Roadha Mihaaru
ހަމަލާދިނުމުގެ ކުރިން އެމެރިކާއަށް އެންގިން: އީރާން

ހަމަލާދިނުމުގެ ކުރިން އެމެރިކާއަށް އެންގިން: އީރާން

14 އެޕްރީލް 2024

ބަދަލުހިފުމުގެ ހަމަލާ އިޒްރޭލަށް ދިނުމުގެ 72 ގަޑިއިރު ކުރިން އެމެރިކާ އާއި އަވަށްޓެރި ގައުމުތަކަށް އެކަމުގެ މައުލޫމާތު ދިން ކަމަށް އީރާންގެ ފޮރިން މިނިސްޓަރު ހުސައިން އަމީރު-އަބްދުލްއަހިއާން މިއަދު ވިދާޅުވެއްޖެ އެވެ.

ބަދަލުހިފުމުގެ ހަމަލާ އިޒްރޭލަށް ދިނުމުގެ 72 ގަޑިއިރު ކުރިން އެމެރިކާ އާއި އަވަށްޓެރި ގައުމުތަކަށް އެކަމުގެ މައުލޫމާތު ދިން ކަމަށް އީރާންގެ ފޮރިން މިނިސްޓަރު ހުސައިން އަމީރު-އަބްދުލްއަހިއާން މިއަދު ވިދާޅުވެއްޖެ އެވެ.

"އީރާނުން މެސެޖު މެދުވެރިކޮށް އެކަން ވައިޓް ހައުސް އަށް އެންގިން. މިއީ 'ލިމިޓެޑް' ހަމަލާއެއް ކަމާއި އާދައިގެ ހަމަލާއެއް ކަމާއި މިއީ އިޒްރޭލު ސަރުކާރަށް އަދަބު ދިނުމުގެ ހަމަލާއެއްކަން އެންގިން،" ސީރިއާގައި ހުންނަ އީރާން އެމްބަސީގެ އިމާރާތަކަށް ދިން ހަމަލާގެ ބަދަލު ހިފަން އީރާނުން ދިން ހަމަލާއާ ބެހޭ ގޮތުން ބޭރުގެ ޑިޕްލޮމެޓުންނާ ބައްދަލުކުރައްވައި ފޮރިން މިނިސްޓަރު ވިދާޅުވި އެވެ.

މި މަހުގެ 1 ގައި އީރާންގެ ކޮންސިއުލާ އެނެކްސް އަށް ދިން ހަމަލާގައި ފަސް ބުރީގެ އިމާރާތް ބިމާ ހަމަވި އެވެ. އެ ހަމަލާގައި އީރާން ސިފައިންގެ އިސް ދެ ޖެނެރަލަކު އަވަހާރަ ވެފައި ވާއިރު މިއީ އިޒްރޭލުގެ އަމަލެއް ކަމަށް އީރާނާއި ސީރިއާއިން ވެސް ވަނީ ބުނެފަ އެވެ.

އީރާންގެ ފޮރިން މިނިސްޓަރު ވިދާޅުވީ ސަރަހައްދުގެ އެކުވެރި ގައުމުތަކަށް ހަމަލާގެ މައުލޫމާތު 72 ގަޑިއިރު ކުރިން ދިން ކަމަށާއި އެމެރިކާގެ އަސްކަރީ މަރުކަޒުތައް ހުރި ގައުމުތަކަށް ވެސް އެކަން އެންގި ކަމަށެވެ. އޭނާ ވިދާޅުވީ މިއީ ހަމައެކަނި އިޒްރޭލަށް އަދަބު ދިނުމުގެ ހަމަލާއެއް ކަމަށް އެ ގައުމުތަކުގައި ވާނީ ބުނެފަ އެވެ.

"އެމެރިކާ މީހުންނަށް ނުވަތަ ސަރަހައްދުގައި ހުރި އެމެރިކާގެ މަރުކަޒުތަކަށް ހަމަލާ ދިނުމަކީ މަގްސަދެއް ނޫން،" ފޮރިން މިނިސްޓަރު ވިދާޅުވި އެވެ.

އެކަމަކު އޭނާ ވިދާޅުވީ އިޒްރޭލު ދިފާއުކުރަން މަސައްކަތްކުރާ އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް ހަމަލާދޭން ޖެހިދާނެ ކަމަށެވެ.

އިޒްރޭލަށް އަމާޒުކޮށް ޑްރޯން އާއި މިސައިލްގެ 300 އަށް ވުރެ ގިނަ ހަމަލާ ފޮނުވާލި ނަމަވެސް މީގެ 99 ޕަސެންޓް އިންޓަސެޕްޓްކޮށް ވައިގެ ތެރޭގައި ގޮއްވާލާފައި ކަމަށާއި އެއްވެސް ތަނަކަށް އަދި މީހަކަށް ވެސް ބޮޑު ގެއްލުމެއް ނުވާ ކަމަށް އިޒްރޭލުން ވަނީ ބުނެފަ އެވެ. -- އޭއެފްޕީ