Roadha Mihaaru
ރިވެތި އަޚުލާގު ދެމެހެއްޓުމަށް އީމާންތެރިކަން މުހިންމު

ރިވެތި އަޚުލާގު ދެމެހެއްޓުމަށް އީމާންތެރިކަން ވަރަށް މުހިންމު

19 ޖޫން 2017

އިންސާނުންގެ ތެރޭ އަޚުލާގީ ރިވެތި ސިފަތައް ދަމަހައްޓަން ބޭނުންނަމަ އީމާންކަމަކީ އެންމެ މުހިންމު އެއް ސިފަ އެވެ. އިންސާނީ ޣަރީޒާތަކާއި ޤާނޫނުތަކާއި އަޚުލާގީ އެކިއެކި ފަލްސަފާތަކުން ރިވެތި އަޚުލާގު ދެމެހެއްޓުމަށް އެހީތެރިކަމެއް ލިބުނަސް މިކަންކަމުން އަދި ނުފުދޭނެ އެވެ. އަދިކިއެއްތަ، އީމާންކަމާ ނުލައި ގިނަ ފަހަރު މީގެ ތެރެއިން ބައެއް ކަންކަން ވެގެންދަނީ އަޚުލާގަށް ހުރި ގޮންޖެހުންތަކެއް ކަމަށެވެ.

އިންސާނުންގެ ތެރޭ އަޚުލާގީ ރިވެތި ސިފަތައް ދަމަހައްޓަން ބޭނުންނަމަ އީމާންކަމަކީ އެންމެ މުހިންމު އެއް ސިފަ އެވެ. އިންސާނީ ޣަރީޒާތަކާއި ޤާނޫނުތަކާއި އަޚުލާގީ އެކިއެކި ފަލްސަފާތަކުން ރިވެތި އަޚުލާގު ދެމެހެއްޓުމަށް އެހީތެރިކަމެއް ލިބުނަސް މިކަންކަމުން އަދި ނުފުދޭނެ އެވެ. އަދިކިއެއްތަ، އީމާންކަމާ ނުލައި ގިނަ ފަހަރު މީގެ ތެރެއިން ބައެއް ކަންކަން ވެގެންދަނީ އަޚުލާގަށް ހުރި ގޮންޖެހުންތަކެއް ކަމަށެވެ.

ހައިވާނުންނަށް ބަލާއިރު ޣަރީޒާތަކުން އެސޮރުމެންގެ ދިރިއުޅުން ހަމަޖެހޭ މިންވަރަށް އިންތިޒާމު ކުރެވެ އެވެ. އެހެން ނަމަވެސް އިންސާނީ ޣަރީޒާތައް ގިނަވެފައި އުނދަގޫ ވެފައި އެއްކަމާ އަނެއްކަމާ ފުށުއަރާ ގޮތް ހުރެ އެވެ. ސަބަބަކީ އިންސާނުންނަކީ ހައިވާނުންނާ ޚިލާފަށް ޖިސްމަކާއި ރޫހެއް، ޝަހުވަތްތަކާއި ބުއްދިއެއް، މާތްކަމާއި ދަށު ދަރަޖަ ވެސް ލިބިގެންވާ މަޚްލޫގެއް ކަމަށްވާތީ އެވެ.

އިނގިރޭސި ފައިލަސޫފެއް ކަމަށްވާ ބަޓްރާންޑް ރަސްލް ވިދާޅުވާ ގޮތުގައި ޣަރީޒާތަކާއި ބޭނުންތަކަށް ބަލާއިރު އިންސާނާއަކީ އެހެން ހައިވާނުންނާ ތަފާތު މަޚްލޫގެކެވެ. ފަރުދީ ގޮތުން ބައެއް ކަންކަމުގައި މުސްތަގިއްލުވާން ބޭނުންވިއަސް އިޖުތިމާއީ ގޮތުން އެހެން މީހުންނާ ގުޅިގެން އުޅެން އިންސާނުންނަށް މަޖްބޫރުވެ އެވެ. އަދި މިކަމަށްޓަކައި އަޚުލާގީ ވަކި ސިފަތަކެއް ހުންނަން ޖެހޭ ކަމަށް ވެސް ރަސްލް ވިދާޅުވެ އެވެ.

އަޚުލާގަކީ މިފަދަ މުހިންމު ކަމެއް ކަމުގައި ވާނަމަ މި އިޖުތިމާއީ އަޚުލާގުގެ ދަށުން އިންސާނާ ތަބާވާން ޖެހޭ ސިފަތައް ނުވަތަ އަޚްލާގީ މިންގަނޑުތައް ކަނޑައަޅާނީ ކޮން ފަރާތަކުން ހެއްޔެވެ؟ އެއީ އިންސާނާގެ އެދުންތަކާއި ޝަހުވަތްތައް (އެބަހީ ޣަރީޒާތައް) ހެއްޔެވެ؟ ނުވަތަ އިންސާނުން ހަދާ ޤާނޫނުތަކާއި ގަވައިދުތައް ހެއްޔެވެ؟ ނުވަތަ އަޚުލާގީ ފަލްސަފާތައް ހެއްޔެވެ؟ ނުވަތަ ދީން ހެއްޔެވެ؟

އިންސާނީ ޣަރީޒާތަކުގެ ހުރި ތަފާތުކަމާއި ފުށުއެރުންތަކާއި އުނދަގޫކަމުގެ ސަބަބުން މިފަދަ އަޚުލާގީ ސިފަތަކެއް އަށަގެންނެވުމަށް ޣަރީޒާތައް ފުދިގެން ނުވެ އެވެ. ދެން އޮތީ ގާނޫނުތަކެވެ. ތެދެކެވެ. އިންސާނުންގެ ޖަމާއަތްތަކުގެ މެދުގައި އެކިއެކި ކަންކަން އިންތިޒާމު ކުރުމަށްޓަކައި ގާނޫނުތަކާއި ގަވައިދުތަކަކީ ވަރަށް މުހިންމު އެއްޗެކެވެ. އެހެން ނަމަވެސް އެއިން އެކަނި އިންސާނާގެ ސުލޫކު އިސްލާހެއް ނުވާނެ އެވެ.

އޭގެ ސަބަބުތަކެއް އެބަހުއްޓެވެ. މިގޮތުން ގާނޫނުތަކާއި ގަވައިދުތަކުގެ ބާރު އޮންނަނީ އެތެރެ ފުށް ނުހިމަނައި ހަމައެކަނި ބޭރު ފުށަށެވެ. އަދި އޭގެ ދާއިރާއަކީ ޝަޚުސީ ކަންކަން ނުހިމަނައި އާންމުންނާ ގުޅުން ހުރި ކަންކަމެވެ. ހަމައެއާ އެކު އޭގެ ދައުރަކީ ހަމައެކަނި ކުށްކުރާ މީހުންނަށް އުގޫބާތް ދިނުމެވެ. ކުށްނުކުރާ މީހުންނަށް އިނާމު ދިނުމެއް އެއަކު ނޯވެ އެވެ.

މިހުރިހާ ކަމެއްގެ އިތުރުން ގާނޫނާއި ގަވައިދުތަކަށް މަކަރު ހެދުމަކީ ވަރަށް ފަސޭހަ ކަމެކެވެ. އަމިއްލަ އެދުންތަކާ އެއްގޮތްވާ ގޮތަށް ގާނޫނުތަކާއި ގަވައިދުތައް ހެދުމަކީވެސް ނުކުރެވޭނެ ކަމެއް ނޫނެވެ. އަދި ކުށެއް ކުރުމަށް ފަހު އުގޫބާތުން ސަލާމަތްވުމަކީ ވެސް އެހާ އުނދަގޫ ކަމެއް ނޫނެވެ. މިސަބަބުތަކަށްޓަކައި ގާނޫނުތަކާއި ގަވައިދުތަކަކީ ކުށްތަކާއި ޖަރީމާތައް މުޅިން ހުއްޓައިދޭނެ ހަމައެކަނި ބާރެއް ކަމުގައެއް ނުވެ އެވެ.

އިސްލާހީ މަސައްކަތުގެ ޚިދުމަތްތެރިއެއް ކަމަށްވާ ޖަމާލުއްދީނުލް އަފްޣާނީ ވިދާޅުވާ ގޮތުގައި ދައުލަތްތަކުގެ ބާރު ހިނގާނީ ހަމައެކަނި ބޭރުފުށުގެ އުދުވާނަށެވެ. ދޮގުހެކި ދިނުމާއި މަކަރުހެދުމާއި ޚިޔާނާތާއި ހެޔޮ ކަމެއްކަމަށް ބޭރުފުށުން ދައްކާފައި ކުރާ ނުބައި ކަންތައް ފަދަ ކަންކަން އިސްލާހު ކުރުމުގެ ބާރެއް ދައުލަތްތަކަށް ލިބިގެނެއް ނުވެ އެވެ. މިކަން މިހެން އޮތް އިރު އަނެއްކޮޅުން ދައުލަތުގެ ބާރުތަކުގައި ތިބޭ ބައެއް މީހުންނަކީ އެމީހުންގެ އެދުންތަކާއި މަސްލަހަތުތަކުގެ މައްޗަށް ބިނާކޮށްގެން އެމީހުންގެ ދައުރު އަދާކުރާ ބަޔަކަށް ވެއްޖެނަމަ ދެން ގާނޫނުތަކާއި ގަވައިދުތަކުން ހާސިލުވާ މަދު މިންވަރު ވެސް ހާސިލު ކުރަން ދަތިވާނެކަން ޔަގީނެވެ.

ހައްގުތަކާއި ވާޖިބުތައް ފުރިހަމަ އަށް އަދާކުރާ މުޖުތަމައެއް އުފެއްދުމަށްޓަކައި އެންމެންގެ އެހީތެރިކަން ބޭނުންވެ އެވެ. މިއެހީތެރިކަން ހޯދުމަށްޓަކައި ގާނޫނުތަކާއި ގަވައިދުތައް ކިތަންމެހާ ވެސް މުހިންމެވެ. އެހެން ނަމަވެސް މިގާނޫނުތަކާއި ގަވައިދުތައް ހެދުމުގައާއި ތަންފީޒު ކުރުމުގައާއި އެއާ ޚިލާފުވުމުން އަދަބު ދިނުމުގައި ވެސް އެއަށް ފުރިހަމަ އަށް ތަބާވުމަށް ދެވަނަ އެހެން ބާރެއް ބޭނުންވެ އެވެ.

އެއްވެސް ޝައްކެއް ނެތް ގޮތުގައި މިކަމަށް މި ބިންމަތިން ފެންނަން އޮތް އެންމެ ވަރުގަދަ ބާރަކީ ޢަޤީދާ ނުވަތަ ދީނީ ބާރެވެ. ދީނީ ބާރުން މެނުވީ ގާނޫނުތަކަށް އިހުތިރާމުކުރުން ނުލިބޭނެ އެވެ. މުޖުތަމައުގެ އެއްބައިވަންތަކަން ހާސިލު ނުކުރެވޭނެ އެވެ. މުޖުތަމައުގެ ނިޒާމު ނުދެމެހެއްޓޭނެ އެވެ. ހަމަޖެހުމާއި އަމާންކަން މުޖުތަމައަށް ނުލިބޭނެ އެވެ.

އެހެނީ އިންސާނާގެ އެންމެހާ އިޚުތިޔާރީ ހަރަކާތްތަކާއި ސުލޫކުތަކަކީ އޭނާގެ ފިކުރާއި ގަބޫލުކުރުންތަކުގެ މަތީ ބިނާވެފައިވާ ކަންކަން ކަމަށްވާތީ އެވެ. އިލްމާއި ސަގާފަތުގެ ރޮގުން އިންސާނާ އަށް ކިތަންމެ މުއްސަނދިކަމެއް ލިބުނަސް ދީނީ ތަރުބިޔަތާއި އަޚުލާގީ އަދަބުވެރިކުރުން ނެތް ނަމަ މުޖުތަމައުގައި އަމާންކަމާއި ސަލާމަތްކަން ކަށަވަރެއް ނުވާނެ އެވެ.

އެހެނީ ޢިލްމަކީ ވެސް ދެ މިޔަލީ ކަނޑިއެއް ފަދަ އެއްޗެކެވެ. ބިނާކުރުމާއި އާރާސްތު ކުރުމަށް އޭގެ މަންފާ ލިބޭ ފަދައިން ހަލާކު ކުރުމާއި ސުންނާފަތި ކުރަން ވެސް އިލްމު ބޭނުން ކުރެވިދާނެ އެވެ. ވީއިރު އިލްމުގެ ބޭނުން ހެޔޮ ގޮތުގައި ހިފުމަށްޓަކައި އަޚުލާގީ ބެލުންތެރިއެއް ވަރަށް މުހިންމެވެ. މިއަޚުލާގީ ބެލުންތެރިއަކީ ޢަޤީދާ އާއި އީމާންތެރިކަމެވެ.

އަޚުލާގީ މިންގަނޑު ކަނޑައެޅުމުގައި ދެން ބަލައިލަން އޮތީ އަޚުލާގީ ފަލްސަފާތަކަށެވެ. އަޚުލާގީ ފަލްސަފާތަކަކީ ވެސް ރިވެތި އަޚުލާގެއް ބިނާކުރުމަށް އެއިން އެކަނި ފުދޭނެ އެއްޗެއް ނޫނެވެ. ސަބަބަކީ ފަލްސަފާ އިން މުޚާތަބު ކުރެވޭނީ ވަރަށް މަދު ބަޔަކަށް ކަމަށް ވުމެވެ. އާދައިގެ މީސްތަކުންގެ ހިތްތަކަށް އެއިން އަސަރެއް ނުފޯރުވޭނެ އެވެ.

އަނެއް ކޮޅުން ބަލާއިރު އަޚުލާގީ ފަލްސަފާތައް ތަފާތެވެ. މިގޮތުން އެއް ބައެއްގެ ފަލްސަފާގައި މަންފާއެއް ލިބޭ ކޮންމެ ކަމަކީ ރަނގަޅު އަޚުލާގެވެ. އަނެއް ބަޔަކު ބަލަނީ ލައްޒަތަށެވެ. އަނެއް ބައެއްގެ ފަލްސަފާ އަކީ ބާރެވެ. އަނެއް ބަޔަކު ބަލަނީ އަދާކުރެވޭ ވާޖިބަކަށެވެ. މިގޮތަށް ފަލްސަފާތައް ތަފާތުވުމުން ހެޔޮނުބައި ކަނޑައަޅަން ދަތިވެ އެވެ.

މި ހުރިހާ ކަމަކުން އެނގިގެންދަނީ ރިވެތި އަޚުލާގު ދަމަހައްޓަން ބޭނުން ނަމަ މިކަންކަމުގެ ކުރިން އަދި އަޚުލާގުގެ އަސާސެއްގެ ގޮތުގައި އެހެން ބާރެއް ބޭނުންވާ ކަމެވެ. އެބާރަކީ އީމާންތެރިކަމެވެ. އިސްލާމީ ނަޒަރުން ބަލާއިރު އަޚުލާގަކީ އީމާންތެރިކަމުގެ މޭވާއެކެވެ. އަދި ރިވެތި އަޚުލާގު ނެތް މީހަކީ އީމާންތެރިކަން ފުރިހަމަ ނުވާ މީހެކެވެ.

އިސްލާމް ދީން އަޚުލާގަށް ބާރުއަޅަނީ ހަމައެކަނި އެކަމަށް ގޮވާލައިގެން ނުވަތަ އެކަމުގެ ހުރި މަތިވެރިކަން އެކަނި ބަޔާންކޮށްދީގެނެއް ނޫނެވެ. އެހެން ނަމަވެސް އަޚުލާގުގެ އެންމެހާ އުސޫލުތަކާއި ގަވައިދުތައް ވެސް އިސްލާމް ދީން ވަނީ އެކަށައަޅައިދީފަ އެވެ. އޭގެ އިންތަކާއި ފާހަގަތައް ވަނީ ޖަހައިދީފަ އެވެ. އަޚުލާގު މިންކުރާނެ މިންގަނޑުތައް ވަނީ ކަނޑައަޅައިދީފަ އެވެ.

އަޚުލާގުގެ ރިވެތި ނަމޫނާތައް، އެންމެ މަތިވެރި ނަމޫނާ ކަމުގައިވާ ކީރިތި ރަސޫލާ، ޞައްލަﷲ ޢަލައިހި ވަސައްލަމް، އާ ހަމައިން ފެށިގެން ވަނީ ދައްކައިދީފަ އެވެ. ސީދާވެގެންވާ ތެދުމަގަށް މީސްތަކުންނަށް ވަނީ މަގުދައްކައިދީފަ އެވެ. މަގުން ކައްސާލައިގެން ނުދިއުމަށް ވަނީ އިންޒާރު ދީފަ އެވެ.

މި އިޝާރާތް ކުރި ކަންކަމުގައި ހިފަހައްޓާނެ ބާރެއް ކަމުގައި އިސްލާމް ދީން ހަދާފައިވަނީ އީމާންތެރިކަމެވެ. އިންސާނީ ޣަރީޒާތަކުގެ ތެރޭގައި ރިވެތި އަޚުލާގަށް ބާރުއަޅާ ކަންކަން ހިމެނުނަސް، ގާނޫނުތަކާއި ގަވައިދުތަކުން ނުރަނގަޅު އަޚުލާގު ނައްތާލަން މަސައްކަތް ކުރިއަސް، އަޚުލާގީ ފަލްސަފާތަކުން އަޚުލާގީ ފިކުރު ތަރައްގީ ކޮށްދިނަސް ރިވެތި އަޚުލާގުގެ މަތީ އަބަދު ދެމިހުރުމަށް އެހީތެރިވެދޭނެ ހަމަ އެންމެ ވަރުގަދަ ބާރަކީ އަބަދުވެސް އީމާންތެރިކަމެވެ. އެހެންކަމުން އީމާންތެރިކަން ވަރުގަދަކޮށްގެން ރިވެތި އަޚުލާގު ދަމަހައްޓަން ކޮންމެ މުސްލިމަކު ވެސް މަސައްކަތް ކުރަންވާނެ އެވެ.