި އެވާ ގޮތަށް މައްޔިތާ އަށް އެންމެ ފުރަތަމަ ދުވަހުން ފެށިގެން ވެސް ދަރުމަ ލިބެމުން ދާނީ ހަދީސްގައި އެ ބަޔާން ކުރާ ފަދަ ދަރިއަކު ތަރުބިޔަތު ކޮށްގެންނެވެ. މިފަދަ ދަރިއަކު ތަރުބިޔަތު ކުރެއްވިއްޖެ ނަމަ ތިމާ ދުނިޔޭގައި ހުންނަ އިރު ވެސް ތިމާ އަށް ހެޔޮކޮށް ހިތާނެ ކަމުގެ ޔަގީންކަން ބޮޑެވެ.

މަރުވެ ދިއުމަށް ފަހު، ތިމާ އަށް ރަހުމަތް ލެއްވުމަށާއި ފާފަ ފުއްސެވުމަށް އެދި ހެޔޮދުއާ ކުރާނެ ކަމުގެ ނުވަތަ ތިމާ އަށް މަންފާ ލިބެނިވި ކަހަލަ އަމަލުތައް ކުރާނެ ކަމުގެ އުންމީދު ބޮޑެވެ. މިފަދަ އަމަލުތަކުގެ ތެރޭގައި މިސާލަކަށް މައްޔިތާގެ ނަމުގައި ޞަދަގާތް ކުރުމާއި މައްޔިތާ އަށް އަދާނުކުރެވި އޮތް، ބަދަލުގައި ކުރެވޭ ފަދަ، އަޅުކަމެއް ބަދަލުގައި ކޮށްދިނުން ފަދަ ކަންކަން ހިމެނެ އެވެ. ބަދަލުގައި ކުރެވިދާނެ އަޅުކަންތަކުގެ ތެރޭގައި ޒަކާތްދިނުމާއި ހައްޖުވުމާއި ރޯދަހިފުން ހިމެނެ އެވެ. ނަމަވެސް ނަމާދު ނުހިމެނެ އެވެ. ދަރުމަ ލިބިދާނެ ފަދަ ކަންކަމުގެ ތެރޭގައި ސަދަގާތް ހިމެނެއެވެ. އެކަމަކު އޭގެ ތެރޭގައި ކީރިތި ޤުރްއާން ކިޔެވުން ހިމެނޭތޯ ނުވަތަ ނޫންތޯ ޢިލްމުވެރިންގެ މެދުގައި އިޚްތިލާފު އޮވެ އެވެ.

މިގޮތުން ބައެއް ބޭކަލުން ވިދާޅުވަނީ ޤުރްއާން ކިޔެވުން އޭގެ ތެރޭގައި ނުހިމެނޭނެ ކަމަށެވެ. ނަމަވެސް އަނެއްބައި އިލްމުވެރިން ވިދާޅުވަނީ ޤުރްއާން ކިޔަވައި އެ އިން ލިބޭ ދަރުމަ މައްޔިތާ އަށް ހަދިޔާކޮށްދިނުމަށް އެދި ދުއާކުރުމުން އިންޝާ ﷲ އެ ދަރުމަ ލިބޭނެ ކަމަށެވެ. ވީމާ މި ރައުޔުގެ މައްޗަށް ބަލައި ޤުރްއާން ކިޔަވައި އޭގެ ސަވާބު މައްޔިތާއަށް ދެއްވުމަށް އެދި ދުއާ ކުރެވިދާނެ އެވެ.

މި ހަދީސުން ލިބޭ ތަރުބަވީ ފައިދާތައް

ތަރުބަވީ މައިދާނުގައި މުރައްބީއެއްގެ ހައިސިއްޔަތުން މި ހަދީސުން ލިބިގަނެވޭނެ ފިލާވަޅުތައް އެބަހުއްޓެވެ. އޭގެ ތެރެއިން އެއް ފިލާވަޅަކީ ދަރިން ހެޔޮގޮތުގައި ތަރުބިއްޔަތު ކުރުމުގެ މުހިންމުކަން ދެނެގަތުމެވެ. މިއީ ތިމާ މަރުވެދިއުމަށް ފަހު ވެސް އެ ދަރިފުޅު ދުނިޔޭގައި ހުރިހާ ދުވަހަކު ތިމާ އަށް ހެޔޮދުއާކުރުމުގެ ސަބަބުން ނުވަތަ ތިމާ އަށް މަންފާ ލިބޭ ހެޔޮ އަމަލެއް ކުރުމުގެ ސަބަބުން ތިމާ އަށް އެ އިން މަންފާ ލިބެމުންދާނެ ކަމެއްކަން ދެނެގަތުމެވެ.

ދެ ވަނަ ފިލާވަޅަކީ، ދަރިއަކު ތިމާ އަށް ހެޔޮދުއާ ކުރާނީ ނުވަތަ މަންފާ ލިބޭނެ އަމަލެއް ކުރާނީ އެ ދަރިފުޅު ހެޔޮގޮތުގައި ތަރުބިއްޔަތު ކޮށްގެންކަން ދަނެ އެކަމަށް ބުރަކޮށް މަސައްކަތް ކުރަން ޖެހޭނެ ކަމެވެ. އެހެން ނޫން ނަމަ ދަރިއަކީ ހަދީސްގައި މި ބަޔާންކުރާ ފަދަ ދަރިއަކަށް ވެދާނެ ކަމުގެ ޔަގީންކަމެއް ނުލިބޭނެ އެވެ. ވީމާ ދަރިން ޖިސްމާނީ ގޮތުން ތަރުބިޔަތު ކުރަން މަސައްކަތް ކުރާ ފަދައިން އެ ދަރިންގެ ޢަޤީދާ ވަރުގަދަ ކުރުމަށްޓަކައި ރޫޙާނީ ގޮތުން ތަރުބިޔަތު ކުރަން ޖެހޭނެ އެވެ. ހަމަ އެފަދައިން ދަރިންގެ އަޚްލާޤު ރަނގަޅުކޮށް، މީސްތަކުންނާ އެކު ހެޔޮގޮތުގައި މުޢާމަލާތު ކުރަން ދަސްކޮށްދިނުމަށްޓަކައި އަޚްލާޤީ އަދި އިޖުތިމާޢީ ގޮތުން ތަރުބިޔަތު ކުރަން ޖެހޭނެ އެވެ. މީގެ އިތުރުން ހެޔޮވިސްނުން ތަރައްގީ ކުރުމަށްޓަކައި ޢިލްމީ އަދި ފިކުރީ ގޮތުންނާއި ޖަޒުބާތުތައް ވަޒަން ހަމަ ކުރުމަށްޓަކައި ނަފްސާނީ ގޮތުން ވެސް ތަރުބިޔަތު ކުރަން ޖެހޭނެ އެވެ.

ތިން ވަނަ ފިލާވަޅަކީ، ދަރިންގެ ހެޔޮދުއާ އާއި އަމަލުތަކުގެ ސަބަބުން މައްޔިތާ އަށް މަންފާ ލިބޭތީ އެގޮތަށް ދަރިން އަމަލު ކުރުމަށް ހަނދާން ކޮށްދޭން ޖެހޭނެ ކަމެވެ. ދަރިންގެ ތަރުބިޔަތުގެ ތެރޭގައި ވަކިން ޚާއްސަ ގޮތެއްގައި މި ބައި ހިމަނައިގެން ކުރިއަށް ގެންދިއުން މުހިންމެވެ.

ހަތަރު ވަނަ ފިލާވަޅަކީ، ތިމާގެ އަމިއްލަ މައިންބަފައިންނަށް ހެޔޮ ދުއާކުރުމާއި އެ މީހުންނަށް ދަރުމަ ލިބޭނެ ފަދަ ކަންކަން ކުރުމާއި ދެމިގެންދާ ގޮތަށާއި އެ ނޫން ގޮތްގޮތަށް ވެސް ތިމާގެ ފެންވަރުން ސަދަގާތް ކުރުމާއި ޢިލްމު ފަތުރަން ވެސް ތިމާގެ ފެންވަރުން މަސައްކަތް ކުރަން ޖެހޭނެ ކަމެވެ. އޭރުން މި ކަންކަން ވެގެން ދާނީ ދަރިންނަށް ފެންނާނެ ރަނގަޅު ނަމޫނާ އަކަށެވެ. ދަރިން ތަރުބިޔަތު ކުރުމުގައި ހެޔޮ އަމަލުތައް ކުރުމުގެ ނަމޫނާ އެ ދަރިންނަށް ފެނުމަކީ ތަރުބިޔަތުގެ ވަރަށް މުހިންމު ވަސީލަތެކެވެ.

ފަސް ވަނަ ފިލާވަޅަކީ، ހެޔޮލަފާ އަންބަކު ހޯދުމަށާއި ހެޔޮލަފާ ދަރިއަކު ދެއްވުމަށް އެދި ﷲ ގެ ހަޒުރަތުގައި ދުޢާކުރަން ޖެހޭނެ ކަމެވެ. އެހެނީ މި ކަންކަން ވެސް ހިމެނެނީ ދަރިން ހެޔޮގޮތުގައި ތަރުބިޔަތު ކުރުމުގެ ތެރެއިން ކަމަށް ވާތީ އެވެ.

މި ނޫނަސް މި ހަދީސުން މުރައްބީންނަށް ލިބިގަނެވޭނެ އެހެން ފިލާވަޅުތައް ވެސް ހުރެދާނެ އެވެ. މުހިންމު ކަމަކީ މިފަދަ ހަދީސްތަކުން ފިލާވަޅުތައް ލިބިގަނެ ތަރުބަވީ މަސައްކަތް ކާމިޔާބު ކުރުމެވެ.