Roadha Mihaaru
އިންސާނާގެ ނަފްސާނީ ބޭނުންތައް ހާސިލު ކުރުން

އިންސާނާގެ ނަފްސާނީ ބޭނުންތައް ހާސިލު ކުރުން

12 ޖޫން 2017

ކެއިންބުއިމާއި ޖިންސީ ޝަހުވަތާއި މުދަލާއި ފައިސާ ފަދަ މާއްދީ ބޭނުންތަކަކީ ދިރިއުޅުމުގެ ހަޔާތުގައި ހަމަ ކޮންމެ އިންސާނަކަށް ވެސް ބޭނުންވާ ކަންކަމެވެ. އެހެންކަމުން ދިރިއުޅުމުގެ ހަޔާތުގެ ވަރަށް ގިނަ މަސައްކަތްތަކަކީ މި ބޭނުންތައް ފުއްދުމަށްޓަކައި އިންސާނާ ކުރާ މަސައްކަތްތަކެވެ. ނަމަވެސް އިންސާނާގެ ތަބީއަތަށް ބަލާއިރު މި ދެންނެވި ހައިވާނީ، މާއްދީ ތަބީއަތުގެ އިތުރުން ރޫހަކާއި ޖަޒުބާތުތައް އެކުލެވޭ ނަފްސެއް ވެސް އިންސާނާ އަށް ލިބިގެން ވެ އެވެ. އެހެންވެ ނަފްސާނީ ގޮތުން އިންސާނާ ބޭނުންވާ ކަންތައްތަކެއް ވެސް ހުރެ އެވެ.

ކެއިންބުއިމާއި ޖިންސީ ޝަހުވަތާއި މުދަލާއި ފައިސާ ފަދަ މާއްދީ ބޭނުންތަކަކީ ދިރިއުޅުމުގެ ހަޔާތުގައި ހަމަ ކޮންމެ އިންސާނަކަށް ވެސް ބޭނުންވާ ކަންކަމެވެ. އެހެންކަމުން ދިރިއުޅުމުގެ ހަޔާތުގެ ވަރަށް ގިނަ މަސައްކަތްތަކަކީ މި ބޭނުންތައް ފުއްދުމަށްޓަކައި އިންސާނާ ކުރާ މަސައްކަތްތަކެވެ. ނަމަވެސް އިންސާނާގެ ތަބީއަތަށް ބަލާއިރު މި ދެންނެވި ހައިވާނީ، މާއްދީ ތަބީއަތުގެ އިތުރުން ރޫހަކާއި ޖަޒުބާތުތައް އެކުލެވޭ ނަފްސެއް ވެސް އިންސާނާ އަށް ލިބިގެން ވެ އެވެ. އެހެންވެ ނަފްސާނީ ގޮތުން އިންސާނާ ބޭނުންވާ ކަންތައްތަކެއް ވެސް ހުރެ އެވެ.

ޢިލްމުވެރިން ފާހަގަ ކުރައްވާ ގޮތުގައި އިންސާނާގެ ނަފްސާނީ ބޭނުންތައް މައިގަނޑު ތިން ބަޔަކަށް ބަހައިލެވިދާނެ އެވެ. އެއީ އިންސާނީ އިއްޒަތާއި ކަރާމާތް ދެމެހެއްޓުމާއި، ކަންކަން ކުރުމުގެ ހިތްވަރާއި ދިރިއުޅުމުގައި އުފަލާއި ހިތްހަމަޖެހުން ނުވަތަ ބާއްޖަވެރި ކަމެވެ. މިގޮތުން އިއްޒަތާއި ކަރާމާތް ދެމެހެއްޓުމަށް ބޭނުންވާ ކަންކަމުގެ ތެރޭގައި އިންސާނާގެ އިންސާނީވަންތަކަން އިހުސާސް ކުރަން ބޭނުން ވެ އެވެ. އޭނާ އަށް ލިބިފައިވާ ހާއްސަ ސިފަތައް ދިރުވަން ބޭނުން ވެ އެވެ.

އިންސާނާއަކީ ވަކި ޒާތެއް ލިބިފައިވާ މަޚްލޫގެއް ކަމުގައި ބަލައިގަންނަން ބޭނުން ވެ އެވެ. ވުޖޫދުގައި އިންސާނާ އަށް ބަރުދަނެއް ނުވަތަ އަގެއް ވާކަން ގަބޫލުކުރަން ބޭނުން ވެ އެވެ. އިންސާނާ ވުޖޫދުވެފައި ވަނީ ކޮންމެވެސް މަގުސަދެއް ހާސިލު ކުރަން ކަމާއި އެ މަގުސަދާ އެއްގޮތްވާ ގޮތުގެ މަތިން ދިރިއުޅުމުގެ ހަޔާތުގައި އަދާކުރަން ޖެހޭ ކޮންމެވެސް ރިސާލަތެއް އޮންނާނެކަން ބަލައިގަންނަން ބޭނުން ވެ އެވެ.

ކައުނުގައި މިވާ ފަނިފަކުސާތަކާއި ހައިވާނުންތަކުގެ ތެރެއިން އިންސާނާ އަކީ ވަކި ހާއްސަ އިމްތިޔާޒެއް ލިބިގެންވާ މަޚްލޫގެއްގެ ގޮތުގައި ބަލައިގަންނަން ބޭނުން ވެ އެވެ. އިންސާނާ ދުނިޔެ އަށް ފޮނުވިފައިވަނީ ކުޅިވަރަކަށް ނޫންކަމާއި އިންސާނާ އަށް ލިބިފައިވާ ބުއްދި އާއި އިހުތިޔާރު ކުރުމުގެ މިނިވަން ކަމާއި ވާހަކަދެއްކުމުގެ ގާބިލުކަމަކީ އޮޅުމަކުން ލިބިފައިވާ ކަންކަން ނޫންކަން ގަބޫލު ކުރަން ބޭނުން ވެ އެވެ. މި ނޫނަސް މިފަދަ އެހެން ބޭނުންތަކުގެ ތެރެއިން އިންސާނާ އަށް ހައްގުވާ އިއްޒަތާއި ކަރާމާތް ލިބެން ހަމަ ކޮންމެ އިންސާނަކު ވެސް ބޭނުން ވެ އެވެ.

ދެ ވަނަ މައިގަނޑު ބޭނުން ކަމުގައިވާ ކަންކަން ކުރުމުގެ ހިތްވަރާއި ބާރު ނުވަތަ އަޒުމް ވަރުގަދަވުން ބޭނުންވަނީ ވަރަށް ގިނަ ސަބަބުތަކަށްޓަކަ އެވެ. މިގޮތުން ދިރިއުޅުމުގައި ދިމާވާ އެންމެހާ ހުރަސްތަކާ ކުރިމަތިލުމަށާއި ދިރިއުޅުމުގެ ބޭނުންތައް ފުއްދުމަށް ހިތްވަރު ބޭނުން ވެ އެވެ. އެއީ ތަބީއީ އެކިއެކި ގާނޫނުތަކާއި ތަބީއީ ހާދިސާތަކުން ރައްކާތެރި ވުމަށެވެ. އެހެން އިންސާނުންގެ ނުބައިކަމުން ކުރިމަތިވާ ނުރައްކާތަކުން ސަލާމަތް ވުމަށެވެ. ނަފްސުގައިވާ އެންމެހާ ޣަރީޒާތަކާއި ޝަހުވަތްތައް ވަކި ހަމައެއްގައި ބަހައްޓަން ކުރުމަށެވެ. ދިރިއުޅުމުގެ މަގުސަދުތައް ހާސިލު ކުރުމަށެވެ. މުޖުތަމައުގެ ތެރެއިން ކުރިމަތިވާ އެންމެހާ ކަންކަމާއި ގުދުރަތީ ކަންކަމުގެ ކުރިމަތީ ޖިސްމާނީ ގޮތުންނާއި ނަފްސާނީ ގޮތުން ހުންނަ ނުކުޅެދުންތެރިކަން ފޫބެއްދުމަށެވެ. މި ނޫނަސް މިފަދަ އެހެންކަންކަމުން ދިމާވާ ހުރަސްތައް ނައްތާލުމަށް ހިތްވަރާއި އަޒުމް ހަމަ ކޮންމެ އިންސާނަކުވެސް ބޭނުން ވެއެވެ.

ތިން ވަނަ މައިގަނޑު ނަފްސާނީ ބޭނުމަކީ އެންމެން ވެސް އެ ހާސިލު ކުރުމަށްޓަކައި ވަރަށް ބޮޑަށް މަސައްކަތް ކުރާ ކަމެކެވެ. އާދެ ދިރިއުޅުމުގައި ބާއްޖަވެރިކަން އިހުސާސް ކުރުމެވެ. ހަގީގީ ބާއްޖަވެރި ކަމަކީ ދުނިޔެ އާއި އާޚިރަތް ވެސް ބާއްޖަވެރިވުން ކަމުގައި ވިއަސް ވަރަށް ގިނަ ބަޔަކު އުޚްރަވީ ބާއްޖަވެރިކަމަށް މާ ބޮޑު ސަމާލުކަމެއް ނުދެ އެވެ. އެކަމަކު ހަމަ ޔަގީނުން ވެސް ފިތުރަތުން އެއްކިބާނުވެ ބުއްދި ސަލާމަތުން ހުންނަ ހަމަ އެކަކުވެސް ދުނިޔަވީ ހަޔާތުގައި ބާއްޖަވެރިކަން ބޭނުން ނުވެއެއް ނުހުންނާނެ އެވެ.

މިގޮތުން ހާސްކަމާއި ނުތަނަވަސް ކަމާއި ހިތްހަމަނުޖެހުމާއި ކެކުޅުމުގެ ތެރޭގައި ދަތިހާލުގައި ދުނިޔަވީ ހަޔާތް ވޭތު ކުރާކަށް ހަމަ އެކަކު ވެސް ބޭނުމެއް ނުވާނެ އެވެ. އޭގެ ބަދަލުގައި ބޭނުންވާނީ ނަފްސަށް ހަމަހިމޭންކަން ލިބޭ ހާލު ހިތްހަމަޖެހިގެން އަރާމު ދިރިއުޅުމެއް އުޅޭށެވެ. ނަފްސާނީ ގޮތުން ދުޅަހެޔޮ ސިއްހަތެއްގައި ހުންނާށެވެ. ހިތްހަމަޖެހިގެން ދިރިއުޅުމުގެ ދުވަސްތައް ވޭތު ކުރާށެވެ. ލޯތްބާއި ފޮނި އުއްމީދުތަކާއެކު ހަޔާތުގެ ދުވަސްތައް ގުނާށެވެ.

މި އިޝާރާތް ކޮށްލެވުނު ނަފްސާނީ މައިގަނޑު ތިން ބޭނުމަކީ ދުޅަހެޔޮ ކަންމަތީ ދިރިއުޅުމަށްޓަކައި ކޮންމެ އިންސާނަކު ވެސް އޭނާގެ އަމިއްލަ ނަފްސަށާއި އަދި އޭނާ ލޯބިވާ މީހުންނަށް ވެސް އެދޭ ވަރަށް މުހިންމު ތިން ބޭނުމެވެ. ހައިވާނުންތައް ކައިބޮއެ އުޅޭ ފަދައިން ބިމުގައި ކައިބޮއެ ހަދައި މަޖާކޮށް އެސޮރުމެން ފަނާވެގެންދާ ބީދައިން ފަނާވެގެން ދިއުން އެއީ ހަމައެކަނި އިންސާނާގެ ބޭނުންކަމަށް ދެކޭ މީހުންނަކީ އިންސާނީ އާންމު އުސޫލަށް ނުފެތޭ އިސްތިސްނާ ބައެކެވެ.

މާލޭގެ ނޫރު މިސްކިތުގައި މި ރޯދަ މަހު ބަޔަކު ނަމާދު ކުރަނީ: އިންސާނާގެ ނަފްސާނީ ބޭނުންތައް އިންތިޒާމު ކުރުމުގައި ރޫޙާނީ ގޮތުން ތަރައްގީ ވުމަކީ ކޮންމެހެން ބޭނުންތެރި ކަމެއް.

މާލޭގެ ނޫރު މިސްކިތުގައި މި ރޯދަ މަހު ބަޔަކު ނަމާދު ކުރަނީ: އިންސާނާގެ ނަފްސާނީ ބޭނުންތައް އިންތިޒާމު ކުރުމުގައި ރޫޙާނީ ގޮތުން ތަރައްގީ ވުމަކީ ކޮންމެހެން ބޭނުންތެރި ކަމެއް.

ހަމައެފަދައިން، އަތްފައިގެ ވަކިތަކާއި ތޫނު ދަތްތަކުން ހަމަލާ ދީގެން އެހެން ހައިވާނުންތައް އަތުލާ ވަލު ޖަނަވާރުން ފަދައިން، އެ ބަޔަކަށް ލިބިފައިވާ ބާރުގެ ބޭނުންކޮށްގެން އެހެން މީހުންނަށް އަނިޔާ ދިނުމާއި އެހެން މީހުންގެ ހައްގުތައް ނިގުޅައިގަނެ ނޮޅައި ކައި ހަދައިގެން ލައްޒަތު ހޯދުމަކީ ހަމައެކަނި އިންސާނާގެ ބޭނުންކަމަށް ދެކޭ މީހުންނަކީ ވެސް އިސްތިސްނާ ބައެކެވެ.

ވީމާ އިންސާނީ ބޭނުންތައް މިން ކުރުމުގައި ބަލަން ޖެހޭނީ ފިތުރަތާއި ބުއްދި ސަލާމަތުންވާ އިންސާނުންގެ ބޭނުންތަކަށެވެ. މިފަދަ އިންސާނާ އޭނާގެ ނަފްސަށްޓަކައި އަދި އެ ނަފްސުގެ އެދުންތަކުގެ ކުންނު ކަމުގައިވާ ޒާތު ހާސިލު ކުރުމަށްޓަކައި، ކުރިން އިޝާރާތް ކުރެވުނު މައިގަނޑު ތިން ބޭނުން ފުރިހަމަ ވާން އެދޭނެ އެވެ. މި ބޭނުންތައް ދިރިއުޅުމުގައި ނުފުއްދޭ ނަމަ ދިރިއުޅުމުގައި އެއްވެސް ރަހައެއް ނުހުންނާނެ އެވެ. ދިރިއުޅުމަކީ އަގެއް ނުވަތަ މާނައެއް ހުރި އެއްޗެއް ކަމަކަށް ނުބެލެވޭނެ އެވެ. ވީމާ އިންސާނާގެ މި ނަފްސާނީ ބޭނުންތައް ފުއްދުމަށް މަސައްކަތް ކުރަން ޖެހެއެވެ. މިހިސާބުން އެންމެ މުހިންމުވާ ސުވާލަކީ މިބޭނުންތައް ފުއްދުމަށް އޮތް އެންމެ ފުރިހަމަ އަދި އެންމެ އެކަށީގެންވާ މަގަކީ ކޮބައިތޯ އެވެ؟

އެއްވެސް ޝައްކެއް ނެތް ގޮތުގައި އިންސާނާގެ ނަފްސާނީ ބޭނުންތައް ފުއްދަން އެންމެ އެކަށީގެންވާނީ މި ކައުނާއި ކައުނުގައިވާ އެންމެހާ ތަކެތި ހެއްދެވި އަދި އެ ހުރިހާ ތަކެތީގެ ހާލަތު އެންމެ މޮޅަށް ދެނެވޮޑިގެންވާ އެއްކައުވަންތަ ﷲ އަށް އީމާން ވުމުގެ މަގެވެ. މި ނޫން އެހެން މަގެއް އިޚްތިޔާރު ކޮށްފިނަމަ މި ނަފްސާނީ ބޭނުންތައް ކޮންމެވެސް ސިފައެއްގައި ކޮންމެވެސް މިންވަރަކަށް ހާސިލު ނުވާނެ އެކޭ ނޫނެވެ.

އެހެން ނަމަވެސް ހުރިހާ ކަމެއް (ދުނިޔެ އާއި އާޚިރަތް، ޖިސްމާއި ރޫޙާއި ނަފްސު، އަމިއްލަ ނަފްސާއި އެހެން މީހުން ފަދަ ކަންކަން) ޝާމިލުވާ ގޮތުގައި ވަޒަން ހިފެހެއްޓިގެން ފުރިހަމަ ގޮތެއްގައި މި ބޭނުންތައް ހާސިލު ކުރެވޭނީ މާތްﷲ އަށް އީމާން ވެގެންނެވެ. ސަބަބަކީ އެއްކައުވަންތަ އިލާހަށް އީމާންވުމަކީ އިންސާނާ އަށް ރޫހާނީ ގޮތުންނާއި ނަފްސާނީ ގޮތުންނާއި އިޖުތިމާއީ ގޮތުން އޭގެ ހެޔޮ އަސަރު ވަރަށް މަތީ ދަރަޖަ އަކަށް ފޯރާ ކަމަކަށް ވާތީ އެވެ.

މިގޮތުން އިންސާނާގެ ކަރާމާތްތެރިކަމާއި އޭނާ އަށް ލިބިފައިވާ އިއްޒަތާއި ކައުނުގައި އިންސާނާގެ ދަރަޖަ އާއި ދިރިއުޅުމުގައި އޭނާ އަދާ ކުރަންޖެހޭ ރިސާލަތު އޭގެ އެންމެ ފުރިހަމަ ގޮތުގައި ދެނެގަނެ އެ ކަންކަން އިހުސާސް ކުރެވޭނެ އެވެ. ދިރިއުޅުމުގެ ހުރަސްތަކާއި ކުރިމަތިލުމަށް އަދި ދިރިއުޅުމުގެ މަގުސަދުތައް ހާސިލު ކުރުމަށް ބޭނުންވާ ހިތްވަރު ލިބުމަށް މަގުފަހި ކޮށްދޭނެ އެވެ. އަޒުމް ވަރުގަދަ ވާނެ އެވެ. ދިރިއުޅުމުގެ ހަޔާތުގެ އިތުރުން އުޚްރަވީ ހަޔާތުގައި ވެސް ހިތްހަމަޖެހުމާއި ބާއްޖަވެރިކަން އެންމެ ފުރިހަމަ ގޮތުގައި ހާސިލު ކުރަން އެހީތެރިވެދޭނެ އެވެ.

އީމާންކަމުގެ ރުކުންތަކާއި، އެ ރުކުންތަކަށް އެންމެ ފުރިހަމަ ގޮތުގައި އީމާންވާނެ ގޮތް ކީރިތި ޤުރުއާނާއި މާތް ނަބިއްޔާގެ ސުންނަތުގެ އަލީގައި ރަނގަޅަށް ދެނެގަތުމުން މި ހަގީގަތް ކަށަވަރު ކުރެވޭނެ އެވެ. ވީމާ ކޮންމެ މުސްލިމަކު ވެސް އޭނާގެ ނަފްސާނީ ބޭނުންތައް އެންމެ ފުރިހަމަ ގޮތުގައ ފުއްދުމަށްޓަކައި އީމާންތެރިކަން ވަރުގަދަކުރަން ޖެހެ އެވެ.

މި ގޮތުން ﷲގެ ސިފަފުޅުތައް ސައްހަ ގޮތުގައި ދެނެގަންނަން ޖެހެ އެވެ. މަލާއިކަތުންގެ ދައުރާއި ވަޒީފާތައް ދެނެގަންނަން ޖެހެ އެވެ. މިންވަރަށް އީމާންވުމުގައި ގަބޫލު ކުރަންޖެހޭ ކަންކަން ފުރިހަމަ އަށް އެނގެން ޖެހެ އެވެ. އުޚްރަވީ ހަޔާތުގެ ހަގީގަތްތައް ދަސްކުރަން ޖެހެ އެވެ. އޭރުން އީމާންކަން ވަރުގަދަވެ ނަފްސާނީ ދުޅަހެޔޮކަމެއް ލިބިގެންދާނެ އެވެ.