Roadha Mihaaru
މިނިމަމް ވޭޖް ކަނޑައެޅުން: މިއަަދު ވެސް އެކަމެއް ނުވި

މިނިމަމް ވޭޖް ކަނޑައެޅުން: މިއަަދު ވެސް އެކަމެއް ނުވި!

23 ސެޕްޓެމްބަރ 2021

ރާއްޖޭގައި މުސާރައިގެ ގޮތުގައި އެންމެ ކުޑަ އުޖޫރައެއް މިއަދު ކަނޑައަޅާ ގޮތަށް އޮތް ނަމަވެސް އެކަން މިއަދު ވެސް ނުވާނެ ކަމަށް، އެ ބޯޑުގައި މަސައްކަތްތެރިން ތަމްސީލުކުރައްވާ މެންބަރަކު ޓީމުގެ ސެކްރެޓަރީ ޖެނެރަލް މައުރޫފް ޒާހިރު (މަޓޭ) ވިދާޅުވެއްޖެ އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ރާއްޖޭގައި މުސާރައިގެ ގޮތުގައި އެންމެ ކުޑަ އުޖޫރައެއް މިއަދު ކަނޑައަޅާ ގޮތަށް އޮތް ނަމަވެސް އެކަން މިއަދު ވެސް ނުވާނެ ކަމަށް، އެ ބޯޑުގައި މަސައްކަތްތެރިން ތަމްސީލުކުރައްވާ މެންބަރަކު ޓީމުގެ ސެކްރެޓަރީ ޖެނެރަލް މައުރޫފް ޒާހިރު (މަޓޭ) ވިދާޅުވެއްޖެ އެވެ.

އެކަމަކު އޭނާ ވިދާޅުވީ އެކަމާ މެދު މިއަދު ވެސް މަޝްވަރާ ކުރާނެ ކަމަށާއި މިއަދު އޮތީ ސަރުކާރުން އަލަށް ހުށަހެޅި ޕްރޮޕޯސަލްއަކާ މެދު މަޝްވަރާތައް ކުރުން ކަމަށެވެ.

"މިހާރު" އަށް އޭނާ ވިދާޅުވީ، ކުރިން މިނިމަމް ވޭޖާ މެދު ގޮތެއް ނިންމަން ކަނޑައެޅި ނަމަވެސް، އަންނަ ހަފްތާ އަށް އެކަން ލަސްކުރަން ބޯޑުގެ ޗެއާމަން އެދިވަޑައިގެންފައިވާ ކަމަށެވެ. މަޓޭ ވިދާޅުވީ، މިހާރު މިދާ ގޮތުން އަންނަ ހަފްތާގައި ވެސް މިނިމަމް ވޭޖެއް ކަނޑައެޅުން ނާދިރު ކަމަށެވެ. މިނިމަމް ވޭޖްގެ ބޯޑުގެ ޗެއާމަން އަކީ އިކޮނޮމިކް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ރިޔާޒް މަންސޫރެވެ.

މީގެ ކުރިން އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވިދާޅުވީ، މިނިމަމް ވޭޖް ކަނޑައެޅުން ލަސްވަނީ، ވޭޖް ބޯޑުން ގޮތެއް ނިންމުން ލަސްވާތީ ކަމަށެވެ.

ވަޒީފާއާ ބެހޭ ގާނޫނުގައިވާ ގޮތުން، މިނިމަމް ވޭޖް ކަނޑައަޅަން ޖެހޭނީ ވޭޖް ބޯޑުން ދޭ ލަފާގެ މަތިން އިކޮނޮމިކް މިނިސްޓަރެވެ. އެއީ މަސައްކަތްތެރިންނާއި ވަޒީފާ ދޭ ފަރާތްތައް ހިމެނޭ ގޮތަށް އުފައްދާފައިވާ މިނިވަން ބޯޑެކެވެ. އެ ބޯޑުގެ މަސައްކަތްތައް އެހާ ލަސްވަމުން ދިއުމާ ގުޅިގެން ގިނަ ބަޔަކު އަންނަނީ ބޯޑުގެ މިނިވަން ކަމާ މެދު ސުވާލު އުފައްދަމުންނެވެ.

މަޓޭ ވިދާޅުވީ، ބޯޑުގެ މުޅި މަސައްކަތް ސިޔާސީ ވެފައިވާ ކަމަށާއި ކުރިއަށް އޮތް އެމްޑީޕީގެ ގައުމީ މަޖިލީހުގެ އިންތިހާބު ނިމެންދެން މިނިމަމް ވޭޖެއް ކަނޑައެޅުން އިތުރަށް ފަސް ވެދާނެ ކަމަށެވެ.

އޭނާ ވިދާޅުވީ، ސަރުކާރުން ހުށަހަޅާފައިވާ ހުށަހެޅުންތަކުގައި އެންމެ ކުޑަ އުޖޫރައިގެ ބައެއް ކެޓަގަރީތަކުގެ މުސާރަ އުޅެނީ 3،500ރ. ގައި ކަމަށެވެ. އެހެން ނަމަވެސް މިއީ ވަރަށް ކުޑަ އަދަދެއް ކަމަށް އޭނާ ވިދާޅުވި އެވެ. ސަރުކާރުގެ އާ ހުށަހެޅުމުގައި ބިދޭސީންނަށް ދޭ މުސާރަ ވެސް މިނިމަމް ވޭޖްގެ ކެޓަގަރީތަކުގައި ހިމަނާފައެއް ނުވެ އެވެ.

"އަޅުގަނޑުމެން ބެލި ބެލުމުން ރާއްޖޭގައި އުޅޭ ގޭބީސީތަކުގެ ދިރިއުޅުމަށް 17،000ރ. އެބަ ހަރަދުވޭ. އެހެންވީމަ މަސައްކަތްތެރިންގެ މުސާރައިގެ އެންމެ ކުޑަ އުޖޫރަ 3،500ރ. ލިބޭ ނަމަަ އެއީ ވަރަށް ކުޑަ އަދަދެއް،" މަޓޭ ވިދާޅުވި އެވެ.

ބައެއް ކެޓަގަރީތަކުގެ މިނިމަމް ވޭޖް 3،500ރ.ގައި އުޅޭ އިރު މަޖިލީހުން ނިންމި ނިންމުމުގައި މިނިމަމް ވޭޖްގެ ގޮތުގައި ކަނޑައަޅާފައި އޮތް ސީލިންގަކީ 6،700ރ. އާއި 8،900ރ. އާ ދެމެދުގެ އަދަދެކެވެ.

މިނިމަމް ވޭޖާ މެދު ގޮތްތަކެއް ކަނޑަނޭޅޭ އިރު މިދިޔަ ހަފްތާގައި ސިވިލް ސާވިސް މުވައްޒަފުން ވެސް ވަނީ، މުސާރައިގެ ފަރަގު ކުޑަ ކުރުމަށް އެދި އިހްތިޖާޖުކޮށްފަ އެވެ.