Roadha Mihaaru

ބަންގްލާދޭޝް ޕާސްޕޯޓްގައި އިޒްރޭލަށް ނުދެވޭ ގޮތް އަލުން ހަދައިފި

ބަންގްލާދޭޝްގެ ޕާސްޕޯޓްގައި "އިޒްރޭލު ފިޔަވައި" އެހެން ހުރިހާ ތަނަކަށް ދަތުރުކުރެވޭނެ ކަމަށް ކުރިން އޮންނަ އިބާރާތް ޝައިހް ހަސީނާގެ ވެރިކަމުގައި އުނިކޮށްފައި ވަނިކޮށް އަލުން އެގޮތަށް ލިޔެ ބަންގްލާދޭޝް މީހުން އިޒްރޭލަށް ދިއުން މަނާކޮށްފި އެވެ.

ބަންގްލާދޭޝް ޕާސްޕޯޓްގައި އިޒްރޭލަށް ނުދެވޭގޮތް ހަދައިފި

ބަންގްލާދޭޝްގެ ޕާސްޕޯޓްގައި "އިޒްރޭލު ފިޔަވައި" އެހެން ހުރިހާ ތަނަކަށް ދަތުރުކުރެވޭނެ ކަމަށް ކުރިން އޮންނަ އިބާރާތް ޝައިހް ހަސީނާގެ ވެރިކަމުގައި އުނިކޮށްފައި ވަނިކޮށް އަލުން އެގޮތަށް ލިޔެ ބަންގްލާދޭޝް މީހުން އިޒްރޭލަށް ދިއުން މަނާކޮށްފި އެވެ.

މުސްލިމުންގެ އާބާދީ ބޮޑު ބަންގްލާދޭޝް އަކީ ވެސް އިޒްރޭލަކީ ދައުލަތެއް ކަމަށް ބަލައިގަންނަ ގައުމެއް ނޫނެވެ.

ބަންގްލާދޭޝް ޕާސްޕޯޓްގައި "އިޒްރޭލު ފިޔަވައި، ހުރިހާ ގައުމަކަށް" ކަމަށް އޮންނަ އިބާރާތް ފުރަތަމަ ހިމެނީ މީގެ އެތައް އަހަރެއް ކުރިންނެވެ. އެކަމަކު މިދިޔަ އަހަރު ވެރިކަމުން ދުރުކުރި ހަސީނާ ވަނީ 2021 ވަނަ އަހަރު އެ އިބާރާތް އުނިކުރައްވައިފަ އެވެ.

ހޯމް މިނިސްޓްރީގެ ޑެޕިއުޓީ ސެކްރެޓަރީ ނިލީމާ އަފްރޯޒް އާދީއްތަ ދުވަހު ބަންގްލަދޭޝް ސަންގްބާދު ސަންގްސްތާ (ބީއެސްއެސް) ނިއުސް އެޖެންސީއަށް ވިދާޅުވެފައިވާ ގޮތުގައި އެ އިބާރާތް އަލުން އިއާދަކުރުމަށް މިދިޔަ ހަފުތާގައި ވަނީ އަންގައިފަ އެވެ.

"ޑިޕާޓްމަންޓް އޮފް އިމިގްރޭޝަން އެންޑް ޕާސްޕޯޓުގެ ޑިރެކްޓާ ޖެނެރަލަށް އަންގާފައި ވަނީ މި ބަދަލު ގެނައުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް،" އަފްރޯޒްއާ ހަވާލާދީ އެ ގައުމުގެ ނޫހެއް ކަމަށްވާ ދަ ޑެއިލީ ސްޓާ އިން އާދީއްތަ ދުވަހު ބުނެފައިވެ އެވެ.

ބަންގްލާދޭޝް ޕާސްޕޯޓްގައި އިޒްރޭލަށް ނުދެވޭ ގޮތަށް އޮތް އޮތުން ހަސީނާގެ ވެރިކަމުގައި ބަދަލުކުރި ނަމަވެސް ހަސީނާ އޭރު ވަނީ އެ ގައުމުން އިޒްރޭލާ މެދު ދެކޭ ގޮތް އަދި ގެންގުޅޭ ސިޔާސަތު ބަދަލު ނުވާ ކަމުގެ ޔަގީންކަން ދެއްވައިފަ އެވެ.

ފަލަސްތީނުގެ މިނިވަން ދައުލަތަކަށް ބަންގްލާދޭޝް މީހުން ކުރާ ތާއީދު، ހޮނިހިރު ދުވަހު ގާތްގަނޑަކަށް ލައްކައެއްހާ މީހުން ޑާކާއަށް އެއްވެ ދުނިޔެއަށް ދައްކާލާފައިވެ އެވެ.

އިޒްރޭލަށް އޮކްޓޫބަރު 7، 2023 ގައި ހަމާސް އިން ހަމަލާދީ 1،218 މީހަކު މަރާލުމާ އެކު އެ ދުވަހުން ފެށިގެން ޣައްޒާއަށް ދެމުން ގެންދާ ހަމަލާތަކުގައި އިޒްރޭލުން މިހާތަނަށް ވަނީ ފަލަސްތީނުގެ 51،000 މީހުން ޝަހީދުކޮށްލައިފަ އެވެ. -- އޭއެފްޕީ