Roadha Mihaaru
ދަރިން ހަރުދަނާކުރަން ކުރެވިދާނެ ބައެއް ކަންކަން

ދަރިންނަކީ ހަރުދަނާ ބަޔަކަށް ހެދުމަށް ކުރެވިދާނެ ބައެއް ކަންކަން

24 ނޮވެމްބަރ 2023

ހަރުދަނާ ޝަހުސިއްޔަތެއްގެ ވެރިބައެއްގެ ގޮތުގައި ދަރިން ތަރުބިޔަތު ކުރުމަކީ ކޮންމެ މީހަކު ވެސް އެދޭނެ ކަމެކެވެ. އެއީ މުޖުތަމައަށް ތަރައްގީ އާއި ތަހުޒީބު ގެނައުމުގައި ވަރަށް ބޮޑު އެހީތެރިކަމެއް ލިބޭނެ ކަމެކެވެ. ނަމަވެސް މިއަދު އަޅުގަނޑުމެންގެ ގިނަ ކުދިންނަކީ ބޮޑުވެގެން އަންނައިރު މި ދެންނެވި ފަދަ ހަރުދަނާ ބައެއް ކަމުގައި ފެނިގެން ނުދެ އެވެ. އެހެންކަމުން މާތްވެގެންވާ އިސްލާމް ދީނުގައި ދަރިން ތަރުބިޔަތު ކުރުމުގައި ދީފައިވާ ސަމާލުކަން ދެނެގަނެ، އިސްލާމީ އިރުޝާދުތަކުގައި ހިފައިގެން އިތުރު މަސައްކަތްތަކެއް ކުރަން ޖެހެ އެވެ.

ޑރ. ސަޢުދުﷲ ޢަލީ ޑރ. ސަޢުދުﷲ ޢަލީ

ހަރުދަނާ ޝަހުސިއްޔަތެއްގެ ވެރިބައެއްގެ ގޮތުގައި ދަރިން ތަރުބިޔަތު ކުރުމަކީ ކޮންމެ މީހަކު ވެސް އެދޭނެ ކަމެކެވެ. އެއީ މުޖުތަމައަށް ތަރައްގީ އާއި ތަހުޒީބު ގެނައުމުގައި ވަރަށް ބޮޑު އެހީތެރިކަމެއް ލިބޭނެ ކަމެކެވެ. ނަމަވެސް މިއަދު އަޅުގަނޑުމެންގެ ގިނަ ކުދިންނަކީ ބޮޑުވެގެން އަންނައިރު މި ދެންނެވި ފަދަ ހަރުދަނާ ބައެއް ކަމުގައި ފެނިގެން ނުދެ އެވެ. އެހެންކަމުން މާތްވެގެންވާ އިސްލާމް ދީނުގައި ދަރިން ތަރުބިޔަތު ކުރުމުގައި ދީފައިވާ ސަމާލުކަން ދެނެގަނެ، އިސްލާމީ އިރުޝާދުތަކުގައި ހިފައިގެން އިތުރު މަސައްކަތްތަކެއް ކުރަން ޖެހެ އެވެ.

ކުރެވިދާނެ އެއް ކަމަކީ އަޅުކަންތައްތަކާއި އިލްމު ހޯދުމަށް ކުދިންގެ ހިތުގައި ޝައުގު އިތުރު ކުރުމެވެ. މި ކަމަށްޓަކައި މިސްކިތަށާއި އިލްމީ މަޖިލިސްތަކަށް ބޮޑެތި މީހުންނާ އެކު ކުދިން ގެންދެވިދާނެ އެވެ. އެއީ ކުދިން އަޅުކަމަށް އާދަކުރުވައި، ވިސްނުން ފުޅާވެ، ހޭލުންތެރިކަން އިތުރު ކުރުމުގައި ބޮޑެތި މީހުން ކޮޕީ ކުރަން ލިބޭ ފުރުސަތަކަށް ވާނެ އެވެ. މުޢާވިޔަތު ބުނު ޤުއްރާގެ ކިބައިން އައްނަސާއީ ރިވާ ކުރައްވާފައިވާ ހަދީސެއްގައިވާ ގޮތުން އަސްހާބު ބޭކަލުން ކީރިތިރަސޫލާ ﷺ އިންނަވާ މަޖްލިސްތަކަށް ވަޑައިގަންނަވާއިރު ބައެއް ބޭކަލުން ތުއްޕުޅު ބޭފުޅުން ވެސް ގެންދަވަ އެވެ.

ދެ ވަނަ ކަމަކީ އިސްލާމީ ތާރީހުގެ ތެރެއިން މުސްލިމު ބަތަލުން ކުރައްވާފައިވާ ޖިހާދުތަކާއި އިލްމު އުނގެނުއްވުމާއި އަދި ދިރިއުޅުއްވުމުގެ އެހެނިހެން ކަންތައްތަކުގައި އުފުއްލަވާފައިވާ ބުރަތަކުގެ ވާހަކަތައް ކުޑަކުދިންނަށް ކިޔައިދިނުމެވެ. މި ކަމަކީ ކުދިންގެ ހިތްވަރުގަދަކަން އިތުރުކުރުމަށް ބާރު ލިބޭނެ ކަމެކެވެ. ހިތްވަރުގަދަ ކަމަކީ ހަރުދަނާ މީހަކަށް ވުމަށްޓަކައި ނުހަނު މުހިންމު ކަމެކެވެ. ދިރިއުޅުމުގެ ހަޔާތުގައި މައީޝަތުގެ ކަންތައްތައް ކޮށް އާއިލާ ބެލެހެއްޓުމުގެ އެންމެ އިސް ޒިންމާ ނަގަން ޖެހޭ ފަރާތްތަކުގެ ގޮތުގައިވާން ތިބި ކުދިންނަށް މިކަން ވަކިން މުހިންމެވެ.

ތިން ވަނަ ކަމަކީ ކުދިންނަށް ރިވެތި އަދަބުތައް ދަސްކޮށްދިނުމެވެ. ހާއްސަކޮށް ބޮޑެތި މީހުންނާ މުއާމަލާތު ކުރާނެ ގޮތުގެ އަދަބުތައް ދަސްވުމަކީ ވަރަށް މުހިންމު ކަމެކެވެ. މިސާލަކަށް ބޮޑެތި މީހުންނަށް އިސްވެ ސަލާން ކުރުމާއި އެ މީހުންނާ ރީތި ބަހުން ވާހަކަ ދެއްކުމާއި އެ މީހުންނަށް އިހުތިރާމް ކުރުން ފަދަ ކަންކަމެވެ.

ހަތަރު ވަނަ ކަމަކީ ކުޑަކުދިންނަށް ވެސް އެ ކުދިންނަށް ހައްގުވާ މަގާމު އަބަދުވެސް ދިނުމެވެ. ކީރިތި ރަސޫލާ ﷺ ގެ އަމަލުފުޅުތަކުން މިކަމަށް ނަމޫނާ ހޯދައިގަނެވިދާނެ އެވެ. އެއްދުވަހަކު އެކަލޭގެފާނު މަޖިލީހެއްގައި ތިއްބެވި ބޭކަލުންނަށް އެއްޗެއް ދެއްވި އިރު، އެކަލޭގެފާނުގެ ކަނާތްފަރާތުގައި ތުއްޕުޅު ބޭފުޅަކު އިންނެވުމުން އަނެއް ފަރާތުގައި ތިއްބެވި ބޮޑެތި ބޭފުޅުންނަށް އިސްކަން ދެއްވުމުގެ ކުރިން އެ ތުއްޕުޅު ބޭފުޅާގެ ކިބައިން އިޒުނަ އަށް އެދިވަޑައިގަތެވެ. މިއިން ދޭހަވަނީ ކުޑަކުއްޖެއް ނަމަވެސް އޭނާ އަށް ލިބެންޖެހޭ ހައްގަކާއި އޭނާގެ ގަދަރަށް އެއްވެސް އުނިކަމެއް ގެނެސްގެން ނުވާނެ ކަމެކެވެ.

ފަސް ވަނަ ކަމަކީ ހަށިގަނޑު ވަރުގަދަވެ، ވިސްނުން އިތުރުވާ ފަދަ ކުޅިވަރުތައް ކުދިން ލައްވާ ކުޅުވުމެވެ. އަމާޒަށް އުކުމާއި ފެތުމާއި އަސްދުއްވުން ކުޑަކުދިންނަށް ދަސްކޮށްދިނުމަށް އަސްހާބު ބޭކަލުން އިރުޝާދު ދެއްވަ އެވެ. ވީމާ އެ ތިން ކުޅިވަރު ނޫނަސް މިފަދަ އެހެން ކުޅިވަރުތަކަކީ ވެސް ކުދިންގެ ކިބައިން ކަންނެއްކަމާއި ލޮޑުކަން ފިލުވުމުގެ އިތުރުން ހަށިގަނޑަށް ވަރުގަދަކަން ލިބި ހަރުދަނާ މީހަކަށް ވުމަށް ބާރު ލިބޭނެ ކަމެކެވެ.

ހަ ވަނަ ކަމަކީ ކޮންމެ ޖިންސެއްގެ ކުއްޖަކަށް ވެސް އެ ޖިންސަކާ އެންމެ ގުޅޭ ގޮތަކަށް ދިރިއުޅުމުގައި ސުލޫކުތައް ބަހައްޓަން ކުރަން ދަސްކޮށްދިނުމެވެ. ފިރިހެންކުދިން އަންހެންދުޅާވުމާއި އަންހެންކުދިން ފިރިހެން ހެދިގެން އުޅުމަކީ ހަރުދަނާކަން ގެއްލޭނެ ކަމެކެވެ. ސަބަބަކީ އިންސާނީ ފިތުރަތާއި އިސްލާމީ ނިޒާމުތައް ހަމަޖެހިފައިވާ ގޮތުން ބައެއް މަސްއޫލިއްޔަތުތަކުގައި އެންމެ އިސްކަން ދިނުން ވަކި ޖިންސަކަށް ބޮޑަށް އެކަށީގެން ވާނެތީ އެވެ. ނަމަވެސް މީގެ މާނައަކީ އެކަކު އަނެކަކުގެ މަސްއޫލިއްޔަތުތައް އުފުލުމުގައި ބައިވެރިވާން ނުޖެހޭ ވާހަކައެއް ނޫނެވެ. ހަގީގަތުގައި އިސްލާމީ ގޮތަކީ ދެ ފަރާތުގެ ބައިވެރިވުން ހުރިހާ ކަމެއްގައި ވެސް އޮތުމެވެ. ވީމާ ގަހަނާ އެޅުމާއި ބޮލުގެ އިސްތަށިގަނޑު އަންހެނެއްހެން ދިގުކުރުމާއި ފަށުވި ފޭރާންލުން ފަދަ ކަންކަން ފިރިހެންކުދިން ކުރިޔަ ދީގެން ނުވާނެ އެވެ.

އެއްދުވަހަކު އެކަލޭގެފާނު މަޖިލީހެއްގައި ތިއްބެވި ބޭކަލުންނަށް އެއްޗެއް ދެއްވި އިރު، އެކަލޭގެފާނުގެ ކަނާތްފަރާތުގައި ތުއްޕުޅު ބޭފުޅަކު އިންނެވުމުން އަނެއް ފަރާތުގައި ތިއްބެވި ބޮޑެތި ބޭފުޅުންނަށް އިސްކަން ދެއްވުމުގެ ކުރިން އެ ތުއްޕުޅު ބޭފުޅާގެ ކިބައިން އިޒުނަ އަށް އެދިވަޑައިގަތެވެ.

މީގެ އިތުރުން ވެސް އަޅާ ހެދުމާއި ބޮލުގެ އިސްތަށިގަނޑަށް ގެންނަ ބަދަލުތަކުން ފިރިހެންވަންތަކަމުގެ ޝަހުސިއްޔަތު ގެއްލޭ ފަދަ ކަންކަން ކުރިޔަ ދީގެން ނުވާނެ އެވެ. ކޮންމެ ދުވަހަކު ބޮލުގެ ކުލަ ބަދަލު ކޮށްލާ ނަމަ އެ އިން ދޭހަވަނީ ހަރުދަނާކަމެއް ނެތް ކަމެވެ. އެއްވެސް ޝަހުސިއްޔަތެއް ނެތް ކަމެވެ. އައިޑެންޓިޓީއެއް ނެތް ކަމެވެ.

ހަތް ވަނަ ކަމަކީ ކުދިން ތަރުބިޔަތު ކުރާއިރު އެ ކުދިން ހަރުދަނާ ބަޔަކަށް ހެދުމަށްޓަކައި އެހެން މީހުންގެ ކުރިމަތީ އިހާނެތިކޮށް ކަންކަން ނުކުރުމެވެ. ކުދިންގެ ހިޔާލުތަކާއި ފިކުރުތަކަށް މަލާމާތް ނުކުރުމެވެ. އޭގެ ބަދަލުގައި އެ އަށް ހިތްވަރުދީ، ނުރަނގަޅު ހިޔާލުތައް ހިކުމަތްތެރި ގޮތެއްގައި އިސްލާހުކޮށްދިނުމަކީ ކުދިން ހަރުދަނާ ވުމަށް ލިބޭނެ ބާރެކެވެ. ކުދިންގެ މުހިންމުކަން އެ ކުދިންނަށް އިހުސާސްކޮށްދީ، އެ ކުދިންގެ ހިޔާލުތައް އެކިއެކި ކަންކަމުގައި ހޯދުމަކީ ވެސް މުހިންމު ކަމެކެވެ.

އެ ކުދިންގެ ފެންވަރާއި އުމުރަށް ބަލައި ބައެއް މަސްއޫލިއްޔަތުތައް ވެސް ހަވާލު ކުރެވިދާނެ އެވެ. ބައެއް ކަންކަމުގައި ސިއްރުތައް ހިފެހެއްޓުމަށް ހަވާލު ކުރުމަކީ ވެސް ހަރުދަނާ ޝަހުސިއްޔަތަކަށް ކުދިން ހެދުމަށްޓަކައި ބޭނުންތެރި ކަމެކެވެ.

އަށް ވަނަ ކަމަކީ ދިރިއުޅުމުގެ ހަޔާތުގައި އަރާމާއި ކަންނެއް ކަމުގައި ދިރިއުޅުން ވޭތުކުރަން އާދަނުކުރުވުމެވެ. އުދަނގޫތައް ތަހައްމަލު ކުރުމަށްޓަކައި އާދައިގެ ދިރިއުޅުމަށް ހޭނެން ދަސްކުރުވަން ޖެހެ އެވެ. ޢުމަރުގެފާނު ވިދާޅުވެފައި ވަނީ ނިއުމަތަކީ އަބަދަށް ދެމިއޮންނާނެ އެއްޗެއް ނޫނެވެ. ވީމާ އަރާމު ނޫން ދިރިއުޅުމަށް ފަރިތަ ކުރާށޭ އެވެ.

ނުވަ ވަނަ ކަމަކީ މުނިފޫހިފިލުވުމުގެ ނަމުގައި އެކަމުން ފައިދާއެއް ނުވާ ގެއްލުން ހުރި ކަންކަމަށް ވަގުތުތައް ނެގިޔަ ނުދިނުމެވެ. އިސްލާމްދީނުގެ ސަމާހަތްތެރިކަމުގެ ދަށުން މަނާ ނުކުރާ ކަންކަމުގައި ކޮންމެވެސް މިންވަރަކަށް ވަގުތުކޮޅެއް ހޭދަކުރުމަކީ މައްސަލައެއް ނޫނެވެ. ނަމަވެސް ފާހިޝް ކަންކަމާއި މުންކަރާތްތައް އޭގައި ހިމެނޭ ނުވަތަ އެފަދަ ކަންކަމަށް ހިތްވަރުދޭ ކަންކަމުންމުނިފޫހި ފިލުވަން ހަމަ އެއްގޮތަކަށް ވެސް ފުރުސަތު ދީގެން ނުވާނެ އެވެ. މިސާލަކަށް ލަވަ އާއި މިއުޒިކާއި ނެށުމުގެ ތެރެއިން މިބުނެވި މިދިޔަ މިންގަނޑަށް ފެތޭ އެއްވެސް ކަމަކަށް ޖާގަދީގެން ނުވާނެ އެވެ.

މި އިޝާރާތްކުރި ކަންކަމަކީ ކުދިންގެ ޝަހުސިއްޔަތު ވަރުގަދަ ކުރުމަށްޓަކައި ކުރެވިދާނެ ބައެއް ކަންކަމެވެ. ވީމާ މިފަދަ ކަންކަމާ މެދު ވިސްނާލައި، ހަރުދަނާ ގޮތުގައި ކުދިން ތަރުބިޔަތު ކުރުމަށް އަޒުމް ވަރުގަދަ ކުރުމަކީ ވަރަށް މުހިންމު ކަމެކެވެ. އަމަލީ ގޮތުން މިފަދަ ކަންކަން ކޮށްގެން ދަރިންގެ ތަރުބިޔަތަށް ހެޔޮ ބަދަލެއް ގެނެވޭތޯ މަސައްކަތް ކުރުން ވެސް ވަރަށް މުހިންމެވެ.