Roadha Mihaaru
ވިދާ، ގުގުރުމުގެ މައުލޫމާތު ގެނެސްދޭން ސިސްޓަމެއް

ވިދާ، ގުގުރުމުގެ ހާދިސާތައް ދެނެގަންނަން ސިސްޓަމެއް ބަހައްޓައިފި

20 ޖުލައި 2024

ވިދާ، ގުގުރުމާ ގުޅޭ ހާދިސާތައް ވަގުތުން ދެނެގަނެ، މައުލޫމާތު ގެނެސްދޭ ސިސްޓަމެއް މިއަދު ބަހައްޓައިފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ވިދާ، ގުގުރުމާ ގުޅޭ ހާދިސާތައް ވަގުތުން ދެނެގަނެ، މައުލޫމާތު ގެނެސްދޭ ސިސްޓަމެއް މިއަދު ބަހައްޓައިފި އެވެ.

އެންވަޔަރްމަންޓް މިނިސްޓްރީން ބުނީ ރާއްޖޭގައި ފުރަތަމަ ފަހަރަށް ލައިޓްނިން ޑިޓެކްޝަން ސިސްޓަމެއް ބެހެއްޓީ މެޓް އޮފީހާއި ޗައިނީސް އެކަޑެމީ އޮފް ސައިންސްގެ ދަށުން ހިންގާ އިންސްޓިޓިއުޓް އޮފް އިލެކްޓްރިކަލް އިންޖީނިއަރިންނާ ގުޅިގެން ކަމަށެވެ.

އެ ހިދުމަތް ފެށުމަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓާއި ގަން އިންޓަނޭޝަނަލް އެއާޕޯޓުގައި ވަނީ ލޯންގްރޭންޖު ލައިޓްނިން ޑިޓެކްޝަން ސާމާނު ހަރުކޮށްފަ އެވެ.

މިނިސްޓްރީން ބުނީ ސަރަހައްދީ ވިއުގައާ ގުޅާލުމުން ރާއްޖެ އާއި ރާއްޖެ ވަށައިގެންވާ ސަރަހައްދަށް އަންނަ ވިދާ، ގުގުރުމުގެ ހާދިސާތައް ވަގުތުން ވަގުތަށް ދެނެގަނެވޭނެ ކަމަށެވެ. އެކަން އިތުރަށް ފުރިހަމަކުރުމަށް ޝޯޓްރޭންޖު ލައިޓްނިން ޑިޓެކްޝަން ސާމާނު ހަރުކުރުމުގެ މަސައްކަތް ވެސް ކުރިއަށްގެންދާނެ ކަމަށް ބުންޏެވެ.

ލައިޓްނިން ޑިޓެކްޝަން ސިސްޓަމް ބެހެއްޓުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި އެންވަޔަރްމަންޓް މިނިސްޓަރު ތޯރިގާއި އެ މިނިސްޓްރީގެ އިސްވެރިން އަދި ޗައިނާގެ އިލެކްޓްރިކަލް އިންޖީނިއަރިން އިންސްޓިޓިއުޓްގެ އިސް އޮފިޝަލުން ބައިވެރިވެވަޑައިގަންނަވަނީ..-- ފޮޓޯ: އެންވަޔަރްމަންޓް މިނިސްޓްރީ

ލައިޓްނިން ޑިޓެކްޝަން ސިސްޓަމް އެއްކޮށް ގާއިމްކޮށް ނިމުމުން، ވިދާ، ގުގުރުމުގެ އެކި މަރުހަލާތައް ތަފާތުކޮށް ވަގުތުން ބަލާލެވޭނެ ކަމަށާއި އޭގެ އިތުރުން ވިދުވަރާ ގުޅިފައިވާ ކޮޅިގަނޑު ދަތުރުކުރާ މިސްރާބު ދެނެގަނެވި، ކުރިއަށް ލަފާކުރުމާއި ދުރާލާ ދެވޭ އިންޒާރުގެ ސައްހަކަން އިތުރުވެގެންދާނެކަން ފާހަގަކުރި އެވެ.

ވައިގެ ދަތުރުފަތުރުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި އިންޓަނޭޝަނަލް ސިވިލް އޭވިއޭޝަނާއި ރާއްޖޭގެ ސިވިލް އޭވިއޭޝަން ރެގިއުލޭޝަނާ އެއްގޮތަށް ނެރެންޖެހޭ މޫސުމީ ސަމާލު އަދި ފޯކާސްޓްތަކުގެ އެކިއުރެންސީ ވަރަށް ބޮޑަށް މަތިވެގެންދާނެ ކަމަށް ވެސް މިނިސްޓްރީން ބުނެ އެވެ.

ވިދާ ގުގުރައި ހޮނު އެޅުމުގެ ސަބަބުން އިލެކްޓްރިކް، އިލެކްޓްރޯނިކްސް އަދި މުވާސަލާތީ އާލަތްތަކަށް ވަރަށް ގިނައިން ގެއްލުން ލިބެ އެވެ. ބައެއް ފަހަރު އެހެނިހެން ތަކެއްޗާއި މުދަލާއި ފުރާނައަށް ބޮޑެތި ގެއްލުން ލިބިފައިވެ އެވެ. އޭގެ ތެރޭގައި ވައިގެ ދަތުރުފަތުރާއި ކަނޑު ދަތުރުގެ ސަލާތަމާއި ރައްކާތެރިކަމަށް ވެސް އޭގެ އަސަރުކުރެ އެވެ.