Roadha Mihaaru

ޝިފާނާއާ އެކު "މިހާރު" ބަދިގެ: ގޮއިދޫ ކުޅިމަސް

02 އެޕްރީލް 2024

މަހަކީ ދިވެހި ދިރިއުޅުމާ ގުޅިފައިވާ ދިވެހި ވެށީގެ ކާނާއެކެވެ. ކަނޑު މަހަށް ވުރެ ކަށިގަނޑަށް ފައިދާވާ މާއްދާތައް އެކުލެވެނީ ފަރު މަހުގަ އެވެ.

މަހަކީ ދިވެހި ދިރިއުޅުމާ ގުޅިފައިވާ ދިވެހި ވެށީގެ ކާނާއެކެވެ. ކަނޑު މަހަށް ވުރެ ކަށިގަނޑަށް ފައިދާވާ މާއްދާތައް އެކުލެވެނީ ފަރު މަހުގަ އެވެ.

ފިޓްނަސް ދާއިރާގައި ގިނަ ބައެއްގެ މަގްބޫލް ޝިފާނާ މިއަދު ކިޔައިދިނީ ފަރުމަހުގައި "ގޮއިދޫ ކުޅިމަސް" ތައްޔާރުކުރާނެ ގޮތެވެ.

ފަރުމަހަކީ އެތައް ބައްޔަކުން ރައްކާތެރިކޮށްދީ ދުޅަހެޔޮކަންމަތީ ހުރުމަށް އެހީވެދޭ އެއްޗެކެވެ. ހަށިގަނޑަށް ބޭނުންވާ ވަރަށް ގިނަ މާއްދާތަކެއް އޭގައި އެކުލެވިފައިވާ ފައިދާހުރި ކާނާއެކެވެ.

މަހުގައި އެކުލެވޭ ޕްރޮޓީނަކީ ހަށިގަނޑު ހެދިބޮޑުވުމަށާއި ލިބޭ ގެއްލުންތައް މަރާމާތު ކޮށްދިނުމަށް ބޭނުންވާ މާއްދާއެކެވެ. ހަށިގަނޑުން ހަލާކުވާ ތަންތަން ފަސޭހައިން އަވަހަށް ރަނގަޅުކޮށްދިނުމަށް މި މާއްދާ އެހީތެރިވެދެ އެވެ.

މަހުގައި ހިމެނޭ ވިޓަމިން ޑީ އާއި ކެލްސިއަމާއި ޕްރޮޓީނާއި އޮމެގާ3 ފެޓީއެސިޑަކީ ހަށިގަނޑަށް ކޮންމެހެން ބޭނުންވާ އެއްޗެކެވެ. ކައްޓާއެކު ހަފައިގެން ކެވޭ ކުދިމަހުގައި ގިނަ އަދަދަކަށް ކެލްސިއަމް އެކުލެވިގެންވެ އެވެ.

ހަވާދު ހެދުމަށް ބޭނުންވާ ތަކެތި:

2 ހިކަނދިފަތް

މުށެއްގެ ހިކި މިރުސް

1 ސައިސަމްސާ ދިރި

1 ސައިސަމްސާ އަސޭމިރުސް އޮއް

3 ލޮނުމެދު

ބޮޑު 1 ފިޔާ

1 ޓޮމާޓޯ (ގްރިލް ކޮށްފައި)

ކުޅިމަހަށް ބޭނުންވާ ހަވާދު ހެދުމަށް ހުރިހާ އެއްޗެއް މިކްސްޗަރަށް އަޅައި މުގުރާލާށެވެ.

ގޮއިދޫ ކުޅިމަސް

ގޮއިދޫ ކުޅިމަސް

މަސް ހެދުމަށް ބޭނުންވާ ތަކެތި:

1 ފިޔާ

4 ލޮނުމެދު

ހިކަނދިފަތް

ކާށިކިރު

ލޮނުމިރުސް ހަވާދު

އޮލިވް އޮއިލް

300ގ ފަރުމަސް (ހަމާއެކު)

ލޮނު

ފެން

ތައްޔާރު ކުރާނެ ގޮތް:

ތެއްޔަކަށް އޮލިވް އޮއިލް އަޅައި ފިޔާ، ހިކަނދިފަތް، ލޮނުމެދު އެޅުމަށް ފަހު މިލުވާލާށެވެ. ފިޔާ ކޮޅު ރަތް ވުމުން ހަވާދު ހެދުމަށް ތައްޔާރުކުރި ތަކެއްޗާ އެއްކޮށްލާށެވެ.

އެއަށްފަހު ލޮނުކޮޅެއް ޖެހުމަށްފަހު ފެނާއި ކާށިކިރު އެޅުމަށްފަހު މަސްކޮޅު އަޅައި ރޯފިލަންދެން ކައްކާލާށެވެ. ރޯފިލުމުން ބޯކިރުކޮޅެއް އަޅައި އިރުކޮޅަކު ކައްކާލުމުން ނިމުނީ އެވެ.

ޝިފާނާގެ ހެލްތް ޓިޕްސް

- އަހަރުމެން ކާ ކާނައިން ލިބޭ ކަނާތުތަކުގެ އިތުރުން އެހެން ގޮތްގޮތުން ވެސް ހޯދަން ޖެހޭ ކަނާތުތަކެއްވޭ

- ވިޓަމިން ޑީ އަކީ ކާ އެއްޗެހީގެ ތެރެއިން އަހަރުމެންނަށް ހޯދަން ވަރަށް އުނދަގޫ ކަނާތެއް، ވިޓަމިން ޑީ އެންމެ ފަސޭހައިން ލިއްބައިދެނީ އިރުގެ އަލިކަމުން

- އެކި ބަލިތަކުން ރައްކާތެރި ކޮށްދިނުމަށާއި އަހަރުމެންގެ އިމިޔުން ސިސްޓަމް ވަރުގަދަ ކޮށްދިނުމަށް ވެސް ވިޓަމިން ޑީ ވަރަށް މުހިންމު ރޯލެއް އަދާކުރޭ

- ކަށިތައް ވަރުގަދަ ކޮށްދިނުމަށްޓަކައި ކެލްސިއަމް ހަށިގަނޑަށް ލިއްބައިދިނުމުގައި ވިޓަމިން ޑީ މަދުނަމަ މަސައްކަތެއް ނުކުރޭ

- ހަށިގަނޑުގެ ވަރަށް ގިނަ ހަރަކާތްތަކަށް ވިޓަމިން ޑީ ވަރަށް މުހިންމު، ކުޑަކުދިން ވެސް ބޮޑެތި މީހުން ވެސް ކޮންމެ ދުވަހަކު ކޮންމެވެސް ވަގުތުކޮޅެއްގައި އަވީގައި ޖެހުމަކީ ވަރަށް މުހިންމު ކަމެއް