12 މެއި 2017
ކޮންމެ މުޖުތަމައެއްގައި ވެސް އަމާން ކަމާ އެކު ދިރިއުޅުމަށް އެންމެ ބޮޑު ހުރަހެއް އެޅޭނެ އެއް ކަމަކީ ކުށްތަކާއި ޖަރީމާތައް އެ މުޖުތަމައެއްގައި ގިނަވަމުން ދިއުމެވެ. މިފަދަ މުޖުތަމައެއްގައި އެންމެހާ ނުބައި ކަންކަން ފެތުރި އާންމުވުމަށް މަގު ހުޅުވާލެވިފައި ވާނެ އެވެ. އެހެންކަމުން ކުށްތަކާއި ޖަރީމާތައް ހުއްޓުވައި ނުވަތަ އެންމެ ކުޑަމިނުން އެފަދަ ކަންކަން މަދުކޮށް މުޖުރިމުން ހިޞާރު ކުރުމަށް ވަރުގަދަ އަދި ހަރުދަނާ ނިޒާމެއް އޮންނަން ޖެހެ އެވެ. މާތްވެގެންވާ އިސްލާމްދީން ހުށަހަޅައިދެނީ މިފަދަ ނިޒާމެކެވެ.
ކޮންމެ މުޖުތަމައެއްގައި ވެސް އަމާން ކަމާ އެކު ދިރިއުޅުމަށް އެންމެ ބޮޑު ހުރަހެއް އެޅޭނެ އެއް ކަމަކީ ކުށްތަކާއި ޖަރީމާތައް އެ މުޖުތަމައެއްގައި ގިނަވަމުން ދިއުމެވެ. މިފަދަ މުޖުތަމައެއްގައި އެންމެހާ ނުބައި ކަންކަން ފެތުރި އާންމުވުމަށް މަގު ހުޅުވާލެވިފައި ވާނެ އެވެ. އެހެންކަމުން ކުށްތަކާއި ޖަރީމާތައް ހުއްޓުވައި ނުވަތަ އެންމެ ކުޑަމިނުން އެފަދަ ކަންކަން މަދުކޮށް މުޖުރިމުން ހިޞާރު ކުރުމަށް ވަރުގަދަ އަދި ހަރުދަނާ ނިޒާމެއް އޮންނަން ޖެހެ އެވެ. މާތްވެގެންވާ އިސްލާމްދީން ހުށަހަޅައިދެނީ މިފަދަ ނިޒާމެކެވެ.
އިސްލާމް ދީނުގައިވާ ގޮތުން އާންމު އަޚްލާގަށް އަރައިގަނެ، އަމަންއަމާންކަން ގެއްލުވާލައި، މުޖުތަމަޢު ހަލާކު ކުރުވާ ކުށްތަކާއި ޖަރީމާތަކަށް މީސްތަކުން އަރައިގަތަ ނުދިނުމަށްޓަކައި އެންމެ ފުރަތަމަ އަޅާ ފިޔަވަޅަކީ އީމާންތެރިކަން ވަރުގަދަ ކުރުވުމެވެ. ﷲ ދެކެ ލޯބިވުމާއި ކީރިތި ރަސޫލާ، ޞައްލަﷲ ޢަލައިހި ވަސައްލަމް، ދެކެ ލޯބިވުން ހިތްތަކުގައި އުފެއްދުމެވެ. އަދި އީމާންކަމުގެ އެހެން ރުކުންތަކުގެ ތެރެއިން މިފަދަ ކުށްތަކަށް އަރައިގަތުމުގެ ބިރު ހިތްތަކުގައި އުފެއްދުމެވެ.
ހަމަ އެއާ އެކު އެކަންކަމުން ދުރުހެލިވުމުން ލިބެން ހުރި ނިޢުމަތާއި އުފާވެރިކަމަށް ހިތްތަކުގައި ޝައުގު އުފެއްދުމެވެ. މި އީމާންތެރިކަން އިތުރުކޮށް އަޚްލާޤު ރިވެތި ކުރުމުގެ އާދަ ހަރުލެއްވުމަށްޓަކައި ދެން އިސްލާމް ދީނުގައި ރޭވިފައި ވަނީ އެކިއެކި އަޅުކަންތަކެވެ. މިގޮތުން ކޮންމެ އަޅުކަމަކުންވެސް (އަދާ ކުރަން ޖެހޭ ގޮތުގައި އޭގެ ފުރިހަމަ ރޫޙާ އެކުގައި އަދާ ކުރާ ނަމަ) ނަފްސުތައް ތާހިރުކޮށް ތަޤުވާވެރިކަން އިތުރު ކުރުވަ އެވެ.
އަޅުކަންތަކަށް އާދަ ކުރުވުމުގެ އިތުރުން އިސްލާމީ އަޚްލާޤީ ނިޒާމަށް މުސްލިމުން ތަބާ ކުރުވުމަށްޓަކައި ރިވެތި އަޚްލާޤީ ސިފަތަކާއި ނުރަނގަޅު ސިފަތައް ވަރަށް ސާފުކޮށް ބަޔާން ކޮށްދީފައި ވެއެވެ. އަދި މި ނިޒާމަށް މީހުން ހޭނުވުމަށްޓަކައި ހެޔޮކަންތަކަށް އަމުރު ކުރުމާއި ނުބައިކަންކަން ނަހީ ކުރުން އެއީ މުޅި މުޖުތަމައުގެ ޒިންމާއެއް ކަމުގައި ލައްވާފައި ވެއެވެ. މީސްތަކުންގެ ތެރެއަށް ނެރެވިގެންވާ އެންމެ ހެޔޮ އުންމަތް ކަމުގައި އިސްލާމީ އުންމަތްވުމުގެ ޝަރުތުތަކުގެ ތެރެއިން އެއް ޝަރުތަކީ ވެސް ހެޔޮކަންތަކަށް އަމުރު ކުރުމާއި ނުބައި ކަންކަން ނަހީ ކުރުމެވެ.
މި ދެންނެވުނު ހަތަރު ފިޔަވަޅުގެ އެހީގައި ވަރަށް ގިނަ ބަޔަކު ކުށްތަކުން ދުރުހެލި ކުރެވި ރިވެތި އަޚްލާގުގެ މަތީ ދެމެހެއްޓުމަށް އެހީތެރިކަން ލިބިގެންދާނެ އެވެ. ނަމަވެސް ހުރިހާ އިންސާނުންނަކީ އީމާންތެރިކަމުގަ އާއި އަޅުވެތިވުމުގަ އާއި ކިޔަމަންތެރިވުމުގައި އެއްވަރު ބަޔަކަށް ނުވާތީ މުޖުތަމައުގައި އަދިވެސް ކުށްތަކާއި ޖަރީމާތައް ހިނގުމަކީ ނުވެ ނުދާނެ ކަމެކެވެ.
އެހެންވެ މިފަދަ މީހުން މައިތިރި ކުރުމަށް އިސްލާމް ދީނުގައި ރޭވިފައި ވަނީ ވަރަށް ވަރުގަދަ ނިޒާމެކެވެ. އެއީ ސީދާ ނައްޞުން އޭގެ މިންގަނޑު ކަނޑައެޅި ބަޔާންވެގެންވާ އުގޫބާތްތަކަކާއި ނައްޞުން މިންވަރު ކަނޑައެޅިފައި ނުވާ އަދަބު ދިނުމުގެ ނިޒާމެވެ. އާދެ، އިސްލާމީ ޖިނާޔަތުގެ ނިޒާމެވެ.
އިސްލާމްދީނުގައި މުޖުރިމުންނަށް ކަނޑައެޅިފައިވާ އުގޫބާތްތައް މައިގަނޑު ގޮތެއްގައި ބިނާވެފައި ވަނީ ޟަރޫރީ ގޮތުން ރައްކާތެރި ކުރަން ޖެހޭ ފަސް ކަމެއް ރައްކާތެރި ކުރުމަށެވެ. އެއީ ނަފްސާއި މުދަލާއި ބުއްދި އާއި އަބުރާއި ދީނެވެ.
މިގޮތުން ނަފްސެއްގެ ފުރާނަ (ހައްގަކާ ނުލައި ގަސްދުގައި) ދުއްވާލައިފި ނަމަ އޭގެ އުގޫބާތަކީ މަރަށް މަރު (ޤިޞާޞް) ހިފުމެވެ. ލޭގެ ވަލިއްޔުން އެކަމަށް މައާފު ނުދޭހާ ހިނދަކު އެވެ. ނުވަތަ ޤިޞާޞް މައާފުކޮށް މަރުގެ ދިޔަ އަށް ލޭގެ ވަލިއްޔުން އެދެފިނަމަ މަރުގެ ދިޔަ ދިނުމެވެ. ފުރާނަ ދުއްވާ ނުލައި ހިންގާ ޖިނާޔަތުގެ އުގޫބާތަކީ އެ ޖިނާޔަތާ އެއް ފަދައިން ޤިޞާޞް ހިފުމެވެ.
އެއީ މިސާލަކަށް ގުނަވަނެއް ބުރިކޮށްލި ނަމަ އެ ކަން ކުރި މީހެއްގެ ވެސް ހަމަ އެ ގުނަވަން ބުރިކޮށްލުމެވެ. ގަސްދަކާ ނުލައި ފުރާނައެއް ދުއްވާލައިފި ނަމަ އުގޫބާތަކީ މަރުގެ ދިޔަ އެވެ. ގަސްދަކާ ނުލައި ގުނަވަނެއް ދުއްވާލައިފިނަމަ ގުނަވަނުގެ ބަދަލު ދިނުމެވެ.
ވައްކަމުގެ ޝަރުޠުތައް ހަމަކޮށް މުދަލަކަށް އަރައިގެންފި ނަމަ އުގޫބާތަކީ އަތް ކެނޑުމެވެ. ރާ ބުއިމާއި މަސްތުވާ ތަކެތީގެ އިސްތިޢުމާލު ކޮށް ބުއްދި ފިލުވާލުމުގެ އުގޫބާތަކީ 80 އެތިފަހަރުން ހައްދު ޖެހުމެވެ. ޢިއްފަތްތެރިކަމަށް އަރައިގަތުމުގެ އުގޫބާތަކީ، ޒިނޭ އާއި ޤަޛުފަށް ކަނޑައެޅިފައިވާ އުގޫބާތްތަކެވެ. މިގޮތުން ޒިނޭކުރާ މުޙުޞަނުންގެ އުގޫބާތަކީ (ގިނަ ޢިލްމުވެރިންގެ ރައުޔުގައި) ރަޖަމް ކުރުމެވެ. ޣައިރު މުޙުޞަނުންގެ ޢުގޫބާތަކީ 100 އެތި ފަހަރުން ހައްދު ޖެހުމެވެ. ޤަޛުފު ކުރުމުގެ އުގޫބާތަކީ 80 އެތި ފަހަރުން ހައްދު ޖެހުމެވެ. (ދީން ރައްކާތެރި ކުރުމަށް ހުރަސް އެޅޭ ގޮތަށް) މުރުތައްދުވުމުގެ އުގޫބާތަކީ ތައުބާ ވުމަށް ފުރުސަތު ދިނުމަށް ފަހު ތައުބާ ނުވެއްޖެ ނަމަ ގަތުލު ކުރުމެވެ.
އިސްލާމީ ޝަރީޢަތުގެ ޙުކުމްތަކުގެ މައިގަނޑު މަގުސަދުތައް ކަމުގައިވާ މި ފަސް ކަންތައް ރައްކާތެރި ކުރުމުގެ އިތުރުން މުޖުތަމަޢުގެ އަމަންއަމާން ކަމަށް އަރައިގަނެ ބިރުވެރިކަން އުފެދޭ ގޮތަށް ޖަރީމާތައް ހިންގާ ހާލަތްތަކުގައި ކަނޑައެޅިފައިވާ އެހެން ޢުޤޫބާތެއް ވެސް ވެއެވެ. އެއީ ޙިރާބާގެ އުގޫބާތެވެ. ޙިރާބާ އަކީ މަގު ފޭރުމާއި ބިމުގައި ފަސާދަ އުފެއްދުމެވެ.
އެއީ ގޭންގު ހަދައިގެން ގްރޫޕްތަކުން ނުވަތަ ވަކިވަކި ފަރުދުން ވިއަސް މާރާމާރީ ހިންގުމާއި، ހަތިޔާރުގެ ބިރު ދައްކައިގެން މުދާ އަތުލުމާއި، ޢިއްފަތްތެރިކަން ނަގާލުމާއި، މީހުން ރަހީނުކުރުމާއި، އަނިޔާ ކުރުން ފަދަ ޖަރީމާތައް ހިންގުމެވެ. މިއީ އިސްލާމް ދީނުގައި ވަރަށް ވަރުގަދައަށް މަނާ ކުރައްވާފައިވާ ޙަރާމް ކަމެކެވެ. ބޮޑެތި ފާފަތަކުގެ ތެރެއިން ހިމެނޭ ކަމެކެވެ.
އެހެންވެ މިކަމަށް ވަރުގަދަ ޢުޤޫބާތް ވެސް ކަނޑައެޅިފައި ވެއެވެ. މާތްﷲ ގެ ވަޙީބަސްފުޅުގެ މާނައިގައި ވެއެވެ. "ﷲ އާއި އެކަލާނގެ ރަސޫލާއާ ހަނގުރާމަކޮށް އުޅޭ މީހުންނާއި ބިމުގައި ފަސާދަ ކުރުމަށް މަސައްކަތްކޮށް އުޅޭ މީހުންގެ ޖަޒާއެއް ކަމުގައިވާކަން ކަށަވަރީ އެއުރެން މެރުމެވެ. ނުވަތަ ޞަލީބަށް އެރުވުމެވެ. ނުވަތަ ތަފާތުކޮށް އެއުރެންގެ އަތްފައި ބުރިކުރުމެވެ. (އެބަހީ ކަނާއަތާއި ވައަތުފައި ނުވަތަ ވައަތާއި ކަނާތު ފައި ބުރިކުރުމެވެ.) ނުވަތަ ރަށުން ފޮނުވާލުމެވެ. އެއީ އެއުރެންނަށް ދުނިޔޭގައި ހުރި ނިކަމެތި ކަމެވެ. އަދި އާޚިރަތުގައި އެއުރެންނަށް ބޮޑުވެގެންވާ އަޒާބު ހުއްޓެވެ." (އަލްމާއިދަތު 33)
މިވަރުގެ ވަރުގަދަ ޢުޤޫބާތްތަކެއް ދުނިޔެމަތީގަ އާއި އާޚިރަތުގައި ކަނޑައެޅިފައި މިވަނީ މި ކަމުގެ ހުރި ނުރައްކާތެރިކަން ބޮޑު ކަމުންނެވެ. މިފަދަ މީހުންގެ ސަބަބުން މުޖުތަމަޢުގައި އަމަންއަމާންކަން ގެއްލިގެން ދެ އެވެ. އެހެން އެންމެން މިފަދަ މީހުންގެ ސަބަބުން ދާއިމީ ބިރުވެރިކަމެއްގެ ތެރޭގައި ތިބެން ޖެހިދެ އެވެ. އިސްލާމްދީނަކީ އަމާންކަމުގެ ދީން ކަމަށް ވާއިރު، އަދި އަމަންއަމާން ކަމަކީ މާތްﷲ އިންސާނުންނަށް ދެއްވާ މަތިވެރި ނިޢުމަތެއް ކަމަށް ވާއިރު އެކަން ގެއްލިދާ ފަދަ ކަމަކަށް އިސްލާމްދީން ފުރުސަތު ނުދޭކަން މިކަމުން ވަރަށް ސާފުކޮށް އެނގިގެން ދެއެވެ.
މިފަދަ ޖަރީމާތަކުގެ އުގޫބާތް ވަރުގަދަވުމުގެ ދެ ވަނަ ސަބަބަކީ ވަރުގަދަ ޢުޤޫބާތެއް ނެތް ނަމަ އިސްލާމްދީން ރައްކާތެރިކުރަން ބޭނުންވާ މައިގަނޑު ފަސް މަގުސަދު ރައްކާތެރި ނުކުރެވޭނެތީ އެވެ. މުސްލިމަކަށް ވުމުން އެމީހެއްގެ ލެއާއި އެމީހެއްގެ މުދަލާއި އެމީހެއްގެ އަބުރު އެއީ ހުރުމަތްތެރި ކުރެވިގެންވާ އެއްޗެއްސެވެ. މާރާމާރީއާއި ހަތިޔާރުގެ ބިރު ދައްކައިގެން މުދާ އަތުލުމާއި އަނިޔާކުރުން ފަދަ ޖަރީމާތަކަކީ ހަމަޔަގީނުންވެސް އެ ހުރުމަތްތަކަށް އަރައިގަތުމުގެ ވަސީލަތްތަކެވެ.
ވީމާ މުޖުތަމައުގެ އަމާންކަން ދެމެހެއްޓުމަށްޓަކައި ކުށްތަކާއި ޖަރީމާތައް ހުއްޓުވުމަށް ނުވަތަ އެންމެ ކުޑަމިނުން މަދު ކުރުމަށްޓަކައި އިސްލާމީ މަންހަޖުގައިވާ ގޮތަށް ޢަޤީދާ ވަރުގަދަކޮށް އަޅުކަމަށް އާދަކުރުވައި ރިވެތި އަޚުލާޤު ދަމަހައްޓައި ހެޔޮ ކަންތަކަށް އަމުރުކޮށް ނުބައިކަންކަން ނަހީ ކުރުމުގެ މަސައްކަތް އެންމެ ފުރަތަމަ ކުރަން ޖެހެއެވެ.
އެއަށްފަހު މިކަމުގައި ނާކާމިޔާބުވާ ފަރާތްތައް ހަމަ މަގަށް އެޅުވުމަށްޓަކައި އިސްލާމީ ޖިނާޔަތުގެ ނިޒާމު ހިންގައި ޢުޤޫބާތްތައް ދޭން ޖެހެ އެވެ. އަދި މި ޢުޤޫބާތްތައް ކިތަންމެ ހަރުކަށި ކަމަށް ފެނުނު ނަމަވެސް ޢަދުލުވެރި ކަމާ އެކު ތަންފީޒު ކުރަން ތާއީދު ކުރަން ވެސް ޖެހެ އެވެ. އިސްލާމްދީނާ އިދިކޮޅަށް ވާހަކަދައްކާ ބައެއް މީހުން، މިފަދަ ޢުޤޫބާތްތަކާ މެދު ކިޔާ ފާޑުކިޔުންތަކަކީ ހަމައެކަނި އެއް އަރިމަތިން ވިސްނައިގެން ކިޔާ ފާޑުކިޔުމެއް ކަން މުސްލިމުން ދަންނަން ޖެހެއެވެ.
އެފަދަ މީހުންގެ ވާހަކަތަކަކީ ޢުޤޫބާތް ހައްގުވާ މީހާ އަށް ދޭ ޢުޤޫބާތަށް އެކަނި ވިސްނައި، އެހެން މީހުންނަށް އެމީހުންގެ ފަރާތުން ލިބިގެންދާ އަނިޔާ އާއި ގެއްލުމަށް ދޭންވާ ބުރަދަން ނުދީ ދެކެވޭ ވާހަކަތަކެކެވެ. އެއްވެސް ޝައްކެއް ނެތް ގޮތުގައި އިސްލާމް ދީން ބޭއިންސާފުން ބަޔަކަށް ޢުޤޫބާތެއް ދޭކަށް އެއްވެސް ހާލަތެއްގައި ތާއީދެއް ނުކުރެ އެވެ.
ވީމާ ޖަރީމާތައް ހިންގާ މީހުންނާއި އެކަމަށް ގަސްދު ކުރާ މީހުންގެ ވެސް ހިތްތަކަށް ބިރުވެރިކަން ވައްދައި އޭގެ ސަބަބުން ޖެހިލުންވެ ޖަރީމާތަކުން ދުރުހެލި ކުރުވުމަށްޓަކައި މި ހަރުކަށި ޢުޤޫބާތްތައް (އިސްލާމްދީނުގައި އޮންނަ އުސޫލުތަކަށް ރިޢާޔަތް ކޮށްގެން އަދުލުވެރި ގޮތުގައި) ތަންފީޒު ކުރަން ޖެހެއެވެ. އެކަމަށް ޖެހިލުން ވެގެން ނުވާނެ އެވެ. އެއީ އެންމެންނަށް ސަލާމަތް ކަން ލިބުމުގެ ފުރުސަތު ބޮޑުވާނީ އޭރުން ކަމަށް ވާތީ އެވެ. އަދި މުޖުތަމަޢުގައި އަމާންކަން ގާއިމު ކުރެވޭނީ ވެސް އޭރުން ކަމަށް ވާތީ އެވެ.
މާއްދީ އެދުންތަކުން އަޚްލާގަށް ހުރި ގޮންޖެހުން
ޖަރީމާތައް ހުއްޓުވުމަށް އިސްލާމް ދީން ހުށަހަޅާ މަންހަޖު
އިސްލާމީ އުގޫބާތްތައް ބިނާވެފައިވަނީ އުސޫލުތަކެއްގެ މަތީ
ދީނީ ފުރައްސާރަތަކުން މުޖުތަމައު ސަލާމަތް ކުރަންޖެހޭ
ވެރިންނާއި ހާކިމުން ވެސް ވާން ޖެހޭނީ ހެޔޮލަފާ ބަޔަކަށް
ރިވެތި އަޚުލާގަށް އެންމެ މުހިންމީ އީމާންތެރިކަން
އަޚްވަންތަކަމަށް ބުރޫއަރާ ކަންކަމުން ދުރުހެލިވުން
ހަގީގަތާ ޚިލާފު ވާހަކަތައް ފެތުރުމަކީ ނުރައްކަލެއް
ކަންކަން ހަވާލު ކުރަންވާނީ ގާބިލު އަމާނާތްތެރިންނާ
އެދުންތަކުގެ މައްޗަށް އީމާންތެރިކަމުގެ ބާރު ގަދަކުރުން