Roadha Mihaaru
ހަދީސެއްގެ އަލީގައި: ދަރިން ފިތުރަތުގައި ދެމެހެއްޓުން

ހަދީސެއްގެ އަލީގައި: ދަރިން ފިތުރަތުގައި ދަމަހައްޓަން މަސައްކަތް ކުރުން

15 މާޗް 2024

ﷲ ރުއްސުންލެއްވި އަބޫހުރައިރާ ގެ ކިބައިން ރިވާވެގެންވެ އެވެ. "ދުނިޔެ އަށް އުފަންވާ އެއްވެސް ދަރިއެއް ފިތުރަތުގެ މަތީ މެނުވީ އުފަން ނުވެ އެވެ. ފަހެ އެ ދަރިފުޅު ޔަހޫދީ ކުރަނީ ނުވަތަ ނަޞާރާ ކުރަނީ ނުވަތަ މަޖޫސީ ކުރަނީ އޭނާގެ މައިންބަފައިންނެވެ. އެއީ ހައިވާނަކަށް ލިބޭ ގުނަވަންތައް ފުރިހަމަ ހައިވާނެއް ފަދައިންނެވެ. އެފަދަ ހައިވާނެއްގައި އުނިކަމެއް ހުންނާނެ ހެއްޔެވެ؟ އެކަމަކު އެ ފުރިހަމަކަން ދެމިހުންނާނީ ތިޔަބައިމީހުން އެ އެއްޗަކީ އުނިކަން ލިބިފައިވާ އެއްޗަކަށް ހަދައިފުމާ ހަމައަށް ދާނދެން އެކަންޏެވެ." (މުއްތަފަޤު)

ޑރ. ސަޢުދުﷲ ޢަލީ ޑރ. ސަޢުދުﷲ ޢަލީ

ﷲ ރުއްސުންލެއްވި އަބޫހުރައިރާ ގެ ކިބައިން ރިވާވެގެންވެ އެވެ. "ދުނިޔެ އަށް އުފަންވާ އެއްވެސް ދަރިއެއް ފިތުރަތުގެ މަތީ މެނުވީ އުފަން ނުވެ އެވެ. ފަހެ އެ ދަރިފުޅު ޔަހޫދީ ކުރަނީ ނުވަތަ ނަޞާރާ ކުރަނީ ނުވަތަ މަޖޫސީ ކުރަނީ އޭނާގެ މައިންބަފައިންނެވެ. އެއީ ހައިވާނަކަށް ލިބޭ ގުނަވަންތައް ފުރިހަމަ ހައިވާނެއް ފަދައިންނެވެ. އެފަދަ ހައިވާނެއްގައި އުނިކަމެއް ހުންނާނެ ހެއްޔެވެ؟ އެކަމަކު އެ ފުރިހަމަކަން ދެމިހުންނާނީ ތިޔަބައިމީހުން އެ އެއްޗަކީ އުނިކަން ލިބިފައިވާ އެއްޗަކަށް ހަދައިފުމާ ހަމައަށް ދާނދެން އެކަންޏެވެ." (މުއްތަފަޤު)

ކޮންމެ އިންސާނަކު ވެސް އުފަންވަނީ ފިތުރަތުގެ މަތީގައި

މި ހަދީސްގައި ކީރިތި ރަސޫލާ ﷺ އެ ބަޔާން ކުރައްވަނީ ކޮންމެ އިންސާނަކު ވެސް ދުނިޔެ އަށް އުފަން ވަނީ އޭނާގެ ނަފްސުގައިވާ ގުދުރަތީ ތަބީއަތުގެ ދަށުން (ފިޠުރަތުން) ﷲ ގެ އެއްކައުވަންތަކަން ގަބޫލުކޮށް، ބަލައިގަންނަ ފަދަ ތަބީއަތެއްގެ މަތީގަ އެވެ. އެހެންކަމުން މި ތަބީއަތު ދަމަހައްޓަން މަސައްކަތް ކޮށްފި ނަމަ އީމާންކަންމަތީ ހުރެވޭނެ އެވެ. އެކަމަކު މި ތަބީއަތަށް އިހުމާލުވެއްޖެ ނަމަ ނުވަތަ ގަސްދުގައި ބަދަލުކުރަން މަސައްކަތް ކޮށްފި ނަމަ މި ފިތުރަތު ގެއްލި ކާފިރުވެދާނެ އެވެ. ހައިވާނެއް ވެސް އޭގެ ދަރިއެއް އުފަންވާއިރު، ގުނަވަންތައް ބަރާބަރަށް ހުރެފައި އެ އަށް ގެއްލުމެއް ނުދޭ ނަމަ ގުނަވަންތައް ބަރާބަރަށް ހުންނަ ފަދައިންނެވެ. ވިހެއުމަށް ފަހު އެ ސޮރުގެ ގުނަވަނެއް ބުރިކޮށްލައިފިއްޔާ ނުވަތަ ލޯވަޅެއް އަޅައިފިއްޔާ އެއީ އުނިކަން ލިބިގެންދިޔަ ހައިވާނަކަށް ބަދަލުކޮށްލެވޭ ފަދައިންނެވެ.

ހަދީސުން ލިބޭ ތަރުބަވީ ފިލާވަޅުތައް

މި ހަދީސުން މުރައްބީންނަށް ވަރަށް މުހިންމު ތަރުބަވީ ފިލާވަޅުތަކެއް ލިބިގެން އެބަދެ އެވެ. ފުރަތަމަ ކަމަކީ ދަރިން އުފަންވާއިރު ވެސް އުފަންވަނީ ވަރަށް ރަނގަޅު ފިތުރަތެއްގެ މަތީގައި ކަމުން އީމާންކަން މަތީ ބަހައްޓަން އޮތް ފުރުސަތުގެ ބޮޑުކަމެވެ. ނަމަވެސް މި ފުރުސަތު ލިބުން ބިނާވަނީ ފިތުރަތު ދަމަހައްޓަން މަސައްކަތް ކޮށްގެން ކަމެވެ. އެހެނީ ފިތުރަތު އެގޮތަށް އޮތަސް އުފަންވަނީ ކާފިރުކަން މަތީގައި ކަމަށް ނުވާ ފަދައިން އުފަންވަނީ އީމާންކަން މަތީގައި ވެސް ނޫން ކަމަށް ވާތީ އެވެ. އީމާންކަން މަތީގައި އުފަންވާ ނަމަ ފިތުރަތު ދަމަހައްޓަން މަސައްކަތެއް ނުކުރިޔަސް ހުންނާނީ އީމާންކަން މަތީގައި ނޫން ހެއްޔެވެ؟ އެކަމަކު ފެންނަމުންދަނީ މަސައްކަތަކާ ނުލައި އީމާންކަން މަތީ ނުހުރެވޭނެ ކަމެވެ. ﷲ ގެ ހިދާޔަތު ލިބުމަކީ ވެސް ހަގީގަތުގައި ކޮންމެވެސް ސިފައެއްގައި ކޮންމެވެސް މީހަކު (ގަސްދަކާ ނުލައި ވިއަސް) ކުރާ ކޮންމެވެސް ކަމަކާ ގުޅިފައިވާ ކަމެކެވެ. ކައުނުގައިވާ އިލާހީ ގާނޫނުތައް ނިޔާކުރަނީ މިގޮތަށެވެ.

ހަދީސުން ލިބޭ ދެ ވަނަ ފިލާވަޅަކީ އީމާންވުމަށް އޮންނަ ގާބިލިއްޔަތުން އެކަނި ފުއްދާނުލައި މި ގާބިލިއްޔަތުން އީމާންކަން ހާސިލުކޮށްދޭން މަސައްކަތްތަކެއް ކުރަންޖެހޭނެ ކަމެވެ. އެންމެ މުހިންމު ކަމަކީ ދަރިން އިލްމުވެރި ކުރުވުމެވެ. އިންސާނާ އޭނާގެ މައިމީހާގެ ބަނޑުން ނުކުންނަނީ އެއްވެސް އެއްޗެއް ނޭނގޭ ގޮތުގައިވާ ހާލުގަ އެވެ. އެކަމަކު އިވުމާއި ފެނުމާއި ހިތްތައް ﷲ ލެއްވީތީ އެއީ އިލްމު ހޯދުމަށް ލިބިފައިވާ ފުރުސަތެކެވެ. (އައްނަޙްލު 78). އޭގެ ބޭނުން ހިފަން ޖެހޭނެ އެވެ.

ތިންވަނަ ފިލާވަޅަކީ އީމާންކަންމަތީ ދަމަހައްޓަން މަސައްކަތް ކުރާ ފަދައިން އީމާންކަމުން ބޭރުވިޔަ ނުދިނުމަށް ވެސް މަސައްކަތް ކުރަންޖެހޭނެ ކަމެވެ. މައިންބަފައިންނަކީ އީމާން ނުވާ ބައެއް ނަމަ އެ މީހުންނަށް ތަބާވެގެން ދަރިން ވެސް ވާނީ އާންމު އުސޫލުން އީމާން ނުވާ ބަޔަކަށެވެ. އެކަމަކު އެ މީހުންގެ އެ ކުފުރުގެ މަތީ ދަރިން ވެސް ތިބުމަށް އެ މީހުން އެއްވެސް ވަރެއްގެ ބާރެއް ނާޅައިފިއްޔާ ފަހަރެއްގައި ފިތުރަތަށް ރުޖޫއަ ވެދާނެ އެވެ. އެކަމަކު މި ހާލަތުގައި ވެސް ކޮންމެވެސް ބައެއްގެ (ގަސްދެއް ނެތް ނަމަވެސް) މަސައްކަތެއް ލާޒިމުވެ އެވެ. މި މަސައްކަތަކީ ޚުދު އެ ދަރިންގެ އަމިއްލަ މަސައްކަތަކަށް ވެސް ވެދާނެ އެވެ.

ﷲ އަށް އީމާން ނުވާ މައިންބަފައިންނާ ޚިލާފަށް ﷲ އަށް އީމާންވާ މައިންބަފައިން އެ މީހުންގެ ދަރިން ކުފުރުގެ ތެރެއަށް ވަނަ ނުދޭން ގަދައަޅައި މަސައްކަތް ކުރަން ޖެހޭނެ އެވެ. ހަދީސްގައި ތިން ދީނެއްގެ ވާހަކަ އެކަނި ބަޔާންކޮށްފައި އޮތުމަކީ ހަމައެކަނި އެ ތިން ދީނުން ދީނަކަށް ދަރިން ދިޔަ ނުދީ ހިފަހައްޓަން ދަލީލުކުރާ ކަމެއް ނޫނެވެ. އެހެނެއް ކަމަކު، އެއްކައުވަންތަ ﷲ އަށް އީމާންވުން ނަފީކުރާ އެއްވެސް ފިކުރަކަށް ދިޔަދީގެން ނުވާނެކަން ހަދީސުން ދޭހަވެ އެވެ. އެހެނީ ހަދީސްގެ މައުޟޫއު އަކީ ފިތުރަތުގެ މަތީ ދަރިން ތަރުބިޔަތު ކުރުމެވެ.

ހަތަރުވަނަ ފިލާވަޅަކީ ހައިވާނެއްގެ ގުނަވަންތައް ހަލާކުކޮށްލީމާ ނުކުޅެދޭ އެއްޗަކަށް އެސޮރުމެން ބަދަލުވާ ފަދައިން އިންސާނީ ފިތުރަތު ދަމަހައްޓަން މަސައްކަތް ނުކޮށްފި ނަމަ ނުވަތަ އެ ފިތުރަތުން ބޭރުވާ ފަދަ ކަމެއް ކޮށްފި ނަމަ އިންސާނާ ވެސް ވެގެންދާނީ ނުކުޅެދޭ ފަރާތަކަށް ކަމެވެ. މީގެ މާނައަކީ އެއްވެސް ހާލެއްގައި ދުނިޔަވީ ކާމިޔާބުން މީހަކު މުޅިން މަހުރޫމުވުން ލާޒިމުވާނެޔޭ ބުނުމެއް ނޫނެވެ. އަދި ކިއެއްތަ، ދުނިޔަވީ ހަޔާތް މިފަދަ އިންސާނަކު ކިތަންމެހާ ވެސް ބޮޑަށް ކާމިޔާބު ކޮށްފާނެ އެވެ. އެކަމަކު ދާއިމީ ގޮވަތި ކާމިޔާބު ނުކުރެވުމުން ދުނިޔަވީ އެ ކާމިޔާބުން އާޚިރަތުގައި އަބަދަށް ވޭން އުފުލާން ޖެހުނީމާ އެއީ ނުކުޅެދުންތެރިއަކަށް ނޫނީ ވާނެ ހެއްޔެވެ؟

ފަސްވަނަ ފިލާވަޅަކީ ދަރިން ހެޔޮގޮތުގައި ތަރުބިޔަތު ކުރުމުގެ މަސްއޫލިއްޔަތު އެންމެ ފުރަތަމަ ވެސް އަދި އެންމެ ބޮޑަށް ވެސް އޮންނާނީ މައިންބަފައިންގެ އަތްމަތީގައި ކަމެވެ. އެ މީހުންގެ އިހުމާލުން ދަރިން ތަރުބިޔަތު ނުވެވި ކާފިރުންނަށް ނުވަތަ އުރެދުންތެރިންނަށް ބަދަލުވެއްޖެ ނަމަ އެކަމުގެ ޒިންމާ ވެސް އެންމެ ބޮޑަށް އުފުލަން ޖެހޭނީ ހަމަ މައިންބަފައިން ކަމެވެ. ހަދީސްގައި މައިންބަފައިންނޭ ބަޔާންކޮށްފައި ވިޔަސް މި ޒިންމާ ނެގުމުގައި ހަމަ ކޮންމެ މުރައްބީއެއް (ތަރުބިޔަތު ކުރުމުގެ މަސްއޫލިއްޔަތު ނަގްނަޖެހޭ ކޮންމެ މީހެއް) ވެސް ބައިވެރިވާން ޖެހޭނެ އެވެ.

ހަވަނަ ފިލާވަޅަކީ ތަރުބިޔަތު ކުރުމުގެ މަސްއޫލިއްޔަތުގައި އެންމެ އިސްކަމެއް ދޭންޖެހޭނީ އަދި މުޅި ތަރުބިޔަތުގެ ނާރެހަކަށް ވާން ޖެހޭނީ ތައުހީދުގެ އަގީދާ ކަމަށް ވުމެވެ. އެހެނީ އިންސާނާގެ ދީނީ އަދި ދުނިޔަވީ ހުރިހާ މުއާމަލާތެއްގެ އަސާސަކީ އެ މީހެއްގެ އަގީދާ ކަމަށް ވާތީ އެވެ. މައިންބަފައިން ވިއަސް އަދި ދަރިންގެ ތަރުބަވީ މަސައްކަތުގައި ބައިވެރިވާން މައިންބަފައިން އެ ބަޔަކާ ދަރިން ހަވާލުކުރާ އެހެން މުރައްބީން ކަމަށް ވިއަސް އިސްލާމީ ތަރުބިޔަތުގެ މަތީ ދަރިން ތަރުބިޔަތު ކުރުމަށްޓަކައި ތައުހީދުގެ ގިއުގަނޑުގެ ތެރޭގައި ދަރިން ތަރުބިޔަތު ކުރަން ސަމާލުކަން ދޭން ޖެހޭނެ އެވެ.

މި ފިލާވަޅުތަކުން އިބުރަތް ލިބިގެން އަޅުގަނޑުމެން ކޮންމެ މީހަކު ވެސް އެ މީހެއްގެ ދަރިން ފިތުރަތުގެ މަގުން ބޭރަށް ދިޔަނުދީ ފިތުރަތުގައި ދަމަހައްޓަން ގަދައަޅައި މަސައްކަތް ކުރަން ޖެހޭނެ އެވެ.