Roadha Mihaaru
އަޚްވަންތަކަމަށް ބުރޫއަރާ ކަންކަމުން ދުރުހެލިވުން

އަޚްވަންތަކަމަށް ބުރޫއަރާ ކަންކަމުން ދުރުހެލިވުން

28 ސެޕްޓެމްބަރ 2018

ދީނީ ގޮތުންނާއި ސިޔާސީ ގޮތުންނާއި އިޖުތިމާޢީ ގޮތުންނާއި އެނޫންވެސް ގޮތްގޮތުން ކަންކަން ދޭހަވުމާއި ވިސްނުމުގައި އެކަކުއަނެކަކާ ތަފާތު ވުމަކީ ތަބީއީ ކަމެކެވެ. އަދި މީގެ ނަތީޖާއެއްގެ ގޮތުން އެކި ކަންކަމުގައި ޚިޔާލު ތަފާތު ވުމަކީ ފެންނަ ހަގީގަތެކެވެ. އެހެންނަމަވެސް މީގެ ސަބަބުން އިސްލާމީ މުޖުތަމައެއްގައި އޮންނަން ޖެހޭ އުޚުއްވަތްތެރިކަމުގެ ގުޅުމާއި ލޯތްބަށް ބުރޫ އަރައިގެން ނުވާނެ އެވެ.

ދީނީ ގޮތުންނާއި ސިޔާސީ ގޮތުންނާއި އިޖުތިމާޢީ ގޮތުންނާއި އެނޫންވެސް ގޮތްގޮތުން ކަންކަން ދޭހަވުމާއި ވިސްނުމުގައި އެކަކުއަނެކަކާ ތަފާތު ވުމަކީ ތަބީއީ ކަމެކެވެ. އަދި މީގެ ނަތީޖާއެއްގެ ގޮތުން އެކި ކަންކަމުގައި ޚިޔާލު ތަފާތު ވުމަކީ ފެންނަ ހަގީގަތެކެވެ. އެހެންނަމަވެސް މީގެ ސަބަބުން އިސްލާމީ މުޖުތަމައެއްގައި އޮންނަން ޖެހޭ އުޚުއްވަތްތެރިކަމުގެ ގުޅުމާއި ލޯތްބަށް ބުރޫ އަރައިގެން ނުވާނެ އެވެ.

އިސްލާމީ ނަޒަރުން ބަލާއިރު އުޚުއްވަތްތެރިކަމުގެ ގުޅުން ދެމެހެއްޓުން އެއީ އީމާންތެރިކަމާ ގުޅޭ ކަމެކެވެ. ކީރިތި ރަސޫލާ، ޞައްލަﷲ ޢަލައިހި ވަސައްލަމް، ހަދީސްފުޅު ކުރައްވާފައި ވަނީ "އެމީހެއްގެ އަމިއްލަ ނަފްސަށް އެދޭ ކަންކަން އެމީހެއްގެ (މުސްލިމް) އަޚާއަށް ނޭދޭހާ ހިނދަކު ތިޔަބައިމީހުން ކުރެ އެކަކުވެސް އީމާންވީ ކަމުގައި ނުވާނެ އެވެ." (ބުޚާރީ، މުސްލިމް އަދި ނަސާއީ).

އުޚުއްވަތްތެރިކަމުގެ ލޯތްބާއި ގުޅުން ނެތުމުން އީމާންކަން އުނިވާތީވެ އެއީ ސުވަރުގެއަށް ވަނުމަށް އޮތް ހުރަހެއްކަން ވެސް އިމާމް މުސްލިމް ރިވާކުރައްވާފައިވާ ހަދީސަކުން އެނގެ އެވެ. އުޚުއްވަތްތެރި ކަމުގެ ގުޅުމާއި ލޯތްބަކީ މިހާ މުހިންމު ކަމަކަށް ވާތީވެ މިކަމަށް ބުރޫއަރާފާނެ ހުރިހާ ސަބަބުތަކެއް ނައްތާލަން އިސްލާމް ދީން ވަރަށް ބޮޑަށް ބާރު އަޅާފައި ވެއެވެ.

މިގޮތުން ފާހަގަ ކޮށްލެވޭ އެއް ކަމަކީ، އަނިޔާވެރިކަން ނައްތާލުމެވެ. މާތް ނަބިއްޔާ ހަދީސްފުޅު ކުރައްވަނީ ކޮންމެ މުސްލިމަކީ ވެސް އަނެއް މުސްލިމެއްގެ އަޚެއް ކަމުގަ އެވެ. އެހެންކަމުން އަނެކާއަށް އަނިޔާވެރި ވުމެއް، އަދި އަނިޔާ ލިބުމަށް ދޫކޮށްލުމެއް އޮވެގެން ނުވާނެ ކަމަށެވެ. (ބުޚާރީ އާއި މުސްލިމް)

އަދި އަނިޔާ ލިބޭ ހާލުގައި ވިއަސް އަދި އަނިޔާކުރާ ހާލުގައި ވިއަސް އަޚާއަށް ނަސްރު ދިނުމަށް އަންގަވަ އެވެ. (ދެ ޝައިޚުން). އަނިޔާވެރިކަން މުޖުތަމައުން ނައްތާލުމަށްޓަކައި އަނިޔާވެރިންގެ އަތުގައި ހިފައި އެމީހުން ކުރާ އަނިޔާތައް ހުއްޓުވަން މަސައްކަތް ނުކޮށްފި ނަމަ އާންމުވެގެންވާ އުގޫބާތެއް އަތުވެދާނެ ކަމުގެ އިންޒާރުވެސް ކީރިތި ރަސޫލާ ވަނީ ދެއްވާފަ އެވެ. (އަބޫދާއޫދާއި ތިރުމިޛީ). މިފަދަ އަނިޔާތައް ނައްތާ ނުލެވޭ ނަމަ މުޖުތަމައުގައި ލޯތްބެއް ނޯންނާނެ އެވެ.

ދެވަނަ ކަމަކީ، އެއްވެސް ބާވަތެއްގެ އުނދަގޫ ކުރުމެއް އުދުވާނެއް ނެތުމެވެ. ކީރިތި ރަސޫލާ، ޞައްލަﷲ ޢަލައިހި ވަސައްލަމް، ހަދީސްފުޅު ކުރައްވަނީ "މުސްލިމަކީ އެމީހެއްގެ އަތާއި ދުލުގެ ނުބައިކަމުން އެހެން މުސްލިމުން ސަލާމަތް ވެގެންވާ މީހާ" ކަމަށެވެ. (ދެ ޝައިޚުން)

އަދި އެހެން ހަދީސަކުން އެނގޭ ގޮތުގައި މުސްލިމެއްގެ އަބުރާ ބެހި ހުތުރު ބަސްތައް ރައްދު ކުރުމަކީ މީހާ ފާސިގުވާ ކަމެކެވެ. އަދި މުސްލިމަކު މަރާލުމަކީ ކާފިރުވާ ކަމެކެވެ. (ދެ ޝައިޚުންނާއި ތިރުމިޛީ). އަލްއަޙުޒާބު ސޫރަތުގެ 57 ވަނަ އާޔަތުގައި ﷲ ބަޔާން ކުރައްވަނީ މުއުމިނު ފިރިހެނުންނަށާއި މުއުމިނު އަންހެނުންނަށް (އެމީހުން ހޯދައިގަތް ކުށަކާ ނުލައި) އުނދަގޫ ކުރާ މީހުންނަކީ ބުހުތާނު ދޮގަކާއި ފާޅުވެގެންވާ ފާފައެއް ލިބިގެންފި ބައެއް ކަމަށެވެ.

އަދި އިއްފަތްތެރި އަންހެނުންނަށް ޤަޛުފު ކުރާ މީހުންގައި ހައްދު ޖެހުމަށާއި އެމީހުންގެ ހެކިބަސް ދުވަހަކުވެސް ގަބޫލު ނުކުރުމަށް އަންގަވާފައި ވެއެވެ. (އައްނޫރު 4). މިފަދަ ކަންކަން ކުރުމަކީ އުޚުއްވަތްތެރި ކަމުގެ ގުޅުމަށް ބުރޫއަރާނެ ކަންކަމެވެ.

ތިންވަނަ ކަމަކީ، މީހުންގެ ސިއްރުތައް ހޯދުމަށް ފާރަލާ ނުހެދުމެވެ. ފާރަލުން ކީރިތި ޤުރުއާނުގައި ނަހީކުރައްވާފައި ވެއެވެ. (އަލްޙުޖުރާތު 12). މުސްލިމުންނަށް އުނދަގޫ ކުރުމާއި އެބައިމީހުންގެ ސިއްރުތައް ހޯދަން ފާރަލުން ކީރިތި ރަސޫލާ ވެސް ނަހީ ކުރައްވާފައި ވެއެވެ. (އިބްނު މާޖާ). އެހެން ހަދީސަކުން އެނގޭ ގޮތުގައި ގެއެއްގެ ތެރޭ ހިނގާ ކަންކަން އެ ގޭގެ މީހުންގެ އިޒުނަ އާ ނުލައި ބަލައިފި މީހެއްގެ ލޯ ދުއްވާލުން ހުއްދަ ވެގެން ވެއެވެ. (ދެ ޝައިޚުން).

ހަތަރުވަނަ ކަމަކީ. ޣީބަ ބުނުމާއި ދެބައުޑުވުމުން ދުރުހެލިވުމެވެ. ޢީބަބުނުމަކީ އަޚާ ނެތް ތަންތަނުގައި އަޚާ ހިތް ނުރުހޭ ވާހަކަ ދެއްކުމެވެ. ޣީބަ ނުބުނުމަށް ކީރިތި ޤުރުއާނުގައި އަމުރު ކުރެއްވުމަށް ފަހު އެކަން ސިފަ ކުރައްވާފައި ވަނީ އަޚާގެ މުޅަ މަސްގަނޑު ކެއުން ފަދަ ކަމެއްގެ ގޮތުގަ އެވެ. (އަލްޙުޖުރާތު 12).

ދެބައުޑުވުމަކީ ދެފަރާތެއްގެ ދެމެދު މަސްލަހަތު ގެއްލިދާނެ ފަދަ ވާހަކަތައް ފެތުރުމެވެ. ދެބައުޑުވާ މީހުންނަކީ އުޚުއްވަތްތެރި ކަމުގެ ލޯބި އޮންނަ ފަރާތްތައް ދުރުކުރާ ވަރަށް ނުބައި އިންސާނުން ތަކެއް ކަން ކީރިތި ރަސޫލާ ވަނީ ބަޔާން ކުރައްވާފަ އެވެ. (އަޙުމަދު). އަދި އެމީހުން ސުވަރުގެ ނުވަންނާނެ ކަން ވެސް ވަނީ ބަޔާން ކުރައްވާފަ އެވެ. (ހަތަރު ބޭކަލުން).

ފަސްވަނަ ކަމަކީ، ނުބައި ހީކުރުންތަކުން ދުރުހެލިވުމެވެ. ކީރިތި ޤުރުއާނުގައި އަންގަވަނީ ހީތަކުގެ ތެރެއިން ގިނަ ހީތަކުން ދުރުހެލި ވުމަށެވެ. ސަބަބަކީ ބައެއް ހީތަކަކީ ފާފައެއް ކަމުގައި ވާތީ އެވެ. (އަލްޙުޖުރާތު 12).

ހަވަނަ ކަމަކީ، ރުޅިވެރިކަމާއި ހަސަދަވެރިވުމާއި އަރާރުންވުމުން ދުރުހެލިވުމެވެ. ކީރިތި ރަސޫލާ ހަދީސްފުޅު ކުރައްވަނީ އެއްބަޔަކު އަނެއްބަޔަކަށް ރުޅިވެރި ނުވުމަށާއި ހަސަދަވެރި ނުވުމަށާއި ފުރަގަސްދީ ނުދިއުމަށެވެ. އަދި އޭގެ ބަދަލުގައި ﷲ ގެ އަޅުންގެ ގޮތުގައި އަޚުންތަކެއް ކަމުގައި ވުމަށެވެ. (ދެ ޝައިޚުން)

ކީރިތި ޤުރުއާނުގައި އަންގަވާފައި ވަނީ ދެބަސްވެ އަރާރުން ނުވުމަށެވެ. އަދި އެކަން ކޮށްފިނަމަ އެއީ ފިނޑިވެ ބާރުނެތިދާނެ ކަމެއް ކަމަށެވެ. (އަލްއަންފާލު 46). އަދި މުސްލިމަކު އޭނާގެ އަޚާ ދެކެ ރުޅިއައިސް ގުޅުން ކަނޑައިގެން ތިން ދުވަހަށް ވުރެ ގިނަ ދުވަހު ނުހުރުމަށް ކީރިތި ރަސޫލާ އިރުޝާދު ދެއްވާފައި ވެއެވެ. (ދެ ޝައިޚުންނާއި އަބޫދާއޫދު).

ހަތްވަނަ ކަމަކީ، އަމިއްލަ އެދުން ބޮޑުނުވުމެވެ. އަމިއްލަ އެދުން ދޫކޮށް އީޘާރު (ތިމާގެ ނަފްސަށް ވުރެ އެހެންމީހުން އިސްކުރުން) ގެ ސިފަ ގެންގުޅުމަކީ ކީރިތި ޤުރްއާނުގައި އެކަމަށް ތައުރީފު ކުރާ ސިފަ އެކެވެ. އެއާ ޚިލާފަށް އަމިއްލަ އެދުން ބޮޑުވުމަކީ ހައިވާނުންނާ އިންސާނުންނާ ދެމެދު ތަފާތު ކުރަން ނޭނގޭނެ ކަމެއް ކަން ކީރިތި ރަސޫލާ ވަނީ ބަޔާން ކުރައްވާފަ އެވެ. (ފަސް ބޭކަލުން).

އަށްވަނަ ކަމަކީ، ދެފުށް ދެގޮތްވުމާއި މުނާފިގު ކަމުން ދުރުހެލިވުމެވެ. މުނާފިގު ކަމުގެ ހުރި ނުބައިކަން ކީރިތި ޤުރުއާނުގައި ވަރަށް ގިނައިން ބަޔާން ވެގެން ވެއެވެ. ކީރިތި ރަސޫލާ ބަޔާން ކުރައްވާ ގޮތުގައި ދެ މޫނުގެ ވެރިންނަކީ ނުބައިކަން ބޮޑުވެގެންވާ ބައެއް ކަމަށެވެ. (ހަތަރު ބޭކަލުން)

ނުވަވަނަ ކަމަކީ، ކިބުރުވެރިކަމާއި ބޮޑާކަން ދޫކޮށް ތަވާޟުޢުވެރި ވުމެވެ. ކީރިތި ރަސޫލާ ބަޔާން ކުރައްވަނީ ކިބުރުވެރި ކަމުގެ ޒައްރެއްގެ މިންވަރު ވެސް މީހެއްގެ ކިބައިގައި ވާނަމަ އެމީހަކު ސުވަރުގެ ނުވަންނާނެ ކަމަށެވެ. (މުސްލިމް އާއި ތިރުމިޛީ).

ދިހަވަނަ ކަމަކީ، މަލާމާތް ކުރުމާއި މީސްތަކުންގެ އަގުވައްޓާލުން ފަދަ ކަންކަމުން ދުރުހެލިވުމެވެ. އެކަކު އަނެކަކަށް މަލާމާތް ނުކުރުމަށް އަލްޙުޖުރާތު ސޫރަތުގެ 11 ވަނަ އާޔަތުގައި އަންގަވާފައި ވެއެވެ. މުސްލިމް އަޚެއްގެ އަގު ދަށް ކުރުން އެއީ މީހަކު ނުބައިވުމަށްޓަކައި ފުދިގެންވާނެ ކަމެއް ކަން ކީރިތި ރަސޫލާ ވަނީ ބަޔާން ކުރައްވާފަ އެވެ. (މުސްލިމް)

އެގާރަވަނަ ކަމަކީ، މުއާމަލާތު ތަކުގައި މަކަރު ހެދުމާއި އޮޅުވާލުމާއި ގަދަކަމުން ގަންނަން ނުވަތަ ވިއްކަން މަޖުބޫރު ކުރުވުމާއި އިހުތިކާރު ކުރުން ފަދަ ކަންކަމުން ދުރުހެލިވުމެވެ. ކީރިތި ރަސޫލާ ހަދީސް ކުރައްވަނީ މަކަރު ހަދާ މީހުންނަކީ އަހަރެމެންގެ (މުސްލިމުންގެ) ތެރެއިންވާ ބައެއް ނޫން ކަމަށެވެ. (ދެ ޝައިޚުން).

ބާރަވަނަ ކަމަކީ، ތައައްސުބުވުމުން ދުރުހެލިވުމެވެ. ވަކި ނަސްލަކަށް ވާތީ ނުވަތަ ވަކި ރައުޔަކަށް ތިމާ ތާއީދު ކުރާތީ އެހެން ހުރިހާ ފަރާތްތައް އިންކާރު ކޮށް ލޯކަނު ތަބާވުމަކުން ތަބާވުމަކީ ރުޅިވެރިކަމާއި ދެކޮޅުވެރިކަން އުފެދޭނެ ކަމެކެވެ. އެހެންވެ ތައައްސުބުވާ މީހުންނާއި އެކަމަށް ހިތްވަރުދޭ މީހުން އެއީ އަހަރެމެންގެ (މުސްލިމުންގެ) ތެރެއިންވާ ބައެއް ނޫންކަމަށް ކީރިތި ރަސޫލާ ވަނީ ބަޔާން ކުރައްވާފަ އެވެ. (އަބޫދާއޫދު).

މިފާހަގަ ކުރެވުނު ކަންކަމުގެ އިތުރުން ވެސް ރިވެތި އަޚުލާގާ ފުށުން އަރާ އެހެން ބައެއް ކަންކަމުގެ ސަބަބުން ވެސް އުޚުއްވަތްތެރި ކަމުގެ ލޯބި މުޖުތަމައުން ނެތި ގޮސް އެކަމަށް ބުރޫއަރަން އެހީތެރި ވެދާނެ އެވެ. އެހެން ކަމުން މިފަދަ ހުރިހާ ކަމަކުން މުސްލިމުން ދުރުހެލިވާން ޖެހޭނެ އެވެ. އަދި އުޚުއްވަތްތެރިކަމުގެ ގުޅުމާއި ލޯބި ބަދަހިވާ އެންމެހާ ރިވެތި އަޚްލާޤީ ސިފަތަކުން މުސްލިމުން ޒީނަތްތެރިވާން ޖެހޭނެ އެވެ.