13 ޖޫން 2017
(އާދީއްތަ ދުވަހުގެ ނޫހާ ގުޅޭ)
(އާދީއްތަ ދުވަހުގެ ނޫހާ ގުޅޭ)
އެމީހުން ހިތައިގެން ތިބީ، ދުނިޔެ ދައުރުވަމުންދާ އާންމު އުސޫލުގެ މަތިން ވިއްސާރަ ވިލާގަނޑެއް އަންނަނީ ކަމަށެވެ. ކޮންމެ ވިލާގަނޑެއް އުފެދުމާއި އަދި ކޮންމެ ވައިރޯޅިއެއް ޖެހުމަކީ، މާމަތިވެރި ރޭވުންތެރިކަމަކާ އެކު، ހުރިހައި ކަމެއް ތަދުބީރުކުރައްވައި މިންވަރު ކުރައްވާ ޚާލިޤްވަންތަ ﷲގެ އަމުރުފުޅަށް ހިނގަހިނގާ ހުންނަ ކަންތައްތަކެއް ކަމެއް އެމީހުން ގަބޫލެއް ނުކުރެ އެވެ. އެ އަންނަނީ ބޯފެން ނަގަން ރަނގަޅު ކެރިގަނޑެއް ކަމަށް ހީކޮށް ތިއްބައި، އެ ވިލާގަނޑު ކޮޅިގަނޑަކަށް ބަދަލުވި އެވެ. އަދި ކޮޅިގަނޑު އެންމެ ފަހުން ޠޫފާނަކަށް ބަދަލުވެ ޢަޒާބެއްގެ ސިފައިގައި ޢާދު ބާގައި މީހުންނަށް ޖެހުނެވެ.
ފަހެ، ޢާދު ބާގައި މީހުން ދަންނާށެވެ! އެއުރެން ޙައްޤަކާ ނުލައި ބިމުގައި ބޮޑާވެގަތޫއެވެ. އަދި އެއުރެން ބުނޫއެވެ. ތިމަންމެންނަށްވުރެ ބާރުގަދައީ ކާކު ހެއްޔެވެ؟ އެއުރެން ހެއްދެވި ﷲ، އެއުރެންނަށްވުރެ ބާރުގަދަކަން އެއުރެންނަށް ނޭނގެނީ ހެއްޔެވެ؟ އަދި ތިމަންރަސްކަލާނގެ އާޔަތްތަކަށް ދެކޮޅުހަދާ ބަޔަކުކަމުގައި އެއުރެންވޫ އެވެ. ފަހެ، ތިމަންރަސްކަލާނގެ އެއުރެންގެ މައްޗަށް ސުންޕާ ދުވަސްތަކެއްގައި، ގަދަ އަޑާއި، ގަދަ ފިނީގެ ވަޔެއް ފޮނުއްވީމެވެ. ދުނިޔޭގެ ޙަޔާތުގައި ނިކަމެތިކަމުގެ ޢަޛާބުގެ ރަހަ، ތިމަންރަސްކަލާނގެ އެއުރެންނަށް ދެއްކެވުމަށްޓަކަ އެވެ. އަދި ހަމަކަށަވަރުން، އާޚިރަތުގެ ޢަޛާބުގެ ނިކަމެތިކަން މާބޮޑެވެ. އަދި އެއުރެންނަކަށް ނަޞްރެއް ނުލިބޭނެތެވެ. (ސޫރަތު ފުއްޞީލަތު 15، 16)
އެއީ އާދައިގެ ވިއްސާރަ ވިލާގަނޑެއް ނޫނެވެ. އެ ވިލާގަނޑުގެ ވަޔަކީ ވެސް އާދައިގެ ވަޔެއް ނޫނެވެ. އެ ވިލާގަނޑުގެ ވައިގެ ގަދަފަދަ ކަމާއި ވައިގެ ބާރުކަމާ އެކު މުޅި ޖައްވުގައި ގުގުމާފައި ހުރި އަޑުގެ ވަރުގަދަ ކަމުން އެ ވައި ބީހޭ ކޮންމެ ތަނެއް ސުންނާފަތިވެ ފުނޑުފުނޑުވެގެންދެ އެވެ. އަނދައި ހުލިވެފައިވާ އަޅިކޮޚެއް ފަދައިންނެވެ.
"ޢާދު ބާގައި މީހުންގައި ވެސް ޢިބްރަތެއްވެ އެވެ. އެއީ ތިމަންރަސްކަލާނގެ އެއުރެންގެ މައްޗަށް މަންފާއެއް ނެތް ވައި ފޮނުއްވި ހިނދުގަ އެވެ. އެ ވައިޖެހުނު ކޮންމެ އެއްޗެއް ފުނޑުފުނޑުކޮށް އަޅިޔަށް ހަދައިނުލައެއް ދުލެއް ނުކުރެ އެވެ." (އައްޛާރިޔާތު 41، 42)
އެ މީހުންގެ އުރެދުންތަކުގެ ޖަޒާއެއްގެ ގޮތުގައި، ހޫދުގެފާނު އިންޒާރު ކުރެއްވި އަޒާބު ނާންނޭނޭ ކަމަށް ގޮންޖަހައި ބޮޑާ ބަސް ބުނެ އުޅުމުގެ ނަތީޖާއެއްގެ ގޮތުން ﷲ ފޮނުއްވެވި ޢަޒާބު އައިސް ޖެހުނީ ހިނދުކޮޅަކަށް ނޫނެވެ. ދުވަސްތަކަކަށް އެ އަޒާބު ދެމިގެން ދިޔައިރު، ﷲ ސިފަ ކުރެއްވީ އެއީ ސުންޕާ ދުވަސްތަކެއް ކަމަށެވެ.
"އަދި ޢާދު ބާގައި މީހުން ދަންނާށެވެ! ފަހެ، ގަދަފަދަ ފިނިވަޔަކުން އެއުރެން ހަލާކު ކުރެއްވިއެވެ. އެކަލާނގެ އެއުރެންގެ މައްޗަށް ހަތްރެޔާއި، އަށްދުވާ ވަންދެން ވިދިވިދިގެން އެ ވައި ފޮނުއްވި އެވެ. ފަހެ، އެ ޤައުމުގެ މީހުން ހޭނެތިގެން ވެއްޓިފައިވާތީ ތިބާ ދެކޭނޫ އެވެ. އެއުރެންނެކޭ، ހޮއި ހެދިފައިވާ ކަދުރު ރުކުގެ ބުޑުތަކެކޭ އެއްފަދަ އެވެ. ފަހެ، އެއުރެންގެ ތެރެއިން ސަލާމަތްވި އެކަކު ވެސް ތިބާޔަށް ފެނޭ ހެއްޔެވެ؟" (ސޫރަތުލް ޙާއްޤާ 6-8)
ހަމައެކަނި ވައި ގަދަފަދަވެފައި އޭގެ އަޑު ގަދައީކީ ނޫނެވެ. އެ ވަޔާ އެކު މުޅި ޖައްވު ފިނިވެގެން ދިޔައީ އެވެ. އެމީހުން ފަރުބަދަތައް ކަނޑައިގެން ހަދާފައިވާ ގެތަކާއި ގަނޑުވަރުތަކުގެ އެންމެ އެތެރޭގައި ފޮރުވިގެން ތިބި އިރު ވެސް، އެ ފިނިން ހިމާޔަތް ލިބޭ ގޮތެއް ނުވި އެވެ.
އުންމާންގެ ހުޅަނގު ސަހަރާގެ ތެރެއިން ފެނުނު އާސާރީ ސަރަހައްދުގައި ކުރީ ޒަމާނެއްގައި ބިނާކޮށްފައިވާ އިމާރާތެއްގެ ބައިތަކެއް. މިއީ ޢާދު ބާގައި މީހުން ދިރިއުޅުނު ސަރަހައްދު ކަމަށް ދިރާސާ ކުރާ ފަރާތްތަކުން ލަފާ ކުރޭ.
އެ ފިނި ވައިރޯޅިތައް އައިސް އެބައިމީހުންގެ ހަށިގަނޑުގައި ބީހުމާ އެކު، ހޭނެތިގެން އެބައިމީހުން ވެއްޓުނެވެ. " ތިމަންމެންނަށްވުރެ ބާރުގަދައީ ކާކު ހެއްޔޭ" ބުނެ ހޫދުގެފާނަށް ގޮންޖަހައި ﷲގެ ކޯފާ އަށް އިންކާރު ކޮށް އުޅުނު މީހުން، އެއްވެސް އާރެއް ބާރެއް ނެތް ބަޔަކު ފަދައިން ވެގެން އެ ދިޔައީ ހިނދުކޮޅެއްގެ ތެރޭގަ އެވެ.
އެބައިމީހުންގެ އާރެއް ބާރެއް ނެތް ކަން ސިފަކޮށްދެއްވަމުން ﷲ ސުބްޙާނަހޫ ވަތަޢާލާ އެންގެވީ، އެބައިމީހުންނެކޭ، ހޮއި ހެދިފައިވާ ކަދުރު ރުކުގެ ބުޑުތަކެކޭ އެއްފަދަ ކަމުގަ އެވެ. ކަދުރު ރުކުގެ ބޮޑުތައް ބޭރަށް ފެންނަ ފެނުމުގައި ކިތަންމެ ފަލަވެފައި ބިމަށް ހިފާފައި ހުރި ކަމަށް ހީވިޔަސް، އޭގެ އެތެރޭގައި ހޮއި ހެދިފައިވާ ނަމަ، އޭގައި އެއްވެސް ބާރެއް ނުހުންނާނެ އެވެ.
ﷲގެ ޢަޒާބުގެ ކުރިމަތީގައި ގަދަބަސް ބުނެ އުޅުނު ޢާދު ބާގައި މީހުން ވެސް ހަމަ އެފަދަ އެވެ. ގަދަފަދަ ކޮޅިގަނޑެއްގެ ގޮތުގައި ﷲގެ ކޯފާ އައި ހިނދު އެ ވައި އައިސް ގައިގައި ޖެހުނު ކޮންމެ މީހަކު ދިޔައީ ބިމުން ލުހިގެންނެވެ. އެއްވެސް ބާރެއް، އަދި އެ ކޯފާ އިން މިންޖުވެވޭނެ އެއްވެސް ގޮތެއް ނެތި އެވެ.
"ޢާދު ބާގައި މީހުން ވެސް ދޮގުކުރޫ އެވެ. ފަހެ، ތިމަންރަސްކަލާނގެ ޢަޛާބާއި ތިމަންރަސްކަލާނގެ އިންޒާރުތައް ވީ ކޮންފަދައަކުން ހެއްޔެވެ؟ ދެމިހުންނަނިވި ސުންޕާކަމުގެ ދުވަހެއްގައި ގަދަ އަޑާއި، ގަދަ ފިނީގެ ވަޔެއް ހަމަކަށަވަރުން، ތިމަންރަސްކަލާނގެ އެއުރެންގެ މައްޗަށް ފޮނުއްވީމެވެ. އެ ވައިރޯޅިއައިސް، މީސްތަކުން (ތިބިތަނުން) ލުހެލަތެވެ. ވެއްޓިފައިވާ ކަދުރު ރުކުގެ ބުޑުތަކެއްފަދައިން އެއުރެން ވާކަހަލަ އެވެ." (ސޫރަތުލް ޤަމަރް 18-20)
މި އާޔަތުގައި އަޅުގަނޑުމެން ވިސްނައިލުން ވަރަށް މުހިންމު ނުކުތާއެއް ވެ އެވެ. އެއީ ﷲގެ ޢަޒާބުގައި ޢާދު ބާގައި މީހުން ނެތިކުރެއްވި އިރު، އެމީހުންނަށް ވެގެން ދިޔަ ގޮތް ﷲ ސުބްޙާނަހޫ ވަތަޢާލާ ސިފަ ކޮށްދެއްވާފައިވާ ގޮތެވެ. އަލް ޙާއްޤާ ސޫރަތުގެ ހަތް ވަނަ އާޔަތުގައި ﷲ ސުބްޙާނަހޫ ވަތަޢާލާ، ޢާދު ބާގައި މީހުން ސިފަ ކުރެއްވީ "ހޮއި ހެދިފައިވާ ކަދުރު ރުކުގެ ބުޑުތަކެއް" ފަދައިންނެވެ. އަދި ޤަމަރް ސޫރަތުގެ 20 ވަނަ އާޔަތުގައި ސިފަ ކުރައްވާފައިވަނީ "ވެއްޓިފައިވާ ކަދުރު ރުކުގެ ބުޑުތަކެއް" ފަދައިންނެވެ.
މި ދެ އާޔަތުގައި ތަފާތު ތިން ސިފަކުރެއްވުމެއް ވެ އެވެ. ފުރަތަމަ ސިފަ ކުރެއްވުމަކީ ކަދުރު ރުކުގެ ބުޑުތަކެއް ކަމުގައިވުމެވެ. ދެ ވަނަ ސިފަ ކުރެއްވުމަކީ އެ ބުޑުތަކުގައި ހޮއި ހެދިފައިވުމެވެ. އަދި ތިން ވަނަ ސިފަ ކުރެއްވުމަކީ އެ ބުޑުތައް ވެއްޓިފައިވުމެވެ.
މި ދެ އާޔަތުގައި ވެސް އެބައިމީހުން ސިފަ ކުރައްވާފައިވަނީ ކަދުރު ރުއްތަކެއްގެ ގޮތުގައެއް ނޫނެވެ. ކަދުރު ރުކުގެ ބުޑުތަކެއްގެ ގޮތުގަ އެވެ. އޭގެ މާނައަކީ އެ ރުއްތަކުގެ ކުރިގަނޑެއް ނެތެވެ. އެ ރުއްތަކުގެ ގަސްގަނޑާއި އޭގެ ކުރިގަނޑުތައް ވަނީ ވަކިވެފަ އެވެ.
މި ގޮތަށް ސިފަކުރައްވާފައި ވުމުން، ބައެއް މުފައްސިރުން މި ދެ އާޔަތުގެ ތަފްސީރުގައި ވިދާޅުވަނީ، ޢާދު ބާގައި މީހުން ނެތިކުރެއްވި އިރު، އެމީހުންގެ ބޯތައް ވަނީ އެމީހުންގެ ކަނދުރާތަކުން ވަކިވެފައި ކަމަށެވެ. އެ ގަދަފަދަ ކޮޅިގަނޑުގެ ވަޔާ އެކު އެމީހުން ބިމުން ލުހިގެން ޖައްވުގެ ތެރެއަށް އަރައިގެން ދަނީ، ބިމުގައި ވަރުގަދައަށް މޫލައި ހިފާފައި ހުރި ކަދުރު ރުއްތަކެއް، ގަދަފަދަ ޠޫފާނެއްގައި މުލުން ލުހިގެންދާ ފަދައިންނެވެ. އަދި އެނބުރި އައިސް ބޯކޮޅު ވަތަށް ބިމަށް ޖެހޭ އިރު، އެ މީހުންގެ ކަނދުރާތަކުން ބޯތައް ދަނީ ވަކިވެގެންނެވެ. އޭރުން އެމީހުންގެ ހަށިގަނޑުތައް ފެންނަން ހުންނާނީ، އޭގެ ކުރިގަނޑުތައް ވަކިވެފައިވާ ކަދުރު ރުކުގެ ގަސްގަނޑުތަކެއް ފަދައިންނެވެ.
އަލް ޙާއްޤާ ސޫރަތުގެ ހަތް ވަނަ އާޔަތުގައި، "ހޮއި ހެދިފައިވާ ކަދުރު ރުކުގެ ބުޑުތަކެއް"ގެ ގޮތުގައި ޢާދު ބާގައި މީހުން ސިފަ ކުރެއްވާފައި އޮތް ބަސްފުޅާ މެދު އެހެން ބައެއް މުފައްސިރުން ވިދާޅުވަނީ އެއީ، އެ ޠޫފާނުގައި އައި ބާރުގަދަ ފިނި ވައިގެ ސަބަބުން އެމީހުންގެ ހަށިގަނޑުތަކަށް ވެގެން ދިޔަ ގޮތް ކަމަށެވެ. އެމީހުންގެ އަނގަތަކުން ވައި ވަދެގެން ދިޔަ ބާރުމިނުގައި ފުރަގަސް ފަރާތުން ނުކުމެގެން ދިޔައީ، އެތެރެ ހަށީގެ ހުރިހާ ގުނަވަންތަކެއް ހިފައިގެންނެވެ. އެ ހާލަތުގައި އެމީހުންގެ ހަށިތައް ހުންނާނީ ހޮއި ހެދިފައިވާ ގަސްގަނޑުތަކެއް ފަދައިންކަމާ މެދަކު ޝައްކެއް ނެތެވެ.
(ނުނިމޭ)
އިހުގެ އުންމަތްތައް: ޘަމޫދުބާގައި މީހުން ނެތިކުރެއްވުން
އިހުގެ އުންމަތްތައް: ޘަމޫދުބާގައި މީހުން ނެތިކުރެއްވުން
އިހުގެ އުންމަތްތައް: ޘަމޫދުބާގައި މީހުން ނެތިކުރެއްވުން
ރިވެތި އަޚުލާގު ދެމެހެއްޓުމަށް އީމާންތެރިކަން މުހިންމު
އިންސާނާގެ ނަފްސާނީ ބޭނުންތައް ހާސިލު ކުރުން
އިހުގެ އުންމަތްތައް: ޢާދުބާގައި މީހުން ނެތިކުރެއްވުން
ބިނާ ކުރަންވީ އުފެއްދުންތެރި އިސްލާމީ ޝަޚުޞިއްޔަތެއް
އިހުގެ އުންމަތްތައް: ޢާދުބާގައި މީހުން ނެތިކުރެއްވުން
ވިސްނައި ފިކުރު ކުރުމުގެ އަޅުކަމަށް ސަމާލުވުން
އިހުގެ އުންމަތްތައް: ހަގީގީ އިބްރަތްތަކެއް (1)