Roadha Mihaaru
ޕާކިސްތާނުގައި ހޮނުއަޅައިގެން 28 މީހުން މަރުވެއްޖެ

ޕާކިސްތާނުގައި ހޮނުއަޅައިގެން 28 މީހުން މަރުވެއްޖެ

15 އެޕްރީލް 2024

ޕާކިސްތާނަށް ހުކުރު ދުވަހުން ފެށިގެން ކުރަމުންދާ ވިއްސާރާގައި މިހާތަނަށް 41 މީހަކު މަރުވެފައިވާ ކަމަށާއި އޭގެ ތެރެއިން 28 މީހުންނަކީ ހޮޅުއެޅުމުގެ ސަބަބުން މަރުވި މީހުން ކަމަށް އެ ގައުމުން މިއަދު ބުނެފި އެވެ.

ޕާކިސްތާންގެ ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ބުނީ އަދިވެސް ވާރޭ ވެހޭނެ ކަމަށް ބެލެވޭތީ ފެން ބޮޑުވުމާއި ބިންގަނޑު ކަނޑައިގެން ދިއުން ފަދަ ހާދިސާތައް ހިނގާނެ ކަމަށް ބެލެވޭ ކަމަށެވެ.

އެންޑީއެމްއޭ އިން ބުނީ ހޮނުއަޅައިގެން އެންމެ ގިނަ މީހުން މަރުވީ ޕާކިސްތާނުގެ އާބާދީގެ އެންމެ ބޮޑު ޕްރޮވިންސް ކަމަށްވާ ޕަންޖާބުން ކަމަށާއި ހުކުރު ދުވަހާއި އާދީއްތާ ދުވަހާ ދެމެދު އެ ސަރަހައްދުން 21 މީހަކު މަރުވި ކަމަށެވެ.

ގުގުރާ ވިދާއިރު ހޮނުއަޅައިގެން މީހުން މަރުވުމުގެ ނުރައްކާ އެންމެ ބޮޑީ ހާމަ ސަރަހައްދުތަކުގައި ދިރިއުޅޭ މީހުންނަށެވެ.

ބަލޯޗިސްތާން ޕްރޮވިންސްގެ 25 ޑިސްޓްރިކްޓަކަށް ވިއްސާރާގައި ގެއްލުން ވެފައި ވާއިރު އެ ސަރަހައްދުން ވެސް ހަތް މީހަކު ވަނީ ހޮނުއެޅުމުގެ ސަބަބުން މަރުވެފަ އެވެ.

މި ސަރަހައްދުތަކުގައި ވަނީ އީދު ބަންދަށް ފަހު ސްކޫލްތައް ހުޅުވުން ވެސް ފަސްކޮށްފަ އެވެ.

ވިއްސާރާގައި ހާލުގައި ޖެހިފައިވާ މީހުންނަށް އެހީވުމުގެ މަސައްކަތް ފަށަން ބޮޑުވަޒީރު ޝާހްބާޒް ޝަރީފް މިއަދު ވަނީ އަންގަވައިފަ އެވެ. -- އޭއެފްޕީ