Roadha Mihaaru
ވިސްނައި ފިކުރު ކުރުމުގެ އަޅުކަމަށް ސަމާލުވުން

ވިސްނައި ފިކުރު ކުރުމުގެ އަޅުކަމަށް ސަމާލުވުން

06 ޖޫން 2017

ﷲ އަށް އަޅުވެތިވުމުގެ ގޮތުން ތަފާތު ކަންކަން ފަރުޟު ކުރެވިފައި ވެއެވެ. އޭގެ ތެރޭގައި ސިއްރާއި ފާޅުގައި ބަހާއި ޢަމަލުން ޖާނާއި މާލުން އަދާކުރާ އަޅުކަންތައް ހިމެނެ އެވެ. މިފަދަ އެއް އަޅުކަމަކީ އިންސާނާގެ ދޫވެސް އަދި އެހެން ބޭރުފުށުގެ ގުނަވަނެއްވެސް ބޭނުން ކުރަން ނުޖެހި ހަމައެކަނި ހިތާއި ސިކުނޑިން އަދާކުރަން އޮންނަ އަޅުކަމެކެވެ. އާދެ، އެއީ ﷲ ގެ ޚަލްޤު ތަކާ މެދު ވިސްނައި ފިކުރު ކުރުމެވެ. މި މަޑުމައިތިރި ސިއްރު އަޅުކަމުގެ މުހިންމު ކަމާއި އޭގެ ދާއިރާ ތަކާއި އެކަމުން ލިބިގެންދާ މަންފާ ތަކާ ބެހޭ ގޮތުން ހޭލުންތެރިވުމަކީ ކޮންމެ މުސްލިމަކަށް ވެސް މުހިންމު ކަމެކެވެ.

ﷲ އަށް އަޅުވެތިވުމުގެ ގޮތުން ތަފާތު ކަންކަން ފަރުޟު ކުރެވިފައި ވެއެވެ. އޭގެ ތެރޭގައި ސިއްރާއި ފާޅުގައި ބަހާއި ޢަމަލުން ޖާނާއި މާލުން އަދާކުރާ އަޅުކަންތައް ހިމެނެ އެވެ. މިފަދަ އެއް އަޅުކަމަކީ އިންސާނާގެ ދޫވެސް އަދި އެހެން ބޭރުފުށުގެ ގުނަވަނެއްވެސް ބޭނުން ކުރަން ނުޖެހި ހަމައެކަނި ހިތާއި ސިކުނޑިން އަދާކުރަން އޮންނަ އަޅުކަމެކެވެ. އާދެ، އެއީ ﷲ ގެ ޚަލްޤު ތަކާ މެދު ވިސްނައި ފިކުރު ކުރުމެވެ. މި މަޑުމައިތިރި ސިއްރު އަޅުކަމުގެ މުހިންމު ކަމާއި އޭގެ ދާއިރާ ތަކާއި އެކަމުން ލިބިގެންދާ މަންފާ ތަކާ ބެހޭ ގޮތުން ހޭލުންތެރިވުމަކީ ކޮންމެ މުސްލިމަކަށް ވެސް މުހިންމު ކަމެކެވެ.

ވިސްނާ ފިކުރު ކުރުމޭ ބުނާ ބަހުގެ މުރާދަކީ، ކައުނުގައިވާ ﷲ ގެ އެންމެހާ ޚަލްޤުތަކާއި އެކަލާނގެ ބާވާލައްވާފައިވާ ކަލާމްފުޅުގެ (އެބަހީ ކައުނުގެ އާޔަތްތަކާއި ބާވާލެއްވި އާޔަތްތަކުގެ) ފޮރުވިފައިވާ މާނަތަކާއި ސިއްރުތައް ދެނެގަތުމަށްޓަކައި ވިސްނައި ތަދައްބުރު ކުރުމާއި، ފުރިހަމަކަމާއި ރީތިކަން ފާހަގަ ކުރުމާއި، އިންތިޒާމުގެ ފުރިހަމަ ކަމާއި ހިމުންކަން ބަލައި އިހުސާސް ކުރުމާއި، އިލާހީ ސުންނަތްތައް ދެނެގަތުމާއި ފޮރުވިފައިވާ ހިކުމަތާއި ލިބެންހުރި އިބުރަތްތައް ހޯދައި ގަތުމަށް ހިތާއި ސިކުނޑިން ކުރާ މަސައްކަތެކެވެ.

ވިސްނައި ފިކުރު ކުރުމުގެ މާތްކަމާ ބެހޭ ގޮތުން ކީރިތި ޤުރުއާނާއި ނަބަވީ ސުންނަތުގައި ނައްޞުތައް އައިސްފައި ވެއެވެ. މިގޮތުން މުއުމިނުންނަށް ތަޢުރީފު ކުރެވިގެންދާ އާޔަތްތަކެއްގައި އެބައިމީހުންގެ އެއް ސިފައެއްގެ ގޮތުގައި ފާހަގަ ކުރެވިފައި ވަނީ އުޑުތަކާއި ބިން ހެއްދެވިގެންވާ ގޮތާ މެދު އެބައިމީހުން ވިސްނައި ފިކުރު ކުރާނެ ކަމަށެވެ.

އަދި އެ ޚަލްޤު ކުރެވިގެން ވަނީ ބާތިލު ގޮތުގައި ނޫން ކަމަށާއި ﷲ ހުސްޠާހިރުވަންތަވެ ވޮޑިގެންވާ ކަމަށް އެމީހުން ބުނާ ކަމަށާއި ނަރަކައިގެ އަޒާބުން މިންޖު ކުރެއްވުމަށް އެމީހުން އެދޭ ކަމަށެވެ. (އާލްޢިމްރާން 191). ޢީސާގެފާނު ވިދާޅުވި ކަމަށް ބުނެވޭ ގޮތުގައި އެމީހެއްގެ ބަސްބުނުމަކީ ޒިކުރު ކުރުން، ހަނުހުރުމަކީ ފިކުރު ކުރުން، ނަޒަރު ކުރުމަކީ އިބުރަތް ހޯދުން ކަމުގައިވާ މީހާ އަށް ބާއްޖަވެރިކަން ހުއްޓެވެ.

ކީރިތި ޤުރުއާނުގައި ތަފާތު އެކި ތަންތަނުގައި މި އަޅުކަމަށް އިޝާރާތް ކުރައްވާފައި ވެއެވެ. މިގޮތުން ކާފިރުންނަށް މުޚާޠަބު ކޮށް ވެސް އުޑުތަކާއި ބިންތަކާއި އަދި ﷲ ޚަލްޤު ކުރެއްވެވި ކޮންމެ އެއްޗަކާ މެދު ވިސްނައި ފިކުރު ކުރުމަށް ގޮވާލައްވާފައި ވެއެވެ. (އަލްއަޢުރާފް 185). މި ސަބަބުތަކަށްޓަކައި، އަދި ކީރިތި ރަސޫލާ، ޞައްލަﷲ ޢަލައިހި ވަސައްލަމް، މިކަމުގެ ނަމޫނާ ދައްކަވާފައި ވާތީ އިހުގެ ސަލަފުން ވިސްނާ ފިކުރު ކުރުމުގެ އަޅުކަން އަދާ ކުރެއްވެވި އެވެ. އަދި އޭގެ މުހިންމުކަން ބަޔާން ކުރެއްވެވި ވެސް މެއެވެ. މިގޮތުން ޙަސަނުލް ބަޞަރީ ވިދާޅުވަނީ "ގަޑިއެއްހާ އިރު ވިސްނާ ފިކުރު ކުރުން ރެއެއްގެ އެއްކޮށް އަޅުކަން ކުރުމަށް ވުރެ ހެޔޮ ވެގެން ވެއެވެ". ސުފްޔާން ބުނު ޢުޔައިނާ ވިދާޅުވަނީ "ފިކުރު ކުރުމަކީ ތިބާގެ ހިތަށް ވަދެގެންދާ ނޫރެކެވެ."

ވިސްނައި ފިކުރު ކުރުމުގެ މައިދާންތަކަށް ބަލާއިރު އެންމެ ފުރަތަމަ މައިދާނަކީ އުދަރެސްތަކުން ފެންނަން ހުރި ކައުނީ އާޔަތްތަކެވެ. މިގޮތުން ކަނޑުތަކާއި ފަރުބަދަ ތަކާއި ކޯރުތަކާއި ވާދީ ތަކާއި އިރުހަނދާއި ތަރިތަކާއި ރޭދުވާ ދައުރުވުމާއި މިކަންކަމުގައި ހުރި ފުރިހަމަ ކަމާއި ﷲ ގެ އަޅުތަކުންނަށް މިއިން ލިބެމުންދާ މަންފާތަކާ މެދު ވިސްނާ ފިކުރު ކުރަން ޖެހެއެވެ. މި އާޔަތްތަކުގެ (ހެކި ތަކުގެ) ވާހަކަ ކީރިތި ޤުރުއާނުގައި ވަރަށް ގިނައިން އައިސްފައި ވެއެވެ. ޚާއްޞަކޮށް އައްނަޙްލު ސޫރަތުގައި މިފަދަ އާޔަތްތައް ގިނަ އެވެ.

ދެ ވަނަ މައިދާނަކީ މީސްތަކުންނަށް އެމީހުންގެ ދިރިއުޅުމުގެ މަންހަޖު ބަޔާން ކޮށްދެއްވުމަށް ބާވާލެއްވިފައިވާ ޤުރުއާނުގެ އާޔަތްތަކެވެ. މިގޮތުން މި އާޔަތްތަކުގެ ފަޞާޙަތްތެރިކަމާއި ބަލާޣަތްތެރިކަމާއި މުނާސަބުކަމާއި އަތުރާލެވިގެންވާ ގޮތްތަކާއި އެއް އާޔަތް އަނެއް އާޔަތާ ހުރި ގުޅުމާއި ކޮންމެ އާޔަތަކުން ވެސް ދަލީލު ކުރާ ކަންކަމާއި ލިބޭ ފިލާވަޅުތަކާއި އިބުރަތްތައް ފަދަ ކަންކަމަށް ވިސްނައި ފިކުރު ކުރަން ޖެހޭނެ އެވެ.

މިކަމުގެ ހެއްކަކީ އައްނިސާއު ސޫރަތުގެ 82 ވަނަ އާޔަތާއި މުޙައްމަދު ސޫރަތުގެ 24 ވަނަ އާޔަތުގައި ޤުރުއާނާ މެދު ވިސްނާ ފިކުރު ނުކުރަނީތޯ ސުވާލު ކުރައްވާފައި ވުމެވެ. ހަމަ އެއާ އެކު ﷲ ޝަރުޢު ކުރައްވާފައިވާ ޙުކުމްތަކުގައި އެކުލެވިގެންވާ ޙީކުމަތްތަކާ މެދުވެސް ވިސްނައި ފިކުރު ކުރަން ޖެހެއެވެ. އެއީ އެ ޙުކުމްތަކުގެ ފުރިހަމަކަން ތަސައްވުރު ކުރެވޭނީ އޭރުން ކަމަށް ވާތީ އެވެ.

ވިސްނާ ފިކުރު ކުރަންޖެހޭ ތިންވަނަ މައިދާނަކީ އިންސާނާ އުފެދިފައިވާ ގޮތެވެ. މިގޮތުން ތަފާތު ގިނަ ގުނަވަންތަކާއި އެ ގުނަވަންތަކުގެ މިންތަކުގައި ހުރި ފުރިހަމަ ކަމާއި ތަފާތު ނިޒާމު ތަކާއި އެއިން ކޮންމެ ނިޒާމެއް ހިނގަމުންދާލެއް ފުރިހަމަ ކަމާއި ނިޒާމުތައް ގުޅި ލާމެހިގެންދާ ގޮތާއި ހިއްސުތަކާއި ބުއްދިއާއި މީގެ ބޭނުންތެރިކަމާއި މިފަދަ ކަންކަމަށް ނަޒަރު ހިންގައި ފިކުރު ކުރަން ޖެހެއެވެ.

ﷲ ގެ ވަޙީ ބަސްފުޅުގެ މާނައިގައި ވަނީ ”އަދި ތިޔަބައިމީހުން ތިޔަބައިމީހުންގެ އަމިއްލަ ނަފްސުތަކާ މެދު ނުވިސްނަނީ ހެއްޔެވެ؟" (އައްޛާރިޔާތު 21). އަދި ވަރަށް ގިނަ އާޔަތް ތަކުގައި އިވުމާއި ފެނުމާއި ހިތް ނިއުމަތުގެ ގޮތުގައި ލައްވާފައިވާ އިރު އެ ނިއުމަތްތަކާ މެދު ޤިޔާމަތް ދުވަހުން ސުވާލު ކުރެވޭނެކަން ވެސް ބަޔާން ކުރައްވާފައި ވެއެވެ.

ހަތަރު ވަނަ މައިދާނަކީ ވެސް ހަމައިންސާނާ އާ ގުޅިފައިވާ މައިދާނެކެވެ. އެއީ އިންސާނާގެ ތަބީއަތެވެ. މިގޮތުން އިންސާނާގެ ކިބައިގައިވާ ފިޠުރަތާއި ނަފްސުގެ އެދުންތަކާއި ޣަރީޒާތަކާއި ތަފާތު ބޭނުންތަކާ މެދު ފިކުރު ކުރުމެވެ. އަދި މިކަންކަން އިންސާނުންނަށް ކޮންޓްރޯލު ކުރެވޭ މިންވަރަކުން ދެން ފެނިގެންދާ ނަތީޖާ ތަކާ މެދު ވެސް ވިސްނާ ފިކުރު ކުރަން ޖެހެއެވެ.

ބިމުގެ ޚަލީފާކަމުގެ ބުރަ މަސްއޫލިއްޔަތާއި އަމާނަތް އުޑުތަކާއި ބިމާއި ފަރުބަދަތަކަށް ހުށަހެޅުނު ހިނދު އެތަކެތި އެ މަސްއޫލިއްޔަތު ނުނަގައި ދޫކޮށްލި ނަމަވެސް މި ޖާހިލު އިންސާނާ ވަނީ އެއާ ހަވާލުވެފައިކަން ﷲ ވަނީ ބަޔާން ކުރައްވާފަ އެވެ. ވީ އިރު މި އަމާނަތާ މެދު ވިސްނުން ފުރިހަމަ ވެގެންދާނީ މި އަމާނަތު އުފުލަން ތިބި އިންސާނުންގެ ތަބީއަތާ މެދު ވެސް ވިސްނައި ފިކުރު ކޮށްގެންނެވެ.

ފަސް ވަނަ ދާއިރާ އަކީ އިންސާނާ ފިޔަވައި ދެން ކައުނުގައިވާ ދިރޭ އެންމެހާ ތަކެތީގެ މައިދާނެވެ. މިގޮތުން އެތައް މިލިޔަން މަޚްލޫޤުންތައް ބިމުގައި ވާއިރު އެ ތަކެތީގެ ތަބީއަތާއި އެތަކެތީގެ ނިޒާމުތަކުގެ ފުރިހަމަ ކަމާއި އެކަތި އަނެކައްޗާ ހުންނަ ގުޅުންތަކާ މެދު ވިސްނައި ފިކުރު ކުރަން ޖެހެއެވެ. އަދި ކާއިނާތުގައިވާ ދިރޭ ހުރިހާ ތަކެއްޗެއް އުފެދި ހެދިބޮޑުވަމުންދާ ގޮތާ މެދު ވެސް ވިސްނައި ފިކުރު ކުރަން ޖެހެއެވެ.

މިގޮތުން އެއްގަމާއި ކަނޑާއި ވައިގެ ތެރޭގައި ތަފާތު ވައްތަރުތައް ތަފާތު ތަބީއަތްތަކާއި ތަފާތު ވަޒީފާ ތަކާ އެކު ހެދިބޮޑުވެ ދަރިފަސްކޮޅު އިތުރުވެގެންދާ ގޮތާ މެދު ވިސްނައި ފިކުރު ކުރަން ޖެހެއެވެ. ﷲ ކީރިތި ޤުރުއާނުގައި ބަޔާން ކުރައްވަނީ ދިރޭ ކޮންމެ އެއްޗެއް ހައްދަވާފައި ވަނީ ފެނުން ކަމުގައެވެ.

އެގޮތުން ބަނޑުލައި ލޫދެމުން ދުވާ ތަކެއްޗާއި ދެފައި ހުންނަ ތަކެއްޗާއި ހަތަރެސްފައި ހުންނަ ތަކެއްޗާއި އަދި އެކަލާނގެ އިރާދަ ކުރައްވާ ކޮންމެ އެއްޗެއް ހެއްދެވުމަށް އެކަލާނގެ ކުޅަދުންވަންތަ ކަމުގައެވެ. (އައްނޫރު 45). މިފަދަ ވަރަށް ގިނަ މަޚްލޫޤާތުގެ ވާހަކަ އައްނަޙްލު ސޫރަތުގެ ވަރަށް ގިނަ އާޔަތްތަކެއްގައާއި އަދިވެސް އެހެން އާޔަތްތަކުގައި ބަޔާން ކުރައްވާފައި ވެއެވެ. މިއިން ދަލީލު ކުރަނީ އެ ތަކެއްޗާ މެދު ވިސްނައި ފިކުރު ކުރަން ޖެހޭނެ ކަމެވެ.

ހަވަނަ ދާއިރާ އަކީ މި ދުނިޔެ މަތީގައި ހިނގަމުންދާ ކަންކަމެވެ. މިގޮތުން ދުވަސްތައް ފާއިތުވެގެންދާ ދިއުމާއި ދުނިޔެމަތީ ކުރިމަތިވަމުންދާ އިމްތިހާނު ތަކާއި ހާލަތުތައް ބަދަލުވެގެންދާ ގޮތްތަކާއި ދުނިޔޭގެ ޒީނަތްތެރިކަމަށް މީސްތަކުން ދަހިވެތިވެ ހޭބޯ ނާރާ އުޅޭ ގޮތާއި އެކަކު އަނެކަކަށް އެއްބަޔަކު އަނެއް ބަޔަކަށް ތަޅާފޮޅައި ހަނގުރާމަ ކޮށް ހެދުން ފަދަ ކަންކަމާއި މި ހުރިހާކަމެއް އާޚިރުގައި ނިމިގެންދާ އިރު އެއީ އުޑުން ވާރޭވެހި ބިމުގެ ގަސްގަހާ ގެއްސާއި އެކުވެ އޭގެ ސަބަބުން ބިމަށް އާރޯކަން ލިބި ޒީނަތްތެރިވީ ހިނދު އެތަނުގެ މައްޗަށް ހުރިހާ ބާރެއް ހިންގުމުގެ ކުޅަދާނަކަން ލިބިއްޖެ ކަމަށް ހީކޮށް ތިއްބައި ކުޑަ ހިނދުކޮޅެއްގެ ތެރޭ އެ ހުރިހާ ތަކެއްޗަކީ ކޮށާލާފައި ހުރި ގޮވާންތަކެއް ފަދަ އެއްޗަކަށް ވެގެންދިއުން ފަދަ ކަމެކެވެ. މިކަން ޔޫނުސް ސޫރަތުގެ 24 ވަނަ އާޔަތުގައި ބަޔާން ކުރައްވާފައި ވެއެވެ.

ހަތްވަނަ ދާއިރާ އަކީ މާޒީވެ ގޮސްފައިވާ އުންމަތްތަކެވެ. މިގޮތުން އެ އުންމަތްތަކުގައި ޙަޟާރަތްތައް ގާއިމުވި ގޮތާއި އެ އުންމަތްތަކަށް ހިދާޔަތުގެ އަލިކަމާ އެކު ނަބީންނާއި ރަސޫލުން ވަޑައިގަތުމުން އެ ބޭކަލުންނަށް ކިޔަމަންތެރިވުމުގައި އަމަލު ކުރަމުން ގެންދިޔަ ގޮތްތަކާއި އޭގެ ތެރެއިން ނުކިޔަމަންތެރިވީ މީހުންނަށް ﷲ ގެ ކޯފާ އާއި އަޒާބު އައި ގޮތްތަކާއި މިކަންކަމާ މެދު ވިސްނައި ފިކުރު ކުރަން ޖެހެއެވެ. އެހެނީ ބިމުގައި ދަތުރުކޮށް ކުރީގެ މީސްތަކުންގެ ނިމިދިއުން އޮތީ ކިހިނަކުންކަން ބަލައި ވިސްނަން ﷲ ވަނީ އަމުރު ކުރައްވާފަ އެވެ. (އައްރޫމް 9)

މިގޮތަށް އިންސާނާ ވިސްނައި ފިކުރުކޮށް ހަދާ ނަމަ ﷲގެ ރުބޫބިއްޔަތާއި އުލޫހިއްޔަތު ކަށަވަރު ވެ އެކަލާނގެ ސިފަފުޅުތަކަށް އީމާންވުން ވަރުގަދަ ވެގެންދާނެ އެވެ. ހިތަށް ބިރުވެރިކަމާއި ޚުޝޫޢަތްތެރިކަން ވެރިވާނެ އެވެ. ނަތީޖާ އެއްގެ ގޮތުން އެކަލާނގެ އަށް އަޅުވެތިކަން އިތުރުކޮށް އެކަލާނގެ ދެކެ ލޯބިވާން ދަސްވާނެ އެވެ. ސީދާވެގެންވާ މަގުގައި ދެމިހުރުމުގެ އަޒުމް އާވާނެ އެވެ. ﷲ ގެ މަގުގައި ދެމިހުރުމަކީ އުފަލެއް ކަމުގައި ވާނެ އެވެ.

ވީމާ ކޮންމެ މުސްލިމަކު ވެސް އެހެން އަޅުކަންތައް އަދާކުރަމުން ދާ ފަދައިން މި އަޅުކަމަށް ވެސް ވަގުތު ކޮޅެއް ކޮންމެ ދުވަހަކު ވެސް ހުސްކޮށްލުން މުހިންމެވެ. އެކަހެރި ވެލައިގެން ﷲ ގެ ޚަލްޤުތަކާ މެދު ވިސްނައި ފިކުރު ކުރަން އާދައެއް ކަމުގައި ހެދުން މުހިންމެވެ.