Roadha Mihaaru
ސިހުރުން ސަލާމަތް ވުމުގެ މަގަކީ އީމާންތެރިކަން

ސިހުރުން ސަލާމަތް ވުމުގެ މަގަކީ އީމާންތެރިކަން

15 ޖޫން 2016

މާތް ﷲ ޙަރާމް ކުރައްވާފައިވާ އެއްވެސް ކަމެއްގައި ޝިފާއެއް ނުވާނެ ކަމީ ތެދު ހަގީގަތެކެވެ. ކީިރިތި ގުރްއާނުގައި މާތް ﷲ ވަޙީ ކުރެއްވި ބަސްފުޅެއްގެ މާނައިގައިވެ އެވެ! "އަދި ﷲ، ތިބާޔަށް ގެއްލުމެއް މެދުވެރިކުރައްވާނަމަ، އެކަލާނގެ މެނުވީ އެކަން ފިއްލަވާނެ އެހެން ފަރާތެއް ނުވެއެވެ." އެހެންކަމުން އަޅުގަނޑުމެންގެ މައްޗަށް އޮތީ ކަންކަމުގައި އެދިގެން ﷲގެ ޙަޟްރަތުގައި ދުޢާ ދެންނެވުމެވެ. ސިޙުރު ހަދާ މީސްމީހުން ގާތަށް ދިއުމެއް ނޫނެވެ!

މާތް ﷲ ޙަރާމް ކުރައްވާފައިވާ އެއްވެސް ކަމެއްގައި ޝިފާއެއް ނުވާނެ ކަމީ ތެދު ހަގީގަތެކެވެ. ކީިރިތި ގުރްއާނުގައި މާތް ﷲ ވަޙީ ކުރެއްވި ބަސްފުޅެއްގެ މާނައިގައިވެ އެވެ! "އަދި ﷲ، ތިބާޔަށް ގެއްލުމެއް މެދުވެރިކުރައްވާނަމަ، އެކަލާނގެ މެނުވީ އެކަން ފިއްލަވާނެ އެހެން ފަރާތެއް ނުވެއެވެ." އެހެންކަމުން އަޅުގަނޑުމެންގެ މައްޗަށް އޮތީ ކަންކަމުގައި އެދިގެން ﷲގެ ޙަޟްރަތުގައި ދުޢާ ދެންނެވުމެވެ. ސިޙުރު ހަދާ މީސްމީހުން ގާތަށް ދިއުމެއް ނޫނެވެ!

ސިޙުރާއި އެނޫން ނުބައި ކަންތައްތަކުން ރައްކާތެރިކަން ލިބިގަންނާނޭ ގޮތް އަޅުގަނޑާ އެކު ހަނދާން އާކޮށްލަމާ ތޯއެވެ! ސިޙުރުން ސަލާމަތްވުމަށް ކުރަން އޮތް ފުރަތަމަ ކަމަކީ، އިޚްލާޞްތެރި ކަމާއެކު މާތް ﷲގެ އެއްކައުވަންތަކަން ޤަބޫލުކޮށް، އިޚްލާޞް، ފަލަޤި، ނާސް މިތިން ސޫރަތް ކިޔެވުމާއި އާޔަތުލް ކުރުސި ކިޔެވުމުގެ އިތުރުން، އެކަލާނގެ އަށް ވަކީލުކުރުމެވެ. މާތް ﷲ ވަޙީ ކުރައްވާފައިވާ ބަސްފުޅެއްގެ މާނައިގާ ވެއެވެ. "އަދި ﷲ އަށް ވަކީލު ކުރާމީހާ (ދަންނާށެވެ!) ފަހެ، އޭނާއަށް އެކަލާނގެ ފުދެއެވެ."

ދެ ވަނަކަމަކީ، ހާރުދަމުގެ ވަގުތުގައި އިޚްލާޞްތެރިކަމާއި މަޑުމޮޅިކަމާއެކު މާތް ﷲ އަށް ދުޢާ ދެންނެވުމެވެ. މާތް ﷲ ގެ ވަޙީ ބަސްފުޅުގެ މާނައިގާ ވެއެވެ. "ތިޔަބައިމީހުން ތިމަންރަސްކަލާނގެ އަށް ދުޢާ ކުރާށެވެ! ތިމަންރަސްކަލާނގެ ތިޔަބައިމީހުންގެ ދުޢާ އިޖާބަ ކުރައްވާ ހުށީމެވެ."

ތިންވަނަކަމަކީ، ސިއްރާއި ފައުޅުގައި މާތް ﷲ އަށް ތަޤުވާވެރިވުމެވެ. މާތް ﷲގެ ވަޙީ ބަސްފުޅުގެ މާނައިގައިވެ އެވެ. "އަދި ﷲ އަށް ތަޤުވާވެރިވާމީހާ (ދަންނާށެވެ!) އެކަލާނގެ އޭނާއަށް ނުކުންނާނެ މަގެއް ދައްކަވާނެތެވެ."

ސިހުރުގެ ކިޔެވެލިތަކެއް ލިޔެފައިވާ އެއްޗެއް ގެއެއްގެ ތެރެއިން ހޯދާފައި: ސިހުރު ހެދުމަކީ ހަރާމްކަމެއް ކަމަށް ވިޔަސް، ބައެއް މީހުން މި ނުބައި ފާފައިގެ ތެރޭގައި އުޅެމުންދޭ.

ސިހުރުގެ ކިޔެވެލިތަކެއް ލިޔެފައިވާ އެއްޗެއް ގެއެއްގެ ތެރެއިން ހޯދާފައި: ސިހުރު ހެދުމަކީ ހަރާމްކަމެއް ކަމަށް ވިޔަސް، ބައެއް މީހުން މި ނުބައި ފާފައިގެ ތެރޭގައި އުޅެމުންދޭ.

ހަތަރު ވަނަ ކަމަކީ، ފަރުޟު ފަސް ނަމާދު ވަގުތުން ވަގުތަށް ޤާއިމުކޮށް އެނަމާދު އަދާ ކުރުމަށް ހީވާގިވެ ރައްކާތެރިވުމެވެ. މާތް ﷲ ވަޙީ ކުރައްވާފައިވާ ބަސްފުޅުގެ މާނައިގާ ވެއެވެ. "އަދި ކެތްތެރިކަމާއި ނަމާދުން ތިޔަބައިމީހުން ވާގިހޯދާށެވެ!"

ފަސް ވަނަ ކަމަކީ، ޤުރްއާން ކިޔެވުމަށް ފަރުވާތެރިވުމެވެ. ޚާއްޞަކޮށް ސޫރަތުލް ބަޤަރާ ކިޔެވުމެވެ. އިމާމު މުސްލިމު ރިވާކުރައްވާފައިވާ ޙަދީޘްފުޅެއްގެ މާނައިގައިވެއެވެ. "އެ ގެއެއްގައި ބަޤަރާ ސޫރަތް ކިޔަވާ ގެއަކަށް ޝައިޠާނާ ގާތް ނުވާ ހުއްޓެވެ." މިކަމަކީ އެ ގެއެއްގެ އަހުލުވެރިން އަމިއްލަ އަށް ކުރުން އެދެވިގެންވާ ކަމެކެވެ.

ހަ ވަނަ ކަމަކީ، ރައްކާތެރިކަން ލިބިގަތުމަށް ހެނދުނާއި ހަވީރު ކިޔުމަށް ވާރިދުވެފައިވާ ޒިކުރުތަކާއި ދުޢާތައް ކިޔެވުމެވެ. މިވެސް އެ މީހަކު އަމިއްލަ އަށް ކުރަންޖެހޭ ކަމެކެވެ.

ހަތް ވަނަ ކަމަކީ، ހުރިހާ ފާފަޔަކާއި ކުށަކުން ތައުބާވުމެވެ. މާތް ﷲ ވަޙީ ކުރައްވާފައިވާ ބަސްފުޅުގެ މާނައިގައިވެ އެވެ. "ތިޔަބައިމީހުންނަށް ޖެހޭހާ މުޞީބާތެއް ޖެހެނީ، ތިޔަބައިމީހުންގެ އަތްތަކުން ހޯދިކަންތަކުގެ ސަބަބުންނެވެ."

އަށް ވަނަ ކަމަކީ، މީސްތަކުންނަށް އިޙްސާންތެރިކަން ފޯރުވައި ޞަދަޤާތް ކުރުމެވެ. މިއީ ބަލިބަލީގެ ފަރުވާއެއް ވެސްމެއެވެ. ތިމާނޫން އެހެންފަރާތްތަކުގެ ހެއު ދުޢާލިބޭނެ ކަމެކެވެ.

ނުވަ ވަނަ ކަމަކީ، ތަނަވަސްކަން ލިބިގެންވާ ޙާލުގައި ﷲ ދެނެގަތުމެވެ. އެއިރުން އޭނާއަށް ދަތިކަން މެދުވެރިވެގެންވާ ހިނދުގައި ﷲ އޭނާގެ ޙާލު ހެޔޮ ކުރައްވާނެއެވެ.

އިމާމު ސުޔޫޠީ ވިދާޅުވެފައިވެ އެވެ. "ތިން ޝަރުޠަކާއެކު ޝަރްޢީ ރުޤްޔާ ކުރުން ހުއްދަ އެވެ. އެއް ކަމަކީ، ﷲގެ ކަލާމްފުޅު ބަދަލު ކުރުމެއް ނެތި ހެޔޮ ގޮތުގައި ބޭނުން ކުރުމެވެ. ނުވަތަ އެކަލާނގެ އިސްމުފުޅެއް ނުވަތަ ސިފަފުޅެއް ބޭނުން ކުރުމެވެ. ޢަރަބިބަހުން ކިޔާނުކިޔާ އެނގޭ ލަފްޒުތަކެއް ބޭނުންކުރުމެވެ. އަދި މަންފާކުރަނީ ރުޤްޔާގެ ޒާތުން ނޫންކަމާއި، ހުރިހާކަމެއް މިންވަރު ކުރައްވަނީ މާތް ﷲ ކަން ޤަބޫލު ކުރުމެވެ."

ސިހުރުވެރިންގެ ގާތަށް ދިޔުމުގެ ބަދަލުގައި ބަލިމަޑުކަމެއް ކުރިމަތިވެއްޖެނަމަ މާތް ﷲ އަށް ދަންނަވައި ދުޢާ ކުރާށެވެ. ޝިފާ ދެއްވުން ވަނީ އެކަލާނގެ ޙަޟްރަތުގައެވެ. މާތް ﷲގެ ވަޙީ ބަސްފުޅެއްގެ މާނައިގައިވެ އެވެ. "އަދި ތިމަން ބަލިވެއްޖެނަމަ، ބަލި ފަސޭހަކުރައްވަނީ، ހަމަ އެކަލާނގެއެވެ." ސިހުރުވެރިންނާއި ތަފާތު ނަންނަމުގައި އެކަހަލަ ކަންކަމުގައި އުޅޭމީހުންގެ އަވައިގައި ނުޖެހޭށެވެ.