Roadha Mihaaru
ރޯދަހިފުން ބޭކާރު ކަމަކަށް ވިޔަ ނުދީ!

ރޯދަހިފުން ބޭކާރު ވިޔަ ނުދީ، ﷲ އަށް ތަގުވާވެރިވުން އަމާޒަކަށް ހަދަންޖެހޭ

11 މާޗް 2024

އިސްލާމްދީނުގެ ކޮންމެ އަޅުކަމެއްގެ ވެސް އަމާޒަކީ ތަޤުވާވެރިކަން ހާސިލު ކުރުމެވެ. ރޯދައިގެ ވެސް އަމާޒަކީ މާތްﷲ އަށް ތަޤުވާވެރިވާން ދަސް ކުރުމެވެ. އެބަހީ އެކަލާނގެ އަށް ބިރުވެތިވެ، އަމުރުތަކަށް ކިޔަމަންވެ، ނަހީތަކުން ދުރުހެލިވާން ދަސްކުރުމެވެ. އެއީ އެ ގޮތުގެ މަތީ މުޅި ހަޔާތް ވޭތުކުރުމަށް އާދަކުރުމަށްޓަކައެވެ.

ޑރ. ސަޢުދުﷲ ޢަލީ ޑރ. ސަޢުދުﷲ ޢަލީ

އިސްލާމްދީނުގެ ކޮންމެ އަޅުކަމެއްގެ ވެސް އަމާޒަކީ ތަޤުވާވެރިކަން ހާސިލު ކުރުމެވެ. ރޯދައިގެ ވެސް އަމާޒަކީ މާތްﷲ އަށް ތަޤުވާވެރިވާން ދަސް ކުރުމެވެ. އެބަހީ އެކަލާނގެ އަށް ބިރުވެތިވެ، އަމުރުތަކަށް ކިޔަމަންވެ، ނަހީތަކުން ދުރުހެލިވާން ދަސްކުރުމެވެ. އެއީ އެ ގޮތުގެ މަތީ މުޅި ހަޔާތް ވޭތުކުރުމަށް އާދަކުރުމަށްޓަކައެވެ.

ރޯދައާ މެދު ގަބޫލު ކުރަންޖެހޭ މުހިންމު ކަންތައްތަކެއް

ރޯދައިން މި އަމާޒު ހާސިލުކުރުމަށްޓަކައި އެންމެ ފުރަތަމަ ރޯދައާ މެދު ތިމާ ގަބޫލު ކުރަންޖެހޭ ގަބޫލު ކުރުންތަކެއް ވެ އެވެ. އެ އަށް ފަހު އެ އަޅުކަމާ މެދު ތިމާގެ ހިތުގައި އޮންނަން ޖެހޭ ޚާއްސަ ޝުއޫރުތަކެއް ވެ އެވެ. މިގޮތުން ރޯދައަކީ މާތްﷲ މުސްލިމުންގެ މައްޗަށް ފަރުޟު ކުރައްވާފައިވާ އަދި އިސްލާމް ދީނުގެ ރުކުންތަކުގެ ތެރެއިން ހިމެނޭ ރުކުނެއްކަން ހިތުގެ އަޑިން ގަބޫލު ކުރަން ޖެހެ އެވެ. އެހެންވެ، ރޯދަ ހިފަނީ މާތްﷲ އަށް އަޅުވެތިވުމަށްޓަކައި އެ ފަރާތަށް އެކަނި ޚާލިސް ކޮށްގެންކަން ގަބޫލު ކުރަން ޖެހެއެވެ. ތިމާ އުޅޭ މުޖުތަމައުގައި އެހެން މީހުން ވެސް ރޯދަ ހިފާތީކީ ނޫންކަން ނުވަތަ މުޖުތަމައަށް ލަދަށް ނޫންކަން ގަބޫލު ކުރަން ޖެހެ އެވެ. ނުވަތަ އެއީ ޒަމާނުއްސުރެ ކުރަމުން އަންނަ ކަމަކަށް ވާތީ އެ ސަގާފަތް ހިފަހައްޓަން ކުރާ ކަމެއް ނޫންކަންވެސް ގަބޫލު ކުރަން ޖެހެއެވެ.

މީގެ އިތުރަށް ރޯދައަކީ އެކަމުގައި ތިމާ ވާން ޖެހޭ ގުރުބާންތަކެއް އެކުލެވޭ ކަމެއް ކަމަށް ވިއަސް އެއީ ތިމާގެ ހަށިގަނޑަށް ނުވަތަ ނަފްސަށް ދޭ އަނިޔާއެއް ނޫންކަން ވެސް ގަބޫލު ކުރަން ޖެހެ އެވެ. އޭގެ ބަދަލުގައި ގަބޫލުކުރަން ޖެހެނީ ރޯދަ ފަރުޟު ކުރެއްވީ އިންސާނުންގެ ހުރިހާ ހަގީގަތެއް އެންމެ މޮޅަށް ދެނެވޮޑިގެންވާ އެ އިންސާނާ ހެއްދެވި ފަރާތުން ކަމަށް ވާތީ އަދި އެ ފަރާތުން އިންސާނާ އަށް ގެއްލުމެއް ލިބެނިވި އެއްވެސް ކަމެއް ތަކުލީފު ނުކުރައްވާނެތީ ރޯދަ ހިފުމުގައި އެއްވެސް ގެއްލުމެއް ނޯންނާނެ ކަމެވެ. ގެއްލުމެއް ކިރިޔާ ވެސް ލިބިދާނެ ހާލަތްތަކުގައި ރޯދަ ނުހިފަން ނުވަތަ ފަސް ކުރަން އެފަރާތުން ހުއްދަ ދެއްވާފައިވާ ކަން އަބަދުވެސް ހަނދާން ކުރަން ޖެހެ އެވެ.

ރޯދަ އަށް ހުރުމަކީ ހަމައެކަނި ކެއުންބުއިމާއި އެ ނޫން ވެސް ރޯދަ ގެއްލޭ ކަންތަކުން އެކަނި 'ރޯދަ ހިފުން' ނޫންކަން ވެސް ގަބޫލު ކުރަން ޖެހެ އެވެ. އެކަމަކު ނަބަވީ އިރުޝާދު ތަކުގައިވާ ފަދައިން ހަޑިހުތުރު ބަސްތަކާއި ފާޙިޝް ޢަމަލުތަކާއި ނޭދެވޭ އެންމެހާ ކަންކަމުން ވެސް “ރޯދަހިފަން” ޖެހޭނެ ކަން ގަބޫލު ކުރަން ޖެހެއެވެ.

ކުށްތަކާއި ފާފަތަކުން ދުރުހެލިވާން މަސައްކަތްކުރުން

މިފަދަ ގޮތަކަށް ރޯދައާ މެދު ބަލާ މީހަކު ހިފާ ރޯދަ ހަމައެކަނި ނުކައި ނުބޮއެ ފަޖުރުލީއްސުރެ އިރު އޮއްސެންދެން ހުރެލާ މީހަކާ ވަރަށް ތަފާތު ވާނެ އެވެ. ސަބަބަކީ މިފަދަ މީހާ އެންމެ ފުރަތަމަ ރޯދަ ހިފަން ނިޔަތް ގަންނަ އިރުވެސް ހިތުގެ އަޑިން ގަބޫލު ކުރާނީ މި އުޅެނީ ﷲއަށްޓަކައި އެކަލާނގެ ފަރުޟު ކުރެއްވި ރޯދަ ހަމައެކަނި އެ ފަރާތަށް ޚާލިސްވާ ގޮތުގައި ހިފަން ކަމަށެވެ. އެހެން މީހުން ރޯދަ އަށް ތިބޭތީވެ، އެ މީހުންނާ އެއްގޮތް ވާން ނޫން ކަމަށެވެ. ވީމާ މިފަދަ މީހެއްގެ އަމާޒަކަށް ވާނީ އެ ނިޔަތްގަންނަ ވަގުތުން ފެށިގެން އިރު އޮއްސެންދެން ހަމައެކަނި ކެއުންބުއިމާއި ޝަހުވަތްތަކުން ދުރުހެލިވުމެއް ނޫނެވެ. މާތްﷲގެ ހަޟްރަތުގައި ގަބޫލު ވެވިގެން ނުވާ ކޮންމެ އަމަލަކުން ވެސް ދުރުހެލިވެގެން ހުރުމެވެ. އިރު އޮއްސުމަށް ފަހު ވެސް އޭނާ ހުންނާނީ ހަމަ އެގޮތުގަ އެވެ. ދުވާލު ޙަރާމް ވެފައި ރޭގަނޑު ހުއްދަވާ ކަންކަން ފިޔަވައި އެހެން ނޭދެވޭ އަމަލެއް ރޭނގަޑުގެ ވަގުތު ތަކުގައި ވެސް ނުކޮށް ހުރުން އެއީ ހަމަ އޭނާގެ އަމާޒު ކަމަށް ވާނެ އެވެ. އޭނާ ދުވާލުގެ ވަގުތު ތަކުގައި ކިތަންމެ ހައިވިއަސް އަދި ކިތަންމެ ކަރު ހިއްކައި ގަތަސް އޭނާގެ އަޒުމަކަށް ބަދަލެއް ނާންނާނެ އެވެ. އޭނާ އަބަދުވެސް ހަނދާން ކުރާނީ މިއީ ﷲގެ އަމުރެއް ކަމެވެ. ވީމާ ކިތަންމެ ބޮޑު ގުރުބާނެއް މި ކަމުގައި ވާން ޖެހުނަސް ކެތްކުރާނަމެވެ. މި އަށް ވުރެ ގިނަ ވަގުތު މިގޮތުގައި ހުންނަން ޖެހުނަސް ތިމަންނާ އަށް މައްސަލައެއް ނެތެވެ. ތިމަން ބޭނުންވަނީ ހަމައެކަނި މާތްﷲ ގެ ރުހިވޮޑިގަތުމެވެ. ޝައިޠާނާ އަކަށް އެންމެ ތަންފުކެއްވެސް ދޫނުކުރާނަމެވެ.

ތަޤުވާވެރިކަން ހަގީގަތުގައި ދަސްކުރެވޭނީ މި ދެންނެވި ފަދަ ރޫހާނިއްޔަތަކާ އެކު ރޯދަ ހިފާ ނަމަ އެވެ. ރޯދަ ހިފާ ބައެއް މީހުންގެ ފަރާތުން ތަޤުވާވެރިކަމުގެ އަސަރު ނުފެންނަ ސަބަބީ ހިފާ ރޯދާގައި ރޫހާނީވަންތަ ކަމެއް ނެތުމެވެ. ރަސޫލާ ﷺ ހަދީސް ކުރައްވާ ފަދައިން ހަމައެކަނި ކަރުހިއްކުމާއި ހައިވުން ފިޔަވައި އެހެން ފައިދާއެއް ލިބޭ ގޮތަށް ރޯދަ ނުހިފޭތީ އެވެ.

މިފަދަ މީހާ ރޯދަ އަށް ހުންނަ ވަގުތު ޙަރާމް ކަމެއް ނުވަތަ މަކްރޫހަ ކަމެއް ވިއަސް ކުރަން ކުރިމަތިވެއްޖެ ނަމަ ވަގުތުން "ތިމަން މިހުރީ ރޯދަ އަށޭ" ހިތަށް އަރައި އެކަމަކުން ދުރުހެލިވާނެ އެވެ. ދުވާލާއި ރޭގަނޑުގެ ވަގުތުތައް ކުޅަދާނަވީ ވަރަކުން ފަރުޟު އަޅުކަމާއި ސުންނަތްތައް އަދާ ކުރުމުގައި ހޭދަ ކުރާނެ އެވެ. އެއްހާސް މައްސަރަށް ވުރެ ހެޔޮ ވެގެންވާ ރެއެއް އެ މަހުގައި ވާކަން ގަބޫލުކޮށް ރޭގަނޑުގެ ވަގުތުތައް އަޅުކަމުގައި ހޭދަ ކުރާނެ އެވެ. މިތަނުގައި އަޅުކަމުގެ މާނަ އެއީ ހަމައެކަނި ޝަރުޢު ކުރެވިފައިވާ ޚާއްސަ އަޅުކަންތައް ކަމުގައި ބެލުން ކޮންމެހެން ލާޒިމެއް ނުވާނެ އެވެ. ދިރިއުޅުމަށްޓަކައި ކުރާ މަސައްކަތަކުން ދުވާލުގެ ވަގުތު ނުނިމި އޮތް ބައެއް ފުރިހަމަ ކުރުން ނުވަތަ ޢިބާދާތުތައް އަދާ ކުރުމުގައި އެހީތެރިވެދޭ ފަދަ އެހެން ކަމެއް ކުރުން ވެސް އަޅުކަމުގެ ފުޅާ މާނައިން ބޭރު ނުވާނެ އެވެ.

ރޯދައިގެ ރޫޙާނިއްޔަތާ އެކު ރޯދަހިފުން

ރޯދައިގެ ރޫޙާނިއްޔަތަކީ ދުވާލު ކަންނެއް ވެފައި ތިބެ ރޭގަނޑު މަސައްކަތް ކުރުމެއް ނޫނެވެ. ރޯދައަށް ހުއްޓޭ ކިޔާފައި ކުރަން ޖެހޭ މަސައްކަތްތަކަށް ހަގީގަތުގައި އެއްވެސް ބަދަލެއް އައިސްގެން ނުވާނެ އެވެ. ދުވާލު ވަރުބަލިވާތީއޭ ކިޔާފައި މަސައްކަތް ނުކޮށް ނިދުމާއި އަރާމު ކުރުމުގައި އެ ވަގުތުތައް ހޭދަކުރާ ނަމަ ރޯދައިން ދަސްކުރަން ބޭނުންވާ ކެއްތެރިކަމާއި އަޒުމު ވަރަގަދަވުން ދަސް ކުރާނީ ކިހިނަކުން ހެއްޔެވެ؟ ކުޅިވަރުގެ މުބާރާތަކަށް ތައްޔާރުވާ މީހާ އޭނާގެ ފަރިތަކުރުންތަކުގައި ވަރުބަލިވެލާ ކޮންމެ ފަހަރަކު ފަރިތަ ކުރުން ހުއްޓާލާ ނަމަ އޭނާ އަށް މުބާރާތުގައި ބައިވެރި ވެވިދާނެ ކަމަށް ގަބޫލު ކުރެވޭ ހެއްޔެވެ؟ ހަގީގަތުގައި ރޯދައިގެ މަދަރުސާއިން ދަސް ކުރަނީ ހަމަ އެހެން މަސްމަހެކޭ އެއްފަދައިން ދިރިއުޅުމުގެ މަސައްކަތްތަކުގައި އުޅެމުން ރޯދަ ހިފާށެވެ. ކެތްތެރިކަމަށް ޕްރެކްޓިސް ލިބޭނީ އޭރުންނެވެ. ހެނދުނު ގަޑީ މަސައްކަތް ކުރަން ޖެހޭތީއޭ ކިޔާފައި ވަރަށް ކުރީ ހާރުކައި ނިދައި ފަތިސް ނަމާދަށް ނުހޭލުން އެއީ އިސްލާމީ ގޮތެއް ނޫނެވެ. އިސްލާމީ ގޮތަކީ ރޭގަނޑު އަވަހަށް ނިދާފައި ފަތިސް ނަމާދުގެ ކުރިން ހާރު ކެވޭހާ ވަގުތު އޮއްވައި ތެދުވެ ހާރުކައި ފަތިސް ނަމާދު ކުރުމެވެ.

އިސްލާމީ މަރުކަޒުގައި މިއަދު ކުރި މެންދުރު ނަމާދަށް ފަހު ކުޑަކުއްޖަކާއި އެ ކުއްޖާގެ ބެލެނިވެރިޔާ ގުރުއާން ކިޔަވަނީ.---ފޮޓޯ: ނިޝާން އަލީ| މިހާރު

އިސްލާމީ މަރުކަޒުގައި މިއަދު ކުރި މެންދުރު ނަމާދަށް ފަހު ކުޑަކުއްޖަކާއި އެ ކުއްޖާގެ ބެލެނިވެރިޔާ ގުރުއާން ކިޔަވަނީ.---ފޮޓޯ: ނިޝާން އަލީ| މިހާރު

ރޯދަ އަށް ހުރެ ކުރާ އެކިއެކި ދުއާ ތަކަކީ ވެސް އޭގައި އެއްވެސް މާނައެއް ނެތި ދުލުން ބޭރު ކުރާ އަޑުތަކަކަށް ހަދައިގެން ނުވާނެ އެވެ. މިސާލަކަށް ރޯދަ ވީއްލާ ހިނދު ކުރާ ދުއާ ކުރާ އިރު ހިތުގައި އޮންނަން ޖެހޭނީ އިބަރަސްކަލާނގެއަށްޓަކައި މި އަޅާ ރޯދަ ހިފައިފީމެވެ. އަދި އިބަ ރަސްކަލާނގެ ދެއްވެވި ރިޒުގުން މިއަޅާ ރޯދަ ވީއްލަމެވެ. އަދި ވާރިދުވެފައިވާ އެހެން ދުއާއެއް ކުރާ ނަމަވެސް އެ ދުއާއެއްގައި އެކުލެވޭ މާނަ ހިތަށް އެރުމަކާ ނުލައި ހަމައެކަނި ދުލުން ބޭރު ކުރާ އަޑަކުން ރޫހާނީ ފައިދާއެއް ނުލިބޭނެ އެވެ.

ތަޤުވާވެރިކަން ހަގީގަތުގައި ދަސްކުރެވޭނީ މި ދެންނެވި ފަދަ ރޫހާނިއްޔަތަކާ އެކު ރޯދަ ހިފާ ނަމަ އެވެ. ރޯދަ ހިފާ ބައެއް މީހުންގެ ފަރާތުން ތަޤުވާވެރިކަމުގެ އަސަރު ނުފެންނަ ސަބަބީ ހިފާ ރޯދާގައި ރޫހާނީވަންތަ ކަމެއް ނެތުމެވެ. ރަސޫލާ ﷺ ހަދީސް ކުރައްވާ ފަދައިން ހަމައެކަނި ކަރުހިއްކުމާއި ހައިވުން ފިޔަވައި އެހެން ފައިދާއެއް ލިބޭ ގޮތަށް ރޯދަ ނުހިފޭތީ އެވެ.

ވީމާ ރަމަޟާންމަހުގެ ތިރީސް ދުވަސް ވަންދެން ނުކައި ނުބޮއެ ދުވާލުގެ ވަގުތުތައް އެހާ ހާލުގައި ދުއްވާލާ އިރު އެއިން ފައިދާއެއް ހޯދަން ވިސްނާލުން ވަރަށް މުހިންމެވެ. ބޭކާރުގޮތުގައި ހައިވެ ކަރުހިއްކުމުގެ ބޭނުމަކީ ކޮބައި ހެއްޔެވެ؟