Roadha Mihaaru
މަންމަގެ ގަހަނާތައް ލޯބިވެރިންނަށް ދިނިން: ރަންބީރް

މަންމަގެ ގަހަނާތައް ލޯބިވެރިންނަށް ހަދިޔާކުރިން: ރަންބީރް

27 މާޗް 2024

މަންމަގެ ގަހަނާތައް ސިއްރުން ނަގައިގެން ކުރީގެ ލޯބިވެރިންނަށް ހަދިޔާކުރި ކަމަށް ބޮލީވުޑްގެ ތަރި ރަންބީރް ކަޕޫރް ބުނެފި އެވެ.

މަންމަގެ ގަހަނާތައް ސިއްރުން ނަގައިގެން ކުރީގެ ލޯބިވެރިންނަށް ހަދިޔާކުރި ކަމަށް ބޮލީވުޑްގެ ތަރި ރަންބީރް ކަޕޫރް ބުނެފި އެވެ.

ރަންބީރް އެހެން ބުނީ ނެޓްފްލިކްސް އިން ގެނެސްދިނުމަށް މިހާރު ތައްޔާރުވަމުން އަންނަ އިންޑިއާގެ މަޝްހޫރު ކޮމީޑިއަން ކަޕިލް ޝަރްމާގެ އާ ޝޯގަ އެވެ.

"ދަ ގްރޭޓް އިންޑިއަން ކަޕިލް ޝަރްމާ" ޝޯގެ ފުރަތަމަ އެޕިސޯޑުގެ މެހުމާނުންނަކީ ރަންބީރް އާއި އޭނާގެ މަންމަ އަދި ބޮލީވުޑްގެ ތަރި ނީތޫ ކަޕޫރް އާއި އޭނާގެ ދައްތަ އަދި ފެޝަން ޑިޒައިނަރު ރިދިމާ ކަޕޫރް އެވެ. އެ އެޕިސޯޑުގެ ޕްރޮމޯ ވީޑިއޯއެއް މިހާރު ވަނީ އާންމުކޮށްފަ އެވެ.

ޕްރޮމޯ ވީޑިއޯ އިން ފެންނަ ގޮތުގައި ކަޕިލް ވަނީ ރަންބީރް އޭނާގެ ކުރީގެ ލޯބިވެރިންނަށް ރިދިމާގެ ހެދުންތައް ހަދިޔާކުރި ކަމަށް ބުނެފަ އެވެ. ކަޕިލް އެހެން ބުނުމާ އެކު ރަންބީރް އެކަމަށް އެއްބަސްވެ ބުނަނީ އޭނާގެ މަންމަގެ ގަހަނާތައް ވެސް ކުރީގެ ލޯބިވެރިންނަށް ހަދިޔާކުރި ކަމަށެވެ.

"މި ކަހަލަ ކަންކަމުގައި އަހަރެމެންގެ ޖީލުގެ މީހުން އެންމެ މަޖާކުރީ،" ރިދިމާ ބުންޏެވެ.

ރަންބީރް ވަނީ ބޮލީވުޑްގެ ވަރަށް ގިނަ ތަރިންނާ ކުރިން ޑޭޓްކޮށްފަ އެވެ. އޭގެ ތެރޭގައި ދީޕިކާ ޕަޑުކޯން، ސޯނަމް ކަޕޫރް، ކެޓްރީނާ ކައިފް، ޕްރިޔަންކާ ޗޯޕްރާ، ޝްރުތީ ހަސަން، ނަރްގިސް ފަކްރީ، އަމީޝާ ޕަޓޭލް އަދި ޕާކިސްތާނުގެ އެކްޓްރެސް މާހިރާ ހާން ވެސް ހިމެނެ އެވެ.

އޭނާ މިހާރު ކައިވެނިކޮށްގެން އުޅެނީ ބޮލީވުޑްގެ ތަރި އާލިއާ ބަޓްއާ އެވެ. އެ ދެމީހުންގެ އަންހެން ކުއްޖަކު ވެސް މިހާރު ހުރެ އެވެ.

"ދަ ގްރޭޓް އިންޑިއަން ކަޕިލް ޝަރްމާ" ޝޯ ނެޓްފްލިކްސް އިން ސްޓްރީމް ކުރަން ފަށަނީ މި އަންނަ ހޮނިހިރު ދުވަހު އެވެ. އަދި ކޮންމެ ހަފުތާއެއްގެ ހޮނިހިރު ދުވަހުގެ ރޭ އާ އެޕިސޯޑެއް ސްޓްރީމް ކުރަން ފަށާ ގޮތަށް ވަނީ ނިންމައިފަ އެވެ.