Roadha Mihaaru

ޕާކިސްތާނުގައި ފެން ބޮޑުވެ މަރުވި އަދަދު 400 އަށް

މެދުނުކެނޑި ފަސް ދުވަސް ވަންދެން ޕާކިސްތާނުގެ ބައެއް ހިސާބުތަކަށް ވާރޭ ވެހި ފެން ބޮޑުވުމާ ގުޅިގެން ހިނގި ހާދިސާތަކުގައި މިހާތަނަށް މަރުވި މީހުންގެ އަދަދު 400 އާ ގާތަށް އިތުރުވެއްޖެ އެވެ.

ޕާކިސްތާނުގައި ފެން ބޮޑުވެ މަރުވި އަދަދު 400 އަށް

މެދުނުކެނޑި ފަސް ދުވަސް ވަންދެން ޕާކިސްތާނުގެ ބައެއް ހިސާބުތަކަށް ވާރޭ ވެހި ފެން ބޮޑުވުމާ ގުޅިގެން ހިނގި ހާދިސާތަކުގައި މިހާތަނަށް މަރުވި މީހުންގެ އަދަދު 400 އާ ގާތަށް އިތުރުވެއްޖެ އެވެ.

ޕާކިސްތާނުގެ އުތުރުގެ ސަރަހައްދުތަކުން ކުރަމުން ގެންދާ މޫސުމީ މި ވިއްސާރައިގެ ސަބަބުން ފެންބޮޑުވުމާއި ބިންގަނޑު ކަނޑައިގެން ދިއުމުގެ އެކި ހާދިސާތަކުގައި ބައެއް އަވަށްތައް އެއްކޮށް ވަނީ ހަލާކުވެފަ އެވެ. އެ އަވަށްތަކުގައި އޮޔާ ގޮސްފައިވާ ތަކެތީގެ ތެރޭގައި އެތައް ބަޔަކު ތާށިވެ ސަލާމަތްނުވެފައި ތިިބި އިރު މީހުން ހޯދައި ސަލާމަތްކުރުމުގެ މަސައްކަތް ހުއްޓާނުލައި ކުރިއަށް އެބަދެ އެވެ.

މި ހަފްތާ ބަންދާ ހަމަޔަށް އަދިވެސް ވިއްސާރަކުރާނެ ކަމަށް ލަފާކުރެވިފައި ވާއިރު ހާލަތު އަދިވެސް ގޯސްވެދާނެ ކަމުގެ ބިރު ވަނީ ބޮޑުވެފަ އެވެ.

ޕާކިސްތާނުގެ ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ބުނީ އަފްޣާނިސްތާނުގެ ބޯޑަރު ކައިރިން ޕާކިސްތާނުގެ ހުޅަނގު އުތުރުގެ ފަރުބަދަމަތީގައި އޮންނަ ޕްރޮވިންސެއް ކަމަށްވާ ޚައިބަރު ޕަޚްތޫންޚުވާގައި ބުރާސްފަތި ދުވަހުގެ ހަވީރުން ފެށިގެން މިހާތަނަށް 356 މީހަކު މަރުވެފައިވާ ކަމަށެވެ.

އަދި ކައިރި ސަރަހައްދުތަކުގައި އިތުރު އެތައް ބަޔަކު މަރުވެ، ފާއިތުވި ފަސް ދުވަހުގެ ތެރޭގައި މަރުވި މީހުންގެ އަދަދު ވަނީ ގާތްގަނޑަކަށް 400 އަށް އަރައިފަ އެވެ.

އެންމެ ބޮޑަށް ގެއްލުންވި، ޚައިބަރު ޕަޚްތޫންޚުވާގެ ޑަލޯރީ އަވަށުން ގެއްލިފައިވާ މީހުން ފެނިދާނެ ކަމުގެ އުންމީދުގައި ގެންދަނީ ކިސަޑުން ފޮރުވިފައިވާ މަގުތައް ކޮނުމުގެ މަސައްކަތް ވެސް ކުރަމުންނެވެ.

ފެން ބޮޑުވެ ގިނަ މަގުތަކެއް ހަލާކުވެފައިވާއިރު، ހާލުގައި ޖެހިފައިވާ ސަރަހައްދުތަކުން މީހުންނަށް އެހީވުމުގެ މަސައްކަތަށް ވެސް އެކަމުން ވަނީ ހުރަސްތަކާ ކުރިމަތިވެފަ އެވެ. އަދި އެ ސަރަހައްދުތަކުގައި މުއާސަލާތީ ހިދުމަތަށް ވެސް ވަނީ ބުރޫއަރައިފަ އެވެ.

މިދިޔަ ޖޫން މަހުގެ 26 ވަނަ ދުވަހުން ފެށިގެން މޫސުމީ ވިއްސާރައިގައި މިހާތަނަށް 700 އަށް ވުރެ ގިނަ މީހުން މަރުވެފައިވާ އިރު، ގާތްގަނޑަކަށް 1،000 މީހުން ޒަހަމްވެފައިވާ ކަމަށް އެންޑީއެމްއޭ އިން ބުންޏެވެ. ވިއްސާރަ މޫސުން، އަންނަ މަހުގެ މެދުތެރެއާ ހަމަޔަށް ދެމިގެންދާނެ ކަމަށް ލަފާކޮށްފައިވެ އެވެ.

ޕާކިސްތާނަކީ މޫސުމަށް އަންނަ ބަދަލުތަކުގެ ނުރައްކާ އެންމެ ބޮޑު ގައުމުތަކުގެ ތެރޭގައި ހިމެނޭ ގައުމެކެވެ. -- އޭއެފްޕީ