Roadha Mihaaru

އިއްޔެ އެންމެ ވައިބާރުވީ ހުޅުލެ އާއި ދަރަވަންދު އަށް، 54 މޭލަށް ވައިބާރުވި!

ރާއްޖޭގައި އިއްޔެ އެންމެ ވައިބާރުވީ ހުޅުލެ އާއި ބ. ދަރަވަންދު އަށް ކަމަށް މެޓް އޮފީހުގެ ރެކޯޑްތަކުން ދައްކައިފި އެވެ.

އިއްޔެ އެންމެ ވައިބާރުވީ ހުޅުލެ އާއި ދަރަވަންދުއަށް
އިފްރާޒް އަލީ
އިފްރާޒް އަލީ

16 ޖޫން 2025

ރާއްޖޭގައި އިއްޔެ އެންމެ ވައިބާރުވީ ހުޅުލެ އާއި ބ. ދަރަވަންދު އަށް ކަމަށް މެޓް އޮފީހުގެ ރެކޯޑްތަކުން ދައްކައިފި އެވެ.

މޫސުމާ ބެހޭ އިދާރާ، މެޓް އޮފީހުން މިއަދު އާންމުކުރި އިއްޔެގެ އާންމު ވަޔާއި ވިލާގަނޑުގައި ޖެހުނުގެ ވައިގެ ރެކޯޑްތަކުން އެނގޭ ގޮތުގައި، އެންމެ ވައި ބާރުވީ ހުޅުލެ އާއި ދަރަވަންދުއަށެވެ. އެ ދެ ރަށަށް ވިލާގަނޑުގައި 54 މޭލަށް ވައިބާރުވި އެވެ.

ވިލާގަނޑުގައި ދެން އެންމެ ވައި ބާރުވީ ހދ. ހަނިމާދުއަށެވެ. އެ ރަށަށް ވަނީ 50 މޭލަށް ވައިބާރުވެފަ އެވެ.

ހދ. ކުޅުދުއްފުއްޓަށާއި އެ އަތޮޅު މަކުނުދު އަށް 49 މޭލަށް ވިލާގަނޑުގައި ވައިބާރުވި އެވެ.

ރާއްޖޭގެ ބައެއް ހިސާބުތަކަށް އިއްޔެ އާދަޔާ ހިލާފަށް ވައިބާރުވި އިރު، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ކުޅުދުއްފުށީ އެއާޕޯޓަށް އިއްޔެ ހެނދުނު ދަތުރުކުރި މޯލްޑިވިއަންގެ މަތިންދާބޯޓެއް ވަނީ ވައިގަދަވުމުގެ ސަބަބުން އެ އެއާޕޯޓުގައި ނުޖެއްސިގެން އަނބުރާ މާލެ އައިސްފަ އެވެ.

އިއްޔެ އިރުއޮއްސުނު ވަގުތު ހުޅުމާލެ އަށް އައި ބާރުގަދަ ކޮޅިގަނޑުގައި ވަނީ އެ އަވަށުގައި ހުރި ބައެއް ބޮޑެތި ގަސްތައް ވެސް ވެރިފަ އެވެ.

މެޓް އޮފީހުން ބުނީ އުތުރާއި މެދުރާއްޖެތެރޭގެ ރަށްރަށަށް މިއަދު އާންމު ގޮތެއްގައި ވައި ޖެހޭނީ ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު 13 މޭލާއި 23 މޭލާ ދެމެދުގެ ބާރުމިނުގައި ކަމަށެވެ. ދެކުނުގެ ރަށްރަށަށް ވައިޖެހޭނީ ގަޑިއަކު ފަސް މޭލާއި 15 މޭލާ ދެމެދުގެ ބާރުމިނުގައި ކަމަށް ބުންޏެވެ.

ވިލާގަނޑުގައި 45 މޭލަށް ވައިބާރުވުން އެކަށީގެންވާ ކަމަށް އެ އޮފީހުން ލަފާކޮށްފައިވެ އެވެ.

އުތުރާއި މެދުރާއްޖެތެރޭގެ ކަނޑުތައް މިއަދު ގަދަވާނެ އެވެ. ރާޅުގެ އުސްމިން ހުންނަނީ ހަތަރު ފޫޓާއި ހަތް ފޫޓާ ދެމެދުގަ އެވެ.

ދެކުނުގެ ކަނޑުތައް އާދައިގެ ވަރަކަށް މަޑުވާނެ އެވެ. އެ ހިސާބުގެ ކަނޑުތަކުގައި ރާޅުގެ އުސްމިން ހުންނާނީ ދެ ފޫޓާއި ހަތަރު ފޫޓާ ދެމެދުގަ އެވެ.

މެޓް އޮފީހުން ބުނީ އުތުރުގެ ރަށްރަށަށް މިއަދު ވިއްސާރަކުރުން އެކަށީގެންވާ ކަމަށެވެ. މެދުރާއްޖެތެރޭގެ ރަށްރަށަށް ކެރީގެ އަސަރު ފޯރާނެ ކަމަށް ލަފާކުރެވޭ ކަމަށް ވެސް އެ އޮފީހުން ބުންޏެވެ.