Roadha Mihaaru
ފޭރޭ މީހުން އަތުލި ބަންގްލާދޭޝްގެ ބޯޓު ދޫކޮށްލައިފި

ފޭރޭ މީހުން އަތުލައިގަތް ބަންގްލާދޭޝްގެ ބޯޓަށް ފައިސާ ދިނުމުން ދޫކޮށްލައިފި

14 އެޕްރީލް 2024

ސޯމާލިއާގެ ކަނޑުފޭރޭ މީހުން މީގެ މަސް ދުވަސް ކުރިން އަތުލައިގަތް ބަންގްލާދޭޝްގެ ބޯޓު، ފޭރޭ މީހުންގެ ޑިމާންޑް އަދަދަށް ފައިސާ ދިނުމުން މިއަދު ދޫކޮށްލައިފި އެވެ.

ސޯމާލިއާގެ ކަނޑުފޭރޭ މީހުން މީގެ މަސް ދުވަސް ކުރިން އަތުލައިގަތް ބަންގްލާދޭޝްގެ ބޯޓު، ފޭރޭ މީހުންގެ ޑިމާންޑް އަދަދަށް ފައިސާ ދިނުމުން މިއަދު ދޫކޮށްލައިފި އެވެ.

އެމްވީ އަބްދުﷲ ސޯމާލިއާއާ 550 ނޯޓިކަލް މޭލު ދުރުން އަތުލައިގަތީ 55،000 ޓަނުގެ ކޯލް ބަރުކޮށްގެން ޔޫއޭއީ އަށް ދަނިކޮށެވެ.

މި ބޯޓު ފޭރުނީ ރެޑް ސީގައި ޔަމަންގެ ހޫތީން ބޯޓުތަކަށް ހަމަލާދޭން ފެށުމުން ގައުމުތަކުގެ ކަނޑުގެ ސިފައިންގެ މިސްރާބު އެ ދިމާލަށް ބަދަލުކުރި ވަގުތު ސޯމާލިއާގެ ފޭރޭ މީހުންގެ ހަރަކާތްތައް އިތުރުކުރުމުގެ ތެރޭގަ އެވެ.

އެމްވީ އަބްދުﷲ އޮޕަރޭޓްކުރާ ކޭއެސްއާރްއެމް ގްރޫޕުން ބުނީ ބޯޓު ފޭރުނު މީހުން ވާހަކަ ދައްކައިގެން އެ މީހުން އެދުނު ގޮތަށް ކަންތައް ކޮށްދިނުމުން ބޯޓު ދޫކޮށްލާފައިވާ ކަމަށާއި މިއަދު ދުބާއީ ދާން ބޯޓު ދަތުރު ފަށާފައިވާ ކަމަށެވެ.

"ފޭރޭ މީހުންނާ އެކު އަހަރެމެން ވާނީ އެއްބަސްވުމަކަށް އައިސްފައި،" ކުންފުނީގެ ފަރާތުން ވާހަކަ ދެއްކި މީޒާނުލް އިސްލާމް ބުންޏެވެ.

އޭނާ ބުނީ ފައިސާއާ ބެހޭ ގޮތުން ވާހަކަ ދެއްކެން ނެތް ކަމަށެވެ.

މިއީ 2017 ގެ ފަހުން، ސޯމާލިއާގެ ފޭރޭ މީހުންނަށް ކާމިޔާބުކަމާ އެކު އަތުލައިގަނެވުނު ފުރަތަމަ ބޯޓެވެ.

ފޭރޭ މީހުންގެ ހަރަކާތްތައް މި ފަހުން އިތުރުވުމާ އެކު އިންޑިއާގެ ކަނޑުގެ ސިފައިން ވަނީ އަރަބި ކަނޑު ސަރަހައްދުގައި ބޮޑެތި އޮޕަރޭޝަންތަކެއް ހިންގައި ބައެއް ބޯޓުތައް ސަލާމަތް ވެސް ކޮށްފަ އެވެ.

ސޯމާލިއާގެ ކަނޑުފޭރޭ މީހުންގެ ހަރަކާތްތައް އެންމެ ބޮޑަށް އިތުރުވީ 2011 ވަނަ އަހަރު އެވެ. ސޯމާލިއާގެ އައްސޭރިއާ 2،270 މޭލު ދުރުން އިންޑިއާ ކަނޑުގެ ތެރޭގައި ވެސް ފޭރުމުގެ އަމަލުތައް ހިންގަމުން ދިއުމަށް ފަހު މިދިޔަ އަހަރުތަކުގައި ވަނީ މިކަން ވަރަށް ބޮޑަށް މަދުވެފަ އެވެ.