Roadha Mihaaru
މިނިމަމް ވޭޖުގައި އެލަވަންސް ހިމަނާތީ ކަންބޮޑުވުން

ސަރުކާރުގެ ވިސްނުން ހުރީ އެލަވަންސަތައް ހިމަނައިގެން މިނިމަމް ވޭޖް ކަނޑައަޅަން: ޓްރޭޑް ޔޫނިއަން

13 ޖޫން 2021

މިނިމަމް ވޭޖުގެ ތެރޭގައި މުވައްޒަފުންނަށް ދޭ ބައެއް އެލަވަންސްތައް ހިމަނަން ސަރުކާރުން މަސައްކަތްކުރާ ކަމަށް ބުނެ މޯލްޑިވްސް ޓްރޭޑް ޔޫނިއަން ކޮންގްރެސް އިން ކަންބޮޑުވުން ފާޅުކޮށްފި އެވެ.

އިދުހާމް ނައީމް އިދުހާމް ނައީމް

މިނިމަމް ވޭޖުގެ ތެރޭގައި މުވައްޒަފުންނަށް ދޭ ބައެއް އެލަވަންސްތައް ހިމަނަން ސަރުކާރުން މަސައްކަތްކުރާ ކަމަށް ބުނެ މޯލްޑިވްސް ޓްރޭޑް ޔޫނިއަން ކޮންގްރެސް އިން ކަންބޮޑުވުން ފާޅުކޮށްފި އެވެ.

އެ ޔޫނިއަނުން އިއްޔެ ބޭއްވި ބައްދަލުވުމެއްގައި އެ ޖަމިއްޔާގެ ޖެނެރަލް ސެކްރެޓަރީ އަދި މިނިމަމް ވޭޖު ބޯޑުގައި އެ ޖަމިއްޔާ ތަމްސީލް ކުރައްވާ މެމްބަރު ފާތިމަތު ޒިމްނާ ވިދާޅުވީ، މިހާތަނަށް ކުރި މަޝްވަރާތަކުގައި ސަރުކާރުގެ ވިސްނުން ހުރީ އެލަވަންސްތައް ހިމަނައިގެން މިނިމަމް ވޭޖް ކަނޑައަޅަން ކަމަށެވެ. އެގޮތަށް މަސައްކަތް ކުރަނީ ސިވިލް ސާވިސްގެ މުވައްޒަފުންނަށް މިނިމަމް ވޭޖު ކަނޑައަޅައިފި ނަމަ ކުރަން ޖެހޭ ހަރަދުތައް އިތުރުވާނެތީ ކަމަށް އޭނާ ވިދާޅުވި އެވެ.

ޒިމްނާ ވިދާޅުވި ގޮތުގައި މިގޮތަށް މިނިމަމް ވޭޖް ކަނޑައަޅައިފި ނަމަ މުވައްޒަފުންގެ ސޯޝަލް ސެކިއުރިޓީ ދަށްވާނެ އެވެ.

"ދައުލަތުން ބުނަމުން ދަނީ ރިކަރަންޓް ހަރަދުގެ ގޮތުގައި ސިވިލް ސާވިސް މުވައްޒަފުންނަށް ފުދޭވަރެއްގެ ބޮޑު ހަރަދެއް ކުރަމުންދާ ކަމަށް. މިހާރު ބޮޑަށް ދައުލަތުގެ ފަރާތުން ވަކާލާތު ކުރަމުން ދަނީ މުސާރައިގެ އިތުރަށް ސިވިލް ސާވަންޓުންނަށް ދޭ ތަފާތު އެލަވެންސްތައް ހިމަނައިގެން މިނިމަމް ވޭޖް އަދަދުތައް ކަނޑައަޅަން. މިގޮތަށް ކަނޑައެޅުމުން މުވައްޒަފުންނަށް ވަރަށް ބޮޑު ނިކަމެތި ކަމެއް ލިބޭނެ،" ޒިމްނާ ވިދާޅުވި އެވެ.

މި މަޝްވަރާތަކާ ގުޅިގެން ކަންބޮޑުވުން ފާޅުކޮށް، ޓްރޭޑް ޔޫނިއަނުން ނެރުނު އިއުލާނެއްގައި ބުނީ އެލަވަންސްތައް ހިމަނައިގެން މިނިމަމް ވޭޖް ކަނޑައަޅައިފި ނަމަ، މިނިމަމް ވޭޖު ކަނޑައެޅުމުގެ ހަގީގީ މަގުސަދު ގެއްލިގެން ހިނގައިދާނެ ކަމަށެވެ. އަދި ސަރުކާރުން އެކި ބަހަނާތައް ދައްކައިގެން މިނިމަމް ވޭޖު ކަނޑައެޅުން ފަސް ކުރަމުން ދިއުމަކީ މަސައްކަތްތެރިނާ މެދު ވެވޭ ބޭއިންސާފެއް ކަމަށް ވެސް އެ ޖަމިއްޔާއިން ބުންޏެވެ.

ޓްރޭޑް ޔޫނިއަނުން ބުނިގޮތުގައި، އެލަވެންސް ހިމަނައިގެން މިނިމަމް ވޭޖު ކަނޑައަޅަން ވާހަކަ ދައްކަމުންދާއިރު ހުށަހަޅާފައިވާ އަދަދުތަކަށް ވުރެ ކުޑަ އުޖޫރައެއް ކަނޑައެޅުމުގެ ވިސްނުން ގެންގުޅޭކަން ވެސް ފާހަގަ ކުރެވިފައި ވެ އެވެ. އެހެންކަމުން އެލަވެންސް އިތުރުނުކޮށް، މަސައްކަތްތެރިންނަށް ފައިދާވާ ގޮތަށް މިނިމަމް ވޭޖު ވީހާ ވެސް އަވަހަށް ކަނޑައެޅުމަށް އެ ޖަމިއްޔާ އިން ސަރުކާރަށް ގޮވައިލި އެވެ.

ޓްރޭޑް ޔޫނިއަންގެ ކަންބޮޑުވުންތަކާ ގުޅިގެން އިކޮނޮމިކް މިނިސްޓްރީން އަދި އެއްވެސް ޖަވާބެއް ނުދެ އެވެ.

މިނިމަމް ވޭޖުގެ ގޮތުގައި ތިން ކެޓަގަރީއަކަށް ބަހާލައިގެން 4،000ރ. އާއި 8،500ރ. އާ ދެމެދުގެ އަދަދުތަކެއް ސަރުކާރުން ވަނީ ހުށަހަޅައިފަ އެވެ. ފުރަތަމަ ކެޓަގަރީއަށް 8،000ރ އާއި 8،500ރ އާ ދެމެދުގެ އަދަދެއް ހުށަހަޅާފައިވާއިރު، ދެވަނަ ކެޓަގަރީ އަށް 6،000ރ އާއި 6،500ރ އާ ދެމެދުގެ އަދަދެއް އަދި ތިން ވަނަ ކެޓަގަރީއަށް 4،000ރ އާއި 4،500ރ އާ ދެެމެދުގެ އަދަދެއް ވަނީ ހުށަހަޅައިފަ އެވެ.