Roadha Mihaaru

މޫސުމީ ބަދަލުތަކަށް ހޭލުންތެރިކުރުވަން މެޓް އޮފީހުން ރެޑް ކްރެސެންޓާއެކު އެއްބަސްވުމެއް ހަދައިފި

މޫސުމީ ބަދަލުތަކާއި ކާރިސާތަކަށް އާންމުން ހޭލުންތެރިކުރުވަން މޫސުމާ ބެހޭ އިދާރާ، މެޓް އޮފީހުން ދިވެހި ރެޑް ކްރެސެންޓާއެކު އެއްބަސްވުމެއްގައި އިއްޔެ ސޮއިކޮށްފި އެވެ.

މެޓް އޮފީހުން ރެޑް ކްރެސެންޓާއެކު އެއްބަސްވުމެއް

މޫސުމީ ބަދަލުތަކާއި ކާރިސާތަކަށް އާންމުން ހޭލުންތެރިކުރުވަން މޫސުމާ ބެހޭ އިދާރާ، މެޓް އޮފީހުން ދިވެހި ރެޑް ކްރެސެންޓާއެކު އެއްބަސްވުމެއްގައި އިއްޔެ ސޮއިކޮށްފި އެވެ.

މެޓް އޮފީހުން ބުނީ މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް އާއި ދިވެހި ރެޑް ކްރެސެންޓާ ދެމެދު ހާއްސަ އެމްއޯޔޫއެއްގައި ސޮއިކޮށްފައިވާ ކަމަށެވެ.

އެ އެމްއޯޔޫގައި މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސްގެ ފަރާތުން ސޮއިކުރެއްވީ ތިމާވެއްޓާ ބެހޭ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އިބްރާހީމް މިމްރާހެވެ. އަދި ދިވެހި ރެޑް ކްރެސެންޓްގެ ފަރާތުން ސޮއިކުރެއްވީ ސެކްރެޓަރީ ޖެނެރަލް ފާތިމަތު ހިމްޔާ އެވެ.

މެޓް އޮފީހުން ބުނި ގޮތުގައި، އެ އެމްއޯޔޫގެ މަގުސަދަކީ މޫސުމީ ބަދަލުތަކާއި ކާރިސާގެ ކަންކަން ބެލެހެއްޓުމާއި ދުރާލައި ދެވޭ އިންޒާރުތަކާ ގުޅޭ ގޮތުން އާންމުންގެ ހޭލުންތެރިކަމާއި ވިލުންވެރިކަން އިތުރުކުރުމަށް، ދެ މުއައްސަސާއިން އެހީތެރިކަން ފޯރުކޮށްދީ ގުޅިގެން މަސައްކަތްކުރުމެވެ.

އެ އެއްބަސްވުމުގެ ދަށުން، އާންމުން ބައިވެރިކޮށްގެން މޫސުމީ ކަންކަމަށް ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތައް ހިންގާނެ އެވެ. އަދި މެޓް އޮފީހުގެ މުވައްޒަފުން އިންސާނީ އެހީތެރިކަން ދިނުމާ ގުޅޭ ތަމްރީނު ޕްރޮގްރާމްތައް ފަހިކޮށްދޭނެ އެވެ.