Roadha Mihaaru
ރިވެތި އަޚުލާގަށް އެންމެ މުހިންމީ އީމާންތެރިކަން

ރިވެތި އަޚުލާގު ދަމަހައްޓަން އެންމެ މުހިންމީ އީމާންތެރިކަން

12 އޮކްޓޯބަރ 2018

އިންސާނުންގެ ތެރޭ އަޚުލާގީ ރިވެތި ސިފަތައް ދެމެހެއްޓުމަށް އެހީތެރިވެދޭ ކަންކަން ހުރެ އެވެ. އޭގެ ތެރޭގައި އިންސާނާގެ ފިޠުރަތު ނުވަތަ ޣަރީޒާތަކާއި، ޤާނޫނުތަކާއި، އަޚްލާޤީ އެކިއެކި ފަލްސަފާތަކާއި، އިންސާނާގެ ޢަޤީދާ ނުވަތަ އީމާންކަން ހިމެނެއެވެ. މީގެ ތެރެއިން އެންމެ ވަރުގަދަ ބާރަކީ ޢަޤީދާ ނުވަތަ އީމާންތެރިކަމެވެ.

އިންސާނުންގެ ތެރޭ އަޚުލާގީ ރިވެތި ސިފަތައް ދެމެހެއްޓުމަށް އެހީތެރިވެދޭ ކަންކަން ހުރެ އެވެ. އޭގެ ތެރޭގައި އިންސާނާގެ ފިޠުރަތު ނުވަތަ ޣަރީޒާތަކާއި، ޤާނޫނުތަކާއި، އަޚްލާޤީ އެކިއެކި ފަލްސަފާތަކާއި، އިންސާނާގެ ޢަޤީދާ ނުވަތަ އީމާންކަން ހިމެނެއެވެ. މީގެ ތެރެއިން އެންމެ ވަރުގަދަ ބާރަކީ ޢަޤީދާ ނުވަތަ އީމާންތެރިކަމެވެ.

އަޚުލާގު ދެމެހެއްޓުމަށް އެހެން ކަންކަމުން އެހީތެރިކަމެއް ލިބުނަސް އީމާންކަމާ ނުލައި އެކަން ދަމަހައްޓަން ވަރަށް އުނދަގޫވެ އެވެ. އަދިކިއެއްތަ، ބައެއް ފަހަރު އެހެން ކަންކަން އެއީ އަޚުލާގަށް ހުރި ގޮންޖެހުންތަކެއް ކަމުގައިވެސް ވެގެން ގޮސްދާނެ އެވެ.

ޣަރީޒާތައް، އެބަހީ ޠަބީއީ ގޮތުން ނުވަތަ ފިތުރަތުން އިންސާނާ އަށް ނުވަތަ އެހެން މަޚްލޫގަކަށް ނަމަވެސް ލިބިފައި ހުންނަ އެދުންތަކާއި ބޭނުންތަކާއި ކަންކަމަށް ގެންގޮސްދޭ ތަފާތު ބާރުތައް ފަދަ ކަންކަމެވެ. ޣަރީޒާތަކަށް ބަލާއިރު ހައިވާނުންނަށް އެސޮރުމެންގެ ދިރިއުޅުން ހަމަޖެހޭ މިންވަރަށް ކަންކަން އިންތިޒާމު ކުރުމަށް އެއިން ފަހަރެއްގައި ފުދިދާނެ އެވެ.

އެހެން ނަމަވެސް އިންސާނީ ޣަރީޒާތަކަށް ބަލާއިރު އެ ޣަރީޒާތައް ގިނަވުމާއި އުނދަގޫވުމާއި އެއްކަމާ އަނެއްކަމާ ފުށުއަރާ ގޮތް ހުރުން ފަދަ ކަންކަން ފާހަގަ ކުރެވެއެވެ. މިހެން ވަނީ އިންސާނުންނަކީ ހައިވާނުންނާ ޚިލާފަށް ޖިސްމަކާއި ރޫހެއް، ޝަހުވަތްތަކާއި ބުއްދިއެއް، މާތްކަމާއި ދަށުދަރަޖަ ފަދަ ދެފަރާތުން މުގާބަލާ ކުރާ ސިފަތައް ލިބިގެންވާ މަޚްލޫގެއް ކަމަށްވާތީ އެވެ.

އިނގިރޭސި ފައިލަސޫފެއް ކަމަށްވާ ބަޓްރާންޑް ރަސްލް ވިދާޅުވާ ގޮތުގައި ޣަރީޒާތަކާއި ބޭނުންތަކަށް ބަލާއިރު އިންސާނާއަކީ އެހެން ހައިވާނުންނާ ތަފާތު މަޚްލޫގެކެވެ. ފަރުދީ ގޮތުން ބައެއް ކަންކަމުގައި މުސްތަގިއްލުވާން އިންސާނާ އަށް ބޭނުން ޖެހުނަސް އިޖުތިމާއީ ގޮތުން އެހެން މީހުންނާ ގުޅިގެން އުޅެން އޭނާ އަށް މަޖްބޫރުވެ އެވެ. އަދި މިކަމަށްޓަކައި އަޚުލާގީ ވަކި ސިފަތަކެއް އިންސާނާގެ ކިބައިގައި ހުންނަން ޖެހެ އެވެ.

މިހެންކަމަށް ވާނަމަ މި އިޖުތިމާއީ އަޚުލާގުގެ ދަށުން އިންސާނާ ތަބާވާން ޖެހޭ ސިފަތައް ކަނޑައަޅާނީ ކޮން ފަރާތަކުން ހެއްޔެވެ؟ އެއީ އިންސާނާގެ އެދުންތަކާއި ޝަހުވަތްތައް ނުވަތަ ޣަރީޒާތައް ހެއްޔެވެ؟ ނުވަތަ އިންސާނުން ހަދާ ޤާނޫނުތަކާއި ގަވައިދުތައް ހެއްޔެވެ؟ ނުވަތަ އަޚުލާގީ ފަލްސަފާތައް ހެއްޔެވެ؟ ނުވަތަ ދީނީ ޢަޤީދާ ހެއްޔެވެ؟

އިންސާނީ ޣަރީޒާތަކުގެ ހުރި ތަފާތުކަމާއި ފުށުއެރުންތަކާއި އުނދަގޫކަމުގެ ސަބަބުން މިފަދަ އަޚުލާގީ ސިފަތަކެއް އަށަގެންނެވުމަށް ޣަރީޒާތައް މުޅިން ނުފުދޭކަން ވަރަށް ސާފުކޮށް އެނގެއެވެ. ސަބަބަކީ ބައެއް ކަހަލަ ޣަރީޒާ ތަކުން ނުވަތަ ފިޠުރަތުން އިންސާނާ ރިވެތި އަޚްލާޤީ ސިފަތަކަށް ތަބާވިއަސް ގިނަފަހަރަށް ޣަރީޒާތައް އިންސާނާ ގެންގޮސްދެނީ ނުބައި އަޚްލާޤަށް ކަމަށްވާތީ އެވެ. މިއީ ދިރިއުޅުމުގެ ތެރެއިން އަބަދާއި އަބަދު ފެންނަމުންދާ ހަގީގަތެކެވެ.

ދެން އޮތީ ގާނޫނުތަކެވެ. ތެދެކެވެ. އިންސާނުންގެ ޖަމާއަތްތަކުގެ މެދުގައި އެކިއެކި ކަންކަން އިންތިޒާމު ކުރުމަށްޓަކައި ގާނޫނުތަކާއި ގަވައިދުތަކަކީ ވަރަށް މުހިންމު އެއްޗެކެވެ. އެހެން ނަމަވެސް އެއިން އެކަނި އިންސާނާގެ ސުލޫކު އިސްލާހެއް ނުވާނެ އެވެ. ސަބަބަކީ ގާނޫނުތަކާއި ގަވައިދުތަކުގެ ބާރު އޮންނަނީ އެތެރެފުށް ނުހިމަނައި ހަމައެކަނި ބޭރުފުށަށް ކަމަށް ވުމެވެ. އަދި އޭގެ ދާއިރާއަކީ ޝަޚުސީ ކަންކަން ނުހިމަނައި އާންމުންނާ ގުޅުން ހުރި ކަންކަން ކަމަށް ވުމެވެ.

ހަމައެއާ އެކު އޭގެ ދައުރަކީ ހަމައެކަނި ކުށްކުރާ މީހުންނަށް އުގޫބާތް ދިނުން ކަމަށްވުމެވެ. ކުށްނުކުރާ މީހުންނަށް އިނާމު ދިނުމެއް އެއަކު ނޯވެއެވެ. މިހުރިހާ ކަމެއްގެ އިތުރުން ގާނޫނާއި ގަވައިދުތަކަށް މަކަރު ހެދުމަކީ ވަރަށް ފަސޭހަ ކަމެކެވެ. އަމިއްލަ އެދުންތަކާ އެއްގޮތްވާ ގޮތަށް ގާނޫނުތަކާއި ގަވައިދުތައް ހެދުމަކީ ނުވަތަ އެއަށް ބަދަލު ގެނައުމަކީ ވެސް ނުކުރެވޭނެ ކަމެއް ނޫނެވެ. އަދި ކުށެއް ކުރުމަށް ފަހު އުގޫބާތުން ސަލާމަތްވުމަކީ ވެސް އެހާ އުނދަގޫ ކަމެއް ނޫނެވެ.

މި ސަބަބުތަކަށްޓަކައި ގާނޫނުތަކާއި ގަވައިދުތަކަކީ ކުށްތަކާއި ޖަރީމާތައް މުޅިން ހުއްޓައިދޭނެ ހަމައެކަނި ބާރެއް ކަމުގައެއް ނުވެއެވެ. އިސްލާހީ މަސައްކަތްތެރިއެއް ކަމަށްވާ ޖަމާލުއްދީނުލް އަފްޣާނީ ވިދާޅުވާ ގޮތުގައި ދައުލަތްތަކުގެ ބާރު ހިނގާނީ ހަމައެކަނި ބޭރުފުށުގެ އުދުވާނަށެވެ. ދޮގުހެކިދިނުމާއި މަކަރުހެދުމާއި ޚިޔާނާތާއި ހެޔޮކަމެއްކަމަށް ބޭރުފުށުން ދައްކާފައި ކުރާ ނުބައިކަންތައް ފަދަ ކަންކަން އިސްލާހު ކުރުމުގެ ބާރެއް ދައުލަތްތަކަށް ލިބިގެނެއް ނުވެއެވެ.

މިކަން މިހެން އޮތް އިރު އަނެއްކޮޅުން ދައުލަތުގެ ބާރުތަކުގައި ތިބޭ ބައެއް މީހުންނަކީ އެމީހުންގެ އެދުންތަކާއި މަސްލަހަތުތަކުގެ މައްޗަށް ބިނާކޮށްގެން އެމީހުންގެ ދައުރު އަދާކުރާ ބަޔަކަށް ވެއްޖެނަމަ ދެން ގާނޫނުތަކާއި ގަވައިދުތަކުން ހާސިލުވާ މަދުމިންވަރުވެސް ހާސިލު ކުރަން ދަތިވާނެކަން ޔަގީނެވެ. ހައްގުތަކާއި ވާޖިބުތައް ފުރިހަމައަށް އަދާކުރާ މުޖުތަމައެއް އުފެއްދުމަށްޓަކައި އެންމެންގެ އެހީތެރިކަން ބޭނުންވެ އެވެ.

މިއެހީތެރިކަން ހޯދުމަށްޓަކައި ގާނޫނުތަކާއި ގަވައިދުތައް ކިތަންމެހާ ވެސް މުހިންމެވެ. އެހެން ނަމަވެސް މިގާނޫނުތަކާއި ގަވައިދުތައް ހެދުމުގައާއި ތަންފީޒުކުރުމުގައާއި އެއާ ޚިލާފުވުމުން އަދަބު ދިނުމުގައި ވެސް އެއަށް ފުރިހަމަ އަށް ތަބާވުމަށް އިތުރު އެހެން ބާރެއް ބޭނުންވެ އެވެ.

މިގޮތުން މިކަމަށް އޮތް އެންމެ ވަރުގަދަ ބާރަކީ ދީނީ ބާރެވެ. ދީނީ ބާރުން މެނުވީ ގާނޫނުތަކަށް އިހުތިރާމުކުރުން ނުލިބޭނެ އެވެ. މުޖުތަމައުގެ އެއްބައިވަންތަކަން ހާސިލުނުކުރެވޭނެ އެވެ. މުޖުތަމައުގެ ނިޒާމު ނުދެމެހެއްޓޭނެ އެވެ. ހަމަޖެހުމާއި އަމާންކަން މުޖުތަމައަށް ނުލިބޭނެ އެވެ.

އެހެނީ އިންސާނާގެ އެންމެހާ އިޚުތިޔާރީ ހަރަކާތްތަކާއި ސުލޫކުތަކަކީ އޭނާގެ ފިކުރާއި ގަބޫލުކުރުންތަކުގެ މަތީ ބިނާވެފައިވާ ކަންކަން ކަމަށްވާތީ އެވެ. އިލްމާއި ސަގާފަތުގެ ރޮގުން އިންސާނާ އަށް ކިތަންމެ މުއްސަނދިކަމެއް ލިބުނަސް ދީނީ ތަރުބިޔަތާއި އަޚުލާގީ އަދަބުވެރިކުރުން ނެތް ނަމަ މުޖުތަމައުގައި އަމާންކަމާއި ސަލާމަތްކަން ކަށަވަރެއް ނުވާނެ އެވެ. އެހެނީ ޢިލްމަކީ ދެމިޔަލީ ކަނޑިއެއް ފަދަ އެއްޗެކެވެ.

ބިނާކުރުމާއި އާރާސްތުކުރުމަށް އޭގެ މަންފާ ލިބޭ ފަދައިން ހަލާކު ކުރުމާއި ސުންނާފަތި ކުރަން ވެސް އިލްމު ބޭނުންކުރެވިދާނެ އެވެ. ވީއިރު އިލްމުގެ ބޭނުން ހެޔޮގޮތުގައި ހިފުމަށްޓަކައި އަޚުލާގީ ބެލުންތެރިއެއް ވަރަށް މުހިންމެވެ. މިއަޚުލާގީ ބެލުންތެރިއަކީ ޢަޤީދާއާއި އީމާންތެރިކަމެވެ.

ދެންއޮތީ އަޚުލާގީ ފަލްސަފާތަކެވެ. އަޚުލާގީ ފަލްސަފާތަކަކީ ވެސް ރިވެތި އަޚުލާގެއް ބިނާކުރުމަށް އެއިން އެކަނި ފުދޭނެ އެއްޗެއް ނޫނެވެ. ސަބަބަކީ ފަލްސަފާ އިން މުޚާތަބު ކުރެވޭނީ ވަރަށް މަދު ބަޔަކަށް ކަމަށްވުމެވެ. އާދައިގެ މީސްތަކުންގެ ހިތްތަކަށް އެއިން އަސަރެއް ނުފޯރުވޭނެ އެވެ. އަނެއްކޮޅުން ބަލާއިރު އަޚުލާގީ ފަލްސަފާތައް ތަފާތެވެ.

މިގޮތުން އެއްބައެއްގެ ފަލްސަފާގައި މަންފާއެއް ލިބޭ ކޮންމެ ކަމަކީ ރަނގަޅު އަޚުލާގެވެ. އަނެއްބަޔަކު ބަލަނީ ލައްޒަތަށެވެ. އަނެއްބައެއްގެ ފަލްސަފާއަކީ ބާރެވެ. އަނެއްބަޔަކު ބަލަނީ އަދާކުރެވޭ ވާޖިބަކަށެވެ. މިގޮތަށް ފަލްސަފާތައް ތަފާތުވުމުން ހެޔޮނުބައި ކަނޑައަޅަން ދަތިވެއެވެ.

މިހުރިހާ ކަމަކުން އެނގިގެންދަނީ ރިވެތި އަޚުލާގު ދަމަހައްޓަން ބޭނުންނަމަ މި ހުރިހާ ކަމެއްގެ ކުރިން ނުވަތަ އެކަންކަމާ އެކުގައި ނަމަވެސް އަޚުލާގުގެ އަސާސެއްގެ ގޮތުގައި ވަރުގަދަ އެހެން ބާރެއް ބޭނުންވާ ކަމެވެ. އާދެ، އެބާރަކީ އީމާންތެރިކަމެވެ. އިސްލާމީ ނަޒަރުން ބަލާއިރު އަޚުލާގަކީ އީމާންތެރިކަމުގެ މޭވާ އެކެވެ. އަދި ރިވެތި އަޚުލާގު ނެތް މީހަކީ އީމާންތެރިކަން ފުރިހަމަ ނުވާ މީހެކެވެ.

އިސްލާމްދީން އަޚުލާގަށް ބާރުއަޅަނީ ހަމައެކަނި އެކަމަށް ގޮވާލައިގެން ނުވަތަ އެކަމުގެ ހުރި މަތިވެރިކަން އެކަނި ބަޔާންކޮށްދީގެނެއް ނޫނެވެ. އެހެންނަމަވެސް އަޚުލާގުގެ އެންމެހާ އުސޫލުތަކާއި ގަވައިދުތައް ވެސް އިސްލާމް ދީން ވަނީ އެކަށައަޅައިދީފަ އެވެ. އޭގެ އިންތަކާއި ފާހަގަތައް ވަނީ ޖަހައިދީފަ އެވެ. އަޚުލާގު މިންކުރާނެ މިންގަނޑުތައް ވަނީ ކަނޑައަޅައިދީފަ އެވެ.

އަޚުލާގުގެ ރިވެތި ނަމޫނާތައް، ނަބީންނާއި ރަސޫލުންނާ ހަމައިން ފެށިގެން އެންމެ މަތިވެރި ނަމޫނާ ކަމުގައިވާ ކީރިތި ރަސޫލާ، ޞައްލަﷲ ޢަލައިހި ވަސައްލަމް، ވަނީ ދައްކަވައިދެއްވާފަ އެވެ. ސީދާވެގެންވާ ތެދުމަގަށް މީސްތަކުންނަށް ވަނީ މަގުދައްކަވާފަ އެވެ. މަގުން ކައްސާލައިގެން ނުދިއުމަށް ވަނީ އިންޒާރު ދެއްވާފަ އެވެ. މި ހުރިހާ ކަންކަމުގައި ހިފަހައްޓާނެ ބާރެއް ކަމުގައި އިސްލާމް ދީން ހަދާފައިވަނީ އީމާންތެރިކަމެވެ.

ވީމާ، އިންސާނީ ޣަރީޒާތަކުގެ ތެރޭގައި ރިވެތި އަޚުލާގަށް ބާރުއަޅާ ކަންކަން ހިމެނުނަސް، ގާނޫނުތަކާއި ގަވައިދުތަކުން ނުރަނގަޅު އަޚުލާގު ނައްތާލަން މަސައްކަތް ކުރިއަސް، އަދި އަޚުލާގީ ފަލްސަފާތަކުން އަޚުލާގީ ފިކުރު ތަރައްގީ ކޮށްދިނަސް ރިވެތި އަޚުލާގުގެ މަތީ އަބަދު ދެމިހުރުމަށް އެހީތެރިވެދޭނެ ހަމަ އެންމެ ވަރުގަދަ ބާރަކީ އަބަދުވެސް އީމާންތެރިކަމެވެ. އެހެންކަމުން އީމާންތެރިކަން ވަރުގަދަކޮށްގެން ރިވެތި އަޚުލާގު ދަމަހައްޓަން ކޮންމެ މުސްލިމަކު ވެސް މަސައްކަތް ކުރަންވާނެ އެވެ. އަދި ތަރުބިޔަތުގެ ދާއިރާ ގައި މިކަމަށް ވަރަށްބޮޑު ސަމާލުކަމެއް ދޭންވާނެ އެވެ.