Roadha Mihaaru
މިނިމަމް ވޭޖް ބޯޑަށް ކުރިމަތިލާން ހުޅުވާލައިފި

މިނިމަމް ވޭޖް އެޑްވައިޒަރީ ބޯޑަށް ކުރިމަތިލާން ހުޅުވާލައިފި

21 މާޗް 2024

ފަސް ދާއިރާއަކުން މިނިމަމް ވޭޖް އެޑްވައިޒަރީ ބޯޑަށް ކުރިމަތިލުމަށް ލޭބާ އެންޑް ސްކިލްސް ޑިވެލޮޕްމަންޓް މިނިސްޓްރީން މިއަދު ހުޅުވާލައިފި އެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

ފަސް ދާއިރާއަކުން މިނިމަމް ވޭޖް އެޑްވައިޒަރީ ބޯޑަށް ކުރިމަތިލުމަށް ލޭބާ އެންޑް ސްކިލްސް ޑިވެލޮޕްމަންޓް މިނިސްޓްރީން މިއަދު ހުޅުވާލައިފި އެވެ.

އެ މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނީ އެކި ވިޔަފާރިކުރާ ތަންތަނާއި އެ ނޫން ވެސް މަސައްކަތްކުރާ ތަންތަނުގައި މުވައްޒަފުން މަސައްކަތްކުރަމުންދާ ގޮތް ބަލައި ދެނެގަތުމަށާއި އެ ތަންތަނުގައި މަސައްކަތްކުރާ މީހުންނަށް މުސާރައިގެ ގޮތުން އެންމެ ކުޑަކޮށް ދެވޭ އުޖޫރައާ ގުޅޭ ގޮތުން ލަފާ ދިނުމަށް ބޯޑު އެކުލަވާލުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

ވަޒީފާއާ ބެހޭ ގާނޫނުގެ ދަށުން އުފައްދާފައިވާ މިނިމަމް ވޭޖް އެޑްވައިޒަރީ ބޯޑު އަލުން އެކުލަވާލުމަށް ބޭނުންވާ މައުލޫމާތު ހޯދުމުގެ މަސައްކަތް މިނިސްޓްރީން ކުރަމުން އަންނަ ކަމަށް ވެސް އިއުލާނުގައިވެ އެވެ. އަދި އެ ބޯޑުގައި ބައިވެރިވާން އެދޭ މީހުން އެ މިނިސްޓްރީގައި ނަން ނޯޓުކުރުމަށް މިހާރު ހުޅުވާލާފައިވާ ކަމަށް މިނިސްޓްރީން ބުންޏެވެ.

އެ އިއުލާނުގައި ވަނީ ފަސް ދާއިރާއެއްގެ ޖަމިއްޔާއަކުން ވަޒީފާ އަދާކުރާ މީހުންނަށް އެ ފުރުސަތު ހުޅުވާލައިފަ އެވެ.

އެ ދާއިރާތައް:

- ޓޫރިޒަމް ދާއިރާ ތަމްސީލުކުރާ ޖަމިއްޔާތައް

- ކޮންސްޓްރަކްޝަން ދާއިރާގެ ޖަމިއްޔާތައް

- އަންހެން ވިޔަފާރިވެރިންގެ ދާއިރާގެ ޖަމިއްޔާތައް

- ކުދި އަދި މެދުފަންތީގެ ވިޔަފާރީގެ ދާއިރާގެ ޖަމިއްޔާތައް

- ވަޒީފާ އަދާކުރާ މީހުން ނުވަތަ މަސައްކަތްތެރިން ތަމްސީލުކުރާ ޖަމިއްޔާތައް

އެ އިއުލާނުގައި ވަނީ އެ ދާއިރާއަކުން މިނިމަމް ވޭޖް އެޑްވައިޒަރީ ބޯޑުގައި ހިމެނެން ބޭނުންވާ މީހުން މި މަހުގެ 25 ވަނަ ދުވަހުގެ ރޭގަނޑު 12:00 ގެ ކުރިން އެކަމަށް އެދި ހުށަހެޅުމަށް އެދިފަ އެެވެ.

ވަޒީފާއާ ބެހޭ ގާނޫނުގައިވާ ގޮތުން، މިނިމަމް ވޭޖް ކަނޑައަޅަން ޖެހޭނީ ވޭޖް ބޯޑުން ދޭ ލަފާގެ މަތިން އިކޮނޮމިކް މިނިސްޓަރެވެ. އެއީ މަސައްކަތްތެރިންނާއި ވަޒީފާ ދޭ ފަރާތްތައް ހިމެނޭ ގޮތަށް އުފައްދާފައިވާ މިނިވަން ބޯޑެކެވެ.