Roadha Mihaaru
ސިވިލް ސާވިސްގެ ވަގުތު އަށް ގަޑިއިރަށް ބަދަލުކުރަނީ

ބޯޑުގެ ލަފައާއެކު، ސިވިލް ސާވިސްގެ ވަގުތު އަށް ގަޑިއިރަށް ބަދަލުކުރަން ވިސްނަނީ

08 ނޮވެމްބަރ 2021

ސަރުކާރުގެ މުވައްޒަފުން މަސައްކަތް ކުރާ ވަގުތު އަށް ގަޑިއިރަށް އިތުރުކުރަން ވޭޖް ބޯޑުން ލަފާ ދީފައިވާތީ އެކަމާ މެދު ވިސްނައި ގޮތެއް ނިންމަން ކަމާބެހޭ ފަރާތްތަކާ އެކު މަޝްވަރާ ކުރައްވާނެ ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް މިއަދު ވިދާޅުވެއްޖެ އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ސަރުކާރުގެ މުވައްޒަފުން މަސައްކަތް ކުރާ ވަގުތު އަށް ގަޑިއިރަށް އިތުރުކުރަން ވޭޖް ބޯޑުން ލަފާ ދީފައިވާތީ އެކަމާ މެދު ވިސްނައި ގޮތެއް ނިންމަން ކަމާބެހޭ ފަރާތްތަކާ އެކު މަޝްވަރާ ކުރައްވާނެ ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް މިއަދު ވިދާޅުވެއްޖެ އެވެ.

ސިވިލް ސާވަންޓުންގެ މަސައްކަތު ގަޑިއަކީ މިހާރު ހަ ގަޑިއިރެވެ. އެކަމަކު ދެ ގަޑިއިރު އިތުރުކުރުމުގެ ވިސްނުން ގެންގުޅުއްވާކަން ހާމަކުރެއްވީ ރާއްޖޭގައި ފުރަތަމަ ފަހަރަށް މިނިމަމް ވޭޖް އިއުލާންކުރަން މިއަދު ބޭއްވި ރަސްމިއްޔާތުގަ އެވެ.

ރާއްޖޭގައި އެންމެ ކުޑަ އުޖޫރައަކީ 4،500ރ. ކަމަށް އިއުލާންކުރިއިރު ސިވިލް ސާވިސްގެ އެންމެ ދަށް މުސާރައަކީ 7،000ރ. އެވެ.

މިއީ، އަސާސީ މުސާރަ ދަށްކަމުގެ ޝަކުވާ އަބަދުވެސް ބޮޑު ސިވިލް ސާވިސްގެ މުވައްޒަފުންނަށް ނިސްބަތުން ރަނގަޅު އަދަދެއް ކަމަށް ސަރުކާރުން ދެކެ އެވެ.

ސިވިލް ސާވިސް މުވައްޒަފުންނަށް މިހާރު އެންމެ ދަށް މުސާރަ އާއި އެލަވަންސްގެ ގޮތުގައި ލިބެނީ 5،300ރ. އެވެ. ވޭތުވެދިޔަ 15 އަހަރު ވެސް މިއަދަދަށް ބަދަލު ނައިސް ތިބި މުވައްޒަފުން ވެސް ސިވިލްސާވިސްގައި އެބަތިއްބެވެ. އެހެން ކަމުން މިނިމަމް ވޭޖާ އެކު އެންމެ ދަށް މުސާރަ ލިބޭ މުވައްޒަފުންނަށް ވެސް އެއީ 2،000ރ.ގެ އިތުރުވުމެކެވެ.

މިނިސްޓަރު ފައްޔާޒް ވިދާޅުވި ގޮތުގައި ސިވިލް ސާވިސްގެ މަސައްކަތު ގަޑިއަށް ބަދަލު އަންނަން ޖެހެ އެވެ. ރައްޔިތުންނަށް ދޭން ޖެހޭ ހިދުމަތްތައް މިހާރަށް ވުރެން ރަނގަޅަށް ދިނުމަށް ވޭޖް ބޯޑުން އެގޮތަށް ލަފާ ދެއްވާފައިވާ ކަމަށް ވެސް ފާހަގަކުރެއްވި އެވެ.

"ވޭޖް ބޯޑުގެ ރެކަމެންޑޭޝަނެއް އެބައޮތް ޕްރައިވެޓް ސެކްޓާއެކޭ އެއްގޮތަށް އަށް ގަޑިއިރަށް އިތުރުކުރަން. މިއީ އެކަމަށް ކުރިއަށް އޮތް ތަނުގައި ވިސްނައި މަޝްވަރާކުރަން ޖެހޭ ފަރާތްތަކާ މަޝްވަރާކުރާނެ ކަމެއް،" ފައްޔާޒް ވިދާޅުވި އެވެ.

ސަރުކާރުގެ މުވައްޒަފުންގެ އަދަދަކީ 26،000 އެވެ. އެކަމަކު މިހާ ބޮޑު ފައުޖަކާ އެކު ވެސް އެކަށީގެންވާ ހިދުމަތެއް ނުލިބި ތަކުލީފް އުފުލަން ޖެހިފައިވާ ކަމުގެ ޝަކުވާ ބޮޑެވެ. މި ހިދުމަތް ފޯރުކޮށްދިނުމުގައި އޮތް ހުރަހަކީ މުވައްޒަފުންގެ ބުނާ ގޮތުގައި ސިވިލް ސާވިސްއަށް އެކަށީގެންވާ މުސާރައެއް ކަނޑައަޅާފައި ނުވުމެވެ.