Roadha Mihaaru
އިޒްރޭލަށް ހަމަލާ ދީފާނެ، ކާމިޔާބެއް ނުވާނެ: ބައިޑެން

އީރާނުން އިޒްރޭލަށް ހަމަލާ ދީފާނެ، ކާމިޔާބެއް ނުވާނެ: ބައިޑެން

13 އެޕްރީލް 2024

ސީރިއާގައި ހުންނަ އީރާން އެމްބަސީގެ އިމާރާތަކަށް ދިން ހަމަލާގެ ބަދަލު ހިފުމަށް އީރާނުން އިޒްރޭލަށް ހަމަލާ ދޭނެ ކަމަށް ބެލެވޭ ކަމަށާއި އެކަމަކު އެފަދަ ކަމަކުން އީރާނަށް ކާމިޔާބެއް ނުވާނެ ކަމަށް ވިދާޅުވެ އެމެރިކާގެ ރައީސް ޖޯ ބައިޑެން އިއްޔެ އިންޒާރު ދެއްވައިފި އެވެ.

ސީރިއާގައި ހުންނަ އީރާން އެމްބަސީގެ އިމާރާތަކަށް ދިން ހަމަލާގެ ބަދަލު ހިފުމަށް އީރާނުން އިޒްރޭލަށް ހަމަލާ ދޭނެ ކަމަށް ބެލެވޭ ކަމަށާއި އެކަމަކު އެފަދަ ކަމަކުން އީރާނަށް ކާމިޔާބެއް ނުވާނެ ކަމަށް ވިދާޅުވެ އެމެރިކާގެ ރައީސް ޖޯ ބައިޑެން އިއްޔެ އިންޒާރު ދެއްވައިފި އެވެ.

"ސިއްރު މައުލޫމާތުގެ ވާހަކަ ދައްކާކަށް ނެތިން. އެކަމަކު އަޅުގަނޑު ލަފާކުރަނީ މާ ލަސްތަކެއް ނުވެ އީރާނުން ހަމަލާ ދޭނެ ކަމަށް،" ބައިޑެން ބައިވެރިވެ ވަޑައިގަތް އިވެންޓަކަށް ފަހު ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބު ދެއްވަމުން ވިދާޅުވި އެވެ.

އީރާނަށް އޮތް މެސެޖަކީ ކޮބައިތޯ ސުވާލުކުރުމުން ބައިޑެން ވިދާޅުވީ "ތިކަން ނުކުރާށޭ" އެވެ.

"އެމެރިކާ އޮންނާނީ އިޒްރޭލު ދިފާއުކުރުމުގައި. އިޒްރޭލަށް އެހީވާނަން. އެމެރިކާއިން އިޒްރޭލު ދިފާއުކުރާނަން އަދި އީރާނަށް ކާމިޔާބެއް ވެސް ނުވާނެ،" ބައިޑެން ވިދާޅުވި އެވެ.

އީރާން ސިފައިންގެ އިސް ބަޔަކު ހިމެނޭ ގޮތަށް މި މަހުގެ 1 ގައި، ސީރިއާގައި ހުންނަ އީރާން އެމްބަސީގެ އެނެކްސް އަކަށް ހަަމަލާދީ އެތައް ބަޔަކު މަރާލި ހަމަލާ އަކީ އިޒްރޭލުގެ އަމަލެއް ކަމަށް އީރާނުން އަންނަނީ ބުނަމުންނެވެ. ނަމަވެސް އެކަމާ ގުޅޭ ގޮތުން އިޒްރޭލުން ވާހަކައެއް ނުދައްކަ އެވެ. އެކަމަކު ސީރިއާގައި ދޭ ހަމަލާތައް މޮނިޓަކުރާ ޖަމިއްޔާތަކުން ވެސް ބުނެފައިވަނީ އެއީ އިޒްރޭލުގެ ޑްރޯނަކުން ދިން ހަމަލާއެއް ކަމަށެވެ.

އީރާނުން އިޒްރޭލަށް ހަމަލާދޭން ތައްޔާރުވަމުންދާ ކަމުގެ މައުލޫމާތުތަކާ ގުޅިގެން އިޒްރޭލު އޮތީ ތައްޔާރީ ހާލަތުގަ އެވެ. އަދި އެމެރިކާގެ މަނަވަރުތައް މިހާރު ވަނީ އިޒްރޭލު ކައިރިއަށް ފޮނުވައިފަ އެވެ. ބައެއް ގައުމުތަކުން މިހާރު ވަނީ އީރާނަށް ވައިގެ ދަތުރުތައް ވެސް މެދުކަނޑާލައިފަ އެވެ. -- އޭއެފްޕީ