Roadha Mihaaru

މުޒާހަރާކުރާ މީހުން "ފެނުނު ތާކުން ހަމަލާދޭން" ހަސީނާ އަމުރުކުރައްވާ އޯޑިއޯއެއް

ބަންގްލާދޭޝްގެ ބޮޑުވަޒީރުކަމުން ޝައިހް ހަސީނާ އިސްތިއުފާ ދެއްވަން މަޖުބޫރުކުރުވި މުޒާހަރާތައް ކުރިއަށް ދިޔައިރު "ލީތަލް ވެޕަން" ބޭނުންކޮށްގެން މުޒާހަރާގެ ބައިވެރިންނަށް ހަމަލާދޭން އޭނާ ހުއްދަ ދެއްވާ އޯޑިއޯއެއް ލީކުވެއްޖެ އެވެ.

މުޒާހަރާކުރާނަމަ ހަމަލާދޭން ހަސީނާ އަމުރުކުރާ އޯޑިއޯއެއް

ބަންގްލާދޭޝްގެ ބޮޑުވަޒީރުކަމުން ޝައިހް ހަސީނާ އިސްތިއުފާ ދެއްވަން މަޖުބޫރުކުރުވި މުޒާހަރާތައް ކުރިއަށް ދިޔައިރު "ލީތަލް ވެޕަން" ބޭނުންކޮށްގެން މުޒާހަރާގެ ބައިވެރިންނަށް ހަމަލާދޭން އޭނާ ހުއްދަ ދެއްވާ އޯޑިއޯއެއް ލީކުވެއްޖެ އެވެ.

އިސްތިއުފާ ދެއްވުމަށް ފަހު އިންޑިއާއަށް ވަޑައިގެން ފިއްލަވައިގެން އުޅުއްވާ ހަސީނާގެ މައްޗަށް ވަނީ މުޒާހަރާގެ ބައިވެރިންނަށް ހަމަލާދީ 1،400 އަށް ވުރެ ގިނަ މީހުން މެރި މައްސަލައިގައި ދައުވާ ވެސް އުފުލައިފަ އެވެ.

އުމުރުން 77 އަހަރުގެ ހަސީނާގެ މައްޗަށް މި މައްސަލައިގައި، އިންސާނިއްޔަތާ ހިލާފް އަމަލުތައް ހިންގުމުގެ ދައުވާކޮށް ޝަރީއަތްތައް ވަނީ ޣައިރު ހާޒިރުގައި ފަށައިފަ އެވެ.

ލީކުވެފައިވާ އޯޑިއޯ "ބީބީސީ އައި" ގެ އިންވެސްޓިގޭޝަން ޓީމުގެ ފޮރެންސިކް ތަޖުރިބާކާރުން އެނަލައިޒްކުރުމަށް ފަހު ބުނީ އެއީ ހަދާފައިވާ އޯޑިއޯއަކަށް ވުމުގެ ފުރުސަތު ވަރަށް ކުޑަ ކަމަށެވެ.

ޖުލައި 18، 2024 ގެ ތާރީހުގައިވާ އެ އޯޑިއޯގައި އިވެނީ މުޒާހަރާގެ ބައިވެރިން "ފެނުނު ކޮންމެ ތާކުން ހަމަލާދޭން" ހުއްދަ ދެއްވާތީ އެވެ. އަދި މިކަމުގައި ނުރައްކާތެރި ހަތިޔާރު ބޭނުންކުރުމުގެ ހުއްދަ ވެސް ދެއްވަ އެވެ.

ބަންގްލާދޭޝް ފުލުހުން ވެސް ބުނެފައިވަނީ މި އޯޑިއޯގައި އިވެނީ ހަސީނާގެ އަޑުކަން ކަށަވަރުކުރެވިފައިވާ ކަމަށެވެ.

ޖުލައި 1، 2024 ގައި ހަސީނާގެ ސަރުކާރާ ދެކޮޅަށް އެންމެ ފުރަތަމަ ދަރިވަރުން މުޒާހަރާތައް ފެށީ ސަރުކާރު ވަޒީފާތަކަށް މީހުން ހޮވުމުގައި އަމަލުކުރާ ކޯޓާ ސިސްޓަމުގެ މައްސަލައިގަ އެވެ. މި މުޒާހަރާ ކުރާތާ 16 ދުވަސް ފަހުން ވަރުގަދަވާން ފެށީ ފުލުހުން މުޒާހަރާތައް ހުއްޓުވަން ބާރުގެ ބޭނުންކުރަން ފެށުމާ އެކުގަ އެވެ.

މުޒާހަރާތައް ހުއްޓުވަން ބާރުގެ ބޭނުންކުރުމުން ހާހަކަށްވުރެ ގިނަ މީހުން މަރުވެފައި ވާއިރު އެކަމުގެ ޒިންމާ ހަސީނާ އުފުއްލަވަން ނުޖެހޭ ކަމަށް ވިދާޅުވެ އޭނާގެ ވަކީލް ވަނީ ދައުވާތަކަށް އިންކާރު ކުރައްވައިފަ އެވެ.