Roadha Mihaaru
އިހުގެ އުންމަތްތައް: ހަގީގީ އިބްރަތްތަކެއް (1)

އިހުގެ އުންމަތްތައް: ހަގީގީ އިބްރަތްތަކެއް (1)

05 ޖޫން 2017

ސަލާމާއި ޞަލަވާތްލެއްވި ކީރިތި ރަސޫލާ އެކަލޭގެފާނުގެ ޞަޙާބީންނާ އެކު އެއް ދުވަހެއްގައި އުޅުއްވަނިކޮށް، އެކަލޭގެފާނުގެ އިސްތަށިފުޅުގައި ނުރަޖަހާފައި ހުއްޓާ ދެކެވަޑައިގެން އަބޫބަކުރުގެފާނު ވިދާޅުވި އެވެ؛ އޭ ﷲގެ ރަސޫލާ އެވެ! ކަލޭގެފާނުގެ އިސްތަށިފުޅުގައި މިހާރު ނުރަ ޖަހައިފި އެވެ. އެ ހިނދު ކީރިތި ރަސޫލާ ޙަދީޘް ކުރެއްވި އެވެ؛ "ތިމަންކަލޭގެފާނުގެ އިސްތަށިފުޅުގައި ނުރަ ޖެހީ ހޫދް އާއި އަލްވާޤިޢާ އާއި އަލްމުރްސަލާތި އާއި ޢަންމަ ޔަތަސާއަލޫން އާއި އިޛައްޝަމްސު ކުއްވިރަތުގެ ސަބަބުންނެވެ."

އަހުމަދު އަބުދުﷲ ސައީދު އަހުމަދު އަބުދުﷲ ސައީދު

ސަލާމާއި ޞަލަވާތްލެއްވި ކީރިތި ރަސޫލާ އެކަލޭގެފާނުގެ ޞަޙާބީންނާ އެކު އެއް ދުވަހެއްގައި އުޅުއްވަނިކޮށް، އެކަލޭގެފާނުގެ އިސްތަށިފުޅުގައި ނުރަޖަހާފައި ހުއްޓާ ދެކެވަޑައިގެން އަބޫބަކުރުގެފާނު ވިދާޅުވި އެވެ؛ އޭ ﷲގެ ރަސޫލާ އެވެ! ކަލޭގެފާނުގެ އިސްތަށިފުޅުގައި މިހާރު ނުރަ ޖަހައިފި އެވެ. އެ ހިނދު ކީރިތި ރަސޫލާ ޙަދީޘް ކުރެއްވި އެވެ؛ "ތިމަންކަލޭގެފާނުގެ އިސްތަށިފުޅުގައި ނުރަ ޖެހީ ހޫދް އާއި އަލްވާޤިޢާ އާއި އަލްމުރްސަލާތި އާއި ޢަންމަ ޔަތަސާއަލޫން އާއި އިޛައްޝަމްސު ކުއްވިރަތުގެ ސަބަބުންނެވެ."

އިތުރު އެކަލޭގެފާނުގެ މި ބަސްފުޅުގައި ބަޔާންކުރައްވާފައި އެވަނީ ކީރިތި ޤުރްއާނުގެ ފަސް ސޫރަތެއްގެ ނަމެވެ. ސުވާލަކީ ކީރިތި ޤުރްއާނުގެ ސޫރަތްތަކެއްގެ ސަބަބުން އިންސާނެއްގެ ބޮލުގެ އިސްތަށިތައް ނުރަ ވާންވީ ކީއްވެ ހެއްޔެވެ؟

އެންމެ ފުރަތަމަ އިތުރު އެކަލޭގެފާނުގެ ހައިސިއްޔަތަށް ވިސްނައިލަމާތޯ އެވެ! ކީރިތި ޤުރްއާނުގެ އަންބިޔާއު ސޫރަތުގައި ﷲ އަންގަވާފައިވަނީ، "އަދި ޢާލަމްތަކަށް ރަޙްމަތެއްކަމުގައި މެނުވީ، ތިމަންރަސްކަލާނގެ، ކަލޭގެފާނު ނުފޮނުއްވަމެވެ" މިފަދައިންނެވެ.

އެކަލޭގެފާނަކީ މީސްތަކުންނަށް ހުރި ރަޙްމަތެއް ކަމުގައި ފޮނުއްވި ބޭކަލަކަށްވީ ހިނދު، އެކަލޭގެފާނުގެ މިޒާޖުފުޅު ހުރި ގޮތް ކީރިތި ޤުރްއާނުގެ ތައުބާ ސޫރަތުގެ 128 ވަނަ އާޔަތުގައި ﷲ ސިފަ ކޮށްދެއްވާފައިވަނީ މިފަދައިންނެވެ؛ "ތިޔަބައިމީހުންނަށް އުނދަގޫވެ ދަތިވެއްޖެ ކޮންމެ ކަމެއް، އެކަލޭގެފާނަށް ބޮޑު ކަމަކަށް ވެއެވެ. އެކަލޭގެފާނީ (ތިޔަބައިމީހުންނަށް ތެދުމަގު ލިބުމުގެ މައްޗަށް) ދަހިވެތިވެވަޑައިގެންވާ ބޭކަލެކެވެ. މުއުމިނުންނަށް ނުހަނު އޯގާވެރި، ރަޙުމް ހުރި ބޭކަލެކެވެ."

އެކަލޭގެފާނުގެ މިޒާޖުފުޅާއި ޠަބީއަތުގައި ހުރީ މީސްތަކުންނަށް އޯގާތެރިވުމާއި ރަޙުމްކުރުން ކަމުގައިވާ އިރު، އެކަލޭގެފާނުގެ ވިސްނުންފުޅު އަބަދުމެ ގެންގުޅުއްވާނީ މީސްތަކުންގެ ޙާލަތާ މެދު ފިކުރު ހިންގެވުމުގައި ކަން ކަށަވަރެވެ. އަދި އެ ކަލޭގެފާނަކީ ޢާލަމްތަކަށް ހުރި ރަޙްމަތެއް ކަމުގައިވީތީ، އިހުގެ އުންމަތްތަކާއި ފަހުން އަންނާނޭ އުންމަތްތަކުގެ ޙާލަތާ މެދު ވެސް އެކަލޭގެފާނު ފިކުރުފުޅު ހިންގަވާނެ ކަން ކަށަވަރެވެ.

މިފަދަ އޯގާތެރި ރަޙުމުން ފުރިފައިވާ ހިތްޕުޅެއްގެ ވެރި ސާހިބާގެ އިސްތަށިފުޅު ނުރަ ވާން މެދުވެރިވީ ކީރިތި ޤުރްއާނުގެ ފަސް ސޫރަތެއް ކަމުގައި ބަޔާން ކުރެއްވި އިރު، އެ ފަސް ސޫރަތުގައި ﷲ ސުބްޙާނަހޫ ވަތަޢާލާ ބަޔާން ކުރައްވާފައި ވަނީ ކޮންކޮން ވާހަކަތަކެއް ހެއްޔެވެ؟

އެންމެ ފުރަތަމަ އެކަލޭގެފާނު ބަޔާން ކުރެއްވީ ހޫދު ސޫރަތުގެ ވާހަކަ އެވެ. އެ ސޫރަތުގައި މުޅިން ވެސް ހުރީ އިހުގެ އުންމަތްތަކާއި އެ އުންމަތްތަކަށް ތެދުމަގު ދެއްކެވުމަށް ފޮނުއްވެވި ރަސޫލު ބޭކަލުންނާއި ނަބީބޭކަލުންގެ ވާހަކަ އެވެ. އެ އުންމަތްތަކުގެ މީހުން އެ ބޭކަލުންނަށް ކުރި ޖެއްސުމާއި ގޯނާތަކާއި ދެކޮޅުހެދުންތަކުގެ ވާހަކަ އެވެ. އަދި އެ އުންމަތްތައް ހަލާކު ކުރައްވައި ނެތިކުރެއްވި ގޮތުގެ ވާހަކަ އެވެ.

ނޫޙްގެފާނުގެ ގައުމުގެ މީހުންގެ އުރެދުންތެރިކަމުގައި އެކަލޭގެފާނުގެ ހިތްވަރުފުޅު ގަދަ ކަމާއި ޠޫފާނެއްގައި އެ ގައުމުގެ މީހުން ހަލާކު ކުރެއްވި ވާހަކަ އެވެ. ޢާދު ބާގައި މީހުންގެ ގާތަށް ހޫދުގެފާނު ފޮނުއްވައި ދީނަށް ގޮވައިލެއްވުމުން ވެސް އީމާން ނުވުމުން އެ އުންމަތް ހަލާކު ކުރެއްވި ވާހަކަ އެވެ. އަދި ޘަމޫދު ބާގައި މީހުންގެ ގާތަށް ޞާލިޙްގެފާނު ފޮނުއްވެވި ވާހަކަ އާއި އެ މީހުން ކާފަރުކަން ދޫނުކުރުމުން ހަލާކު ކުރެއްވި ވާހަކަ އެވެ.

ހަމަ އެފަދައިން އިބްރާހީމްގެފާނު ގައުމުގެ މީހުންނަށް ތެދުމަގު ދެއްކެވުން އެދިވަޑައިގެން އެކަލޭގެފާނު ކުރެއްވި މަސައްކަތްޕުޅުތަކާއި އެމީހުންގެ ޖަވާބުދާރީވުން ހުރި ގޮތުގެ ވާހަކަ ބަޔާން ކުރައްވާފައިވެ އެވެ. ލޫޠު ބާގައި މީހުންގެ ގާތަށް ލޫޠުގެފާނު ފޮނުއްވެވި ކަމާއި އެ ރަށް ބަންޑުން ޖެއްސެވި ވާހަކަ އެވެ. އަދި މަދްޔަންގެ އަހުލުވެރިންގެ ގާތަށް ޝުޢައިބުގެފާނު ފޮނުއްވައި، އެ މީހުން އީމާން ނުވުމުން ﷲގެ އަޒާބުގައި ނެތިކުރެއްވި ވާހަކަ އެވެ.

އޭގެ އިތުރުން ފިރްޢައުނުގެ އަނިޔާވެރިކަމުން ބަނީ އިސްރާއީލުން ސަލާމަތް ކުރުމަށާއި ފިރްޢައުނުގެ ގައުމުގެ މީހުންނަށް ﷲގެ އެއްކައުވަންތަކަމަށް ދައުވަތު ދެއްވުމަށް މޫސާގެފާނު ފޮނުއްވެވި ވާހަކަ ވެސް ބަޔާން ކުރައްވާފައިވެ އެވެ. އަދި އެކަލޭގެފާނަށް އީމާން ނުވި މީހުން ޣަރަޤު ކުރައްވައި ނެތި ކުރެއްވުމަށް ފަހު، ފަހު ޒަމާނަށް ހުރި އިބްރަތެއްގެ ގޮތުގައި ފިރުއައުނުގެ ހަށިގަނޑު ލައްވާނޭ ކަން މި ސޫރަތުގައި ބަޔާން ކުރައްވާފައިވެ އެވެ.

މާ ކުރީގައި ހިނގާފައިވާ ކަމެއް، އަދި މި ބިންމަތިން ނެތިކުރައްވާފައިވާ ބައެއްގެ ވާހަކަތައް ބަޔާން ކުރެއްވުމުގައިވާ އިލާހީ ޙިކްމަތަކީ ކޮބައި ހެއްޔެވެ؟ ހޫދު ސޫރަތުގެ 120 ވަނަ އާޔަތުގައި ﷲ އެންގެވީ މިފަދައިންނެވެ؛ "އަދި ރަސޫލުންގެ ޚަބަރުތަކުގެ ތެރެއިން މި އެންމެހާ ޚަބަރުތައް، ތިމަންރަސްކަލާނގެ ކަލޭގެފާނަށް ކިޔައިދެއްވަނީ، އެއިން ތިމަންރަސްކަލާނގެ ކަލޭގެފާނުގެ ހިތްޕުޅު ސާބިތު ކޮށްދެއްވުމަށެވެ. އަދި މި ޚަބަރުތަކުގައި ކަލޭގެފާނާ ހަމަޔަށް އައިސްފައިވަނީ، ޙައްޤު ތެދު ބަސްފުޅެވެ. އަދި މުއުމިނުތަކުންނަށް ވަޢުޡަކާއި ހަނދާން ކޮށްދިނުމެކެވެ."

ކީރިތި ޤުރްއާނުގައި ބަޔާން ކުރައްވާފައި ވަނީ އެ އުންމަތްތަކުގެ މީހުން އުޅުނު ގޮތުގެ ވާހަކަ އެވެ. އެ މީހުންގެ ޢަޤީދާގެ ދެފުށުއެޅުމުގެ ވާހަކަ އާއި ނަބީބޭކަލުންނާއި ރަސޫލު ބޭކަލުންގެ ދަޢުވަތަށް އެ މީހުން ފުރަގަސްދިނުމުން ވެގެން ދިޔަ ގޮތުގެ ވާހަކަ އެވެ. ނަމަވެސް ތަފާތު ޢަޒާބުތަކުގައި އެ އުންމަތްތައް ނެތި ކުރެއްވީ، ފަހުގެ އުންމަތްތަކަށް އިބްރަތްތަކެއް ލިބިދޭ އެތައް ހެކިތަކެއް މި ބިމަށް ދޫކުރައްވައިފަ އެވެ.

އާސާރީ ތަރިކައިގެ ގޮތުގައި މިއަދު ފެންނަން ހުރި ބައެއް ތަންތަނަކީ ކީރިތި ޤުރްއާނުގައި އެ އުންމަތްތަކުގެ ވާހަކަ ބަޔާން ކުރައްވާފައިވާ ތަންތަނެވެ. މިސްރުގެ ފިރުއައުނުން އަހުރާމްތައް ބިނާ ކުރީ މީގެ 4،600 އަހަރަށް ވުރެ ކުރިންނެވެ. އެ ފިރްއައުނުންގެ ހަށިގަނޑުތައް ފަދައިން، އެ މީހުންގެ ޙަޟާރަތުގެ ކުރިއެރުމާއި އިލްމުވެރިކަމަށް ހެކި ދޭ މާސިންގާ އަހުރާމުތައް މިހާރު ވެސް އެހެރީ ފެންނާށެވެ.

ޘަމޫދު ބާގައި މީހުން މި ބިންމަތީގައި ދިރިއުޅުނީ ވެސް މީގެ އެތައް ހާސް އަހަރެއް ކުރިންނެވެ. އެމީހުން ބިޔަ ފަރުބަދަތައް ކަނޑައި ކޮށައިގެން، ގެދޮރު ހަދައި އުޅުނެވެ. އެމީހުން ފަރުބަދަތަކުގައި ހަދައި އުޅުނު ބައެއް ގެދޮރާއި ފައްޅި ފަދަ ތަންތަން މިހާރު ވެސް މި ބިންމަތީގައި ފެންނަން އެބަ ހުއްޓެވެ.

ނަމަވެސް ﷲގެ އަޒާބު އައުމާ އެކު، ފަރުބަދައިގެ އެ ބިޔަ ގެތަކުން އެމީހުންނަށް ލިބުނު ހިމާޔަތެއް ރައްކާތެރިކަމެއް ނެތެވެ. އަހުރާމުތައް ބިނާކުރި ފިރުއައުނަށް ވެސް، ﷲގެ އަޒާބުގެ ވަގުތު ޖެހުމުން ސަލާމަތް ވެވޭނެ ގޮތެއް ނުފެނުނެވެ.

އިހުގެ އުންމަތްތަކުން މިހާރު ފެންނަން ހުރި އާސާރީ ތަންތަނާ މެދު ވިސްނައި ފިކުރުކުރާ އިރު، ހިސާބު އިލްމާއި ފަލަކީ އިލްމާއި ބޭސްވެރިކަމާއި އުމްރާނިއްޔަތުގައި އެމީހުންގެ ކުޅަދާނަ ކަމާ މެދު ހައިރާންވާހައި ވެ އެވެ. މުދަލާއި ފައިސާގެ ގޮތުން އެހާމެ ތަނަވަހެވެ. ހައިބަ މަތިވެރި ގަނޑުވަރުތަކާއި ބިޔަ ފައްޅިތައް ރަމްޒު ކޮށްދެނީ މި ދެންނެވި އުންމަތްތައް ކުރިއަރާފައިވާ މިންވަރެވެ.

"އަދި އެއުރެންނަށް ދެއްވި ދިރިއުޅުމުގެ ތަނަވަސްކަމުގެ މައްޗަށް ކިބުރުވެރިވެގެން އުޅުނު ކިތައްކިތައް ރަށުގެ އަހުލުވެރިން ތިމަންރަސްކަލާނގެ ހަލާކުކޮށްލެއްވިން ހެއްޔެވެ؟ ފަހެ، އެއުރެންގެ ގެދޮރު (ފެންނާން) އެ ހުރީ އެވެ. ވަރަށް މަދު ހިނދުކޮޅެއްގައި މެނުވީ، އެއިން ގެއެއްގައި އެއުރެންނަށް ފަހު، މީހަކަށް ނޫޅެވެތެވެ. އަދި ދެމިހުންނަނިވި ވާރުތަވެރިޔަކީ ވެސް ތިމަންރަސްކަލާނގެ އެވެ. (އެބަހީ: އެންމެހާ ތަކެތި ފަނާވެދިއުމަށް ފަހު ވެސް ދިރިދެމިވޮޑިގެންވަނީ ތިމަންރަސްކަލާނގެ އެވެ.)" ޤަޞަޞް 58

އެއީ މާއްދީ ގޮތުންނާއި ދުނިޔަވީ އިލްމުތަކުގެ ރޮނގުގައި ކިތަންމެ ކުރިއަރައި ދިޔަ ބައެއް ކަމުގައި ވިޔަސް، އެމީހުންނަކީ ﷲގެ ވަޙީ އާއި އެކަލާނގެ އެއްކައުވަންތަކަމަށް އިންކާރު ކޮށް އުޅުނު ބައެކެވެ. ނަތީޖާއަކަށްވީ ތަފާތު ގުދުރަތީ ކާރިސާތަކުގެ ގޮތުގައި ﷲގެ ކޯފާޔާ ކުރިމަތި ލާން ޖެހުމެވެ.

"އަދި އެއިން ކޮންމެ ބަޔަކުވެސް، އެބަޔެއްގެ ކުށުގެ ސަބަބުން ތިމަންރަސްކަލާނގެ ގެންދެވީމެވެ. ފަހެ، ތަންތަން ހަލާކުކުރަނިވި ގަދަ ވަޔެއް ތިމަންރަސްކަލާނގެ އެބަޔެއްގެ މައްޗަށް ފޮނުއްވި މީހުން އެއުރެންގެ ތެރެއިންވޫ އެވެ. އަދި ޢަޛާބުގެ ގަދަ އަޑެއް ފޮނުއްވައި ގެންދެވި މީހުން ވެސް އެއުރެންގެ ތެރެއިންވޫ އެވެ. އަދި އެއުރެންނާ އެކު ބިންގަނޑު ގަންބަވައިގަތް މީހުން ވެސް އެއުރެންގެ ތެރެއިންވޫ އެވެ. އަދި (ކަނޑުލައްވައި) ޣަރަޤު ކުރެއްވި މީހުން ވެސް އެއުރެންގެ ތެރެއިންވޫ އެވެ. އެއުރެންނަށް އަނިޔާ ކުރެއްވުމަކަށް ﷲ އިރާދައެއް ނުކުރައްވަތެވެ. އެހެނެއްކަމަކު، އެއުރެންގެ ނަފްސުތަކަށް ހަމަ އެއުރެން އަނިޔާކުރި ކަމުގައިވި އެވެ." (އަންކަބޫތު 40)

އެ އުންމަތްތައް ނެތި ކުރައްވައި ފަނާ ކުރެއްވީ އިތުރު ބަޔަކު ފޮނުއްވައި އެމީހުން ގަތުލުކޮށްގެނެއް ނޫނެވެ. ހަމަ އެމީހުން ކޮންމެ ދުވަހަކު ވެސް ދެކި އަޑު އަހައި އިހްސާސް ކުރަމުން އަންނަ ކަންތައްތަކެއް މެދުވެރި ކުރައްވަ އެވެ.

ކޮންމެ ވަގުތަކު ވެސް ވައި ޖެހެ އެވެ. އެ ވައިން އެމީހުން އުފާވެރިކަމާއި ހިތްހަމަޖެހުން ލިބިގަނެ އެވެ. ނަމަވެސް ﷲގެ އަމުރުފުޅު އައުމާ އެކު އެ ވަޔަކީ އެ ބަޔަކަށް ހުރި ގަދަފަދަ އަޒާބެއް ނުވަތަ ކޯފާއަކަށް ވެގެންދެ އެވެ. ތަފާތު އަޑުތައް އަބަދު ވެސް ކަންފަތަށް އިވެމުންދެ އެވެ. އެ އަޑުތަކުން އުނދަގުލެއް ނުވި ނަމަވެސް، ﷲ އިރާދަ ކުރެއްވުމުން، ކަންފަތަށް ނުކުޅަދާނަ އެއްޗަކަށް އެ އަޑު ބަދަލުވެ، އެ އަޑަށް ކެތް ނުކުރެވި އިންސާނާ މަރުވެގެންދެ އެވެ.

އިހުގެ އުންމަތްތަކުގެ ވާހަކަތަކުގެ ތެރެއިން ކީރިތި ޤުރްއާނުގައި ބަޔާން ކުރައްވާފައިވާ އެންމެ ތަފްސީލީ އަދި އެންމެ އިބްރަތްތެރި އެއް ވާހަކައަކީ ލޫޠުގެފާނުގެ ޤައުމުގެ މީހުންގެ ވާހަކަ އެވެ. ސަދޫމް ސަހަރު ނެތި ކުރައްވައި ފަނާ ކުރެއްވި ގޮތުގެ ވާހަކަ އެވެ. އެއީ އެމީހުން ދެމިތިބި ފާޙިޝް ޢަމަލުތަކުގެ ސަބަބުންނެވެ. ލޫޠުގެފާނު ފޮނުއްވައި ތެދުމަގު ބަޔާން ކޮށްދެއްވުމުން ވެސް އެމީހުން، އެ ނުބައި ފާހިޝް އަމަލުތަކާ ދުރަށް ނުދިޔުމުންނެވެ.

(ނުނިމޭ)