Roadha Mihaaru

ހަސީނާގެ ޕާޓީ މަނާކުރުމުގެ ވިސްނުމެއް ނެތް: ބަންގްލާދޭޝް ސަރުކާރު

ބަންގްލަދޭޝްގެ ބޮޑުވަޒީރުކަމުގެ މަގާމުން ދުރުކުރި ޝައިހް ހަސީނާގެ ސިޔާސީ ޕާޓީ އެ ގައުމުގެ އިންތިހާބުތަކުގައި ވާދަކުރުން މަނާކުރުމުގެ ވިސްނުމެއް ނެތް ކަމަށް ވަގުތީ ސަރުކާރުން ބުނެފި އެވެ.

ހަސީނާގެ ޕާޓީ މަނާކުރުމުގެ ވިސްނުމެއް ނެތް: ޔޫނުސް

ބަންގްލަދޭޝްގެ ބޮޑުވަޒީރުކަމުގެ މަގާމުން ދުރުކުރި ޝައިހް ހަސީނާގެ ސިޔާސީ ޕާޓީ އެ ގައުމުގެ އިންތިހާބުތަކުގައި ވާދަކުރުން މަނާކުރުމުގެ ވިސްނުމެއް ނެތް ކަމަށް ވަގުތީ ސަރުކާރުން ބުނެފި އެވެ.

ސަރުކާރުން މިހެން ބުނެފައި މި ވަނީ ހަސީނާގެ ވެރިކަން ވައްޓާލި ދަރިވަރުން ހަސީނާގެ ޕާޓީއަށް އިންތިހާބުގައި ވާދަކުރެވިގެން ނުވާނެ ކަމަށް ބުނަމުން ދަނިކޮށެވެ.

ހަސީނާ އާއި އޭނާގެ އަވާމީ ލީގުގެ މައްޗަށް ވަނީ 15 އަހަރު ވެރިކަމުގައި އިންސާނިއްޔަތާ ހިލާފް އެތައް އަމަލެއް ހިންގުމާއި ހަސީނާގެ ވެރިކަމާ ދެކޮޅަށް ދަރިވަރުން ކުރި މުޒާހަރާތައް ހުއްޓުވަން ބާރުގެ ބޭނުންކޮށް 800 އަށް ވުރެ ގިނަ މީހުން މަރާލުމުގެ ތުހުމަތު ވެސް ކޮށްފަ އެވެ.

ނަމަވެސް ހަސީނާގެ ވެރިކަން ވައްޓާލުމަށް ފަހު ވެރިކަމާ ހަވާލުވެވަޑައިގެންނެވި، ވަގުތީ ސަރުކާރުގެ ލީޑަރު، މުހައްމަދު ޔޫނުސް ވިދާޅުވީ އަވާމީ ލީގާ މެދު ދަރިވަރުންގެ ނުރުހުން ބޮޑު ނަމަވެސް އެ ޕާޓީ މަނާކުރުމުގެ ވިސްނުމެއް ނެތް ކަމަށެވެ.

"ޕާޓީ މަނާކުރުމަށް، އިންތިގާލީ ސަރުކާރުގެ އެއްވެސް ވިސްނުމެއް ނެތް ކަމަށް ޕްރޮފެސަރު ޔޫނުސް ވިދާޅުވި،" ބުރާސްފަތި ދުވަހުގެ ރޭ ސަރުކާރުން ނެރުނު ބަޔާނެއްގައި ބުނެފައިވެ އެވެ.

"ނަމަވެސް ލީޑާޝިޕްގެ ތެރޭގައި ހިމެނޭ، މީހުން މެރުމާއި އިންސާނިއްޔަތާ ހިލާފު ޖަރީމާތަކުގެ ތުހުމަތު ކުރެވޭ މީހުންގެ ޝަރީއަތް ބަންގްލަދޭޝްގެ ކޯޓުތަކުގައި ކުރިއަށް ގެންދާނެ."

ބަންގްލަދޭޝްގެ ވެރިރަށް ޑާކާގެ ޓްރައިބިއުނަލަކުން ވަނީ، އަވަށްޓެރި އިންޑިއާގައި ހިމާޔަތް ހޯއްދަވައިގެން އުޅުއްވާ ހަސީނާ އާއި އޭނާގެ ބައިވެރިން ހައްޔަރު ކުރުމުގެ އަމުރެއް ނެރެފަ އެވެ.

އދ.ގެ އިންސާނީ ހައްގުތަކާ ބެހޭ އިދާރާގެ ފެކްޓް ފައިންޑިން މިޝަނަކުން ވެސް މިދިޔަ މަހު ބުނެފައި ވަނީ މިދިޔަ އަހަރު ސަރުކާރާ ދެކޮޅު މުޒާހަރާގެ ބައިވެރިން މެރުމުގެ ޒިންމާ ހަސީނާގެ ޕާޓީން އުފުލަން ޖެހޭ ކަމަށް ބުނެފަ އެވެ.

ހަސީނާގެ ވެރިކަން ވައްޓާލި ދަރިވަރުން ގެންދަނީ އަންނަ އަހަރުގެ ޖޫން މަހުގެ ތެރޭގައި އާ ސަރުކާރެއްގެ އިންތިހާބު ބޭއްވުމަށް މަސައްކަތްކުރަމުން އަންނަ އިރު ހަސީނާގެ ޕާޓީ މަނާކުރުމަށް ގޮވާލަމުންނެވެ.