28 މެއި 2017
މި އުންމަތުގެ މާތް ނަބިއްޔާ ރަސޫލުކަމާއިގެން ފޮނުއްވެވި އިރު، އިންސާނީ ދަރިފަސްކޮޅު އޮތީ އަލިފާން ވަޅުގަނޑެއްގެ ތުންފަތްމަތީގަ އެވެ. އެކަލޭގެފާނު ފޮނުއްވެވީ އެ އަލިފާނުގެ ގަދަފަދަ އަޒާބުން އެންމެހައި އިންސާނުން ސަލާމަތް ކުރެއްވުމަށެވެ. އެހެންކަމުން އިންސާނާގެ ހަލާކާއި ގެއްލުން، ރަނގަޅާއި ނުބައި، ޙަރާމާއި ޙަލާލް، އިލާހީ ވަހީގެ ޒަރީއާ އިން އަންގަވައިދެއްވި އެވެ.
މި އުންމަތުގެ މާތް ނަބިއްޔާ ރަސޫލުކަމާއިގެން ފޮނުއްވެވި އިރު، އިންސާނީ ދަރިފަސްކޮޅު އޮތީ އަލިފާން ވަޅުގަނޑެއްގެ ތުންފަތްމަތީގަ އެވެ. އެކަލޭގެފާނު ފޮނުއްވެވީ އެ އަލިފާނުގެ ގަދަފަދަ އަޒާބުން އެންމެހައި އިންސާނުން ސަލާމަތް ކުރެއްވުމަށެވެ. އެހެންކަމުން އިންސާނާގެ ހަލާކާއި ގެއްލުން، ރަނގަޅާއި ނުބައި، ޙަރާމާއި ޙަލާލް، އިލާހީ ވަހީގެ ޒަރީއާ އިން އަންގަވައިދެއްވި އެވެ.
ހަމައެކަނި އަންގަވައިދެއްވީކީ ވެސް ނޫނެވެ. ﷲގެ ރުހިވޮޑިގަތުން ހާސިލުކުރާނޭ ގޮތް، އަމަލީ ގޮތުން ދައްކަވައިދެއްވި އެވެ. އަދި ﷲގެ ރުހިވޮޑިގަތުން ހާސިލު ކުރުމަށް އެކަލޭގެފާނުގެ އުންމަތަށް ވަސިއްޔަތް ކުރެއްވި އެވެ. ދިރިއުޅުމުގެ ހުރިހާ މައިދާނެއްގައި ތެދު މަގުގެ މިސްރާބު ހިފުމަށް ނަސޭހަތާއި އިރުޝާދު ދެއްވި އެވެ.
ސީދާ މަގުގައި ސާބިތުވެ ހުރެވެނީ، އެ މީހަކު، ﷲ ސުބްހާނަހޫ ވަތަޢާލާއާ ކުއްތަންވި މިންވަރަކުންނެވެ. އެ މީހަކާއި ﷲ ސުބްޙާނަހޫ ވަތަޢާލާ ދެމެދު ރޫޙާނީ ގުޅުމެއް ގާއިމު ކުރެވިގެންނެވެ. އިންސާނާ އޭނާގެ އަމިއްލަ ޟަމީރާ ދުރުވާ ވަރަކަށް ﷲއާ ކުއްތަންވެ އެވެ.
ކީރިތި ޤުރްއާނުގައި ތަކުރާރުކޮށް އަޅުގަނޑުމެންނަށް ވަސިއްޔަތް ކުރައްވާފައިވަނީ، ކެތްތެރިކަމާއި ނަމާދުން ﷲގެ ހަޒްރަތުން ވާގިވެރިކަން ހޯދުމަށެވެ. ނަމާދުގައި ކިތަންމެ ރުކުނެއް ހިމެނޭ އިރު، އޭގެ ތެރޭގައި އިންސާނާ، ﷲއާ ވަރަށް ބޮޑަށް ކުއްތަން ކުރުވާ ރުކުނެއް ހިމެނޭ ކަމުގައި ކީރިތި ރަސޫލާ ބަޔާންކުރައްވާފައިވެ އެވެ.
ސަލާމާއި ސަލަވާތް ލެއްވި ކީރިތި ރަސޫލާ ހަދީސް ކުރެއްވި ކަމަށް މުސްލިމް އާއި ތިރްމިޒީ ރިވާ ކުރައްވާފައިވެ އެވެ؛ އިތުރު އެކަލޭގެފާނު ހަދީސް ކުރެއްވި އެވެ؛ "ތިބާ ސަޖިދަ ކުރުން ގިނަކުރާ ހުށި ކަމެވެ. ހަމަކަށަވަރުން ތިބާ ﷲ އަށް ސަޖިދަ ކުރާ ކޮންމެ ފަހަރަކު، ﷲ ތިބާގެ ދަރަޖައެއް މަތި ކުރައްވަ އެވެ. އަދި ތިބާގެ ފާފައެއް ފުއްސަވައިދެއްވާނެތެވެ."
ﷲ ސުބްޙާނަހޫ ވަތަޢާލާ ޚަލްގު ކުރެއްވި ގިނަ އެއްޗެހީގެ މައްޗަށް އެކަލާނގެ އާދަމުގެ ދަރިޔާ މާތް ކުރެއްވި އެވެ. ބައެއް އިލްމުވެރިންގެ ނަޒަރުގައި އެންމެ މާތް މަޚްލޫގަކީ އިންސާނާ އެވެ. އެހެނަސް އެ އިންސާނާގެ މާތްކަމާއި މަތިވެރިކަމުގެ ދަރަޖަ ﷲގެ ހަޒްރަތުގައި އުފުލިގެން ދަނީ އެ އިންސާނާ ނިކަމެތިވި މިންވަރަކުންނެވެ.
ޢުބާދަތު ބްނު އައްޞާމިތު ރިވާކުރެއްވި އެވެ. ސަލާމާއި ސަލަވާތް ލެއްވި ކީރިތި ރަސޫލާ ހަދީސް ކުރެއްވި އެވެ؛ ﷲގެ އަޅަކު އެ ކަލާނގެ އަށް ސަޖިދަ ކުރާ ކޮންމެ ފަހަރަކު، އެ ކަލާނގެ އޭނާ އަށް ހެޔޮ ކަމެއް ލިޔުއްވަ އެވެ. އަދި އެ ސަޖިދައިގެ ސަބަބުން އޭނާގެ ފާފައެއް ފުއްސަވަ އެވެ. އަދި އެ ސަޖިދައިގެ ސަބަބުން އޭނާގެ ދަރަޖައެއް މަތިވެރި ކުރައްވަ އެވެ. ފަހެ، ތިޔަބައިމީހުން ސަޖިދަ ކުރުން ގިނަ ކުރާ ހުށި ކަމެވެ.
ބުއްދީގެ ހަމަތަކުން ބަލާއިރު، އެހެން މަޚްލޫގުންނަށް ވުރެ ދަރަޖަ މަތިވެރިވެގެންވާ އިންސާނާ ސަޖިދަ އަށް ތިރިވެ އޭނާގެ އެންމެ މުގައްދަސް ގުނަވަން ބިންމަތީގައި ޖައްސައިގެން އޮންނަ ހިނދު، އޭނާ އަށް އެ ވެވެނީ އަމިއްލަ ޟަމީރާ ޚިލާފެވެ. އެހެނީ ނިކަމެތިވުމާއި ބަލި ގަބޫލުކުރުމަކީ، ވަރަށް މަދު ހާލަތެއްގައި މެނުވީ އިންސާނާގެ ޟަމީރު ރުހޭ ކަމެއް ނޫނެވެ. އެހެނަސް އެ ނިކަމެތިކަމަކީ ކިހާ މަތިވެރި ޝަރަފަކާއި މާތް ކަމެއްތޯ އެވެ!
ހުޒައިފާ ރިވާ ކުރެއްވި އެވެ؛ ސަލާމާއި ސަލަވާތް ލެއްވި ކީރިތި ރަސޫލާ ހަދީސް ކުރެއްވި އެވެ؛ އަޅާ އޭނާގެ މޫނު ބިންމަތީގައި ޖައްސައިގެން ސަޖިދައިގައި އޮއްވައި ދެކެވޮޑިގަތުމަށް ވުރެ ބޮޑަށް ﷲ ސުބްޙާނަހޫ ވަތަޢާލާ އެ ކަލާނގެ އަޅުން ދެކެވޮޑިގަތުމަށް ލޯބިވެވޮޑިގެންވާ އެހެން އެއްވެސް ހާލަތެއް ނުވެ އެވެ.
ހައްޖު ސޫރަތުގެ 22 ވަނަ އާޔަތުގައި ﷲ ވަހީ ކުރައްވާފައިވެ އެވެ؛ يَا أَيُّهَا الَّذِينَ آمَنُوا ارْكَعُوا وَاسْجُدُوا وَاعْبُدُوا رَبَّكُمْ وَافْعَلُوا الْخَيْرَ لَعَلَّكُمْ تُفْلِحُونَ މާނައީ؛ އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުން ރުކޫޢު ކޮށް، ސަޖިދަ ކުރާށެވެ! އަދި ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ އަށް އަޅުކަން ކުރާށެވެ! އަދި ތިޔަބައިމީހުން ހެޔޮ ކަންތައް ކުރާށެވެ! (އެއީ) ތިޔަބައިމީހުން ދިންނަވައި، ނަސީބު ލިބުމަށްޓަކަ އެވެ.
މިއާޔަތުގައި ނަމާދުގެ ދެ ރުކުނެއް ބަޔާން ކުރައްވާފައި ވިޔަސް، ހަގީގަތުގައި އެ ބަޔާން ކުރައްވަނީ ނަމާދުގެ ވާހަކަ އެވެ. ނަމަވެސް ރުކޫއާއި ސަޖިދައިގެ ވާހަކަ ބަޔާން ކުރައްވާފައިވަނީ، އެ ދެ ރުކުން އަދާކުރާ އިރު، އިންސާނާ އޮންނަ ސިފަ އާއި ހާލަތަށް ރިއާޔަތް ކުރައްވަ އެވެ. އެ ދެ ރުކުނުގައި ވެސް އިންސާނާ އެ އިއުތިރާފް ވަނީ ﷲގެ ހަޒްރަތުގައި އޭނާގެ ނިކަމެތިކަމާއި އާރެއް ބާރެއް ނެތް ކަމަށެވެ.
މިއަހަރުގެ ރަމަޟާން މަހުގެ ފުރަތަމަ ދުވަހު އިސްލާމީ މަރުކަޒުގައި ކުރި މެންދުރު ނަމާދުގައި ބައިވެރިވި ބައެއް މީހުން: އިންސާނާ އެންމެ ބޮޑަށް ﷲއާ ކުއްތަންވަނީ ސަޖިދައިގައި އޮންނަ ވަގުތު. --ފޮޓޯ ހުސައިން/މިހާރު
އިންސާނާގެ އެންމެ އަބުރުވެރި ގުނަވަން ކަމުގައިވާ މޫނު ބިންމަތީގައި ޖައްސައި ސަޖިދައިގައި އޮތުމުން ދޭހަވަނީ، ކިބުރުވެރިކަމާއި ބޮޑާކަން އެއްކިބާކޮށް، ތިމާގެ އަމިއްލަ ނަފްސުގެ ނިކަމެތިކަމަށް އިއުތިރާފްވެ އަދި ﷲގެ މަދަދާއި އެހީތެރިކަމަށް އިންތިހާ އަށް ބޭނުންޖެހިފައިވާ ކަމަށް ހެކިވާ ކަމެވެ. ސުވަރުގޭގެ މަތިވެރި ދަރަޖަތަކަށް ވާސިލުވެވެނީ އެ ނިކަމެތިކަމަށް ތިމާގެ ނަފްސު އަމާންދީގެންނެވެ.
މުސްލިމް ރިވާކުރެއްވި ހަދީސެއްގައިވެ އެވެ؛ ރަބީއާ ބްނު ކައުބިލް އަސްލަމިއްޔު ވިދާޅުވި އެވެ؛ އެއް ރެއަކު ތިމަންނާ ކީރިތި ރަސޫލާގެ އެދިވަޑައިގަތުމަކަށް، ވުޟޫ ކުރައްވާނޭ ފެނާއި އެހެން ތަކެތި އެކަލޭގެފާނަށް ގެނެސްދިނުމުން ހަދީސް ކުރެއްވި އެވެ؛ ތިމަންކަލޭގެފާނުގެ އަރިހުން ރަބީއާ ބޭނުންވާ ކަމެއް ވިދާޅުވާށެވެ! އަހުރެން ދެންނެވީމެވެ؛ އަހުރެން ބޭނުންވަނީ ކަލޭގެފާނާ އެކުގައި ސުވަރުގޭގައި ވުމަށެވެ. ހަދީސްކުރެއްވި އެވެ؛ އޭގެ އިތުރުން އެހެން ކަމެއް އެބަ އޮތް ހެއްޔެވެ؟ ތިމަން ދެންނެވީމެވެ؛ ބޭނުންވަނީ ހަމައެކަނި އެ ކަންތަކެވެ. ދެން އެކަލޭގެފާނު ހަދީސް ކުރެއްވި އެވެ؛ ތިކަން ހާސިލު ކުރުމަށްޓަކައި ތިބާ ގިނަގިނަ އިން ސަޖިދަ ކުރައްވާށެވެ!
އެ ނިކަމެތިކަމުގެ ސަބަބުން އިންސާނާ އޭނާގެ ހަވާ ނަފްސާ ދުރުވި ކަމުގައި ވިޔަސް، އެއަށް ވުރެ މަތިވެރި ބާރަކާ އޭނާ ކައިރި ކުރުވަ އެވެ. މާއްދީ ހައިސިއްޔަތުން ނިކަމެތިވި ކަމުގައި ވިޔަސް، ރޫޙާނީ ގޮތުން ލިބޭ ހިތްހަމަޖެހުން އިތުރުވެ އުފާވެރިކަން އިހްސާސް ކުރުވަ އެވެ. އެއީ ﷲގެ ހަޒްރަތާ ކުއްތަންވާ މިންވަރު ބޮޑުވެގެންދާތީ އެވެ.
ކީރިތި ޤުރްއާނުގައި މިކަމަށް އިޝާރާތް ކުރައްވައި ﷲ ވަޙީކުރައްވާފައިވެ އެވެ؛ (وَاسْجُدْ وَاقْتَرِبْ) ބަސްފުޅުގެ މާނައިގައިވެ އެވެ؛ އަދި ސަޖިދަ ކުރައްވައި ނަމާދު ކުރައްވާށެވެ! އަދި (ﷲގެ ޙަޟްރަތަށް) ކަލޭގެފާނު ކުއްތަންވެވަޑައިގަންނަވާށެވެ!
މި އާޔަތުގައި، "ސަޖިދަ ކުރައްވައި ކުއްތަންވެވަޑައިގަންނަވާށޭ" އޮތް ބަސްފުޅުން ކަށަވަރުވަނީ، އިންސާނާ ސަޖިދަ ކުރުމަކީ، އޭނާގެ ވެރި ރަސްކަލާނގެއާ އޭނާ ކުއްތަން ކުރުވާނޭ ކަމެއް ކަމެވެ.
ކީރިތި ރަސޫލާގެ އެހެން ބަސްފުޅެއްގައިވެ އެވެ؛ އަޅާ އާއި އޭނާގެ ވެރި ރަސްކަލާނގެއާ ދެމެދު އެންމެ ބޮޑަށް ކުއްތަން ކުރުވަނީ އެ އަޅާ ސަޖިދައިގައި އޮންނަ ވަގުތުގަ އެވެ. ފަހެ ތިޔަބައިމީހުން ސަޖިދަކުރުން ގިނަކުރާ ހުށި ކަމެވެ.
ސަޖިދައިގައި އޮވެގެން ކުރަންވީ ކޮން ކަމެއް ހެއްޔެވެ؟ ގުރްއާން ކިޔަވާނީ ހެއްޔެވެ؟ ނުވަތަ ގުރްއާނުން ހާއްސަ ކުރައްވާފައިވާ ބައެއް އާޔަތްތައް ކިޔަވާނީ ހެއްޔެވެ؟
ނޫނެކެވެ. ކީރިތި ރަސޫލާ ހަދީސް ކުރެއްވި ކަމަށް އިބްނު ޢައްބާސް ރިވާކުރައްވާފައިވެ އެވެ؛ ރުކޫޢުގައި އޮންނަ ވަގުތު ނުވަތަ ސަޖިދައިގައި އޮންނަ ވަގުތުގައި ޤުރްއާން ކިޔެވުން ވަނީ ތިމަންކަލޭގެފާނަށް ނަހީ ކުރައްވައިފަ އެވެ. ފަހެ ރުކޫޢުގައި ތިޔަބައިމީހުންގެ ވެރި ރަސްކަލާނގެ ތަޢުޒީމް ކުރާ ހުށި ކަމެވެ. އަދި ސަޖިދައިގައި ދުޢާ ކުރުމަށް ތިޔަބައިމީހުން ހީވާގިވާށެވެ. ފަހެ ތިޔަބައިމީހުން ކުރާ ދުޢާ އިޖާބަކުރެއްވުން އެންމެ އައުލާވެގެން ވަނީ އެވަގުތުގަ އެވެ.
ސަޖިދައިގައި އޮންނަ އަޅާ އެ ވަނީ އޭނާގެ ވެރި ރަސްކަލާނގެއާ ސީދާ ގުޅުމަކުން ގުޅިފަ އެވެ. އެ ވަގުތުގައި އޭނާ ބޭނުން ކޮންމެ ކަމަކަށް ﷲގެ ހަޒްރަތުގައި އެދި ދަންނަވަންވީ އެވެ. ދުޢާ ދެންނެވުމުގައި އިންސާނާގެ ހިތް މަޑުމޮޅިވެ އާދޭސް ދެންނެވި ވަރަކުން އެ ދުޢާއެއް އިޖާބަ ކުރެއްވުމުން އަވަސްވެގެންވެ އެވެ.
ސަޖިދައިގައި އޮންނަ ހިނދު ތިމާ އަށް މި އޮވެވެނީ ކިހާ މަތިވެރި ދަރަޖައަކަށް ވާސިލުވެވިފައި ކަން އެނގޭ ނަމަ، ސަޖިދައިން ތެދުވާން ބޭނުންވާނެ ހެއްޔެވެ؟ ތިމާ އަށް މި އޮވެވެނީ ﷲގެ ހަޒްރަތުގައި ކަން އިހްސާސް ކުރެވޭ ނަމަ، މުޅި އުމުރު އެ ގޮތުގައި ހޭދަ ކުރަން ބޭނުން ނުވާނީ ކާކު ހެއްޔެވެ؟
ބަޤަރާ ސޫރަތުގެ 186 ވަނަ އާޔަތުގައި ﷲ ވަޙީ ކުރައްވާފަައިވާ ބަސްފުޅުގެ މާނައިގައިވެ އެވެ: އަދި ތިމަންރަސްކަލާނގެއާ މެދު ތިމަންރަސްކަލާނގެ އަޅުން ކަލޭގެފާނާ ސުވާލު ކޮށްފި ނަމަ، (ކަލޭގެފާނު ވިދާޅުވާށެވެ!) ފަހެ، ހަމަކަށަވަރުން ތިމަންރަސްކަލާނގެއީ (އެއުރެންނާ) ކުއްތަންވެ ވޮޑިގެންވާ ރަސްކަލާނގެ އެވެ. ތިމަންރަސްކަލާނގެ ޙަޟްރަތަށް ދުޢާ ކޮށްފި ނަމަ ދުޢާ ކުރި މީހާގެ ދުޢާ ތިމަންރަސްކަލާނގެ އިޖާބަ ކުރައްވަމެވެ. ފަހެ، އެއުރެން (އެބަހީ: ތިމަންރަސްކަލާނގެ އަޅުން) ތިމަންރަސްކަލާނގެއަށް އިޖާބަދޭހުށިކަމެވެ! އަދި އެއުރެން ތިމަން ރަސްކަލާނގެ އަށް އީމާން ވާ ހުށި ކަމެވެ! (އެއީ) އެއުރެންނަށް ތެދުމަގު ލިބުމަށްޓަކަ އެވެ.
މާއްދީ އެދުންތަކުން އަޚްލާގަށް ހުރި ގޮންޖެހުން
ﷲ އަށްޓަކައި އިންސާނާ އަދާކުރަންޖެހޭ ހައްގުތައް
އިހުގެ އުންމަތްތައް: ޘަމޫދުބާގައި މީހުން ނެތިކުރެއްވުން
އިހުގެ އުންމަތްތައް: ޘަމޫދުބާގައި މީހުން ނެތިކުރެއްވުން
އިހުގެ އުންމަތްތައް: ޘަމޫދުބާގައި މީހުން ނެތިކުރެއްވުން
ރިވެތި އަޚުލާގު ދެމެހެއްޓުމަށް އީމާންތެރިކަން މުހިންމު
އިހުގެ އުންމަތްތައް: ޢާދުބާގައި މީހުން ނެތިކުރެއްވުން
އިންސާނާގެ ނަފްސާނީ ބޭނުންތައް ހާސިލު ކުރުން
އިހުގެ އުންމަތްތައް: ޢާދުބާގައި މީހުން ނެތިކުރެއްވުން
ބިނާ ކުރަންވީ އުފެއްދުންތެރި އިސްލާމީ ޝަޚުޞިއްޔަތެއް