26 އޮކްޓޯބަރ 2018
އިންސާނާގެ ތަބީއަތުގައި ﷲ ލައްވަވާފައިވާ އެދުންތައް ނުވަތަ ޝަހުވަތްތަކަކީ ދިރިއުޅުމުގެ ހަޔާތަށް ނުހަނު ބޭނުން ކަންކަމެވެ. އެހެން ނަމަވެސް މި އެދުންތަކުގެ ބޭނުން ހިފުމުގައި ކޮންޓްރޯލެއް ނެތި ހައްދުފަހަނައަޅައި ގޮސްފި ނަމަ އެއީ ރިވެތި އަޚްލާގަށް އޮތް ގޮންޖެހުމެކެވެ. ނުބައިކަންތައްތައް ކުރުމަށް ހުޅުވޭ މަގެކެވެ.
އިންސާނާގެ ތަބީއަތުގައި ﷲ ލައްވަވާފައިވާ އެދުންތައް ނުވަތަ ޝަހުވަތްތަކަކީ ދިރިއުޅުމުގެ ހަޔާތަށް ނުހަނު ބޭނުން ކަންކަމެވެ. އެހެން ނަމަވެސް މި އެދުންތަކުގެ ބޭނުން ހިފުމުގައި ކޮންޓްރޯލެއް ނެތި ހައްދުފަހަނައަޅައި ގޮސްފި ނަމަ އެއީ ރިވެތި އަޚްލާގަށް އޮތް ގޮންޖެހުމެކެވެ. ނުބައިކަންތައްތައް ކުރުމަށް ހުޅުވޭ މަގެކެވެ.
ކީރިތި ޤުރްއާނުގެ އާލްޢިމްރާން ސޫރަތުގެ 14 ވަނަ އާޔަތުން އެނގޭ ގޮތުގައި އަންހެނުންނާއި، ދަރިންނާއި، ރަންރިހީގެ ތެރެއިން އެއްކުރެވިފައިވާ ގިނަ ބައިވަރުތަކާއި، މޮޅު އަސްތަކާއި، ގެރިބަކަރި ޖަމަލާއި، ދަނޑުބިން ފަދަ ތަކެއްޗަށް އެދުމުގެ ލޯބި އެއީ މީސްތަކުނަށްޓަކައި ﷲ ޒީނަތްތެރި ކުރައްވާފައިވާ ކަންކަމެވެ. މިކަންކަމަށް ގިޔާސްކޮށް ދުނިޔޭގެ ދިރިއުޅުމުގައި އުފާލިބިދޭ މިފަދަ ޒީނަތްތައް މިއަދު ވަރަށްވެސް ގިނައެވެ.
މި ޒީނަތްތައް ލިބިގަތުމަށް އޮންނަ ދަހިވެތިކަން އިތުރުވެ މާއްދިއްޔަތަށް އިންސާނާ ހައްދު ފަހަނައަޅައިދާ މަންޒަރުތައް ފެނެއެވެ. މިގޮތުން ދުނިޔަވީ އުފާތަކާއި ޒީނަތްތައް ހޯދުމަށް އެކަކު އަނެކަކަށް ވާދަ ކުރުމުގެ ތެރެއިން ނުބައި އެތައް ކަމެއް ކުރެއެވެ.
މީގެ ބައެއް މިސާލުތަކަށް ބަލާއިރު މީހަކު އޭނާގެ އަޚާ ވިއްކާލަފާނެ އެވެ. ބައްޕަ މަރާލަފާނެ އެވެ. މީސްތަކުންގެ އަމާނާތްތަކަށް ޚިޔާނާތްތެރި ވެދާނެ އެވެ. އަހުދުތައް އުވާލަފާނެ އެވެ. ހައްގުތައް ނިގުޅައިގެންފާނެ އެވެ. ވާޖިބުތައް ހަނދާން ނައްތާލާފާނެ އެވެ. އެކަކު އަނެކަކުގެ މައްޗަށް ގަދަވެގަތުމުގައި ވަލު ޖަނަވާރަށް ދޫނުކޮށް ވަރުގަދަ އެތި އައިސް ނިކަމެތި ޝިކާރަ ކުރާ ފަދައިން ނުވަތަ ބޮޑުއެތި އައިސް ކުޑައެތި ކާލާ ފަދައިން އިންސާނުންގެ އަމަލުތައް ހިނގަން ފަށާފާނެ އެވެ.
ދުނިޔަވީ އެދުންތައް ހާސިލު ކުރުމަށްޓަކައި ވިޔަފާރީގައި މަކަރު ހަދާފާނެއެވެ. މިނެކިރުމުގައި އޮޅުވާލަފާނެ އެވެ. ވެރިން ރައްޔިތުންގެ މައްޗަށް ގަދަކަން ދައްކައި އަނިޔާ ކޮށްފާނެ އެވެ. ފަނޑިޔާރުން އިންސާފުން ބޭރުވެ ރިޝްވަތު ހިފާފާނެ އެވެ. މުއްސަނދިން ބޮޑާވެ މުދާތައް އިސްރާފު ކޮށްފާނެ އެވެ. ނުވަތަ ނިކަމެތިންގެ ހިތްތަކަށް ސަވާރުވެ މުނާފިގުކަން ދައްކާފާނެ އެވެ. އިލްމުވެރިން އެމީހުންގެ އިލްމު ފޮރުވާފާނެ އެވެ. ނުވަތަ ބާތިލުކަން ކަނޑައެޅިގެން އެނގޭއިރުވެސް ބާތިލާ އެއްކޮޅަށް ފަތުވާދީފާނެ އެވެ.
ދުނިޔަވީ އުފާތަކާއި ޒީނަތްތަކަށްޓަކައި ހަބަރު ފަތުރާ މީހުން ދޮގު ހަބަރުތައް ފަތުރައި މީހުންގެ އަބުރުތައް ކަތިލާފާނެ އެވެ. މެންދުރުގެ އަލިފަދައިން ފާޅުވާ ހަގީގަތްތައްވެސް ފޮރުވާފާނެ އެވެ. ޅެންވެރިން ހެޔޮލަފާ މީހުން ބެލުމެއްނެތި ހަޖޫ ޖަހާފާނެ އެވެ. ނުވަތަ ނުލަފާ ޖައްބާރުންނަށް ވިއަސް ތާރީފުކޮށް ޚުޝާމަދު ކޮށްފާނެ އެވެ. ދުނިޔެއަށްޓަކައި މީސްތަކުން ލޭއޮރުވާފާނެ އެވެ.
ހުރުމަތްކަން ލިބިގެންވާ އެއްޗެއްސާއި ކަންކަމުގެ ހުރުމަތް ކަނޑާފާނެ އެވެ. މަތިވެރި އަގުތަކަށް ފައިން އަރާފާނެ އެވެ. ދީނާއި ޝަރަފާއި ވަތަނާއި އަބުރާއި މިނޫންވެސް އިންސާނީ މަތިވެރި ކޮންމެ ސިފައެއް ވެސް ދުނިޔެއަށްޓަކައި ނުވަތަ ދުނިޔޭގެ އުފާތަކާއި ޝަހުވަތްތަކަށްޓަކައި ވިއްކާލާފާނެ އެވެ.
މިފަދަ ކަންކަމަކީ އިންސާނާގެ އެދުންތައް ކޮންޓްރޯލު ކުރަން ތަރުބިޔަތުވެފައި ނުވާތީ ހިނގާ ކަންކަމެވެ. އިންސާނާގެ ކިބައި އެ ޠަބީޢަތު ހުންނާތީ އޭ ކިޔާފައި ކުރަން ޖެހޭ ކަންކަމެއް ނޫނެވެ. ސަބަބަކީ ﷲ އިންސާނާ ގެ ކިބައިގައި އެ ޠަބީޢަތު ލައްވަވާފައި ވަނީ އިންސާނާ އިމްތިހާނު ކުރުމުގެ އިތުރުން ދުނިޔަވީ ހަޔާތުގައި އިންސާނާ އަދާ ކުރަންޖެހޭ ބިމުގެ ޚަލީފާކަމުގެ ދައުރު އަދާ ކުރެވޭނީ މިފަދަ ތަބީއަތެއް ހުރެގެން ކަމަށް ވާތީ އެވެ.
ތިމާއަށާއި ތިމާއާ އެކީ އުޅޭ އެހެން މީހުންނަށްވެސް އަދި ދުނިޔެއާއި އާޚިރަތުގެ ލާބަ ވެސް ލިބޭ ގޮތުގައި މިތަބީއަތާ އެކު އުޅޭނެ ހަމަތަކަކާއި އުސޫލުތަކަކާއި އަދި އެކަންކަމުގެ ތަމްރީނު ލިބެނިވި ވަސީލަތްތަކެއް އިސްލާމްދީނުގައި ވަނީ ހުށަހަޅައިދީފަ އެވެ.
އެމަގުން އިންސާނާ ހިނގައިފި ނަމަ ކެތްތެރިވުމާއި މަހްރޫމްވުން ތަކެއް ކޮންމެވެސް މިންވަރަކަށް ތަހައްމަލު ކުރަން ޖެހުނަސް އިންސާނާއަށް ދެ ދުނިޔޭގައި ވެސް އެންމެ ފައިދާ ބޮޑު ގޮތަކީ އަދި ރިވެތި އަޚުލާގު ދެމެހެއްޓޭނެ ގޮތަކީ ވެސް ހަމައެކަނި އެއީ އެވެ.
އެހެންވެ ދުނިޔަވީ އުފާތަކުގައި ޣަރަގުވެގެން ނުގޮސް މި ކުރުކުރު ހަޔާތަކީ ތިމާ އެންމެ ކަންބޮޑުވާ ކަންތައް ކަމުގައި ނުވަތަ އިލްމާއި އުއްމީދުތައް ނިމޭ ހިސާބު ކަމުގައި ނުހެދުން ވަރަށް މުހިންމެވެ. ކީރިތި ރަސޫލާ، ޞައްލަﷲ ޢަލައިހި ވަސައްލަމް، ވަނީ މިކަންކަމުން ސަލާމަތްވުމަށް އެދި ކުރާ ދުއާއެއް ވެސް ދަސްކޮށްދެއްވާފަ އެވެ.
އެއީ ހިސާބު ބައްލަވާ ދުވަހަށް އީމާންނުވާ އަދި ﷲ އާ ބައްދަލުވުމަށް އުއްމީދު ނުކުރާ ބަޔަކަށް އަހަރެމެން ވެގެން ނުދިއުމަށްޓަކަ އެވެ. އެހެންކަމުން ދުނިޔަވީ އުއްމީދުތަކާއި މާއްދިއްޔަތުގެ ލޯތްބަށް ވުރެ ވަރުގަދަ އުއްމީދުތަކަކާއި ލޯތްބެއް އިންސާނާއަށް އެބަ ބޭނުންވެއެވެ. އެ ލޯތްބަކީ އާޚިރަތް ދުވަސް ދެކެ ލޯބިވުމެވެ.
އެ އުންމީދަކީ ﷲ އާ ބައްދަލު ކުރުމުގެ އުންމީދެވެ. އެކަލާނގެ ރުހިވޮޑިގަތުމާއި ދަރުމައަށް އޮންނަ ދަހިވެތި ކަމެވެ. އެކަލާނގެ ހިސާބު ބެއްލެވުމާއި އުގޫބާތަށް އޮންނަ ބިރުވެރިކަމެވެ. މިފަދަ ލޯތްބަކާއި އުންމީދަކާއި ދަހިވެތި ކަމަކާއި ބިރުވެތި ކަމެއް އިންސާނާއަށް ލިބިއްޖެ ނަމަ މާއްދީ އެދުންތަކުގައި ހައްދުފަހަނައަޅައިދިއުމުގެ ނުބައި ބަލިން އިންސާނާއަށް ސަލާމަތް ވެވޭނެ އެވެ.
މިކަމަށް އޮތް މަގަކީ އީމާންކަމުގެ މަގެވެ. އާޚިރަތާ މެދު ޔަގީންކަން ގެނެސްދީ ﷲ ގެ ހަޒްރަތުގައިވާ އެއްޗަކަށް ދަހިވެތިކަން އުފައްދައިދޭނީ މި އީމާންތެރިކަމެވެ. ކީރިތި ޤުރުއާނުގައި މިފަދަ މީހުން ސިފަ ކުރެވިފައިވަނީ މުހުސިނުން ނުވަތަ ތަގުވާވެރިންގެ ގޮތުގަ އެވެ. އަލްބަޤަރާ ސޫރަތުގެ 4 ވަނަ އާޔަތާއި އައްނަމްލު ސޫރަތުގެ 3 ވަނަ އާޔަތާއި ލުޤުމާނު ސޫރަތުގެ 4 ވަނަ އާޔަތުން އެނގޭ ގޮތުގައި އެބައިމީހުންނަކީ އާޚިރަތާ މެދު ޔަގީންކަން އޮންނަ މީހުންނެވެ.
ނަމަވެސް މިއާ ޚިލާފަށް އުރެދުންތެރިންނާއި މުޖުރިމުންނަކީ ހިސާބު ބެއްލެވުމެއް އޮންނާނެ ކަމަށް އުންމީދު ނުކުރާ އަދި ﷲ ބާވާލެއްވި އާޔަތްތައް ދޮގުކުރާ މީހުންނެވެ. (އައްނަބައު 27-28). ނުވަތަ އަލްމުއްދައްޘިރު ސޫރަތުގައި ބަޔާން ކުރައްވާފައިވާ ފަދައިން ނަމާދު ނުކޮށް، މިސްކީނުންނަށް ކާން ނުދީ، ބާތިލުވާހަކަ ދައްކާ އުޅޭ މީހުންނާ އެކު ބާތިލު ވާހަކަ ދައްކާ، އަދި ގިޔާމަތްދުވަސް ދޮގު ކުރި މީހުންނެވެ.
ދުނިޔަވީ އެދުންތަކާއި ޒީނަތްތަކުގެ ކުރިމަތީ ނަފްސު ކޮންޓްރޯލު ކުރެވޭނީ ﷲ އަށާއި އާޚިރަތް ދުވަހަށް އީމާންވާ މީހަކަށެވެ. އަލީގެފާނު ވިދާޅުވި ފަދައިން ތިންފަށް ވަރިއަކުން ދުނިޔަވީ އެދުންތައް ވަރި ކުރެވޭނެ މީހަކަށެވެ. ނުވަތަ ކީރިތި ރަސޫލާ، ޞައްލަﷲ ޢަލައިހި ވަސައްލަމް، ސިފަ ކުރައްވާ ފަދައިން ދަތުރުވެރިއަކު ވަރުބަލިވެގެން ހިޔާދޭ ގަހެއްގެ ދަށުގައި ކުޑަ ހިނދުކޮޅަކަށް އެކަނި މަޑުކޮށްލާ ފަދައިން ދުނިޔޭގެ ހަޔާތުގައި އުޅެވޭނެ މީހަކަށެވެ. މިފަދަ މީހަކަށް ދުނިޔަވީ ހަޔާތުގައި ބިރެއް ނެތެވެ. މިފަދަ މީހާ ބިންމަތީ އުޅުނަސް އޭނާގެ ހިތް ވާނީ އުޑާ ގުޅިފައެވެ. ދުނިޔެއަކީ މަދިރިއެއްގެ ފިޔައެއްގެ އަގުވެސް ހުރި އެއްޗެއް ކަމަކަށް މިފަދަ މީހާ ނުބަލާނެ އެވެ.
މިފަދައިން ދުނިޔޭގެ ހަޔާތާ މެދު ބެލުމަކީ އެއްވެސް ހާލެއްގައި ދުނިޔަވީ އުފާތަކުން މުޅިން މަހްރޫމު ވުމަށް ގޮވާލެވޭ ގޮވާލުމެއް ނޫނެވެ. ދުނިޔެ އާރާސްތުކޮށް ތަރައްގީ ކުރުމަކީ ހަމައެކަނި ކާފިރުންގެ ކަމެއް ނޫނެވެ. އެއީ ހުރިހާ އިންސާނުންނަށް ހަވާލު ކުރެވިފައިވާ އަމާނަތެކެވެ. އުޑުތަކާއި ބިމާއި ފަރުބަދަތަކަށް މިއަމާނާތް ހުށަހެޅުނު ހިނދު އެތަކެތި އެމަސްއޫލިއްޔަތުން ދުރުވެގަތް ނަމަވެސް އިންސާނާ އެ އުފުލިއެވެ. (އަލްއަޙްޒާބު 72)
މިހެންވެ ދުނިޔެ އާރާސްތު ކުރަން ﷲ އަންގަވައެވެ. ބިމުގެ އެތަން މިތަނުގައި ފެތުރި ދިއުމަށް އަންގަވައެވެ. އެތަނުން ﷲ ދެއްވާ ރިޒުގު ހޯދަން މަސައްކަތް ކުރަން އަމުރު ކުރެއެވެ. އޭގެ ތެރެއިން ހަލާލު ރަނގަޅު ތަކެތި ކައިބޮއެ ހަދަން ހުއްދަ ދެއެވެ. އާޚިރަތަށްޓަކައި މަސައްކަތް ކުރިއަސް ދުނިޔެއިން ލިބެންވީ ނަސީބުގެ މަތިން ހަނދާން ނައްތާނުލަން އިރުޝާދު ދެއެވެ.
އިސްލާމް ދީން އިންކާރު ކުރަނީ، އަދި އިސްލާމީ އަޚްލާގަށް ގޮން ޖެހުމަކަށް ވަނީ އިންސާނާގެ އެދުންތައް ފުއްދުމުގައި ނުވަތަ ދުނިޔަވީ އުފާތަކާއި ލައްޒަތު ތައް ހޯދުމުގައި ހައްދުފަހަނައަޅައި ދިއުމެވެ. އެހެން ކަމުން މި ގޮންޖެހުމުން ސަލާމަތްވުމަށްޓަކައި އީމާންތެރިކަން ވަރުގަދަ ކުރުމާއެކު ދިރިއުޅުމުގެ އުފާތަކާއި ދުނިޔަވީ ޒީނަތްތައް ހާސިލު ކުރުމުގައި ނަފްސު ކޮންޓްރޯލް ކުރަން ދަސްކުރަން ޖެހެ އެވެ.
ﷲ އަށްޓަކައި އިންސާނާ އަދާކުރަންޖެހޭ ހައްގުތައް
ނަބަވީ ވަސިއްޔަތްޕުޅު: ސަޖިދަ ކުރުން ގިނަ ކުރޭ!
ޖަރީމާތަކުން މުޖުތަމައު ރައްކާތެރި ކުރަން ޖެހޭ
އަޅުކަމުގެ ޢަމަލުތައް ގަބޫލުކުރައްވާ ތިން ޝަރުތު
އިސްލާމީ އުގޫބާތްތައް ބިނާވެފައިވަނީ އުސޫލުތަކެއްގެ މަތީ
ދީނީ ފުރައްސާރަތަކުން މުޖުތަމައު ސަލާމަތް ކުރަންޖެހޭ
ވެރިންނާއި ހާކިމުން ވެސް ވާން ޖެހޭނީ ހެޔޮލަފާ ބަޔަކަށް
ރިވެތި އަޚުލާގަށް އެންމެ މުހިންމީ އީމާންތެރިކަން
އަޚްވަންތަކަމަށް ބުރޫއަރާ ކަންކަމުން ދުރުހެލިވުން
ހަގީގަތާ ޚިލާފު ވާހަކަތައް ފެތުރުމަކީ ނުރައްކަލެއް